ކަރަން ޖޯހަރް

ކަރަން ޖޯހަރްގެ "ތަޚުތު"ގައި ސްޓާ ކާސްޓެއް

ކުޅަދާނަ ޑައިރެކްޓަރު ކަރަން ޖޯހަރް އަނެއްކާވެސް އާ ފިލްމެއް އިއުލާނުކުރުން އުޅޭ ވާހަކަ ދެކެވެމުން އަންނަތާއި ދުވަސްކޮޅެއް ވެއްޖެ އެވެ. އެއީ ކޮން ފިލްމެއްތޯ ބެލުމަށް ކުރަމުން އައި އިންތިޒާރަށް މިހާރު ނިމުންވެސް އަތުވެއްޖެ އެވެ. ވަރުގަދަ ސްޓާ ކާސްޓަކާއެކު ކަރަން މިހާރު ވަނީ އޭނާގެ އާ ފިލްމު އިއުލާނުކޮށްފަ އެވެ.

ކަރަން ޑައިރެކްޓުކުރާނެ މި ފިލްމުގެ ނަމަކީ "ތަޚުތު" އެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް ކަރަން އިއުލާނުކުރި މި ފިލްމުގެ ކާސްޓުގައި މަޝްހޫރު ގިނަ ތަރިން ކަމަށްވާ ކަރީނާ ކަޕޫރް ޚާން، ރަންވީރް ސިންހު، އާލިއާ ބަޓް، ވިކީ ކޯޝާލް، ބޫމީ ޕަޑްނޭކަރް، ޖާންވީ ކަޕޫރް އަދި އަނިލް ކަޕޫރް ހިމެނެ އެވެ.

ކަރަންގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް ދަރްމާ ޕްރޮޑަކްޝަންގެ ކުޑައިގެ ދަށުން ގެނެސްދޭ މި ފިލްމުގެ ފުރަތަމަ ޕޯސްޓަރުވެސް ވަނީ އާންމުކޮށްފަ އެވެ.

ކަރަން ކޮށްފައިވާ ޓުވީޓެއް.

އިންޑިއާގައި ކުރީގައި ރަސްކަންކުރި މުސްލިމު ކޮއިލެއް ކަމުގައިވާ މުގަލް މީހުން، އެމީހުންގެ ތަޚުތު ދިފާއުކުރުމަށް ކުރި ހަނގުރާމަ ދައްކުވައިދޭ މި ފިލްމުގެ ވެގެންދާނީ ބޮޑު ސްޓާ ކާސްޓަކާއެެކު ދަރްމާ ޕްރޮޑަކްޝަނުން ގެނެސްދޭ ފުރަތަމަ ހިސްޓޯރިކަލް ތްރިލާ ފިލްމަށެވެ.

މި ފިލްމުގައި ލޯތްބާއި ޖަޒުބާތާއި ބަދަލުހިފުމާއި އަނިޔާވެރިކަމާއި އަދި ދަހިވެތިކަމުގެ ރަހަތައް ހިމެނޭނެ ކަމަށްވެ އެވެ. ސުމިތު ރޯއީ ސްކްރީންޕްލޭ ތައްޔާރުކޮށްފައި މި ފިލްމު ޕްރޮޑިއުސްކުރަނީ ހީރޫ ޔަޝް ޖޯހަރް އަދި އަޕޫރްވާ މެހެތާ އެވެ.

ފިލްމު ރިލީޒްކުރާ ގޮތަށް ނިންމާފައި އޮތީ އޭޕްރީލް 2020 ގަ އެވެ.