ބޮލީވުޑް

މި މަހު 15 އިން ފެށިގެން އިންޑިއާ ސިނަމާތައް ހުޅުވަނީ

އިންޑިޔާގެ ހޯމް މިނިސްޓްރީން ބުދަ ދުވަހު ނެރެފައިވާ "އަންލޮކް 5.0" ގައިޑްލައިންގައި ސިނަމާތަކަށް ހުޅުވުމުގެ ހުއްދަ ދީފައިވާތީ ސިނަމާތަކުގެ ވެރިންނާއި ފިލްމު އުފައްދާ ފަރާތްތަކަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެ އެވެ. ގާތްގަނޑަކަށް ހައެއްކަ މަސް ދުވަސް ސިނަމާތައް އެއްގޮތަކަށް ވެސް ނުހުޅުވާ އޮތުމަށްފަހު 15 އޮކްޓޯބަރުން ފެށިގެން ހުޅުވައި ޚިދުމަތް ދެވޭ ގޮތަށް މި ގައިޑްލައިންގައި ވެއެވެ.

ނަމަވެސް ގައިޑްލައިންގައިވާ ގޮތުން ސިނަމާތަކަށް ވެއްދޭނީ ކުރިން ވެއްދި ވަރަށް ވުރެ ދެބައިކުޅަ އެއްބައި މަދު މީހުންނެވެ. މާނައަކީ ސިނަމާތަކުގެ ކެޕޭސިޓީގެ 50 ޕަސެންޓް އޮންނަން ޖެހޭނީ ހުހަށެވެ.

އިންޑިޔާގައި ކޮރޯނާވައިރަހުގެ ކޭސްތައް ގިނަވާން ފެށުމުން ހުރިހާ ސްޓޭޓެއްގެ ހުރިހާ ސިނަމާތަކެއް ބަންދުކުރީ މިދިޔަ މާޗު މަހުގެ 14 ވަނަ ދުވަހު އެވެ. އޭރު ބައެއް ފިލްމުތައް ވަރަށް ހައުސްފުލްކޮށް ސިނަމާތަކުގައި ދައްކަމުން ދިޔަ އެވެ. ކުއްލިއަކަށް ސިނަމާތައް ބަންދުކުރުމުން އެ ވަގުތު ވަރަށް ރަނގަޅަށް ހިނގަމުންދިޔަ ގިނަ ފިލްމުތަކަކަށް ވަނީ ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތައް ވެފަ އެވެ.

ބޮޑު ގެއްލުމެއް ލިބުނު ފިލްމުތަކުގެ ތެރޭގައި "ޝުބް މަންގަލް ޒިޔާދާ ސާވްދާން"، "ބާޣީ 3"، "ލަވް އާޖް ކަލް" ފަދަ ފިލްމުތައް ހިމެނެ އެވެ.

ސިނަމާތައް ހުޅުވުމުގެ ހުއްދަ އިންޑިޔާ ސަރުކާރުން ދިން ނަމަވެސް މުމްބައި އެ ސްޓޭޓެއްގައި އޮންނަ މަހަރަޝްތުރާ ސަރުކާރުން ވަނީ އެ ސްޓޭޓްގެ ސިނަމާތައް ހުޅުވުމުގެ ހުއްދަ މި ވަގުތު ނުދޭން ނިންމާފަ އެވެ. މަހަރަޝްތުރާ ސަރުކާރުން ނެރުނު ބަޔާނެއްގައިވަނީ 31 އޮކްޓޯބަރާ ހަމަޔަށް އެ ސްޓޭޓްގެ ސިނަމާތައް ހުޅުވުމުގެ ހުއްދަ ނުލިބޭނެ ކަމަށެވެ. އަދި އަދި ނޮވެމްބަރު މަހު އާ ގައިޑްލައިނެއް ނެރޭނެ ކަމަށެވެ.

އަނެއްކޮޅުން ވެސްޓް ބެންގާލްގެ ސިނަމާތައް އޮކްޓޯބަރު 1 ވަނަ ދުވަހުން ފެށީގެން އޮޕަރޭޓް ކުރަން ފަށާނެ އެވެ. އެއީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކަކާ އެކުގަ އެވެ.

ސިނަމާތައް ހުޅުވުން ލަސްކުރުމުގެ ސަބަބުން ވަރަށް ގިނަ ބޮޑު ބަޖެޓު ފިލްމުތަކެއް ވަނީ ރިލީޒްކުރުން ފަސްކުރަން މަޖްބޫރުވެފަ އެވެ. މި ފިލްމުތައް ބަލާލާހިތުން ހިންދީ ފިލްމު ބަލަން ޝައުގުވެރިވާ ގިނަ ބަޔަކު މިހާރު ތިބީ ސިނަމާތައް ހުޅުވުމުގެ އިންތިޒާރުގަ އެވެ.
ސިނަމާތައް ހުޅުވުމާއެކު އެންމެ އަވަހަށް ރިލީޒްކުރާނެ ފިލްމުތަކުގެ ތެރޭގައި އަކްޝޭ ކުމާރާއި ކެޓުރީނާ ކައިފްގެ "ސޫރިޔަވަންޝީ"އާއި ހޮލީވުޑް ފިލްމު "ޓެނެޓް" އަދި "ނޯ ޓައިމް ޓު ޑައި" ހިމެނެ އެވެ.