ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ބައިތިއްބާނެ އެކޮމޮޑޭޝަން ހޯދަން ހެލްތު މިނިސްޓްރީން އިއުލާން ކޮށްފި އެވެ.
ހެލްތު މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން މާލެ އާއި ހުޅުމާލޭގައި ބައިތިއްބާ މީހުންނަށް އެކޮމޮޑޭޝަން ހަމަޖައްސަން ފެސިލިޓީސް ހޯދާ ކަމަށެވެ. މި ފެސިލިޓީ ތަކުގެ ރޫމަކަށް ދުވާލަކަށް ކަނޑައަޅާނެ ފައިސާގެ ރޭޓުތައް ވެސް އެ އިއުލާނާއެކު ހިމަނާފައި ވެއެވެ.
ދުވާލަކަށް ކަނޑައަޅާފައިވާ ރޭޓް
- ސިންގަލް ރޫމް: (ލޯންޑްރީ އާއެކު): 630 ރުފިޔާ
- ރޫމް އެކަނި: (ހަމަ އެކަނި މީހުންތިބޭ ގޮތަށް): 500 ރުފިޔާ
- ފުލްބޯޑް: 750 ރުފިޔާ
- ފުލްބޯޑް ޝެއަރިން: 900 ރުފިޔާ
- ހުސްކޮށް ހުންނަ ރޫމުތަކަށް: 250 ރުފިޔާ
އިތުރަށް ބުނީ ތިން އިރުގެ ކެއުމަށް ގެސްޓްހައުސް އިން ކަނޑައަޅާ އަދަދާއި އެ ދުވަހެއްގައި ކާންދެވުނު މީހުންގެ އަދަދު އެނގޭނެގޮތަށް ކޮންމެ ދުވަހަކު ރިޕޯޓެއް ހަދައި ހަވާލުވެހުރި ސުޕަވައިޒަރެއްގެ ސޮއިއާއެކު ބިލް ހުށަހަޅަން ޖެހޭނެ ކަމަށާއި ގެސްޓްހައުސް ނެގުމަށް ފަހު، އޯނަރު ނުވަތަ މެނޭޖުމަންޓުން ބޭނުން ވެގެން އިތުރު މީހުން ވެއްދުން މަނާވާނެ ކަމަށެވެ. އަދި ކޮވިޑާ މެޑިކަލްޓީމުން ތަން ބެލުމަށްފަހު ތަނަށް ބަދަލެއް ގެންނަން ޖެހިއްޖެ ހާލަތެއްގައި ތަނަށް ގެއްލުން ނުވާގޮތަށް އެބަދަލު ގެނައުމަށް އެއްބަސްވާން ޖެހޭނެ ކަމަށެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތައް މި މަހު 21 ގެ ކުރިން ރަޖިސްޓްރޭޝަން ޝީޓް ފުރަން ޖެހެ އެވެ. ކޮވިޑަށް ޕޮޒިޓިވްވާ މީހުން މީގެ ކުރިން ގެންދަމުން ދިޔައީ މާލެ ކައިރީ ރިސޯޓުތަކަށެވެ. ރިސޯޓްތަކުގެ ކަރަންޓީންގައި ބައިތިއްބާ ކޮންމެ މީހަކަށް ދުވާލަކު 750ރ. ސަރުކާރުން ހަރަދު ކުރެ އެވެ.