ބޮލީވުޑް

"ތުމް ކިޔާ މިލޭ" ލަވައިގެ ކްރެޑިޓް ޝްރެޔާ އަށް ނުލިބޭ

ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް ޑައިރެކްޓްކޮށްފައިވާ އާލިއާ ބަޓް އާއި ރަންވީރު ސިންގް ލީޑް ރޯލު ކުޅޭ "ރޮކީ އައުރު ރާނީ ކީ ޕްރޭމް ކަހާނީ"ގެ ފުރަތަމަ ލަވަ އިއްޔެ ވަނީ ރިލީޒްކޮށްފައި ވެއެވެ. މި ރޮމެންޓިކް ޓްރެކް 'ތުމް ކިޔާ މިލޭ" އަކީ އަރިޖީތު ސިންގް އާއި ޝްރެޔާ ގޯޝާލް ކިޔާދީފައިވާ ވަރަށް ރީތި ލަވަ އެކެވެ.

ނަމަވެސް މި ލަވައިގެ ކްރެޑިޓް ޝްރެޔާ އަށް ނުދީ އޭނާއާ ދޭތެރޭ ގޯސްކޮށް ކަރަން ޖޯހަރް ކަންތައް ކޮށްފައިވާ ކަމަށް ޝްރެޔާގެ ފޭނުން ސޯޝަލް މީޑިއާގައި ޝަކުވާ ކުރަމުން އެބަ ދެއެވެ. ޚުދް ޝްރެޔާ ވެސް މިކަމާ ހިތްހަމަނުޖެހިފައި ހުރިކަން ޔަގީން ވީ ފޭނަކު މިފަދަ ޝަކުވާއެއް ކޮށް ކޮށްފައިވާ ޓުވީޓެއް ޝްރެޔާގެ ރަސްމީ އެކައުންޓުން ރިޓުވީޓް ކޮށްފައި ވާތީ އެވެ. މިއީ ނުސީދާކޮށް ޝްރެޔާ އެ ވާހަކަ އަށް ތާއީދުކުރުމެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

ކަރަންގެ ކުރީގެ ފިލްމެއް ކަމަށްވާ "ކަލަންކް"ގެ 'ގަރް މޯރެ ޕަރްދޭސިޔާ' ކިޔައިދީގެން އެތައް އެވޯޑެއް ހާސިލުކޮށްފައިވާ ޝްރެޔާ ވަނީ ދަރްމާ ޕްރޮޑަކްޝަންގެ ވަރަށް ގިނަ ފިލްމުތަކަށް ލަވަ ކިޔައިދީފަ އެވެ.

ޝްރެޔާ މި ޝަކުވާ ކުރީ "ތުމް ކިޔާ މިލޭ"ގެ ކްރެޑިޓް އަރިޖީތު އަށާއި މިއުޒިކް ޑައިރެކްޓަރު ޕްރީތަމް އަދި ލިރިސިސްޓް އަމީތާބު ބަޓާޗާރިޔާ އަށް އެކަނި ދީފައިވާތީ އެވެ. މި ކްރެޑިޓްގައި އެއްގޮތަކަށް ވެސް ޝްރެޔާގެ ނަމެއް ނެތެވެ. ނަމަވެސް މި ލަވައިގައި އާލިއާ ކިޔާ ބައިތައް ރެކޯޑްކޮށްފައިވަނީ ޝްރެޔާގެ އަޑުންނެވެ.

ޝްރެޔާގެ ނަން މި ލަވައިގެ ކްރެޑިޓްގައި ނުހިމެނި ވަނީ ހަނދާން ނެތިގެންކަމެއް ނުވަތަ ގަސްތުގައި ކަމެއް އަދި އޮޅުމެއް ނުފިލަ އެވެ. ކަރަން އާ ދެކޮޅަށް މި ދެކެވޭ ވާހަކަތަކަށް އަދި އޭނާ ޖަވާބުދާރީ ވެފައެއް ވެސް ނުވެ އެވެ.

"ރޮކީ އައުރު ރާނީ ކީ ޕްރޭމް ކަހާނީ" އަކީ ހަތް އަހަރު ވަންދެން ފިލްމު ޑައިރެކްޓްކުރުމުގެ މަސައްކަތާ ދުރުގައި ހުރުމަށްފަހު ކަރަން އުފެއްދި ފިލްމެކެވެ. މިއީ ކަރަންގެ "ކަބީ ޚުޝީ ކަބީ ޣަމް" ފަދަ އާއިލީ ގުޅުންތައް ދައްކާ ވަރަށް ރީތި ފިލްމަކަށް ވާނެކަމަށް މިހާރުއްސުރެ ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އަންނަ ޖުލައި މަހުގެ 28 ވަނަ ދުވަހު ރިލީޒްކުރަން ތައްޔާރުވަމުންދާ މި ފިލްމުން އާލިއާ އާއި ރަންވީރުގެ އިތުރުން ޖާޔާ ބައްޗަން އާއި ދަރުމެންދުރަ އަދި ޝަބާނާ އަޒްމީ ވެސް މި ފިލްމުގެ މުހިއްމު ރޯލުތަކުން ފެންނާނެ އެވެ.