ސުޝާންތު ސިންގް

އާލިއާ އާއި ކަރަން ޖޯހަރަށް ގިނަ ބަޔަކު ރުޅި ބާލަނީ!

އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ ކުއްލި މަރާ ގުޅިގެން ސޯޝަލް މީޑިއާގައި ވަރަށް ގިނަ ބައެއްގެ ރުޅިގަނޑު ބައެއް ފިލްމީ ފަންނާނުންނަށް ދަނީ ބާލަމުންނެވެ. "އެމްއެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ" ފަދަ މޮޅު ފިލްމުތައް ކުޅެފައިވާ ސުޝާންތު މަރުވީ ފިލްމު އިންޑަސްޓްރީގެ ބައެއް ފަންނާނުން ގެންގުޅޭ ތަފާތު ކުރުންތަކުގެ ސަބަބުން ޑިޕްރެޝަން އަށް ގޮސްގެން ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ. އެގޮތުން އެންމެ ގިނަ މީހުންގެ ރުޅިގަނޑު އަމާޒުވީ އެކަކީ ފިލްމީ ބަތަލާ އާލިއާ ބަޓެވެ. ޕްރޮޑިއުސަރު ޑައިރެކްޓަރު ކަރަން ޖޯހަރް އާއި ސޯނަމް ކަޕޫރު، ސަލްމާން ޚާން ފަދަ މީހުންނަށް ވެސް މީހުންގެ ރުޅި އާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ.

ސުޝާންތުގެ ފޭނުންނާއި އޭނާއަށް ހެޔޮ އެދޭ މީހުންގެ އަޑުފައްގަނޑު ސޯޝަލް މީޑީއާގައި ވަރަށް ގަދަވެފައި ވާއިރު ގިނަ ބަޔަކު ދަނީ ވަރަށް ގިނަ ތަރިންގެ ފޭސްބުކް، ޓުވިޓާ އަދި އިންސްޓަގްރާމް އެކައުންޓްތަކުން އެމީހުން އަންފޮލޯ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން އެމީހުންގެ މަގްބޫލުކަން ވެސް މި ފާއިތުވީ ދެ ދުވަހެއް ތެރޭ ވަރަށް ބޮޑަށް ދަށަށް ގޮސްފައި ވެއެވެ.

އެގޮތުން އިންސްޓަގްރާމްގައި އެކަނި ވެސް އާލިއާ އަންފޮލޯ ކުރި މީހުން 444000 އަށް އަރަ އެވެ. ކަރަން ޖޯހަރް އަންފޮލޯ ކުރި މީހުންގެ އަދަދު 188000 އަރާފައިވާއިރު ސޯނަމް އަންފޮލޯކުރި މީހުންގެ އަދަދު 84000 އަށް އަރަ އެވެ. އަދި ސަލްމާން ޚާން އަންފޮލޯ ކުރި މީހުންގެ އަދަދަދު 50،000 އަށް އަރަ އެވެ.

އާލިއާ މެންގެ މަގްބޫލުކަންގެ މިހާ ބޮޑަށް ދަށަށް ދިޔައިރު ބައެއް ފިލްމީ ތަރިންގެ މަގްބޫލުކަން އިންތިހާއަށް އިތުރުވެ އެމީހުން ފޮލޯ ކުރާ މީހުންގެ އަދަދު އެތައް ލައްކައެއް އިތުރުވެގެން ގޮސްފައިވާކަން ވެސް ފާހަގަ ކޮށްލަން ޖެހެ އެވެ. މީގެ ތެރޭގައި ގިނައީ ބޮލީވުޑްގައި އޮންނަ ތަފާތު ކުރުންތަކާ ދެކޮޅަށް އެންމެ ބޮޑަށް އަޑު އުފުލާ ފަންނާނުންނެވެ. ޚާއްސަކޮށް ކަންގަނާ ރަނާވަތުގެ މަގްބޫލުކަން އިތުރުވެ ސޯޝަލް މީޑިއާގައި އޭނާ ފޮލޯކުރާ މީހުންގެ އަދަދު މި ދެ ދުވަހެއް ތެރޭ މިލިއަނުން އިތުރުވެފައި ވެއެވެ.

ސުޝާންތުގެ މަރާ ގުޅިގެން ކަންގަނާ ވަނީ ސޯޝަލް މީޑިއާގައި ވަރަށް ވަރުގަދަ ވީޑިއޯ މެސެޖެއް ޝެއާކޮށް ބޮލީވުޑްގެ ބައެއް ތަރިންނަށް ވަރަށް ބޮޑަށް ފާޑުކިޔާ ސުޝާންތު މަރަށް އެމީހުން ޒިންމާ ނަގަން ޖެހޭނެ ކަމަށް ބުނެ ވާހަކަ ދައްކާފަ އެވެ. އަދި ބޮލީވުޑްގެ އެވޯޑު ޝޯތަކުގެ އިންސާފު ވެރިކަމާ މެދު ވެސް ކަންގަނާ ވަނީ ވަރަށް ބޮޑަށް ސުވާލު އުފައްދާފަ އެވެ. އެންމެ ފަހުން ބޭއްވި އެވޯޑް ޝޯތަކުގައި ވެސް "ގަލީ ބޯއީ" އަށް މޮޅު ފިލްމުގެ އެވޯޑާއި އެފިލްމުގެ ތަރިންނަށް ގިނަ އެވޯޑުތަކެއް ލިބިފައިވާއިރު އެއަށްވުރެ ސުޝާންތުގެ "ޗިޗޯރޭ" މާ މޮޅު ކަމަށް ކަންގަނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި "ޗިޗޯރޭ" އަކީ ފާއިތުވީ އަހަރު ރިލިޒްކުރި އެންމެ މޮޅު ފިލްމެވެ. ނަމަވެސް އެ ފިލްމަށް ހައްގު މަގާމު ނުލިބުނީ އެ ފިލްމުގެ ބަތަލަކީ ސުޝާންތު ކަމަށް ވާތީ ކަމަށް ކަންގަނާ ތުހުމަތު ކުރި އެވެ.

ކަންގަނާގެ މި ވީޑިއޯ ވައިރަލް ވުމާއެކު އިންސްޓަގްރާމްގައި އޭނާ ފޮލޯކުރާ މީހުންގެ އަދަދު 1.47 މިލިއަން އިތުރުވެފައި ވެއެވެ. ސުޝާންތުގެ ކުރީގެ ލޯބިވެރިއެއް ކަމަށް ބެލެވިފައިވާ އަދި އޭނާގެ "ރާބްތާ" ކޯސްޓާ ކްރީތީ ސެނޯން ފޮލޯ ކުރާ މީހުން ވެސް ވަރަށް ބޮޑަށް އިތުރުވެފައި ވެއެވެ. އެގޮތުން ކްރީތީ އިންސްޓަގްރާމްގައި ފޮލޯ ކުރާ މީހުންގެ އަދަދު 291000 ވަނީ އިތުރުވެފަ އެވެ. ކްރީތީ އާއި ދާދި އެއްވަރަކަށް ސުޝާންތުގެ އެންމެ ފަހުގެ ފިލްމު "ޗިޗޯރޭ"ގައި އޭނާއާއެކު ލީޑް ރޯލު ކުޅުނު ޝްރައްދާ ކަޕޫރުގެ މަގްބޫލުކަން ވެސް އިތުރުވި އެވެ. އިންސްޓަގްރާމްގައި ޝްރައްދާ ފޮލޯ ކުރާ މީހުން 270،000 އަށް މި ފާއިތުވީ ދެ ދުވަސް ތެރޭ އިތުރުވެފައި ވެއެވެ.

ކްރީތީ އާއި ޝްރައްދާ އަށް ގިނަ ބަޔެއްގެ ލޯބި ލިބުނީ ސުޝާންތުގެ ޖަނާޒާއަށް ދިޔަ މަދު ބޮލީވުޑް ތަރިންގެ ތެރޭގައި މި ދެ ތަރިން ހިމެނޭތީ އެވެ. ސުޝާންތުގެ މަރާ ގުޅިގެން ސޯޝަލް މީޑިއާގައި އަސަރު ގަދަ ޕޯސްޓުތައް ޝެއާ ކުރި ގިނަ ފަންނާނުންނަކީ ފޭކް ބައެއް ކަމަށް ގިނަ ބަޔަކު ވަނީ ތުހުމަތު ކޮށްފަ އެވެ.

ސޯޝަލް މީޑިއާގައި ދެއްކުންތެރިކަން އިސްނުކޮށް ސުޝާންތުގެ ޖަނާޒާގައި ބައިވެރިވެ އޭނާއަށް އެންމެ ފަހުގެ އިހްތިރާމް އަދާކުރީތީ ގިނަ ބަޔަކު ވަނީ ކްރީތީ އާއި ޝްރައްދާ އަށް ތައުރީފުކޮށް ސުޝާންތަށް ހެޔޮ އެދޭ އޭނާގެ ހަގީގީ އެކުވެރިންނަކީ އެއީ ކަމަށް ބުނެފަ އެވެ.

ސުޝާންތުގެ ލޯބިވެރިޔާ ކަމަށް ބުނެވޭ ރިއާ ޗަކްރަބަތީ އަށް ވެސް ގިނަ ބައެއްގެ ލޯބި ވަނީ ލިބިފަ އެވެ. ރިއާގެ އިންސްޓަގްރާމްގައި އޭނާ ފޮލޯކުރާ މީހުންގެ އަދަދު 212000 އަށް އިތުރު ވެފައި ވެއެވެ.