ބޮލީވުޑް

ރޮކީ އައުރު ރާނީ ކީ ޕްރޭމް ކަހާނީ: އާލިއާ އަށް ޚާއްސަ ފިލްމެއް

ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް ޑައިރެކްޓްކޮށްފައިވާ "ރޮކީ އައުރު ރާނީ ކީ ޕްރޭމް ކަހާނީ"ގެ ޓީޒާ އިއްޔެ ލޯންޗުކޮށްފި އެވެ.

ރަންވީރު ސިންގް އާއި އާލިއާ ބަޓް ލީޑް ރޯލު ކުޅެފައިވާ މި ފިލްމުގެ ފުރަތަމަ އިޝްތިހާރުގައި އެންމެ ފާހަގަކޮށްލެވުނު އެއް ކަމަކީ އާލިއާ ސާޅި ބަދަލުކުރިލެއް ގިނަ ކަމެވެ. އެއް މިނިޓް 16 ސިކުންތުގެ މި ޓީޒާގައި އާލިއާ 20 ސާޅި ބަދަލުކޮށްފައި ވެއެވެ. އެހެންކަމުން އާލިއާ ލައިގެން ކަރަން އުފައްދާ ކޮންމެ ފިލްމެއްގައި ކަރަންގެ ޚާއްސަ ސަމާލުކަމެއް އާލިއާ އަށް ދޭ ގޮތަށް މި ފިލްމުގައި ވެސް ކަރަންގެ ހުރިހާ ފޯކަސް އެއް އަމާޒުވެފައި ވާނީ އާލިއާ އަށް ކަން ޓީޒާ ބަލާލުމުން ޔަގީން ކުރެވެ އެވެ.

އާލިއާ ބޮލީވުޑަށް ތައާރަފްކުރީ އަދި އޭނާގެ ފިލްމީ ކެރިއަރު މިހާ ހިސާބަށް ގެންނަން ކަރަން ވަރަށް ގިނަ ގުނަ މަސައްކަތްތަކެއް ކަރަން ކޮށްފައި ވެއެވެ.

ކަރަންގެ އެހީތެރިކަން ނުލިބުނަސް އާލިއާގެ އެކްޓިން ހުނަރުން އޭނާއަށް ބޮލީވުޑްގައި ރަނގަޅު ކެރިއަރެއް ބިނާ ކުރެވޭނެކަމަށް އެންމެންވެސް ގަބޫލު ކުރެ އެވެ. އަދި އާލިއާ ވަނީ ގިނަ ފިލްމުތަކެއްގައި އަދަޔާޚިލާފު މޮޅަށް ޕާފޯމްކޮށް އޭނާއަކީ ގާބިލް، ހުނަރުވެރި ބަތަލާއެއްކަން ސާބިތުކޮށްދީފަ އެވެ.

މިދިޔަ އަހަރު ރިލީޒްކުރި އާލިއާގެ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ގަންގޫބާއީ ކަތިއަވަޅީ" އާއި "ބްރަމަސްތުރަ" އަދި ނެޓްފްލިކްސްގައި ރިލީޒްކުރި އޭނާގެ ފިލްމު "ޑާލިންގް" އަކީ އާލިއާގެ ހުނަރު ކިތަންމެ ރަނގަޅަކަށް ވެސް ފެނިފައިވާ ފިލްމުތަކެވެ. އަދި އޭނާ ވަރުގެ ކުޅަދާނަ ބަތަލާއަކު މުޅި ހިންދީ ފިލްމު އިންޑަސްޓްރީގައި ވެސް ނެތްކަން މި ފިލްމުތަކުން އާލިއާ ވަނީ ސާބިތުކޮށްދީފަ އެވެ.

އަންނަ ޖުލައި މަހުގެ 28 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ "ރޮކީ އައުރު ރާނީ ކީ ޕްރޭމް ކަހާނީ"ގައި އާލިއާ އާއި ރަންވީރުގެ އިތުރުން ދަރުމެންދުރަ، ޖާޔާ ބައްޗަން، ޝަބާނާ އަޒްމީ ވެސް މުހިއްމު ރޯލު ތަކަކުން ފެންނާނެ އެވެ.

މި ފިލްމު ރިލީޒްކުރާތާ އެންމެ 15 ދުވަހުގެ ތެރޭގައި އާލިއާގެ ފުރަތަމަ ހޮލީވުޑް ފިލްމު "ހާޓް އޮފް ސްޓޯން" ވެސް ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ. މިއީ ހޮލީވުޑް ތަރިން ކަމަށްވާ ގަލް ގެޑޯޓް އާއި ޖެމީ ޑޯނަން ވެސް ބައިވެރިވާ ފިލްމެކެވެ. މި ފިލްމުގައި އާލިއާ ކުޅެނީ ނުބައިބައި ކަމަށް ބައެއް ޚަބަރުތައް ބުނެ އެވެ.