މާލޭ ސިޓީގެ ބުޅަލުގެ "ބޯހިމެނުމެއް" ހެދިފައި ނެތް ނަމަވެސް މާލޭގައި ބުޅަލުގެ ބޮޑު އާބާދީއެއް އެބައޮތެވެ. މާލޭގެ މަގުމައްޗަށް ކޮންމެ ވަގުތެއްގައި ނުކުތަސް ކޮންމެވެސް އެއް ދިމާއަކުން ބުޅަލެއް ނޫނީ ބުޅާތަކެއް ފެންނާނެ އެވެ. ވިލިމާލޭގައި ވެސް ހުޅުމާލޭގައި ވެސް ހަމަ މިގޮތެވެ. ސައިކަލަށް އަރާ ނައްޓާލަން ބަލާލާއިރު ސައިކަލުގެ މަޑިމަތީގައި ނޫނީ ފައިލާ ތަނުގައި ބުޅަލެެއް ހަށިގަނޑު ދަމާލައި ނިދާފައި އޮވެ ދާނެ އެވެ. މެންދުރު ހޫނު އަވީގައި ކަންމަތީ ފިހާރައަަކަށް ދާން ނުކުންނަ އިރު ކާ އެއްޗެއް ނުލިބިގެން ބުޅަލެއް ރޮއި ހަދާ މަންޒަރާ ލައްވާލައިފާނެ އެވެ. މާލޭ ރިންގްރޯޑުގެ އެކި ދިމާއިން ހާއްސަކޮށް "މޭރީ ބްރައުން" ކުރިމަތީން އެކި ސައިޒްގެ އެކި ވައްތަރުގެ ތަފާތު ފަލަ ފަލަ، ބުޅާތައް ފެނެ އެވެ. ހަށިގަނޑުގައި ރޫފައެއް ނެތް ބުޅަލެއް ވަރަށް ނުފެނެ އެވެ. އެއީ އެ ސަރަހައްދުގެ ކުނިކޮތަޅުތަކުން "ކުކުޅުފައި" ކައިގެން މަސްޖަހާފަވާ ބުޅާތަކެކޭ މީހުން ބުނާ އަޑު ވެސް އިވެއެވެ.
އެކަމަކު މާލޭގެ އިރުމަތީ ފަރާތަށް ދާއިރު ކާނިވަލް ސަރަހައްދުން އާއްމުކޮށް ފެންނަނީ ވަރަށް ސައިޒް ކުދި އެހާ ނިކަމެތި ރޫފައެއް ނެތް ބުޅާތަކެކެވެ. އަނެއްކޮޅު ހުޅަނގު ދެކުނު އިންޑަސްޓްރިއަލް ވިލެޖަކީ ބުޅަލުގެ ވަކި ހިއްޕާލާފައި އޮންނަ ތަނެކެވެ. ބުޅަލުގެ ރަސްކަމެއް އޮންނަނީ އެތާނގައޭ ބުންޏަސް މުޅީން ދޮގެއް ހެދި ކަމަކަށެއް ނުވާނެ އެވެ.
އެއްބަޔަކު ބުޅާތަކާމެދު ފަހުރުވެރިވެ އެވެ، އެ މީހުނަނަށް ބުޅާ ވަރަށް ލޯތްބެވެ. ބައްދާ އޮޅުލައި އޮޅުކޮށްގެން ގޭތެރޭގައި ގެންގުޅެއެވެ. އެއަށް ނަންދީ ކާންދީ ރަނގަޅަށް ބަލަހައްޓާ ނިދާ އެނދަށް އެ އަރުވަ އެވެ. އެ މީހުން ބުޅާ ގެންގުޅުމުގައި އުފަންދަރީންނެކޭ ތަފާތެއް ނުކުރެ އެވެ. ދަރިޔަކަށް ކުރާ ހަރަދު އޮޅު ބުޅަލަށް ކުރެއެވެ. އެކަކު ބުނި ގޮތުގައި ދަރިފުޅަށްވުރެ ބޮޑު ހަރަދެއް ދަނީ އޭނާގެ ބުޅަލަށެވެ.
އަނެއްބައި މީހުނަނަށް ބުޅަލަކީ ބޮޑު ފަކުރެކެވެ. ނޫނީ ބިރެކެވެ. މާލެ މަގުމަތިން ބުޅަލާ ހެދި އުދަނގޫވާތީ އެ ސޮރުމެން ފަހާލައި ޖެއްސުމާއި އަނިޔާ ކުރާތީ ވެސް ފެނެ އެވެ. މަދު ބައެއް މީހުން ގަސްދުގައި ބުޅަލެއް މަރާލެވިދާނެ ފަދަ ހަމަލާތައް ވެސް ދެ އެވެ. އަދި އެހެން ވައްތަރެއްގެ ބަޔަކު މަގުމަތިން ފެންނަ "ސްޓްރޭ" ގަވައިދުން ކާން އަޅައެވެ.
ގޮތެއް އުސޫލެއް ނެތި މާލޭގައި ބުޅާ ވަރަށް ގިނަވެފައި ވެއެވެ. އެހެންވެ މާލޭގެ މަގުމަތީގައި ބުޅަލުގެ ނަޖިސް ވެސް ގިނަވެފައި ވެއެވެ. މިއީ ފަހަކަށް އައިސް ވަރަށް ގިނައިން ފެންނަ މަންޒަރެކެވެ. ގޯޅިގޯޅި އާއި މަގުމަތީން، ޕާކުތަކާއި ހުސްތަންތަނުން ބުޅަލުގެ ނަޖިސް ސާފުކުރާނެ ބައެއް ނޫޅެ އެވެ.
މިހާ ބުޅާ ގިނަ ވެގެން މިއުޅެނީ ކީއްވެ؟
މީހަކު ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓެއްގައިވެއެވެ؛ "ޕެޓަކީ އުމުރަށް ގެންގުޅެން ޖެހޭ އެއްޗެއްކެވެ. ވަކި ޓްރެންޑެއްގައި ވަކިދުވަސްކޮޅެއްގައި ގެންގުޅެފައި ބުޅާ މަގުމައްޗަށް ދޫކޮށްލައި މަގުމަތިކޮށް ނުލާށެވެ!"
މާލޭގައި މަގުމަތީގައި ބުޅަލުގެ އެކި އެކި ބްރީޑް އެބަފެނެ އެވެ. ބުޅަލެއް ނުވަތަ އެހެންވެސް ޕެޓެއް ހޯދާނަމަ އެއަށް ބޭނުންވާ އަޅާލުން ދޭން ވެއެވެ. އެކަމަކީ ފައިސާ ހަރަދުވާނެ ވެސް ކަމެކެވެ.
ރާއްޖޭގައި ޖަނަވާރާއި އެކީ ދިރިއުޅޭ މީހުންގެ އަދަދު ގިނަވެ އެ ސަގާފަތާއެކު ދެމިއޮންނަ "ޕެޓް ޓްރޭޑް" ވިޔަފާރިތައް ވަރަށް ފުޅާ ވެއްޖެ އެވެ. ރާއްޖޭން ބޭރުން ޖަނަވާރު ގެނެސްގެންނާއި ރާއްޖޭގައި ބުޅާ، ދޫނި، މަސް އާލާކޮށް ވިއްސާ، ވިއްކާ ވިޔަފާރިތައް ކުރިއަށް ދަނީ މާބޮޑު ގަވައިދަކަށް ބަލައިގެންނެއް ވެސް ނޫނެވެ. ބައެއް ޕެޓް ޝޮޕް ތަކުގައި އާދަޔާ ހިލާފަށް ގިނައިން އެއްކޮށްޓަށް ބައިވަރު ދޫނިލާ، އެސޮރުމެންނަށް ބަލިޖެހިފައިވާތީ ވެސް ފެންނަން ހުރެ އެވެ.
އަދި ދެ ވައްތަރެއްގެ ޖަނަވާރު ކޮށިކޮށީގައި އެ މަތިމައްޗައް ޖަހާފައި ހުރުމުން ނަޖިހުގެ ޒަރިއްޔާއިން ޖަރާސީމު ފެތުރުމަށް މަގުފަހި ވާ ގޮތަށް ވެސް ހުރެއެވެ. ރާއްޖޭގެ އަސްލު ގުދުރަތީވެށީގައި އުޅޭ މަސްމަހާމެއްސާއި ކަނޑުމަތީ ދޫނިތައް ހިމާޔަތް ކުރެވިފައިވާ ފަދައިން؛ ގެންގުޅޭ، ދިރިއުޅޭ އެހެން ޖަނަވާރަށް ކަމޭހިތުމަށް، އަދި ބެލެހެއްޓުމަށް ގާނޫނުގައި ބާރުއަޅަ އެވެ. ރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 625 ޗެޕްޓާ ގައި ޖަނަވާރަށް އަނިޔާ ކުރުން ކަނޑައަޅާފައި ވަނީ ކުށެއްގެ ގޮތަށެވެ.
ގޯނާކުރުން ވެސް އެހާ އާއްމު
ސޯޝަލް މީޑިއާ ސްކްރޯލް ކުރާއިރު ފެންނަ އެއް މަންޒަރަކީ މާލޭގެ މަގުމަތީގައި ގިނަވެގެން އުޅޭ ބުޅޭތަކަށް ބަޔަކު އަނިޔާ ކުރާ ތަނެެވެ. އިސްލާމްދީނުގައި ޖަނަވާރުންނަށް ކަމޭހިތުމަށް އަދި ޖަނަވާރުންގެ ކަރާމާތް ދަމަހައްޓަ އެވެ. އިންސާނުން އިސްނަގާ އަމިއްލަ ހަށި ރައްކަލަކަށް މެނުވީ ޖަނަވާރަށް އަނިޔާ ކުރުމެއް ނެތެވެ. ނަމަވެސް، މިއާއެކުވެސް ޖަނަވާރުން މަރަން ފޯރިހުންނަ މީހުންނަކީ ސައިކޮލޮޖިސްޓުން ދެކޭ ގޮތުގައި މުޖުތަމައުގައި އުޅޭ އިންސާނުންނަށް ވެސް ނުރައްކާ، ތަފާތު ނަފްސާނީ މައްސަލަތައް ހުރެދާނެ ބައެކެވެ.
ސިއްހަތަށް ނުރައްކަލެއް
ބުޅާ ގިނަވެގެން އުޅޭއިރު އަނެއް ބަޔަކަށް މިއީ ބޮޑު ސިއްހީ ނުރައްކަލެއްގެ ރަނގަބީލެވެ. އެކި އެކި ޖަނަވާރު، ދޫނިސޫފާސޫފި އެއީ ތަފާތު ޖަރާސީމު އަހަރަމެން ފަދައިން އަސްލު ޒާތުގައި އަށަގަނެފައިވާ ދިރޭ އެއްޗެއްސެވެ. ބައެއް ފަހަރު ދަތް އެޅުމުން، ކޭތި އުނގުޅުމުން ނުވަތަ ކެވިގެން، ވައިރަހެއް ޖަރާސީމެއްގެ ސަބަބުން އިންސާނުނަށް (ޒޫނޮޓިކް) ބަލި ޖައްސައެވެ.
މާލޭގެ އެކުވެނި ދަނޑަށް ބުޅާ، މީދާ ފަދަ ޖަނަވާރުގެ ނަޖިސް ހުންނަ ކަމަށް ފާހަގަވެ އާންމު ސިއްހީ އިލްމާސްތައް މިދިޔަ އަހަރުގެ ތެރޭގައި ފެތުރުނެވެ. ޑޮކްޓަރުންގެ ސޯޝަލް މީޑިއާ އެކައުޓުތަކުން އާންމުން ހޭލުންތެރިކުރުމަށް މަސައްކަތްތަކެއް ވެސް ކުރިއެވެ.
ކުރެވޭނީ ކޮންކަމެއް؟
ރާއްޖޭގައި ބުޅާ ގިނަވެ މީހުންނަށް އުނދަގޫވުން އެއީ ބުޅަލުގެ މައްސަލައެއް ނޫނެވެ. މިކަމަށް ހައްލެއް ހޯދަން މާލެ ސަރަހައްދުގައި ވޮލަންޓިއަރުންނާއި، ޖަނަވާރާއި ބުޅަލަށް ލޯބިކުރާ މީހުން މަސައްކަތް ކުރެއެވެ. އެގޮތުން ވަރަށް ގިނަ މީހުންގެ އާދޭހުގެ މަތިން ސަރުކާރުން ވަނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާރ މެދުވެރިކޮށް ޖަނަވާރަށް ފަރުވާދޭ ކްލިނިކެއް މިދިޔަ އަހަރު ޖެނުއަރީ ގައި ހުޅުވާފަ އެވެ.
ފޭސްބުކްތެރޭގައި ހިންގާ "މޯލްޑިވިއަން ކެޓަހޮލިކް" ޕޭޖް ގައި ބުޅާ ގެންގުޅޭ މީހުން އެސޮރުމެންނާ ގުޅޭ ހުރިހާ ކަމެއް މަޝްވަރާކޮށް ބަލަމުން ގެންދެ އެވެ. އެ ގްރޫޕޮ ތަކުގައި އެޅޭ މީހުން މަގުމަތީގައި އުޅޭ ބުޅަލަށް އަމިއްލަ ހަރަދުގައި ކާންދީ، ބޭސްފަރުވޭ އަށް ބޭނުން ޖެހި ހާލުގައި ޖެހިފައި ބުޅާ ފާހަގަކޮށް މަގުމަތީގައި ފަރުވާދީ ދޫ ކޮށްނުލެވޭ ބުޅާ ގެއަށް ގެންގޮސް ރަނގަޅުކޮށް ގެންގުޅެން ފަށާ ނުވަތަ ރަނގަޅުވުމުން ދޫކޮށްލަ އެވެ. އަމިއްލަ ފަރާތަކުން މިހާރު މާލޭގައި "ކެއާ ފޯ ޕޯ" ގެ ނަމުގައި 'އެނިމަލް ޝެލްޓާ" އެއް އުފައްދައިފައި ވެއެވެ.
މިތަނުން މަގުމަތީގައި އުޅޭ ބުޅާ ގެންގޮސް ފަނީ ބޭސް ދީ، ފެންވަރުވާ އިންސާނުންނާއި އޮޅު ކުރުވާ ފުރިހަމައަށް ބޮޑުވެ ގަދަ ވުމުން މީހުންގެ ގޭގޭގައި ގެންގުޅުމަށް "އެޑޮޕްޝަން" އަށް ދިނުމަށް މަސައްކަތް ކުރެއެވެ.
ވަރަށް ގިނަ ގައުމުތަކުގެ ސަރުކާރުން އިސް ނަގައިގެން ގިނަވެފައިވާ ޖަނަވާރުގެ އާބާދީތަކަށް އިހާނެތިކޮށް ނުހަދާ ޖަނަވާރު ކޮންޓްރޯލް ކުރުމުގެ މަގުސަދުގައި ޕްރޮގްރާމްތައް ހިންގައެވެ.
ބުޅަލުގެ އަހުލާގު ދަންނަ މާހިރުން ދެކޭ ގޮތުގައި ބުޅަލަކީ ބައި ހަދައިގެން އުޅޭއިރު ކޮންމެވެސް ސޯޝަލް ހައިރާކީއެއް ނުވަތަ މަދަނީ ގިންތިއެއް ގެންގުޅޭ ޖަނަވާރެކެވެ. އަދި ބުޅަލަކީ އެކި ހިސާބުގަނޑު އެކި ބުޅަލަށް ބަހައިގެން އަހަރަމެންވެސް ދިރިއުޅޭ ސިޓީ، ޓައުން ތަކުގައި، ރޭނގަނޑަށް މަގުތަކާއި ހުސްބިންތަކުގައި ފުރިހަމަ މިނިވަންކަމާއި އެކީ އުޅޭ އިންސާނުންނަށް ބަރޯސާވާ ޖަނަވާރު އާއިލާ ތަކެކެވެ. ކޮންމެ ސަބަބަކަށްޓަކައި ވެސް އެގޮތަށް އުޅޭ "ކޮލޮނީ" ބައިގަނޑުތައް ބައިބައި ކޮއްލުމުން އެސޮރުމެންނަށް ދަތިވާނެ އެވެ
.
ޖަނަވާރު ކޮންޓްރޯލް ކުރުމުގެ ޓީއެންއާރް ޕްރޮގްރާމަކީ ބުޅާ ބައިގަނޑުތައް އުޅޭ ހިސާބުތައް ބަލައިގެން، އެ ހިސާބެއްގައި އުޅޭ ހުރިހާ ބުޅަަލަށް އަނިޔާ ނުވާނޭ ގޮތަކަށް؛ ކޮއްޓަށް ކާންއަޅައި ދަހިކޮށްގެން ހިފާ، ޖަނަވާރުގެ ހާއްސަ ޑަކްޓަރުން މެދުވެރިކޮށް ދަރިމައި ނުވާ ގޮތް ހަދައި ރަނގަޅުވުމުން ބުޅާ ކުރީގައިވެސް އުޅުނު ތަނަކަށް ދޫ ކޮށްލުމެވެ.
އުސޫލެއްގެ ގޮތުން ފާހަގަ ކުރުމުގެ ބޭނުމަށް ނިއުޓާ ކުރެވޭ ކޮންމެ ބުޅަލެއްގެ ކަންފަތު ކޮޅުން ތަންކޮޅެއް ކަފާލެވެއެވެ. ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ގޭގޭގައި މީހުން "ޕެޓް" އަކަށް ގެންގުޅޭ ބުޅާވަނީ ނިއުޓާ ކުރެވިފަ އެވެ. ވިލިމާލޭގައި ހުންނަ ވެޓް ކްލިނިކުން އަގަކަށް މި އޮޕަރޭޝަން ކޮށްދެއެވެ. ރާއްޖޭގައި މި ފްރޮގްރާމް މަގުމަތީގައި އުޅޭ ބުޅަލަށް ހިންގަނީ ހަމައެކަނި "ކެއާ ފޯ ޕޯސް" އިންނެވެ.
މިގޮތަށް ދޫކޮށްލެވޭ ބުޅަލަކީ ކޮމިއުނިޓީ ނުވަތަ އެހިސާބުގަނޑެއްގެ ބުޅާ ތަކެކެވެ. އަވައްޓެރީންގެ ތެރޭން ބުޅަލަށް ލޯބި ކުރާ ފަރާތްތައް ނުވަތަ ކޮންމެވެސް މީހެއްގެ އިސްނެގުމާއެކު ކޮލޮނީ އެއް ބެލެހެއްޓުމެވެ. ކާންދީ، ބޭސްދީ، ހިސާބުގަނޑު ތާހިރުކޮށް ހެދުމުން އެންމެންނަށް ވެސް އެކުގައި އުޅުމަށް ފުރުސަތު ހޯދާ ދެވެއެވެ.
ހިސާބުގަނޑުގައި އުޅޭ ކުޑަކުދިންނަށް ޖަނަވާރަށާއި މާހައުލަށް އަޅާލަން ދަސް ވެއެވެ. ނިއުޓާ ކޮށްފައިވާ ބުޅާ، ކޯޅުން މަދުވެ، ހިސާބުގަނޑު ފާހަގަކުރާ ފާރުތަކާށާއި ބިންމައްޗަށް ކުޑަކަމުދިޔުން މަދެވެ. އަދި ހާއްސަ ވެލިގަނޑެއް ބުޅާ ބޮޑުކަމުދިއުމަށް ހާއްސަކޮށްފިނަމަ ސާފު ކުރުމަށާއި އިންސާނުންނަށް ބުޅާ ނަޖިހުގެ ސަބަބުން ލިބިދާނެ ގެއްލުމަކުން ސަލާމަތް ވެއެވެ.
މިގޮތަށް ބަލަހައްޓާ ބުޅާތަކަކީ ފަނީބޭހާއި ވެކްސިންދެވި، ރަނގަޅަށް ކާންލިބޭ ބުޅާކަމުން ބަލިވުން މަދުވެއެވެ. އެހިސާބެއްގައި އުޅޭ މީދާ މަރައި ދޭނެއެވެ.
ބުޅަލުގެ ހަޔާތައް ފަސޭހަކަމެއް ލިބޭނީ ގިނަބަޔަކު މިވާހަކަ ދައްކައި، ޖަނަވާރާއި އިންސާނާއާ އޮންނަ ގުޅުން ދަނެގަނެންނެވެ. ދިރާސާތަކުން ދައްކާގޮތުގައި ކޮންމެވެސް ޖަނަވާރެއް ގެންގުޅޭ މީހުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުވެއެވެ. ޖަނަވާރު ކޮންމެ މާހައުލެއްގައި ގެންގުޅުނު ނަމަވެސް އަތްލާނަމަ އަތްދޮވުން ފަދަ ސަލާމަތީ ކަންކަން ކުރަން ޖެހެ އެވެ. ރާއްޖޭގައި ޖަނަވާރާއި، ގުދުރަތީ ވެއްޓާއި އިންސާނާއަށް ދުޅަހެޔޮ މިސްރާބަށް ގެންދިއުމަށް ގާނޫނީ، ސިއްހީ، އިންސާނީ، ތިމާވެށީގެ ރައްކަލަށް މަސައްކަތްކުރާ ފަރާތްތަކަށް ވަރަށް މުހިއްމު މަސައްކަތްތަކެއް ކުރެވިދާނެ އެވެ.