ފިލްމީ މަސައްކަތަށް ނުކުތުމުގެ ކުރިން ނުޒުހަތު ޝުއައިބު (ނުޒޫ) ގެ ހުރިހާ ވަގުތެއްހެން ހުސް ކުރީ ނެށުމަށެވެ. "އެނިމޭޝަން ގްރޫޕް" އާއެކު ނަށަމުން އައިސް ފިލްމީ ސްކްރީނުން ނުޒޫ ފުރަަތަމަ ފެނުނީ "މަލިކާ" އިންނެވެ. އެ ފިލްމުން ނުޒޫގެ ކުޅަދާނަކަން ދައްކާލި އެވެ. "މަލިކާ" ރިލީޒް ވުމުގެ ކުރިން ވެސް ނުޒޫއަށް ތިން ފިލްމަކުން ފުުރުސަތު ލިބުނެވެ. ނަމަަވެސް ފުރަތަމަ ފިލްމު ރިޒީލްވެ އާންމުންގެ ކޮމެންޓްތަކަށް ބެލުމަށް ނުޒޫ މަޑުކޮށްލައިގެން ހުރީ އެވެ. އެ ފުރުސަތުގެ ބޭނުން ނުހިފާ ދޫކޮށްލީ އެހެން ވެގެނެވެ.
"މަލިކާ" އާއެކު ނުޒޫގެ ތަރި ފިލްމީ އުދަރެހުން އަރައިގެން ގޮސް ޑައިރެކްޓަރުންގެ ނަޒަރު ހުއްޓުނެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޑައިރެކްޓަރުންގެ ފޭވަރިޓް ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދިއެވެ. ދެހާސް ސަތާރާގައި "މަލިކާ" ރިޒީލްވި ފަހުން ސްކްރީނަށް އައި ގިނަ ފިލްމުތަކުން ނުޒޫ ފެނުނެވެ. އެއީ ވަރަށް ބޮޑު ކާމިޔާބީއެކެވެ. ކުރު މުއްދަތެއްގެ ތެރޭ އެންމެ ކުޅަދާނަ އެކްޓްރެސްއިންގެ ތެރޭގައި ނުޒޫ ހިމެނުމަކީ އެއަށްވުރެ ބޮޑު ކާމިޔާބީ އެވެ.
ކޮވިޑްގެ ބަލިމަޑުކަމުގައި ފިލްމީ މަސައްކަތްތައް މަޑުޖެހުނު އަހަރަށް 2020 ވީ ނަމަވެސް ނުޒޫއަށް މި އަހަރު ވެސް މަސައްކަތް ބުރަ އެވެ. އިލްޔާސް ވަހީދުގެ ދެވަނަ ފީޗާ ފިލްމު "ނީނާ" އަކީ މިއަހަރު ރިލީޒް ކުރުމަށް މަސައްކަތް ކުރި ފިލްމެކެވެ. މިއީ ނުޒޫގެ ވެސް ޑްރީމް ޕްރޮޖެކްޓެވެ. ދިވެހި ސްކްރީނަށް އަންނާނެ ވަރަށް ތަފާތު ފިލްމަކަށް "ނީނާ" ވެގެންދާނެ އެވެ.
މި ފިލްމަށްޓަކައި ނުޒޫ ވަނީ މާޝަލް އާޓްސް ދަސްކޮށްފަ އެވެ. ޖިމަށް ގޮސް ހަށިގަނޑަށް ބޮޑު ބަދަލެއް ގެނަން ޖެހުނެވެ. އަދި ނުޒޫގެ އިސްތަށިގަނޑު ކޮށާލައި ލުކް މުޅިން ބަދަލުކޮށްލަން ވެސް ޖެހުނެވެ. މުޅި އެ ފިލްމުގައި ނުޒޫ ތިން ލުކެއްގައި ފެންނާނެ އެވެ. ނުޒޫ ބުނި ގޮތުގައި "ނީނާ" ގައި ދައްކުވައިދޭން ޖެހޭ ކެރެކްޓާގެ ސަބަބުން ކިތަންމެ ފަހަރަކު އޭނާއަށް ރޮވުނެވެ.
"އެންމެ ތަފާތު ފިލްމަކަށްވާނެ ނީނާ. ނީނާ ފިލްމު ބަލާލީމަ އެކަން އެނގޭނެ. މިއީ ނުޒޫއަށް ވެސް ވަރަށް ގިނަ ފިލާވަޅުތައް ލިބުނު ފިލްމެއް. އަދި މިއީ މުޅި މުޖްތަމައުއަށް ބިނާކޮށް ހަދާފައިވާ ފިލްމަކަށްވާތީ އެންމެނާވެސް މި ފިލްމު ގުޅޭނެ،"
ކްރައިމް ތުރީލާ، "ނީނާ" މަސައްކަތް މުޅިހެން އޮތީ ނިމިފައެވެ. ފިލްމަށް ޑައިރެކްޓަރު އިއްލެގެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް އެބައޮތެވެ. ހާއްސަކޮށް ނުޒޫގެ އެކްޓިންއާމެދު އިއްލެ ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ.
"ވަރަށް އުފާވި ފިލްމުގެ މަންޒަރުތައް ބަލާފައި އިއްލެ ކުރި ކޮމެންޓުން. ވަރަށް ހިތްހަމަ ޖެހިފައި އިއްލެ ހުރީ،"
މިދިޔަ އަހަރުގެ ފިލްމުތަކުގެ ތެރެއިން ބެލުންތެރިންގެ އެންމެ މަގުބޫލް އެއް ފިލްމަކަށްވީ "ބަވަތި" އެވެ. އެ ފިލްމް ހިޓަކަށްވުމުގައި ވެސް ނުޒޫގެ ދައުރު މުހިންމެވެ. މުޅި ފިލްމުގައި ނުޒޫ ދައްކުވައިދިން އެކްޓިންއަށް ވަރަށް ގިނަ ބަޔަކު ތައުރީފް ކުރިއެވެ. ނުޒޫގެ ހުނަރުވެރިކަން ފެނުނު ފިލްމުތަކުގެ ތެރޭގައ "ނޯޓީ 40" އާއި "ވަކިން ލޯބިން" އަދި "ލީނާ" ވެސް ހިމެނެ އެވެ.
ނުޒޫގެ ކުރިއަށްވެސް މުހިންމު މަސައްކަތްތަކެއް އެބަހުއްޓެވެ. "ނީނާ" ގެ މަސައްކަތް މިހާރު މުޅިން ނިމިފައިވާއިރު ޑާކްރެއިންގެ "ބަޅިނދު"ގެ ޝޫޓިން މިހާރު ވަނީ ފަށާފަ އެވެ. އަދި އެ ސްޓޫޑިއޯއިން ފަށާ ވެބްސީރީޒް "ހަށިވާ" ގައި ނުޒޫ ފެންނާނެ އެވެ.
"ބަޅިނދު ގައިވެސް ފެންނާނީ ވަރަށް ތަފާތު ރޯލަކުން. އަޅުގަނޑު ވަރަށް ބޭނުން ތަފާތު ރޯލްތަކުން ފެންނަން،"
ކައިވެންޏަށްފަހުވެސް ފިލްމީ މަސައްކަތުގައި
ނުޒޫ ވަނީ މިއަހަރު ކައިވެނި ވެސް ކޮށްފަ އެވެ. ޖެނުއަރީ 12 ވަނަ ދުވަހު ނުޒޫ ކައިވެނިކޮށްފައި ވަނީ ލަވަކިޔުންތެރިއެއް ކަމަށްވާ އަބްދުﷲ ޝަފީއު (ރިޗަޑް) އާ އެވެ. ކައިވެންޏަށްފަހު ވެސް ނުޒޫގެ ވިސްނުން ހުރީ ފިލްމީ މަސައްކަތާއެކު ކުރިއަށް ދާށެވެ.
"ހަމަ ވަރަށް ހެޕީކޮށް މި އުޅެނީ. އަލްހަމްދުﷲ،"
ފިލްމީ މަސައްކަތަކީ ނުޒޫގެ ހަޔާތުގެ މުހިންމު މަސައްކަތަކަށް ވާތީ ކައިވެނީގެ ކުރިން ވެސް ރިޗަޑްއަށް ނުޒޫ ކުރީ އެންމެ ޝަރުތެކެވެ. އެއީ އެ ދާއިރާއިން ކުރިއަށް ދިއުމަށް ފުރުސަތު ދިނުމެވެ. އެއާއެކު ފިރިމީހާއަށް އިތުރު ޔަގީން ކަމެއް ވެސް ދިނެވެ. އެއީ ގޯސް އަޑެއް އޭނާގެ ފުށުން ނާރާނެ ކަަމުގެ ޔަގީން ކަމެވެ. ފިލްމީ ދާއިރާއަކީ ވެސް ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރެވޭނެ ދާއިރާއެއްކަން ސާބިތު ކޮށްދޭނެ ކަމެވެ.
"ނުޒޫ ރިޗަޑް ކައިރީގައި ބުނިން މިއީ [ފިލްމީ މަސައްކަތަކީ] ވަރަށް ލޯބިވާ ކަމެކޭ. އެއީ ނުޒޫ ގަބޫލުކުރާ ގޮތުގައި ތިމާ ކުރާ މަސައްކަތެއް ތިމާ ދޫކޮށްފައި ނުދާނޭ ތިމާ އެ މަސައްކަތަކަށް ފަރުވާތެރިވާހާ ހިނދަކު. އެކަމަކު މީހަކު ހިނގައިދާނެ އެއްވެސް ސަބަބެއް ނެތިވެސް. އެހެންވީމަ މީހަކަށް ޑިޕެންޓްވުމަށްވުރެ އެކުރާ މަސައްކަތެއްގައި ދެމި ހުރުން ވަރަށް މުހިންމޭ. އެހެންވީމަ ވަރަށް ސަޕޯޓިވް މީހެކޭ ބޭނުންވަނީ. ރިޗަޑްއަކީ އެފަދަ މީހެއް،"
ދިރިއުޅުމެއް ފަށައިގެން މި ވޭތިވެދިޔަ ދުވަސްތަކަކީ ނުޒޫއަށް ވަރަށް އުފާވެރި ދުވަސްތަކެކެވެ. ފިރިމީހާގެ ފަރާތުން އެ މަސައްކަތަށް ސަޕޯޓް ލިބުނެވެ. އަދި ކުރިއަށް އޮތްތާވެސް އެ ސަޕޯޓް ލިބޭނެ ކަން ދައްކައިދީފައި ވެ އެވެ.
"ކޮވިޑްގެ ސަބަބުން މިއައި ލޮކްޑައުންއާއެކު ފިލްމީ މަސައްކަތްތައް ހުއްޓުމުން ނުޒޫވެސް ބޭނުންވި ވަޒީފާއަކަށް ދާން. އާމްދަނީ ހޯދަން. އެކަމު ރިޗަޑް ބޭނުން ނުވި އެ ގޮތެއް. ބޭނުންވީ ނުޒޫ ލޯބިވާ މަސައްކަތެއް ކުރަން. ފިލްމީ މަސައްކަތުން ކުރިއަށްދާން. އެހާވެސް ސަޕޯޓިވް،" ނުޒޫ ބުންޏެވެ. "މީހަކާ އިނދެގެން އުޅޭތީ ވަކި މާބޮޑު ތަފާތެއް ނުފެނޭ އަސްލު. އެއީ ވަރަށް ސަޕޯޓިވް ފިރިއެއް،"
އެކި ދާއިރާތަކުގައި މަސައްކަތް ކުރާ އެކި މީހުންނާއި ގުޅޭގޮތުން ތަފާތު އަޑުތައް އަރައެވެ. ތަފާތު ވާހަކަަތައް ދެކެވެއެވެ. އެ ގޮތަށް އެންމެ ގިނައިން އަޑުތައް ފެތުރި ތަފާތު ވާހަކަތައް އަންނަ އެއް ދާއިރާއަކީ ފިލްމީ ދާއިރާއެވެ. އެހެން ވަނީ ސަބަބެއް ނެތިއެއް ނޫނެވެ. އެއީ އެންމެންވެސް ދަންނަ މަޝްހޫރު ބައެކެވެ. އެހެންވީމަ ކިތަންމެ ކުޑަ ވާހަކައެއްވެސް ފެތުރިގަންނަނީ އަވަހަށެވެ.
ދާއިރާއާ ގުޅޭގޮތުން އެކި ފަހަރު އެކި ވާހަކަތައް ފެތުރުނު ނަމަވެސް ނުޒޫ ހުރީ ފިލްމީ ދާއިރާއިން ވެސް ކުރިއަށް ދެވިދާނެ ކަން ސާބިތުކޮށް ދިނުމަށެވެ. އެއީވެސް މީހުންގެ ލޯތްބާއި އިހުތިރާމް ހޯދި ދާނެ ދާއިރާއެއްކަން ދައްކައިދިނުމަށެވެ. މިދިޔަ ހަތަރު އަހަރެއްހާ ދުވަހު ނުޒޫއާ ގުޅޭ އެފަަދަ އަޑުތަކެެއް ނެތެވެ.
"އެންމެ މުހިންމީ ޑިސިޕްލިންއާއި ޕަންޗުއަލިޓީ. ދެން މަސައްކަތަށް ކޮމިޓްވާން ވާނެ. އެ ހުރިހާ ކަމެއް މީހެއްގެ ގައިގައި ހުރެއްޖެއްޔާ މި ދާއިރާއިން ވެސް ކުރިއަށް ދެވިދާނެ. ބަޔަކު އުޅޭހާ ގޮތަކަށް އުޅޭކަށް ވެސް ނުޖެހޭ. ޕްރޮފެޝަލްކޮށް އެ މަސައްކަތެއްގައި ދެމި ހުރުން ބޭނުންވަނީ. އޭރުން ރަނގަޅުވާނެ،"