މާބަނޑު ދުވަސްވަރު މާގިނައިން ކޮފީ ބޯނަމަ ލިބޭ ދަރިން އިސްކޮޅުން ކުރުވާ ކަމަށް ސައިންސްވެރިން ކުރި ދިރާސާއަކުން ހާމަވެއްޖެ އެވެ.
ޖާނަލް އޮފް ދަ އެމެރިކަން މެޑިކަލް އެސޯސިއޭޝަންގައި އޮކްޓޯބަރު 31 ވަނަ ދުވަހު ޝާއިއުކޮށްފައިވާ މި ދިރާސާގެ ހޯދުންތައް ދައްކާ ގޮތުގައި މާބަނޑު ދުވަސްވަރު 200 ގްރާމް ކެފެއިން އަށް ވުރެ މަދުން (ދުވާލަކު ގާތްގަނޑަކަށް ދެ ޖޯޑު ކޮފީ) އަށް ވުރެ ގިނަ ނޫން މިންވަރެއް ބުއި މައިންނަށް ލިބިފައިވާ ދަރިން އެއަށް ވުރެ މަދުން ނޫނީ އެއްގޮތަކަށް ވެސް މާބަނޑުއިރު ކޮފީ ނުބުއި މައިންނަށް ލިބުނު ދަރިންނަށް ވުރެ އިސްކޮޅުން ކުރެވެ.
މާބަނޑުއިރު ދުވާލަކު 200 ގްރާމަށް ވުރެ މަދުން ކޮފީ ބުއިމަކީ އެންމެ ރަނގަޅު ކަމެއް ކަމަށް އެމެރިކަން ކޮލެޖް އޮފް އޮބްސްޓެޓްރިޝިއަން އެންޑް ގައިނެކޮލޮޖިސްޓްސްގެ ރެކޮމެންޑޭޝަންގައި ވެއެވެ.
މި ދިރާސާގައި އޮބްޒާވްކުރީ ދިރާސާގައި ބައިވެރިކުރި މާބަނޑު މީހުން ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މި އެންމެންގެ ވެސް ފުރަތަމަ ޓްރައިމިސްޓާގައި ލޭގައި ކެފެއިން ކޮންސެންޓްރޭޝަން ހުރި މިންވަރު ބަލާފައި ވެއެވެ.
ފުރަތަމަ ގްރޫޕްގައި ތިބި މާބަނޑު މީހުންގެ ބަނޑުގައި 788 ކުދިން އޮތެވެ. މި މީހުން ދުވާލަކު 36 މިލިގްރާމް ކެފެއިން ބޭނުން ކުރި އެވެ. މިއީ ގާތްގަނޑަކަށް ބައި ޖޯޑު ކޮފީ އެވެ. މި މީހުން ވިހޭ ދަރިންނަށް ހަތް އަހަރު ފުރުމުން ދިގުމިން ބެލިއިރު މިއަށް ވުރެ މަދުން ނޫނީ އެއްގޮތަކަށް ވެސް މާބަނޑުއިރު ކެފެއިން ބޭނުން ނުކުރާ އަންހެނުންނަށް ލިބިފައިވާ ދަރިންނަށް ވުރެ މި ކުދިން 1.5 ސެންޓިމީޓަރު ކުރެވެ.
ދެވަނަ ގްރޫޕްގައި ހިމެނޭ މަންމައިން މާބަނޑު ދުވަސްވަރު ދުވާލަކު ދެ ތަށި ކޮފީ ބޮއިފައި ވެއެވެ. އަދި މަދުން ކޮފީ ބުއި މީހުންނާއި އެއްގޮތަކަށް ވެސް ކޮފީ ނުބޯ މީހުންގެ ދަރިންނަށް ވުރެ މިި މީހުންނަށް ލިބިފައިވާ ދަރިން 0.68 ސެންޓިމީޓަރާއި 2.2 ސެންޓި މީޓަރާ ދެމެދުގެ މިންވަރެއް ކުރެވެ. އެއީ އުމުރުން 4 އަހަރުން ފެށިގެން 8 އަހަރާ ދެމެދު މި ކުދިންގެ އިސްކޮޅު ބެލުމުން ފެނުނު ނަތީޖާ އެވެ. މި ކުދިންގެ މެދުގައި އިސްކޮޅުގެ ތަފާތު ފެންނަން ފެށީ 4 އަހަރުން ފެށިގެންނެވެ. އަދި 8 އަހަރު ވަންދެން އިސްކޮޅު ތަފާތު އިތުރުވަމުން ދިޔަ އެވެ.
"އަހަރެމެންގެ ހޯދުންތަކުން އެނގުނު ގޮތުގައި މާބަނޑުއިރު ކެފެއިން ބޯ މިންވަރާއި ދިގު މުއްދަތެއްގެ ތެރޭގައި ކުދިން އިސްކޮޅުން ދިގުވުން ދަށަށް ދިއުމާ ގުޅުމެއް ވޭ. މާބަނޑުއިރު ބުޔަސް އޯކޭ ކަމަށް ޑޮކްޓަރުން މިހާރު ރިކޮމެންޑް ކޮށްފައިވާ 200 މިލިގްރާމްގެ މިންވަރު ބުޔަސް މިގޮތަށް އިސްކޮޅަށް އެބަ ބަދަލު އާދޭ،" މި ދިރާސާ ރިޕޯޓު ލިޔުނު ފަރާތުން ބުނެފައި ވެއެވެ.
ސައިންސްވެރިން ބުނި ގޮތުގައި ކެފެއިން އެކުލެވޭ ބުއިންތައް ބޯމީހުންގެ ދަރިންގެ އިސްކޮޅުން ކުރުވާ ކުރުވުމަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނާއި ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންގެ ދަރިންގެ އިސްކޮޅަށް އަންނަ ބަދަލުތައް ފަދަ ބަދަލު ތަކެކެވެ.
މިކަމާ ގުޅޭ ގޮތުން ކޮށްފައިވާ އިތުރު ދިރާސާތަކުން ވެސް މާބަނޑުއިރު ކޮފީ ފަދަ ކެފެއިން އެކުލެވޭ ބުއިންތައް ބުއިމަކީ ރަނގަޅު ކަމެއް ނޫންކަން ހާމަވެފައި ވެއެވެ. އެފަދަ ދިރާސާއެއްގައި ބުނެފައިވަނީ ގޮތުގައި މާބަނޑު އިރު ކުޑަކޮށް ވެސް ކެފެއިން އެކުލެވޭ އެއްޗެތި ބޭނުންކުރުމުން ބަނޑުގައިވާ ދަރިފުޅަށް އޭގެ ނޭދެވޭ އަސަރުތައް ކުރެ އެވެ.
ޔޫކޭގެ ނެޝަނަލް އިންސްޓިޓިއުޓްސް އޮފް ހެލްތު ސްޓަޑީ އިން ދައްކާފައިވާ ގޮތުގައި މާބަނޑުއިރު ބައި ޖޯޑު ކޮފީއާ ކެފެއިން ބޭނުން ކުރިޔަސް ލިބޭ ދަރިން ކުޑަވެ އެވެ. އަދި 2020ގައި ކޮށްފައިވާ ދިރާސާއެއް ބުނާ ގޮތުގައި މާބަނޑުއިރު ކެފެއިން އެކުލެވޭ ބުއިންތައް ބުއިމުން ބައިގެންދިއުން، ކުއްޖާ ބަނޑުތެރެއަށް މަރުވުން، އަދި ބަރުދަން ލުއި ކުދިން ލިބުން ފަދަ މައްސަލަތައް ދިމާވުމުގެ ފުރުސަތު އިތުރުވެ އެވެ.
މާބަނޑުއިރު ކޮފީ ބުއިމަ ލިބޭ ދަރިން ކުރު ވިޔަސް ކުޑަކުދިން ކޮފީ ބުއިމުން އެކުދިންގެ އިސްކޮޅުން ކުރުވާ ކަމަކަށް ދިރާސާގައި ނުދައްކަ އެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި މާބަނޑުއިރު ހަމައެކަނި ކޮފީ އާއި ސައި ނުބޮއި ހުއްޓާލުމަކުން ނުފުދެ އެވެ. ސަބަބަކީ ޗޮކްލެޓާއި ސޮފްޓް ޑްރިންކްސް އަދި ބައެއް ބޭހުގައި ވެސް ކެފެއިން އެކުލެވޭތީ އެވެ.