ކިތަންމެ ކުޑަޔަސް ހަމަ އެއްވެސް ޝައްކެއް ނެތެވެ؛ އުމުރުން ހަތަރު އަހަރުގައި ވެސް ހާޖަރު މުހައްމަދު ނަދީމަކީ ވަރަށް ހުނަރުވެރި ވަރަށް ފުރިހަމަ ޝެފެކެވެ. ހަމައެކަނި މީރުކޮށް ކައްކަން ހާއްސަ ޝައުގުވެރިކަމެއް މި ކުޑަކުޑަ ހާޖަރުގެ ހުރީ އެއް ނޫނެވެ. މިދިއަ ދިގު ލޮކްޑައުންގެ ތެރޭގައި ވެސް ވަރަށް ތަފާތު ވަރަށް ހާއްސަ ކަމެއް ހާޖަރު ކޮށްލައިފި އެވެ. ހާޖަރުގެ ކެއްކުންތައް ހިމެނޭ ގޮތަށް ކުކިން ފައްކާ ޝޯއެއް ތައްޔާރު ކޮށްލައި މަންމަގެ އެހީތެރިކަމާއެކު ޔޫޓިއުބަށް ވައްޓާލީ އެވެ.
ޔޫޓިއުބުގައި ގާއިމްކޮށްފައިވާ ހާޖަރުގެ ޗެނަލް ބަލައިލާށެވެ. އެ ޗެނަލުން ފެންނަނީ ކެއްކުމުގައި ހާޖަރުގެ ހުނަރު ފުރިހަމައަށް ދައްކާލާފައިވާ ތަފާތު ވީޑިއޯތަކެވެ.
ޝޯ ހޯސްޓް ކުރަމުން ޝައުގުވެރިވާނެހެން ރެސިޕީ ކިޔައިދެ އެވެ. ޑިޝް ހަދަންވާ ގޮތް އިނގިރޭސި ބަހުން ވަރަށް ރީތިކޮށް ހާޖަރު ބުނެ ދެއެވެ. ބައެއް ފަހަރު ލަވައެއްގެ ތެރެއިން ޑިޝް ކިޔައިދީފާނެ އެވެ. އަނެއްބައި ފަހަރު ބަލާ މީހުން ފޫހި ނުވާނެ ގޮތަކަށް އޯޑިއަންސް އެންގޭޖް ކޮށްގެން ހާޖަރުގެ ކައްކާ ޝޯ ކުރިޔަށް ގެންދެ އެވެ. ހާޖަރުގެ މި ޝޯގެ މިނެޓްކޮޅު ވަރަށް ބޮޑަށް ވެސް ރަހަތަފާތެވެ.
ހާޖަރަކީ އޭނާގެ މަންމަ އާމިނަތު ނަސީރާގެ ހުރި ހަމައެކަނި ދަރިފުޅެވެ. ނަސީރާ ބުނާ ގޮތުން ވިއްޔާ ކެއްކުމަށް އަބަދުވެސް ހާޖަރު މާ ބޮޑު ޝައުގުވެރި ކަމެއް ހުންނަނީ އެވެ.
"އަބަދުވެސް އަޅުގަނޑު ކައްކަން އުޅޭ ގަޑީގައި އެހީވާން ހާޖަރު ވަންނާނެ ބަދިގެއަށް. އަޅުގަނޑާއެކުގައި ބަދިގެތެރޭގައި އުޅޭނީ. ކޮވިޑް ލޮކްޑައުންގައި ސްކޫލް ބަންދުވުމުން އަޅުގަނޑުމެން ދެމައިންނަށް ވެސް ވެސް ވަރަށް ހުސް ވަގުތު ލިބުނު. އެހެންވެ ބޭނުންވީ ހާޖަރު ފޫހިކޮށް ނުލާ ޝައުގުވެރިވާ ކަމެއްގައި ވަގުތު ހޭދަ ކުރުވަން އެގޮތަށް ފެށި ޝޯއެއް މިއީ،" ނަސީރާ ކިޔައި ދިނެވެ.
ހާޖާރުގެ ކައްކާ ވީޑިއޯތަޖެއް ޝޯއެއްގެ ގޮތަށް އުފެއްދުމަށް ފަހު ނަސީރާގެ ފުރަތަމަ ހިއްސާ ކުރަމުން އައީ ފޭސްބުކުގަ އެވެ. އޭގެ ފަހުން އެހެން ބައެއް ރައްޓެހިންގެ އެދުމަށް ޔޫޓިއުބުގައި ވަކީން ޗެނަލެއް ހަދައި ހާޖަރުގެ ޝޯތަކުގެ އެޕިސޯޑްތައް ޔޫޓިއުބަށް ލާން ފެށީ އެވެ.
"ކުކިން ޝޯތަކުގައި ހާޖަރު ވަނީ މިހާރު ތަފާތު ވަރަށް ގިނަ ޑިޝްތަކެއް ހަދާފައި. ވަރަށް ބޮޑު ލާނިންގެ އެކްސްޕީރިއެންސެއް މިއީ ހާޖަރަށް. އާއްމުކޮށް ކައްކަން ބޭނުންކުރާ އެއްޗެހީގެ ނަންތަކުގެ އިތުރުން އެހެން އެއްޗެއްސާއި ތަކެތީގެ ނަންތައް ވެސް ދަރިފުޚު ދަސްކޮށްފި. އަމިއްލައަށް ބިސް ތަޅާ އެއްޗެހީގެ މަތި ނަގައި އަދި ރަނގަޅަށް މެޝާކޮށް ހަދަން ވެސް ދަސް ވެއްޖެ،" ނަސީރާ ކިޔައި ދިނެވެ.
ނަސީރާއަކީ ޓީޗަރެކެވެ. އެނާ މަސައްކަތް ކުރަނީ ހުޅުމާލޭ ހުރަވީ ސްކޫލްގަ އެވެ. ލޮކްޑައުން ތެރޭގައި ދަރިފުޅާއެކު މަސައްކަތް ކޮށްލުމުން ނަސީރާއަށް ވެސް އެކަމންވީ މުޅީން އާ ތަޖުރިބާއަކަށެވެ. އުނގަންނައި ދިނުމާއި ތަރުބިއްޔަތާއި ދިރިއުޅުމުގެ އާ ކަން ކަންކަން ދަސްވި އެވެ. އަދި އެހެން ހުނަރެއް ވެސް ނަސީރާއަށް ލިބުނެވެ. ހާޖަރުގެ ކުކިން ޝޯ ވީޑިއޯތައް ހަދައި އެޑިޓް ކުރަން ފެށުމުން ރަނގަޅު ފެންވަރެއްގައި ވީޑިއޯއެއް އެޑިޓްކޮށްލަން ވެސް މިހާރު ނަސީރާއަށް ދަސްވެއްޖެ އެވެ.
ހާޖަރުގެ ޝޯގެ ޕްރޮޑަކްޝަން މަސައްކަތް ކުރިޔަށް ގެންދިއުމުގައި ފިރިމީހާ އަދި ހާޖަރުގެ ބައްޕަގެ އެހީތެރިކަން ވެސް އޮވެ އެވެ. މިހާރު ހާޖަރަށް ޓްރައިޕޮޑަކާއި ހާއްސަ ގްރީން ސްކީރީން ހިމެނޭ ސެޓަޕެއް ވެސް ބައްޕަ ވަނީ ހޯދައި ދީފަ އެވެ.
ނަސީރާ ބުނިގޮތުގައި ހާޖަރުގެ ޝޯއާއެކު، ކެއްކުމުގެ ތެރެއިން ގޮސް މުހިންމު ވަރަށް ގިނަ ކަންކަމަށް ހާޖަރުގެ ލޯ ވަރަށް ބޮޑަށް ހުޅުވި އެކިއެކި ސްކިލްސް އާއެކު ދުޅަހެޔޮ ކާނާއަށް ވެސް ހޭލުންތެރި ވެއްޖެ އެވެ.
"ހާޖަރު އޭނާގެ ރެސިޕީތަކުގައި އޯގޭނިކް އިންގްރީޑިއެންޓްސް ބޭނުން ކޮށްފައި ހުންނާނެ... ބްރައުން ޝުގާ، ކޮކަނަޓް ޝުގަރު، ޗިކްޕީ ފްލާ، އޯޓް ފްލާ އަދި ހަނީ ފަދަ އިންގްރީޑިއަންޓްސްތައް ހާޖާރަށް ދަސްވެއްޖެ! ހާޖަރުގެ ކުކިން ޝޯގެ ބައެއް ރެސިޕީތަކަކީ މިގޮތަށް ހެލްތީ ފުޑް ހަދާ ރެސިޕީތައް. އެނާޖީ ބޯލްސް، އޯގޭނިކް ޕޭންކޭކް އަދި ފުރުޓް ޕޮޕްސިކަލް ކަހަލަ ރެސިޕީ ހަދާފައި ވީޑިއޯކޮށްފައި ހުންނާނެ. ކުޅުމުގެ ތެރެއިން ވެސް ސިއްހަތަށް ފައިދާ ހުރި ސެލެޑް ކަހަލަ ކާނާ ކްލޭއިން ހަދާކަން ފާހަގަ ކުރެވުނު. ކެއްކުމުގެ ތެރޭގައި ހާޖަރު އަތުން ވަރަށް ބޮޑަށް ހަޑިވާ ފަހަރު ވެސް އާދޭ... މެސް ކުރާނެ. ދެން ދެމައިން ވެގެން އެއްކޮށް ސާފު ކުރަނީ. މެސް ކޮށްގެން ދަސް ވަނީ"
ހާޖަރުގެ ވީޑިއޯތައް ބަލާފައި މީހުންގެ ހާޖަރަށް ތައުރީފު ކުރެ އެވެ. އެފަދަ ކޮމްޕްލިމެންޓްސްތައް ލިބެން ފެށުމުން ކުޑަކުޑަ ހާޖަރު ވެސް ހުންނަނީ ވަރަށް ވަރަށް ބޮޑަށް އުފާވެފަ އެވެ. އަދި އިތުރަށް ކުރިޔަށް ގެންދަން މަސައްކަތް ކުރެ އެވެ.
"މީހުން ހާޖާރުގެ ވީޑިއޯ ބަލައިފީމޭ ބުންޏަސް ހާޖަރު ވަރަށް އުފާވެފައި ހުންނަނީ. ބޮޑު ވެގެން ވާން ބޭނުމީ ޝެފަކަށް ކަމަށް މިހާރުއްސުރެ ހާޖަަރު ހުރީ ނިންމައިގެން"
ހާޖަރުގެ ޔޫޓިއުބް ޗެނަލްގައި މިހާރު ކެއްކުމުގެ ގިނަ ވީޑިއޯތަކާއެކު ހާޖަރު ރީތިކޮށް ގުރުއާން ކިޔަވާ ވީޑިއޯތަކަަކާއި ކޮވިޑާ ގުޅޭ ޕަބްލިކް ސާވިސް އެނައުންސްމެންޓެއް ވެސް ލާފައި ވެއެވެ. ކޮވިޑް ހުއްޓުވަން ކުޑަކުދިން ކުރަންވީ ކަންކަން ވަރަށް ލޯބިކޮށް ހާޖަރު ކިޔައި ދެއެވެ.