ޕްރިޔަންކާ ޗޯޕްރާ ދާދިފަހުން ދެއްކި ވާހަކަ ތަކުން މުޅި ހިންދީ ފިލްމު އިންޑަސްޓްރީގައި ވަރުގަދަ ބަހުސް ފެށި އަދި ޕްރިޔަންކާއަށް ގިނަ ބައެއްގެ ތައުރީފާއި ތާއީދު ލިބިފައި ވެއެވެ.
ގްލޯބަލް ޕޮޑްކާސްޓްގައި ޕްރިޔަންކާ ބުނީ އޭނާ ބޮލީވުޑް ދޫކޮށްލީ މަޖުބޫރުން ކަމަށެވެ. ބަޔަކު މީހުން އޭނާ ކަނަކަށް ލައި އެކަހެރިކޮށްލީމަ ކަމަށެވެ. ނަމަވެސް އޭނާއާ ދޭތެރޭ މިގޮތަށް ކަންތައް ކުރީ ކޮން ބައެއް ކަމެއް އަދި އެމީހުންގެ ނަންތަކެއް ޕްރިޔަންކާ ހާމައެއް ނުކުރެ އެވެ.
މި އިންޓަވިއު ދިންތާ މާގިނަ ދުވަހެއް ނުވެ ޕްރިޔަންކާ ވަނީ އޭނާގެ ފިރިމީހާ ނިކް ޖޯނަސް އާއި ދަރިފުޅު މާލްތީ އާއެކު އިންޑިޔާ އަށް ޒިޔާރަތްކޮށް ބޮލީވުޑްގައި އޭނާއާ އެކު މަސައްކަތްކުރި ގިނަ އަދަދެއްގެ ފަންނާނުންނާ ބައްދަލުކޮށްފަ އެވެ. އަދި މި ބައްދަލުވުންތަކަށްފަހު ޕްރިޔަންކާ ދިން އިންޓަވިއު އެއްގައި ބުނެފައިވާ ގޮތުގައި އޭނާއަށް ގޯސްކޮށް ކަންތައްތައް ކުރި ހުރިހާ މީހުންނަށް ވެސް ހިތްހެޔޮކޮށް މައާފުކޮށްފައިވާ ކަމަށެވެ.
"ބާޖީރާއޯ މަސްތާނީ"ގެ ބަތަލާ ބުނި ގޮތުގައި މިހާރު އެއްވެސް މީހަކަށް އޭނާގެ ހިތްބުރަކަމެއް ނެތެވެ.
އޭނާއާ ދޭތެރޭ ކަންތައްތައްވީ ގޮތުގެ ވާހަކަ ނުދައްކާ އެތައް އަހަރަކު ހުރުމަށްފަހު ކުއްލިއަކަށް އެ ވާހަކަ ދެއްކީ ކީއްވެތޯ އިންޓަވިއު ކުރި ނޫސްވެރިޔާ ސުވާލުކުރުމުން ޕްރިޔަންކާ ބުނީ ޕޮޑްކާސްޓްގައި އޭނާގެ ހަޔާތުގެ ދަތުރާ ގުޅޭގޮތުން ސުވާލުކުރުމުން އެ ވާހަކަތައް ނުދައްކާ ނުހުރެވުނީ ކަމަށެވެ.
"އަހަރެންނާ ދޭތެރޭ ކަންތައްތައްވީ ވަރަށް ގޯސްކޮށް. އެކަމަކު އަހަރެން އެ އެންމެންނަށް ވެސް މައާފުކޮށް އަހަރެންގެ ހިތް ޚަލާސްކޮށްފިން. އެހެންވެ އަހަރެންނަށް މިހާރު އެ ވާހަކަތައް ކިޔައިދޭން އުނދަގޫ ނޫނީ،" ޕްރިޔަންކާ ބުންޏެވެ. ނަމަވެސް އޭނާ ހިތްހަމަނުޖެހުނު މީހުންނާއެކު ދެން މަސައްކަތެއް ނުކުރެވޭނެ ކަމަށް ޕްރިޔަންކާ ބުންޏެވެ.
ޕްރިޔަންކާއާ ދޭތެރޭ އެންމެ ގޯސްކޮށް ކަންތައް ކުރީ ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރް ކަމަށް އިންޑިޔާގެ ބައެއް ނޫސްތަކުން ބުނެފައި ވެއެވެ. ނަމަވެސް އިންޑިޔާއަށް ކުރި ޒިޔާރަތުގައި އޭނާ ބައިވެރިވި ފުރަތަމަ އިވެންޓުން ކަރަންއާ ބައްދަލުވެ ދެ މީހުން ކަރާ ކަރުޖައްސައި ސަލާންކޮށް ވަރަށް ހެވިފައި ވާހަކަ ދައްކަނިކޮށް ފެނިފައި ވެއެވެ.