ކުޑަކުދިންނަށް ކާންދޭ ބާވަތްތަކުން ވީހާވެސް ހަކުރު މަދުކޮށް، ތަރުކާރީގެ ބާވަތްތައް ގިނަ ކުރުމުން ދަތް ފަނި ކެއުމާ ދުރުވާނެ ކަމަށް ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކްސްޕާޓުންގެ ރިޕޯޓަކުން ދައްކަ އެވެ.
ސީއެންއެންގެ ރިޕޯޓެއްގައި ލިޔެފައިވާ ގޮތުގައި، ކުޑަކުދިންނަށް ކާން ހަދާފައި ވިއްކަން ހުންނަ ތަކެތީގައި "ނޯ އެޑެޑް ޝުގާ" ޖަހާފަައި ވީ ކަމުގައި ވިޔަސް އޭގައި މޭވާގެ ހަކުރު ނުވަތަ މާމުއި ހިމެނެ އެވެ. އަދި ކުޑަކުދިންްނަށް ކާން ދިނުމުގައި ހިތި ރަަހަތަކަށް ވެސް ހޭނުވުމަކީ މުހިއްމު ކަމެއް ކަމަށް "ދަ ރޯޔަލް ޗެލެންޖް އޮފް ޕީޑިއަޓްރިކްސް އެންޑް ޗަައިލްޑް ހެލްތު" އިން ލަފާ ދޭ ކަމަށް ބުނެ އެވެ.
މީގެ ސަބަބުން ދަތް ފަނިި ކެއުމާއި ރަނގަޅު ބެލެންސްޑް ޑައެޓެއް ގެންގުޅެން ފަސޭހަވެ އޯވާވެއިޓް ވުމުން ދުރުކޮށްދޭނެ ކަމަށް ކުޑަކުދިންގެ ސިއްހަތު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވެ އެވެ.
އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ކުޑަކުދިން ހަކުރު އަޅާފައި ހުންނަ ފޮނި ކާ އެއްޗެހި ކެއުމަށް ބޭނުންވި ކަމުގައި ވިޔަސް އެހެން ރަހަތައް މަދުން ނަމަވެސް ދިނުމުން ކުރިމަގުގައި ފައިދާ ވާނެ އެވެ. އެގޮތުން، ބްރޮކޮލީ އާއި ސްޕިނެޗް ކަހަލަ ފެހި ކަަން ގަދަ ތަރުކާރީ އަކީ ހަމަ އެކަނި ބޮޑެތި މީހުންނަށް މުހިއްމު އެއްޗެއް ނޫނެވެ. ކުޑަކުދިންނަށްވެސް އޭގެ ފައިދާތައް ކުރެ އެވެ.
"ކުޑަކުދިންނަކީ އެކި ކަަހަލަ ރަަހަތައް ބަލަން ބޭނުންވާ ކުދިން. އެކަމަކު، އެކަހަލަ ޗާންސްއެއް ލިބިގެން ނޫނީ އެކުދިންނަށް ތަފާތު ރަހަ އެއް ނޭނގޭނެ. އަދި ކުޑަކުޑައިރުން ފަށައިގެން ވެސް ތަފާތު ރަހަތައް ހުންނަ މޭވާ އާއި ތަރުކާރީ ދިނުމަކީ މުހިއްމު ކަމެއް" ރިޕޯޓް ދިރާސާ ކުރެއްވި ނިއުޓްރިޝަނިސްޓެއް ކަމަށްވާ ޕްރޮފެސާ މެރީ ފިއުޓްރެލް ވިދާޅުވެފައި ވެއެވެ.
ސައިންޓިފިކް އެޑްވައިޒަރީ ކޮމިޓީ އޮން ނިއުޓްރިޝަން އިން ބުނާ ގޮތުގައި ކުޑަކުދިންނަށް ކާންދޭންޖެހޭ އެއްޗެހީގައި ހަކުރު ހުންނަން ޖެހެނީ ޓޯޓަލް އެނާޖީ ގެ ފަސް ޕަސެންޓަށް ވުރެ ގިނަ ނުވާ ވަރަށެވެ. އެއީ ދެ އަހަރަށްވުރެ ބޮޑު އަދި ދެ އަަހަރަށްވުރެ ކުޑަ ކުދިން ކަމުގައި ވިޔަސްމެ އެވެ.
ކުޑަކުދިންނަށް ތަފާތު އެއްޗެހި ކާން ދިނުމުގައި ޑޮކްޓަރުންގެ ލަފާ ހޯދުމަކީވެސް މުހިއްމު ކަމެކެވެ. އުމުރާ ގުޅޭ އެއްޗެހި ކާންދީ ސިއްހަތު ރަނގަޅު ކުއްޖެއް ބޮޑު ކުރުމަށް ޑޮކްޓަރުންގެ ލަފަ އާއި އިރުޝާދު މުހިއްމެވެ.