ބޮލީވުޑް

ކަރަންގެ އާ ފިލްމަކީ ލަވް ޓްރައިންގަލް އެއް!

ޑައިރެކްޓަރެއްގެ ގޮތުގައި ކަރަން ޖޯހަރް އުފައްދާ އާލިއާ ބަޓް އާއި ރަންވީރު ސިންގް ލީޑް ރޯލު ކުޅޭ "ރޮކީ އައުރު ރާނީ ކީ ޕްރޭމް ކަހާނީ" ރިލީޒްކުރާ ދުވަސް އިއުލާން ކޮށްފި އެވެ. އަންނަ އަހަރު ފެބްރުއަރީ 10، 2023ގައި މި ފިލްމު ރިލީޒްކުރާނެކަން އިއުލާން ކުރުމަށް ކަރަން ޝެއާ ކުރި ފިލްމުގެ ފަރުދާގެ ފުރަގަހުގެ މަންޒަރުތަކެއް ހިމެނޭ ވީޑިއޯ އިން ހާމަވެފައިވާގޮތުގައި މިއީ ކުރިން ކަރަން އުފައްދާ ފިލްމުތައް ކަހަލަ ބިޔަ، ބޮޑު އަދި ރީތި ސެޓުތަކެއްގައި ޝޫޓްކޮށްފައިވާ ފިލްމެކެވެ. އަދި މި ވީޑީއޯގައި ރަންވީރުގެ ރޮކީ ކެރެކްޓާ އާއި އާލިއާގެ ރާނީ ކެރެކްޓާ ވެސް ތައާރަފްކޮށްފައި ވެއެވެ.

މި ވީޑިއޯގައި ޖާޔާ ބައްޗަން ވެސް ފެނެ އެވެ. ޖާޔާ ފެނުމުން ބޮޑަށް ހަނދާން އާވަނީ ކަރަން ތަންކޮޅެއް ކުރިން ޑައިރެކްޓްކުރި "ކަބީ ޚުޝީ ކަބީ ޣަމް"ގައި ޖާޔާ ކުޅެފައިވާ ކެރެކްޓާ އެވެ. އަދި ދަރުމެންދުރަގެ ކެރެކްޓާ ވެސް ވަރަށް ޝައުގުވެރިކަން މި ވީޑިއޯ ބަލާލުމުން ޔަގީން ކުރެވެ އެވެ. އަދި ޝަބާނާ އަޒްމީ އަށް ވެސް މި ފިލްމުގައި ވަރަށް މުހިއްމު ރޯލެއް ކުޅެން ލިބިފައި ވެއެވެ.

ކަރަން ޝެއާ ކުރި ވީޑިއޯގައި ފިލްމުގެ މުހިއްމު އެއް ލަވައިގެ ޝޫޓިންގެ ބައެއް މަންޒަރުތައް ވެސް ހިމަނާފައި ވެއެވެ.
މި ފިލްމުގައި ދަރުމެންދުރަ އާއި ޝަބާނާ އަޒްމީ ކުޅެނީ އާލިއާގެ މާމަ އާއި ކާފަގެ ރޯލެވެ. ޖާޔާ ކުޅެނީ ރަންވީރުގެ މާމަގެ ރޯލެވެ.

"ރޮކީ އައުރު ރާނީ ކީ ޕްރޭމް ކަހާނީ"ގެ ޕްރެމިއާ ވީޑިއޯ

"ރޮކީ އައުރު ރާނީ ކީ ޕްރޭމް ކަހާނީ"އަކީ ކަރަންގެ ކުރީގެ ފިލްމުތަކުގައި ހުރި ހުރިހާ ފޮނިތޮށި ކާފޫރުތޮޅިއެއް އަޅައިގެން ތައްޔާރުކުރާ ފިލްމެއް ކަން ވެސް މި ވިޑިއޯ ބެލުމުން ޔަގީން ކުރެވެ އެވެ.

ފިލްމުގައި ކުރީގެ މަޝްހޫރު ތިން އެކްޓަރަކު ބައިވެރިފައިވާއިރު ބޮޑަށް ބެލެވެނީ މި ފިލްމު ވާނީ މި ތިން އެކްޓަރުންގެ ލަވް ޓްރައިންގަލް އަކަށް ކަމަށެވެ.