ފިނިޕޭޖް

އާލިއާ، ރަންވީރު، ޖާޔާ، ދަރުމެންދުރަ، ޝަބާނާގެ ފިލްމެއް

ކަރަން ޖޯހަރް ޑައިރެކްޓް ކުރާ އާ ފިލްމެއް އިއްޔެ ވަނީ އިއުލާން ކޮށްފަ އެވެ. "ރޮކީ އައުރު ރާނީ ކީ ޕްރޭމް ކަހާނީ" ގައި ވަރަށް މަޝްހޫރު ގިނަ ތަރިންތަކެއް ހިމެނެ އެވެ. މި ފިލްމުގައި ޒުވާން ލޯބީގެ ޖޯޑެއްގެ ރޯލު ކުޅޭނީ ރަންވީރު ސިންގް އާއި އާލިއާ ބަޓެވެ.

ދަރުމެންދުރަ އާއި ޖާޔާ ބައްޗަން އަދި ޝަބާނާ އަޒުމީ ވެސް ވަރަށް މުހިއްމު ރޯލު ތަކެއް މި ފިލްމުގައި ކުޅޭނެ ކަމަށް ކަރަން ޝެއާ ކުރި މެސެޖެއްގައި ބުނެފައި ވެއެވެ.

ރަންވީރުގެ އުފަން ދުވަހާ ދިމާކޮށް ކަރަން އިއުލާންކުރި މި ވަރުގަދަ ފިލްމުގައި ބައިވެރި ކޮށްފައި ވަނީ އޭނާގެ އެންމެ ފޭވަރިޓް އެކްޓަރުން ކަމަށް ކަރަން ކުރި ޓުވީޓެއްގައި ބުނެފައި ވެއެވެ.

ރަންވީރު ވެސް އިއްޔެ ވަނީ މި ފިލްމުގެ ޕޯސްޓަރެއް ޝެއާކޮށް ފިލްމުގައި ބައިވެރިވާކަން އިއުލާން ކޮށްފަ އެވެ. މި ފިލްމުގެ ވާހަކަ ލިޔެފައިވަނީ އިޝީތާ މޮއިތުރާ އާއި ޝަޝާންކް ޚައިތާން އަދި ސުމިތު ރޯއީ އެވެ.

މިއީ ފިލްމެއް ޑައިރެކްޓް ނުކުރާތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ކަރަން ޑައިރެކްޓްކުރާ ފިލްމެކެވެ.

ކަރަންގެ ގިނަ ފިލްމުތަކުގައި އާއިލީ ގުޅުންތަކުގެ މައްޗަށް ވަރަށް ބޮޑަށް އަލި އަޅުވާލަފައި ހުރެ އެވެ. އެގޮތުން މިފަހަރުގެ ފިލްމަކީ ވެސް އާއިލީ ގުޅުންތައް ވަރަށް ބޮޑަށް ފެނިގެންދާނެ އަސަރުގަދަ ފިލްމަކަށް ވާނެކަމަށް އޭނާ ބުނެފައި ވެއެވެ.