ބޮލީވުޑް

އާލިއާގެ މާމަގެ ރޯލަށް ޝަބާނާ 10 ކިލޯ ލުއިކޮށްފި

ކަރަން ޖޯހަރް ޑައިރެކްޓްކުރާ "ރޮކީ އައުރު ރާނީ ކީ ޕްރޭމް ކަހާނީ" 2023 ގެ ފެބްރުއަރީ 10 ގައި ރިލިޒް ކުރާނެކަން ދާދިފަހުން ވަނީ އިއުލާން ކޮށްފަ އެވެ. މި ފިލްމުގައި ލީޑް ރޯލު ކުޅެނީ ރަންވީރު ސިންގް އާއި އާލިއާ ބަޓް އެވެ. ނަމަވެސް ފިލްމުގެ ރޫހަކީ ކުރީގެ މަޝްހޫރު ތިން އެކްޓަރުން ކަމަށްވާ ޖާޔާ ބައްޗަން އާއި ޝަބާނާ އަޒްމީ އަދި ދަރުމެންދުރާ އެވެ. އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ހިންދީ ގިނަ ފިލްމުތަކުގައި ދައްކަނީ ޒުވާން ކުދިންގެ ލަވް ޓްރައިންގަލް ތައް ނަމަވެސް މި ފިލްމުގައި ފެންނާނީ ދުވަސްވީ ތިން މީހެއްގެ ތިނެސްކަން ލޯބި ކަމަށެވެ.

މި ފިލްމުގައި އެންމެ ރޮމެންޓިކް ބައެއް ކުޅެނީ ދަރުމެންދުރާ އެވެ. އޭނާ އުޅެނީ ޖާޔާ އާއި ޝަބާނާ އާ ދެމީހުންގެ ލޯބި ހޯދާށެވެ. މި ފިލްމުގައި ޝަބާނާ ކުޅެނީ އާލިއާގެ މާމަގެ ބައެވެ. މި ރޯލަށް ފިޓްވާން ޝަބާނާ ވަނީ އޭނާގެ ބަރުދަނުން 10 ކިލޯ ލުއި ކޮށްފަ އެވެ.

"މިއީ އާދައިގެ މާމައެއްގެ ރޯލެއް ނޫން. ވަރަށް ޒަމާނީ ފެޝަނަށް ލޯބިކުރާ މަތީ ޚާންދާނެއްގެ މާމައެއް. އަހަރެންގެ ހެދުންތައް ތައްޔާރު ކޮށް ދިނީ މަނީޝް މަލްހޯތުރާ،" ޝަބާނާ ބުންޏެވެ.

ޝަބާނާގެ ބަރުދަން ލުއިކޮށް ފިޓްވާން ޖެހުނީ އޭނާ ކުޅޭ ކެރެކްޓާގެ ގޮތުންނެވެ.

"ރޮކީ އައުރު ރާނީ ކީ ޕްރޭމް ކަހާނީ" ގައި ޖާޔާ ކުޅެނީ ރަންވީރުގެ މާމަގެ ރޯލެވެ. ޖާޔާގެ ރޯލުގައި ތަންކޮޅެއް ކޮމެޑީ ބައި ބޮޑެވެ. ޖާޔާގެ ކެރެކްޓާ އަކީ ފޮނިއެއްޗެތި ތައްޔާރުކޮށް ވިއްކާ، އަޑުގަދަ މީހެކެވެ. މަޖާ ޖޯކު ކިޔާފައި އަމިއްލައަށް ބާރަށް ހުނުމާއި އެހެން މީހުން ހެއްވުމަކީ ޖާޔާގެ ކެރެކްޓާގެ ޚާއްސަ ސިފަ ތަކެވެ.

ޖާޔާ ބުނި ގޮތުގައި މިއީ އޭނާގެ ކެރިއަރުގައި ވެސް ކުޅޭ އެންމެ މަޖާ ކެރެކްޓާ އެވެ. އަދި ސީރިއަސް ރޯލެއް ނުދީ އޭނާއަށް ހެއްވާ މަޖާ ކޮމެޑީ ކުޅެލާނެ ފުރުސަތު ކަރަން މިފަހަރު ދިނީތީ ޖާޔާ ހުރީ ވަރަށް އުފާވެފަ އެވެ.

މި ފިލްމުގެ ޝޫޓިން މިހާރު ދިއްލީގައި ކުރިޔަށް އެބަ ދެއެވެ. ލަވަތައް ފަރާ ޚާން ކޯރިއޮގްރާފް ކޮށްދޭއިރު ހެދުންތައް ޑިޒައިން ކުރަނީ މަނީޝް އެވެ. މި ފިލްމުގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ސައިފް އަލީ ޚާނާއި އަމްރިތާ ސިންގްގެ ދަރިފުޅު އިބްރާހީމް އަލީ ޚާން މަސައްކަތް ކުރެ އެވެ.