ބޮލީވުޑް

ކަރަން ޖޯހަރް ކައިވެންޏެއް ނުކުރީ ޓްވިންކަލް ނުލިބުނީމަތަ؟

ޓްވިންކަލް ކަންނާއަކީ މީގެ އަހަރު ތަކެއް ކުރިން ހިންދީ ފިލްމުތަކުން ފެނުނު ބަތަލާ އެކެވެ. ނަމަވެސް އެކްޓަރު އަކްޝޭ ކުމާރާ ކައިވެނި ކުރުމަށްފަހު ޓްވިންކަލް ވަނީ ފިލްމު ކުޅުމާ މުޅިން ދުރުވެފަ އެވެ. މިހާރު ޓްވިންކަލް ގިނަ ބަޔަކު ދަންނަނީ މޮޅު ލިޔުންތެރިއެއްގެ ގޮތުގަ އެވެ. އޭނާގެ ބްލޮގްގައި ލިޔާ ލިޔުންތަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓެނީ އެ ލިޔުންތަކުގެ މޮޅު ކަމުންނެވެ.

ޓްވިންކަލް އަކީ ހިތު ހުރި އެއްޗެއް މީހުންނާ ދިމާލަށް އެއްވެސް ޖެހިލުމެއް ނެތި ބުނެލާ މީހެއްގެ ގޮތުގައި ވެސް ވަނީ މަޝްހޫރު ވެފައެވެ.

ފިލްމު ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރް އާއި ޓްވިންކަލްގެ ވަރަށް ހާއްސަ ގުޅުމެއް އެ ދެ މީހުން ވަރަށް ކުޑައިރުއްސުރެ ވެސް އޮވެ އެވެ.

ޓްވިންކަލް ލިޔުނު ފުރަތަމަ ފޮތް "މިސިޒް ފަނީބޯންސް" ލޯންޗު ކުރުމަށް 2015 ގައި ބޭއްވި ހަފުލާ އެއްގައި ވާހަކަ ދައްކަމުން ޓްވިންކަލް ބުނީ ކުޑައިރު ކަރަން އޭނާ ދެކެ ވަރަށް ލޯބިވި ކަމަށެވެ. ކަރަން ލޯބިވީ ހަމައެކަނި އަންހެނަކީ ޓްވިންކަލް ކަމަށް ވެސް ޓްވިންކަލް ބުންޏެވެ.

"ކަރަން އަހަރެން ދެކެ ލޯބިވާ ކަމަށް އަހަރެން ކައިރީގައި އެއްބަސްވި. އަހަރެންގެ އޭރު ކުޑަކުޑަ މަތިމަހެއް ވެސް ހުންނާނެ. ކަރަން ބުނާނެ ވަރަށް ހޮޓް އޭ އެގޮތަށް މަތިމަސް ހުރީމަ،" ޓްވިންކަލް ބުނެފައި ވެއެވެ.

ކަރަން ޑައިރެކްޓްކުރި ފުރަތަމަ ފިލްމު "ކުޗް ކުޗް ހޯތާ ހޭ" ގައި ރާނީ މުކަރުޖީ ކުޅުނު ރޯލަށް ވެސް ކަރަން ބޭނުންވީ ޓްވިންކަލް އެވެ. ނަމަވެސް ޓްވިންކަލް ނޫނެކޭ ބުނުމުން ރާނީއަށް ފިލްމު ލިބުނީ އެވެ. އެ ފިލްމުގައި ރާނީ ކުޅުނު ކެރެކްޓާއަށް ކަރަން ދީފައި ވަނީ ވެސް ޓްވިންކަލް އަށް އާންމުކޮށް ކިޔާ ނަން ކަމަށްވާ ޓީނާ އެވެ.

ޓްވިންކަލް އަކީ ކަރަންގެ ކުޑައިރުގެ ކްރަޝް އެއްކަމަށް ޓްވިންކަލް ބުނުމުން އެކަމާ ކަރަން ވެސް އިންކާރެއް ނުކުރެ އެވެ. އޭނާ ވެސް ބުނަނީ އެއީ ހަމަ ތެދެއް ކަމަށެވެ.