ކަރަން ޖޯހަރް ޑައިރެކްޓްކުރި "ކަބީ ޚުޝީ ކަބީ ގަމް" ރިލީޒްކުރިތާ 22 އަހަރު ފުރިފައިވާއިރު ފިލްމު ބެލި ގިނަ ބަޔަކަށް އެ ފިލްމުން އެންމެ ފާހަގަ ކޮށްލެވުނު އެއް ކެރެކްޓާ އަކީ ކަރީނާ ކަޕޫރު ކުޅުނު ޕޫ ނަމަކަށް ކިޔާ ޒުވާން އަންހެން ކުއްޖެއްގެ ރޯލެވެ.
މިހާރުވެސް އެ ފިލްމުގައި ޕޫ ކިޔާފައިވާ ބައެއް ޑައިލޮގްތައް މީހުން ޝެއާކޮށް އެ ޑައިލޮގްތަކާ ބެހޭ ގޮތުން މީހުން ވާހަކަ ދައްކާ އުޅެ އެވެ. ނަމަވެސް މި ކެރެކްޓާ އަލުން ދިރުވާކަށް ކަރީނާ ބޭނުމެއް ނޫނެވެ.
ދާދިފަހުން ކަރީނާ ދީފައިވާ އިންޓަވިއު އެއްގައި ބުނެފައިވާ ގޮތުގައި ޕޫގެ ކެރެކްޓާ އަކީ ވަރަށް ތާރީޚީ ކެރެކްޓާ އެކެވެ. އެހެންކަމުން އެ ކެރެކްޓާގައި އެއްވެސް މީހަކު އަތްލާކަށް އޭނާ ބޭނުމެއް ނޫނެވެ.
"އެހެން އެއްވެސް މީހަކަށް ޕޫގެ ކެރެކްޓާ އެއް ނުކުޅެވޭނެ. އަދި ކުޅެގެން ވެސް ނުވާނެ،" ކަރީނާ ބުންޏެވެ.
ނަމަވެސް އެ ފިލްމުގެ "ބޯލެ ޗޫޅިޔާން" ލަވައިގައި ކަރީނާ ލައިގެން ހުރި ރީތި ހެދުން އަނބުރާ ގެންނަން ކަރީނާ ބޭނުމެވެ. މި ހެދުން ގެނެސް ބަހައްޓަން ހަމަޖެހިފައިވަނީ ޖިއޯ ކޮންވެންޝަން ސެންޓަރުގަ އެވެ. މިހާތަނަށް ބޮލީވުޑްގެ ތަރިން އަޅާފައިވާ ތާރީޚީ އެކިއެކި ހެދުންތައް މި ސެންޓަރުގައި ޑިސްޕްލޭ ކޮށްފައި ބަހައްޓަ އެވެ.
ކަރީނާ ބުނި ގޮތުގައި ފެޝަން ޑިޒައިނަރު މަނީޝް މަލްހޯތުރާ ތައްޔާރުކުރި ހެދުމަކީ މިއަދާ ހަމައަށް ވެސް ގިނަ ބަޔެއްގެ މެދުގައި ވަރަށް މަގްބޫލު ހެދުމެކެވެ. އެ ޑިޒައިން މިއަދުވެސް ގިނަ ބަޔަކަށް ވަރަށް ކަމުގޮސް ކޮޕީ ކުރެ އެވެ.
ކަރީނާގެ ފިލްމީ ކެރިއަރަށް ބަލާއިރު އޭނާ ބައިވެރިވާ "ދަ ކުރޫ" ނަމަކަށް ކިޔާ ފިލްމެއްގެ ޝޫޓިން ވަނީ ފަށާފަ އެވެ. މި ފިލްމުގައި ކްރީތީ ސެނޯން އާއި ތައްބޫ ވެސް އޭނާއާއެކު ބައިވެރިވެ އެވެ.