މި ބަތަލާ، ފާތިމަތު އާޒިފާ (އަޒޫ) ފިލްމަކުން ފުރަތަމަ ފެނުނީ އުމުރުން އަށް އަހަރުގަ އެވެ. އެއީ މިހާތަނަށް ރާއްޖޭގައި އުފެއްދި އެންމެ ކާމިޔާބު ޑްރާމާ ސިލްސިލާ ޔޫސޭގެ "ދިރިއުޅުމަކީ މިއީބާ" އިންނެވެ. އޭރު އަޒޫއަކީ ގުރޭޑް ތިނެއްގައި ކިޔަވަމުން އައި ދަރިވަރެކެވެ. އޭގެ އަހަރުތަކެއް ފަހުން 2008 ވަނަ އަހަރު ސުކޫލް ނިންމުމަށް ފަހު ރަސްމީކޮށް ފިލްމީ މަސައްކަތަށް އޭނާ ނުކުތީވެސް "ދިރިއުޅުމަކީ މިއީބާ"ގެ އެޕިސޯޑަކުންނެވެ.
އެއާއެކު އަޒޫއަށް ތަފާތު ފުރުސަތުތައް ލިބެން ފެށި އެވެ. ޑައިރެކްޓަރުންގެ ވަރަށް ފޭވަރައިޓް އެކްޓްރެސްއަކަށް އަޒޫ ވެގެން ދިޔައީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ. އެއީ އޭނާގެ ފަރާތުން ފެނުނު ކުޅަދާނަ އެކްޓިންގެ ސަބަބުންނެވެ. މިހާތަނަށް ވަރަށް ގިނަ ފިލްމުތަކާއި ލަވަތައް އަޒޫ ކުޅެފައިވާއިރު ދިވެހިންގެ ތެރޭގައި ވަރަށް ބޮޑު މަގުބޫލު ކަމެއް ލިބުނު އެތައް ފިލްމެއްގައި ވެސް އަޒޫ ހިމެނެ އެވެ.
"މުއުމިންގެ 'ލޫދިފާ' އެއީ ވަރަށް ހިތްހަމަ ޖެހުނު މަސައްކަތެއް. އަދި ޔޫއްޕެގެ 'ދެވަން ސޫރަ' އާ ނަހުލާގެ 'ބޮސް' އަކީ ފާހަގަ ކޮށްލެވޭ ޕްރޮޖެކްޓްތަކެއް،" އޭނާ ބުންޏެވެ.
ފިލްމީ މަސައްކަތްތަކަށް ނުކުތުމާއެކު އަޒޫއަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ އޭރުގެ ބެސްޓްފްރެންޑް ސައީދުގެ ފަރާތުންނެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި ފިލްމީ މަސައްކަތުގައި އަޒޫއަށް އެހާ އަވަހަށް ކުރިއެރުން ލިބުމުގެ ސިއްރަކީ ވެސް ސައީދު އެވެ. އެކަމަކު ދެ މީހުންގެ އެ ގުޅުން އެ ގޮތުގައި ދެމި އޮތީ ދުވަސްކޮޅަކަށެވެ. ފަހުން ސައީދުވީ އަޒޫގެ ފިރިމީހާއަށެވެ. އެކުގައި ހަޔާތެއް ފެށި މިހާރު އަޒޫއާ ސައީދަށް ކުއްޖަކު ލިބިފައި ވެއެވެ.
"ފިލްމީ މަަސައްކަތަށް ނުކުތް ފަހުން އެންމެ ސަޕޯޓިވް މީހަކީ ސައީދު. އޭރު އެއީ ބެސްޓްފްރެންޑް. މިހާރު ހަސްބަންޑް. ވަރަށް ސަޕޯޓިވް މީހެއް އެއީ،" ސައީދަށް ވަރަށް ބޮޑަށް ތައުރީފު ކުރަމުން އަޒޫ ބުންޏެވެ. "ވަރަށް ކެއަރިން. ވަރަށް ރަނގަޅު މީހެއް އެއީ. މި ދާއިރާގެ މީހުން ވެސް ބުނާނެ އެއީ ވަރަށް ރަނގަޅު މީހެކޭ. ސައީދުގެ އެންމެ ހާއްސަ ކަމަކީ އަޅުގަނޑާ މެދު ބަހައްޓާ ގާތްކަން،"
ކައިވެންޏަށް ފަހު އަޒޫ ފިލްމީ މަސައްކަތާއި ތަންކޮޅެއް ދުރަށް ޖެހުނެވެ. ފިލްމުތަކާއި ލަވަތަކުން ފެނުން މަދުވީ ދިރިއުޅުމަށް ވަގުތު ހޯދުމުގެ ގޮތުންނެވެ. ކާމިޔާބު ފިލްމީ ކެރިއަކަށްވުރެ އަޒޫ ބޭނުންވީ ކާމިޔާބު ޖަވާޒީ ހަޔާތެކެވެ.
"އަޅުގަނޑުގެ ލައިފް ސާކަލް ތެރެއަށް އައީ ހަމައެކަނި ސައީދެއް ނޫން. އޭރު ސައީދުގެ އެހެން ދެ ކުދިން ވެސް ތިބޭ. އެ ކުދިންނާ ދޭތެރޭ ވެސް އަޅުގަނޑު ވިސްނަން ޖެހޭނެ ކަމަށް އަޒޫ ދެކުނީ، އެހެންވެ ބޮޑު ބަދަލެއް އައީ،"
ފިލްމީ މަަސައްކަތާ ދުރަށްދާން ޖެހުނު އަނެއް ސަބަބަކީ ހަމައެކަނި ފިލްމީ މަސައްކަތުން ލިބޭ އެއްޗަކުން ދިިރިއުޅުމުގެ ހަރަދުތައް ދެކޮޅު ނުޖެހުމެވެ. އަދި ދެ މީހުން ފިލްމީ މަސައްކަތަށް ހުސްވެ ތިބުމަކީ ދިރިއުޅުމެއް ކުރިއަށް ގެންދަން ދަތި ދިމާވި ކަމެކެވެ. އެހެންވެ ދެ މީހުންވެސް ނިންމީ ވަޒީފާއަކަށް ދާށެވެ. އެ ހިޔާލަކީ އަޒޫގެ ހިޔާލެކެވެ. މިއަދު އަޒޫ ގަބޫލު ކުރާ ގޮތުގައި އޭނާގެ އެންމެ "ސަކްސަސް ސްޓޯރީ" އަކީ ވެސް ހަޔާތަށް ގެނައި އެ ބަދަލެވެ.
ކޮވިޑްގެ މި ބަލިމަޑުކަމާއެކު މުޅި ފިލްމީ އިންޑަސްޓްރީ ހުއްޓި ތަރިންނަށް އާމްދަނީ ލިބޭ މަގުތައް ބަންދުވީއިރު ވެސް އަޒޫ އާއި ސައީދު "ކޮޅަށް ތިބީ" އަޒޫގެ އެ ނިންމުމުގެ ސަބަބުން ކަމަށް އޭނާ ގަބޫލު ކުުރެ އެވެ.
"ފިލްމީ މަަސައްކަތަށްވުރެ ފަހުން ބޭނުންވީ ވަޒީފާއަކަށް ގޮސް ރަނގަޅު އާމްދަނީއެއް ހޯދައިގެން ދިރިއުޅުމާއެކު ކުރިއަށް ދާން. އަސްލު ލައިފެއް ސްޓާޓް ކުރުމަށްފަހު ފިލްމީ މަސައްކަތުން ދިރިއުޅުމުގެ ހަރަދުތައް މެނޭޖް ނުކުރެވޭނެ. އަނެއްކާ ދިރިއުޅުމުގައި ދެމަފިރިންގެ ހިއްސާ ވެސް އޮންނަން ވާނެ ކަމަށް އަޅުގަނޑު ދެކެނީ. އެހެންވީމަ ދެ މީހުން ވެސް ވަޒީފާއަށް ދާން ނިންމީ،"
އަޒޫ އާއި ސައީދަކީ ވެސް ވެމްކޯގެ ދެ މުވައްޒިފުންނެވެ. ވަޒީފާއަށް ނުކުމެ އަމިއްލައަށް އާމްދަނީ ހޯދަން ފެށުން އެއީ އަޒޫއާމެދު އޭނާގެ މުޅި އާއިލާ އެކުވެރިން ވެސް ފަހުރުވެރިވާ ކަމެކެވެ. އަދި އަޒޫގެ ހިދުމަތް ލިބެމުން ދިއުމަކީ ވެމްކޯއަށް ވެސް ލިބޭ ފަހުރަކަށްވި އެވެ.
"އަލްހަމްދުﷲ، މިއީ އަޅުގަނޑުގެ ލައިފްގައި ނެގުނު އެންމެ ރަނގަޅު ޑިޒިޝަން ކަމަށް އަޅުގަނޑު ދެކެނީ. އެއީ ފިލްމީ މަސައްކަތާ ކުޑަކޮށް ނަމަވެސް ދުރުވެލައި ވަޒީފާ އަކަށް ދާން ފެށުން. މިއަދު އިރާދަ ކުރެއްވިއްޔާ އަޅުގަނޑު ދިރިއުޅުން ހުރީ އަޅުގަނޑުގެ ގެންދަން ބޭނުންވި ގޮތަށް،"
ފިލްމީ ދާއިރާއިން މަޝްހޫރު ކަން ހޯދުމަށް ފަހު ވަޒީފާއަކަށް ދިއުމަކީ ބައެއް ތަރިންނަށް އައިބު ކަމަކަށް ވެދާނެ އެވެ. އަދި އެއީ ބައެއް މީހުންނަށް ވެސް ބަލައިގަންނަން އުނދަގޫ ކަމަކަށް ވެއެވެ. ނަމަވެސް އަޒޫގެ ވިސްނުން ތަފާތެވެ. އަޒޫގެ ނަޒަރުގައި ފިލްމީ ތަރިއަކަށް ވިޔަސް ވަޒީފާއަކަށް ނުގޮސް ހުންނަން ޖެހޭ ސަބަބެއް ނެތެވެ. ދިރިއުޅުމުގެ ހަރަދުތައް ދެކޮޅު ޖައްސަން ޖެހޭނަމަ އެކަން ކުރާން ޖެހެއެވެ. ކުދިން ލިބުމަށް ފަހު އެ ކުދިންނަށް ވަގުތު ދެމުން އެ ކުދިން ބޭނުންވާ ކަންކަން ފުރިހަމަ ކޮށްދޭން ޖެހެ އެވެ. އެހެންވީމަ ރަނގަޅު އާމްދަނީއެއް ލިބޭ ކޮންމެވެސް ވަޒީފާއެއް އަދާ ކުރުން ވަރަށް މުހިންމު ވެއެވެ. ފިލްމީ ތަރިއަކު އަދާކުރަން ޖެހޭނީ ވަކި ކަހަލަ ވަޒީފާތަކެއް ކަމަށްވެސް އަޒޫ ގަބޫލެއް ނުކުރެ އެވެ.
އާންމުންގެ ތެރޭގައި ވަރަށް ބޮޑަށް އުޅެންޖެހޭ ވަޒީފާއެއްގައި މަޝްހޫރު މީހަކު އުޅޭނަމަ އަމާޒުވާ ފާޑުކިޔުން ގިނަ ވެދާނެ އެވެ. ނަމަވެސް އެ މަަސައްކަތެއްގައި ރަނގަޅު ގޮތުގައި ދެމި ހުރެއްޖެނަމަ އެކަން ބަދަލުވާނެ ކަމަށް އަޒޫ ދެކެ އެވެ. އަޒޫ ނުކުމެ ހުރީ އެ ގޮތުގަ އެވެ. އަދި ފިލްމީ ތަރިއަކަށްވެ ފިލްމީ ދުނިޔެއިން މަޝްހޫރުކަން ހޯދުމަށް ފަހު ވަޒީފާއަކަށް ގޮސް ރަނގަޅު ދިރިއުޅުމެއް ހޯދިދާނެ ކަން އަޒޫ ވަނީ ސާބިތުކޮށްދީފަ އެވެ.
"ރަނގަޅު ގޮތުގައި ވަޒީފާ އަދާކޮށްފިނަމަ ކޮންމެވެސް ދުވަހަކުން ބަލައިގަންނާނެ. ކޮންމެ ދާއިރާއެއްގައި އުޅުނު ނަމަވެސް ރަނގަޅު ޑިސިޕްލިންއެއް ހުރިއްޔާ ބަލައިގަންނާނެ. އެހެންވީމަ ފިލްމީ ތަރިއެއްވީމަ ވަޒީފާއަކަށް ނުގޮސް ހުންނަންޖެހޭ ސަބަބެއް ނެތް. ހާއްސަކޮށް މިހާރު މި އޮތް ކަހަލަ ދަނޑިވަޅެއްގައި. ކޮވިޑްގެ މި ވަގުތު ވަޒީފާއެއްގައި އުޅުމުގެ މުހިންމުކަން އިހުސާސްވެއްޖެ... އަލްހަމްދުﷲ، އަޅުގަނޑުގެ ލައިފް މިހާރު ވަރަށް ހެޕީ،"
ވަޒީފާގެ ގަޑީގެ އިތުުރުން އަޒޫގެ މިހާރުގެ ހުރިހާ ވަގުތެއް ހުސްކޮށްފައި ވަނީ އޭނާގެ ދަރިފުޅަށެވެ. ވަޒީފާގައި އުޅޭ ވަގުތު ދަރިފުޅުގެ ގާތުގައި ހުންނަނީ ސައީދުއެވެ. ނޫނީ އާއިލާގެ ކޮންމެވެސް މީހެކެވެ. ހާއްސަކޮށް ދޮންބައްޕަގެ އެހީތެރިކަން އަޒޫއަށް ލިބެއެވެ. އަޒޫގެ މުޅި އާއިލާގެ ސަޕޯޓް ވަރަށް ބޮޑެވެ.
ފިލްމީ އުދަރެހާ ދުރުގައި
ދަރިފުޅަށް ވަގުތު ދިނުމާއި ވަޒީފާއަކީ މި ވަގުތު އަޒޫއަށް އެންމެ މުހިންމު ދެ ކަމެކެވެ. އެހެން ކޮންމެ ކަމަކަށް ވެސް ވަގުތު ހުސް ކުރެވެން އޮތީ އެ ދެ ވަޒީފާ ރަނގަޅަށް އަދާ ކުރުމަށްފަހު އެވެ.
އަޒޫގެ ދިރިއުޅުމަށް އައި ބަދަލާއެކު އޭނާގެ ފޭނުން ކޮންމެ ދުވަހަކުވެސް އޭނާއާ ކުރާ ސުވާލެއް އޮވެއެވެ. ފިލްމީ މަަސައްކަތާއި މުޅިން ދުރަށް ދިޔައީ ހެއްޔެވެ؟ އިންޑަސްޓްރީ ދޫކޮށްލީ ހެއްޔެވެ؟ ފިލްމަކުން ނޫނީ ލަވައަކުން ނަމަވެސް ދެން ފެންނާނީ ކޮން ދުވަހަކުން ހެއްޔެވެ. ކޮންމެ ދުވަހަކުހެން ފޭނުންގެ އެ ސުވާލުތަކަށް އޭނާ ޖަވާބުދޭން ޖެހެއެވެ.
ހަގީގަތަކީ މިއީއެވެ. އަޒޫ ހުރީ ފިލްމީ މަސައްކަތްތަކާއި ވަރަށް ދުުރުގަ އެވެ. އަދި ފިލްމީ މަސައްކަތަކުން ދެން ފެންނާނެ ދުވަހެއް ވެސް ބުނާކަށް އަދި ނޭނގެ އެވެ. ނަމަވެސް އަޒޫ އޭނާގެ ފޭނުން ދެރަކޮށެއް ނުލައެވެ. އޭނާ ހުރީ ފިލްމީ ދާއިރާ މުޅިން ދޫކޮށްލައިގެނެއް ނޫނެވެ.
"ފިލްމީ މަސައްކަތުން މުޅިން ދުރަށް ދިޔައީއޭ ނުބުނާނަން. އެކަމަކު ލައިފްގެ ކަންކަން މެނޭޖް ކުރުމަށް ފަހު ފިލްމީ މަސައްކަތަށް ވަގުތު ދެވޭނީ. ދަރިފުޅު ދޫކޮށްލާފައި ޝޫޓިންތަކަށް ނުދެވޭނެ،"
އަހަރަކު އެއް ފިލްމުން ނަމަވެސް ފެނިލަން އަޒޫ ބޭނުން ވެއެވެ. ނަމަވެސް މިހާ ގިނަ ދުވަހު ފިލްމީ މަސައްކަތާ ދުރުގައި ހުރުމަށް ފަހު ދެން އޭނާ ފެނިލަން ބޭނުން ވަނީ ވަރަށް ވަރުގަދަ ރޯލަކުންނެވެ. މިހާރު ވެސް ދެ ޑައިރެކްޓަރަކު އޭނާއަށް ދެ ފުރުސަތެއް ހުށައަޅާފައި އެބައޮތެވެ. އެ ފުރުސަތުތަކާއި ގުޅިގެން އަޒޫ އަދި ޖަވާބެއް ނުދެއެވެ.
"ދެން ފިލްމަކުން ފެންނާނެ ނަމަ ފެންނާނީ ވަރަށް ރަނގަޅު ރޯލަކުން. އެކަމު އެއީ ކޮން ދުވަހަކު ކޮން ފިލްމަކުން ކަމެއް ނޭނގެ،"
ކިތަންމެ ގިނަ ހުށައެޅުންތަކެއް ލިބުނަސް އަޒޫގެ ހިތް މިވަގުތު ވަނީ ވެމްކޯގެ މަސައްކަތަށް ހާއްސަވެފަ އެވެ. އެ ވަޒީފާގައި ދެ އަހަރު ހޭދަކުރީ އުފަލުގަ އެވެ. ހިތްހަމަ ޖެހުމުގަ އެވެ. އެކުގައި މަސައްކަތް ކުރާ މުވައްޒިފުންނާއި މެނޭޖްމަންޓްގެ ވަރަސް ބޮޑު އެހީތެރި ކަމާއެކުގަ އެވެ.
"އަޒޫގެ ހިތަކު ނެތް މި ވަޒީފާ ދޫކޮށްލާނަމެކޭ! ނަމަވެސް ހާލަތު ބަދަލުވާނެ ގޮތެއް ނޭންގެ. އަދި މިހުރީ ދިރިއުޅުން ބަދަލުކޮށްލައި ދިން ވެމްކޯގެ މި މަސައްކަތާއެކު ކުރިއަށް ދާން،"
ދިރިއުޅުމަކީ މިއީބާއިން ފެށި އަޒޫގެ ދިރިއުޅުމަކީ މިހާރު މިއީ އެވެ.