ހަބަރު

އިންތިގާލީ އިންސާފާއި ފުލުހުންގެ ބިލު މި މަހު ކޮމިޓީން ނިންމަނީ

Oct 6, 2020
1

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ މަރުހަލާގައި މިހާރު އޮތް ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލާއި އިންތިގާލީ އިންސާފުގެ ބިލް މި މަހުގެ ނިޔަލަށް ނިންމަށް ސުންގަނޑި ކަނޑައަޅައިފި އެވެ.

މަޖިލީހުގެ ގަވައިދުގެ ދަށުން ކޮމިޓީތަކުން ސުންގަނޑި ކަނޑައަޅާފައިވާ ޖުމްލަ 12 މަސައްކަތެއް މި މަހުގެ ނިޔަލަށް ނިންމުމަށް ސުންގަނޑި ކަނޑައަޅާފައިވާކަމަށް މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އިއުލާނުކުރެއްވި އެވެ.

މި ގޮތުން، ސުންގަނޑި ކަނޑައެޅި މަސައްކަތްތަކުގެ ތެރޭގައި މިނިމަމް ވޭޖް ކަނޑައެޅުމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީން ފޮނުވާފައިވާ މައްސަލަ މި މަހުގެ ނިޔަލަށް ނިންމުމަށް ވަނީ ކަނޑައަޅައިފަ އެވެ.

އަދި ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލާއި އިންތިގާލީ އިންސާފުގެ ބިލުގެ އިތުރުން ތަފާސް ހިސާބުގެ ބިލު ވެސް މިމަހުގެ 31 ވަނަ ދުވަހުގެ ކުރިން ނިންމުމަށް ކޮމިޓީން ވަނީ ކަނޑައަޅައިފަ އެވެ.

މީގެ އިތުރުން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ތިން މެމްބަރަކު އައްޔަނު ކުރުމަށް ނަންތައް ދިރާސާކޮށް މި މަހުގެ 11 ވަނަ ދުވަހަށް ނިންމުމަށް ތާވަލުކޮށްފައިވާއިރު، ބްރޯޑްކާސްޓިންގް ކޮމިޝަނުން ޒީނާ ޒާހިރު ވަކި ކުރުމުގެ މައްސަލަ މި މަހުގެ 18 އަށް ނިންމުމަށް ވަނީ ކަނޑައަޅައިފަ އެވެ.

މަޖިލީހުގެ ތިން ވަނަ ދައުރު އިއްޔެ ފެށިފައިވާއިރު، ސަރުކާރުގެ ފަރާތުން 28 ބިލެއް ހުށައެޅުމަށް ނިންމާފައިވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފަ އެވެ.