ރިޕޯޓް

އާރުޑީސީއަށް ކާމިޔާބު އެއް އަހަރު!

Oct 18, 2020
2

މަގުތައް ހަދައި ބަލަހައްޓަން "ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވީ ޖޫން، 9 2019 ގައެވެ. ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ކުންފުނި އުފައްދަވަން ރައީސް ނެރުއްވި ގަރާރުގައި ވިދާޅުވެފައި ވަނީ، މަގުތައް ރަނގަޅު ފެންވަރެއްގެ ހެދެމަކީ މުހިއްމު ކަމަކަށްވާތީ އެ ކަމަށް ހާއްސަ ކުންފުންޏަށް އޮންނަން ޖެހޭ ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާތީ ކަމަށެވެ. އަދި އެއްގަމު ދަތުރުފަތުރު ކުރުމަށް އެއް ރަށާއި އަނެއް ރަށް ގުޅާލުމާއި ދާލަންތައް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް އެ ކުންފުނީގެ މަސައްކަތުގެ ގޮތުގައި ހަމަޖެއްސެވިއެވެ. އަދި އާރުޑީގެ މެނޭޖިން ޑިރެކްޓަރަކީ މޫސާ އަލި މަނިކު (މޫކޭ) ހަމަޖެއްސެވީ އޮކްޓޫބަރު 20، 2019 ގައެވެ.

ކުންފުނީގެ ފުރަތަމަ އަހަރު ނިންމާލީ ކާމިޔާބު ކަމާއެކުގައެވެ. އަލަށް އުފައްދާ ކުންފުންޏަކުން ނުހޯދާ ވަރުގެ ކާމިޔާބީއާއެކުއެވެ. ކޮވިޑްގެ ބަލިމަޑުކަމުގެ މި ހާލަތުގައިވެސް އާރުޑީސީ ފާހަގަ ކުރެވިފައިވަނީ ނަތީޖާ ނެރޭ އަދި މަސައްކަތް ހަލުވި ކުންފުންޏެއްގެ ގޮތުގައެވެ.

ކުންފުނީގެ އެންމެ އިސް މަގާމާ ހަވާލުވެވަަޑައިގަތުމަށްފަހު މޫސާ އަލި މަނިކު (މޫކޭ) އެންމެ އިސްކަން ދެއްވީ މަސައްކަތުގެ އަހުލާގު ރަނގަޅު ގާބިލް ޓީމެއް އުފެއްދެވުމަށެވެ. ޕަބްލިކްވޯކްސް މީޓިން ރޫމުގައި އެންމެ ދެ މުވައްޒިފުންނާއެކު ފެށި ދަތުރުގައި ފުރަތަމަ އަހަރު ނިމިގެންދިޔައީ ރާއްޖޭގައި މި ދާއިރާއިން އެންމެ ފާހަގަކޮށްލެވޭ ބޭފުޅުންގެ މައްޗަށް އެކުލެވޭ ޓީމެއް އެކުލަވާލެވި ކުންފުނީގެ މަސައްކަތްވެސް ފެށިގެންނެވެ. މިހާރުވެސް މާލެ ސިޓީގެ މަގުތައް ހެދުުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް ދެއެވެ. އަތޮޅުތެރޭގެ ފަސް ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ފެށި އެކި މަރުހަލާތަކުގައިވެއެވެ. މިދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި އެކި ރަށްރަށުގެ 24 ކިލޯ މީޓަރުގެ މަގު ހެދުމުގެ މަސައްކަތް ދަނީ ބާރަށް ކުރިއަށެވެ. ދެ ރަށެއްގެ ލޭންޑްސްކޭޕްގެ މަސައްކަތް މުޅީން ނިންމައިފިއެވެ. ބައެއް ރަށްރަށުގެ ފޯޓްބޯޅަ ދަނޑުތަކުގައި ސަބްބޭސްގެ މަސައްކަތްވެސް ބާރު ސްޕީޑްގައި ދަނީ ކުރިއަށެވެ.

"އަޅުގަނޑުގެ ނަޒަރުގައި އާރުޑީސީގެ އެންމެ ބޮޑު ކާމިޔާބަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިހާރު ރާއްޖޭގައި ތިބި މި ދާއިރާއިން އެންމެ ފާހަގަކޮށްލެވޭ ބޭފުޅުންނާއެކު އާރުޑީސީގެ ޓީމް މުޅި ރާއްޖޭގައި ރުކުރުވާލުން. އަދި ކުރު މުއްދަތެއްގެ ތެރޭގައި މާލެ ސިޓީއާއި ރަށްރަށުގައި މަގު ހެދުމާއި އެ ނޫންވެސް އަޅުގަނޑުމެންނާއި ގުޅުންހުރި މަސައްކަތްތައް ފަށައިގަނެވި އެކި މަރުހަލާތަކަށް ގެނެވުން،"

މީގެ އިތުރުން އާރުޑީސީން 200 ދިވެހިންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދީ ޒުވާނުންނަށް ފުރުސަތުތަކެއް ތަނަވަސްކޮށް ދެވުމަކީވެސް އާރުޑީސީގެ ފުރަތަމަ އަހަރުގެ ބޮޑު ކާމިޔާބީއެކެވެ. އާރުޑީސީ އޮންނަވާ ގޮތުގެ ވަރަށް ރަނގަޅު ތަސައްވުރެ ކުންފުނީގެ އެމްޑީ ވަނީ ކުރައްސަވާފައެވެ. އަދި އެ ވިސްނުމާއި ތަސައްވުރު ހާސިލްކުރުމަށްވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތުގެ ސްޕީޑްވެސް ވަރަށް ހަލުއްވެއެވެ.

ސައްތައިން ސައްތަ ދިވެހިން ހިމެނޭ ކުންފުންޏަކަށް އާރުޑީސީ ހެދުމުގެ އަމާޒަށް ވާސިލްވުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މިހާރުވެސް އަތޮޅުތެރޭގެ ރަށްރަށުގެ ތެރެއިން މަގު ހެދުމުގެ މަސައްކަތް ފެށިފައިވާ ދެ ރަށެއްގައި ހުރިހާ މަސައްކަތެއްގައި ތިބީ ދިވެހިންނެވެ. އާރުޑީސީގެ އިސް ހުރިހާ މަގާމުތަކެއް ހާއްސަވެފައިވަނީ ދިވެހިންނަށެވެ. ހަމަ އެހެން ކުންފުނީގައި ދެ ޖިންސުގެ ހަމަހަމަ ފުރުސަތެއް އޮތުމަކީވެސް އެމްޑީގެ އަމާޒެކެވެ.

"އަޅުގަނޑު އަބަދުވެސް ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ރަށްރަށުގެ މަގުތައް މިވީހާ ޒަމާންތަކުގަައި ކުނިކަހާ ރީތިކޮށް ބަލަހައްޓަމުން އެ ގެންދިޔައީ އަންހެނުން. ދެން މުސާރަ ލިބޭ މަގާމެއް ވިއްޔާ އަންހެނުންނަށް ނުވާނެ ކަމަށް ގަބޫލު ކުރުން އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތެއް ނޫން. އަޅުގަނޑު ދެކެނީ އަދި ހިތްވަރު ދެނީ މަގުހެދުމުގެ މަސައްކަތުގަައިވެސް އަންހެނުނަަށް ނުވާނެ ކަމެއް ނޯންނާނެ ކަމަށް،" މޫކޭ ވިދާޅުވިއެވެ.

ދިވެހި މުވައްޒިފުންގެ ކުންފުންޏަކަށް އާރުޑީސީ ހެދުމަށް ވަރަށް އަވަހަށް ތަމްރީން ޕްރަގްރާމްތަކަށް ފުރުސަތު ހުޅުވާލަން ވަނީ ނިންމާފައެވެ. އެ ޕްރަގްރާމްތަކަކީ ހުނަރުވެރި، ގާބިލް މަސައްކަތްތެރިން އުފެއްދުމަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރަގްރާމްތަކެކެވެ. އެލަވަންސްއެއްވެސް ލިބޭ ގޮތަށް ކުރިއަށް ގެންދެވޭ މި ޕްރަގްރާމްގެ ސަބަބުން ސައްތައިންސައްތަ ދިވެހިން ހިމެނޭ ކުންފުންޏަކަށް އާރުޑީސީ ބަދަލުކޮށް ލުމަކީ ކުންފުނީގެ އަމާޒެވެ.

"އަޅުގަނޑުމެން ދިވެހިގެ ކުންފުންޏަކަށް މި ކުންްފުނި ހެދުމަށް އެކި ޕްރަގްރާމްތަކަށް ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ ހުޅުވާލާނަން. އެލަވަންސްއަކާއެކު އެކި ސައިޓްތަކުގައި ތަޖުރިބާ ހޯދުމުގެ ފުރުސަތު ހުޅުވާލާނަން. ސައްތައިން ސައްތަ ދިވެހި ކުންފުންޏަކަށް މި ކުންފުނި ހެދުމަކީ އަމާޒެއް،"

ދެން އޮތީ އެމްޑީގެ އެންމެ މުހިންމު އަމާޒެވެ. އެއީ ސަރުކާރުން ފައިސާ ދީގެން ނޫނީ ނުހިންގޭ ކުންފުންޏެއްގެ ގޮތުގައި އާރުޑީސީ ނުވުމެވެ. އެ ކުންފުންޏަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ އަދި ރައްޔިތުންނަށް ހިދުމަތްދޭ ކުންފުންޏެއްގެ ގޮތުގައި ސާފު ފައިދާގައި ހިންގާ ކުންފުންޏަކަށް ހެދުމެވެ. އެކަމަށް ކުންފުނީގެ މަސައްކަތްތައް ހަލުވި ކުރަން ޖެހެއެވެ. ގިނަ ރަށްތަކެއްގައި މަސައްކަތް ފަށައި ކުރިއަށް ގެންދާން ޖެހެއެެވެ. އާރުޑީސީގެ ފުރަތަަމަ އަހަރު ނިންމާލީވެސް އެ އަމާޒަށް ވާސިލްވެގެންނެއެވެ.

"ދަރަނި ވެރިވެގެން އަބަދު ސަރުކާރުން އަޅާލަން ޖެހޭ ކުންފުންޏެއްގެ ގޮތުގައި އޮވެގެން ނުވާނެ ކަމަށް އަޅުގަނޑު ދެކުނީ. މިދިޔަ ބޮޑު ޕެންޑަމިކްތެރޭގައިވެސް އަޅުގަނޑުމެންނަށް ދަރަނިވެރި ނުވެ ފައިދާ ނެރެވުނު ކުންފުންޏެއްގެ ގޮތުގައި ހިންގިއްޖެ،"

މާލެ މަގުތަކުގެ ޝަކުވާއަށް ނިމުން

މާލެ ސިޓީގެ މަގުތަކުގެ ހާލަތާމެދު ރައްޔިތުން ވަރަށް ކަންބޮޑުވުމެއެވެ. އެއީ ސިޔާސީ ގޮތުން އޭރަކު އޮންނަ ސަރުކާރަކަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވާވެސް ކަންތަކެވެ. މަގުތައް ހަލާކުވެ ދުއްވާ އުޅަނދު ފަހަރަށް އެތަށް ދަތިތަކާއި ގެއްލުން ކުރިމަތިވެއެވެ. ވިއްސާރަވެއްޖެނަމަ ފެންބޮޑުވެ އާންމު އުނދަގުލަކަށްވެއެވެ. މިއީ މާލޭގައި ދިރިއުޅޭ ދޮޅު ލައްކައެއްހާ މީހުންގެ ބޮޑު ޝަކުވާއެކެވެ.

އާރުޑީސީ ނިކުމެ އޮތީ އެ ޝަކުވާތަކަށް ދާއިމީ ހައްލެއް ހޯދާ ދިނުމަށެވެ. މިހާރުވެސް އެ މަސައްކަތް ވަނީ ފެށިފައެވެ. މާލެ ސިޓީ ކައުންސިލާއެކު އެއްބަސްވުމަކަށް އައިސް އެ މަަސައްކަތް އެ ކުންފުނިން ފަށާ މިދިޔަ ކުރު މުއްދަތުގެ ތެރޭގައ ނަތީޖާވެސް ނެރެދީފިއެވެ.

އެންމެ މިސާލެކެވެ. މާލޭގައި މަގުތަކުގެ ހާލަތު އެންމެ ބޮޑީ މާފަންނުގައެވެ. ހާއްސަކޮށް ވެސްޓްޕާކް ސަރަަހައްދުގައެވެ. ވިއްސާރަވެހިއްޖެނަމަ އެ ސަރަހައްދުގެ ރައްޔިތުންނަށް ވަރަށް ބޮޑެތި ތަކުލީފުތައް އުފުލާންޖެހެއެވެ. މަގުތައް ވެފައިވަނީ ރައްޔިތުންނަށް ބޮޑު ތުރާލަކަށެވެ. ނަމަވެސް އާރުޑީސީގެ ޕައިލެޓް ޕްރޮޖެކްޓް މިހާރު ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ. ވެސްޓްޕާކް ހިމެނޭ ސަރަހައްދަށް މިހާރު އައިސްފައިވާ ހެޔޮ ބަދަލަކީ އާރުޑީސީގެ ކޮލިޓީ އަދި އެ ކުންފުނީގެ ހަލުވިކަން ދައްކުވައިދޭ ކަމެކެވެ. މިހާރު މާލެ ވަށާ ރިންގް ރޯޑެއް ވަނީ ހެދިފައވެ.

"މިހާރުވެސް ވެސްޓްޕާކް ސަރަހައްދުގައި ފެން ބޮޑުވުމުގެ މައްސަލަ ހައްލު ކުރެވިއްޖެ. އެހެންވީމަ އަޅުގަނޑުމެން ދޫކޮށްލާ ކޮންމެ މަގެއްވެސް އިރާދަކުރެއްވިއްޔާ ދެން ކޮންނަން ނުޖެހި އެ މަގުތަކަކީ ރައްޔިތުންނަށް ހިތްހަމަޖެހުން ލިބޭނެ މަގުތަކަކަަށްވާނެ،"

މިހާރު އާރުޑީސީން ވަނީ އިތުރު މަގުތައް ހެދުމުގެ މަސައްކަތްވެސް ފަށާފައެވެ. ކަނބާއައިސަރަނި ހިނގުމުގެ މަސައްކަތް މިހާރު އޮތީ ފަށާފައެވެ. ކުންފުނިން ވަނީ މާލެ ސިޓީގައި އަދި އަތޮޅުތެރޭގައިވެސް އެ ކުންފުނިން ކުރާ ކޮންމެ މަސައްކަތެއްވެސް ކޮލިޓީވާނެ ކަމުގެ ޔަގީންކަން ދީފައެވެ. ކުންފުނީގައި މިހާރު އޮތީ މަސައްކަތުގެ އަހުލާގު އޮތް ވަރުގަދަ ޓީމެކެވެ.

"މާލޭގެ މަގުތައް އަޅުގަނޑަށް ޔާގީންކަން ދޭން ކެރޭ އަޅުގަނޑުމެންގެ މަސައްކަތުގައި ކޮލިޓީ ދަމަހައްޓާނަން. އަޅުގަނޑުމެންގެ ޓީމަކީ ވަރަށް ސްޕީޑް ރަނގަޅު ގާބިލް ޓީމެއް،"

މަގުތައް ހެދުމުގެ އިތުރުން މަގުތައް ބެލެހެއްޓުމަކީވެސް އާރުޑީސީގެ މަސައްކަތެކެވެ. އެ މަސައްކަތަށްވެސް އެ ކުންފުނި އޮތީ ފްލީ ރެޑީއަަށެވެ. އެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭން އޮތީ ހެެދިފައެވެ. އާރުޑީސީން ހަދާ މަގުތައް ވަކި މުއްދަތަކަށް އެ ކުންފުނިން ބަލަހައްޓަދޭނެ އެވެ. އަދި އޭގެ ފަހުން ކައުންސިލުން އެދޭނަމަ މަގުތައް ބެލެހެއްޓުމުގެ ޒިންމާއާ ރަސްމީކޮށް ހަވާލުވާނެ އެވެ. އަދި މަގުތައް އެ ކުންފުންޏާއި ހަވާލުނުކުރާ ކައުންސިލްތަކަށްވެސް ދޭންޖެހޭ ފަންނީ ލަފާ ދޭނެއެވެ.

އާރުޑީސީ އުފެދިފައި އޮތީ ރާއްޖޭގެ ހުރިހާ ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ހިތްފަސޭހަ ކުރުމަށެވެ. ރައްޔިތުންނަށް ފަސޭހަކާއެކު މަގުތައް ބޭނުން ކުރެވޭނެ މަގު ތަނަވަސްކޮށް ދިނުމަަށެވެ. ގޮންޖެހުންތަކާއެކުވެސް އާރުޑީސީ ކުރިއަށްދާނީ އެގޮތަށެވެ. އެ އަމާޒަށެވެ.

2021 އަށް ވަރުގަދަ އަމާޒެއް

އާރުޑީސީން މިހާރު ވަނީ 2021 ވަނަ އަހަރަށް ބިޒްނަސް ޕްލޭން ތައްޔާރުކޮށް ނިންމާފައެވެ. ރާއްޖޭގެ ގިނަ ރަށްރަށުގެ މަގުތައް ހަދަން ޖެހި ބައެއް ރަށްރަށުގެ މަގުތައް ވަރަށް ބޮޑަށް ހަލާކުވެފައިވާއިރު އާރުޑީސީގެ އަމާޒަކީ އަންނަ އަހަރަށް ވީހާވެސް ގިނަ ރަށްރަށެއްގެ މަގުތައް ހެދުމުގެ މަސައްކަތް ފެށުމެވެ. އެކަމަަށް ވާންޖެހޭ ތައްޔާރީތައް އެ ކުންފުނިން ދަނީ ވަމުންނެވެ.

އެންމެ އިސްކަން ދީފައިވަނީ ރާއްޖޭގެ ފަސް ސަރަހައްދެއްފައި އެ ކުންފުނީގެ ރީޖަނަލް އޮފީސްތައް ގާއިމްކުރުމެވެ. އެ އޮފީސްތައް މެދުވެރިކޮށް އެ ސަރަހައްދުގެ ހުރިހާ ރަށެއްގެ ހާލަތު ވަޒަން ކުރާނެއެވެ. އަދި އެންމެ އިސްކަންދޭނެ ތަރުތީބެއްވެސް ކަނޑައަޅާނެއެވެ. މަސައްކަތް ކުރުމަށް ގާބިލް ޓީމުތައް އެކުލަވާލާނެއެވެ. ގިނަ ވަޒީފާގެ ފުރުސަތުތަކެއް ހުޅުވާލާނެއެވެ. ދިވެހި ޒުވާނުންނަށް މަސައްކަތް ހޯދާދޭނެއެވެ. އަދި މަސައްކަތަށް ޒުވާނުން ތަމްރީންވެސް ކޮށްދޭނެއެވެ. އާރުޑީސީން ކުރިއަށް ދާނީ އެ ޒުވާނުންނާއެކުއެވެ.

"ރާއްޖޭގެ ބޮޑެތި އާބާދީތައް ހިމެނޭ ރަށްރަށުގެ މަގުތައް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި. ހާއްސަ ސަމާލުކަމެއް އާރުޑީސީން ރަށްރަށަށް ދޭނެ. އަދި ޕްލޭނިން މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ތެރެއިން އެ މިނިސްޓްރީން އެވޯޑް ކުރާ ހުރިހާ ރަށްރަށެއްގައި މަސައްކަތް ފެށޭނެ. އެކަމަށްވާން ޖެހޭ ތައްޔާރީތައް ދަނީ ވަމުން،" އެމްޑީ ވިދާޅުވިއެވެ.

ރާއްޖޭގެ 16 ވަރަކަށް ރަށުގެ މަގުތައް މިހާރުވެސް ވަނީ ޒަމާނީ ފެންވަރަށް ހަދާ ނިމިފައެވެ. ނަމަވެސް އެ މަގުތައް ބެލެހެއްޓުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވެއެވެ. އެކަމުގެ ސަބަބުން ވަރަށް އަވަހަށް މަގުތައް ހަލާކުވެގެން ދެއެވެ. އަދި މަގުތަކުގެ މަރާމާރުތައް ނުކުރެވި ގިނަ ދުވަސްވެގެން ދިއުމުން ދައުލަތުން ދެން ކުރަން ޖެހޭ ހަރަދު އެތަށް ތަނެއް ބޮޑުވެގެން ދެއެވެ.

އެ މައްސަލައަށް ހައްލު ހޯދުމަށްވެސް އާރުޑީސީގެ 2021 ގެ ބިޒްނަސް ޕްލޭންގައި ހާއްސަ އިސްކަމެއް ދީފައިވެއެވެ. އެ ގޮތުން މަގުތައް މިހާރު ހެދިފައިވާ ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެން އެ މަގުތައް ބެލެހެއްޓުމާއި އާރުޑީސީން ހަވާލުވާނެ އެވެ. މަގުތައް ބަލަހައްޓައިދިނުމަށް ކައުންސިލްތަކުން އެދުމުން އެ ސަަރަހައްދުގެ ރީޖަނަލް އޮފީސްތައް މެދުވެރިކޮށް އެ މަސައްކަތްތައް ހިނގާނެ ގޮތަށް އިންތިޒާމްތައް ހަަމަޖައްސާނެއެވެ.

"ވަރަށް ރަނގަޅަށް މަގުތައް ހެދުމަށްފަހު މި ދޫކޮށްލަނީ. ނަމަވެސް މަގުތަކަކީވެސް ކުޑަކުއްޖަކު ބަލާ ބޮޑުކުރާހެން ވަރަށް ބޮޑަށް މެއިންޓެއިންކޮށް ނޫނީ ބެލެހެއްޓޭނެ ތަންތަނެއް ނޫން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ހުށައަޅާ ކައުންސިލުންތަކުން އެދޭ ގޮތަށް އެ ރަށްރަށުގެ މަގުތައް ބަލަހައްޓައިދޭނަން،"

އާރުޑީސީން މަގު ހެދުމުގެ މަސައްކަތާ ހަވާލުވެ ކުރާ ކޮންމެ މަސައްކަތެއް ފަށަނީ މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީގެ އެޕްރޫވް ލިބިގެންނެވެ. އަދި މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަމަަށްޓަކައިވެސް ހާއްސަ އިސްކަމެއް ދެއެވެ. އެގޮތުން ކޮންމެ މަގެއްގައިވެސް އެކަށީގެންވާ މިންވަރަށް ލައިޓް ހަރުކުރުމާއި ސްޕީޑް ބަންޕަރު ހަރުކުރުމަށް ހާއްސަ އިސްކަމެއް ދެއެވެ. އަދި މަގުހުރަސްކުރާނެ ތަންތަން ހަދާ މަގުތަކަކީ ދުއްވާ މީހުންނާއި ހިނގާ މީހުންނަށްވެސް ރައްކާތެރި ތަންތަނަށް ހެދުމަށް ހާއްސަ އިސްކަމެއް ދެއެވެ.

"އަޅުގަނޑުމެން މިހާތަނަށް ކުރި ކޮންމެ މަސައްކެއްވެސް ވަރަށް ބޮޑަށް ކޮލިޓީއަށް އިސްކަންދީފައިވާނެ. އަޅުގަނޑަށް ހިޔެއް ނުވޭ މިހާތަނަށް އެއްވެސް ރަށެއްގެ މަގު ހެދުނުއިރު އެމްއެލްއެސްއޭ އެޕްރޫވް ބެންޗުމާކާއެކު މަސައްކަތްތަކެއް ފެށުނު ހެންނެއް. ނަމަވެސް އަޅުގަނޑުމެން މަސައްކަތް މި ފަށަނީ މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީގެ އެޕްރޫވް ލިބިގެން މި މަސައްކަތް ފަށަނީ. އަޅުގަނޑުމެން 'ކޮލިޓީ ކޮންޕްރޮމައިސް' ނުކުރާނަން،" އާރުޑީސީގެ ޕްރޮޖެކްޓް މެނޭޖަރު މިއުރާޖް ވިދާޅުވިއެވެ.

އަޅުގަނޑުމެން މިހާތަނަށް ކުރި ކޮންމެ މަސައްކެއްވެސް ވަރަށް ބޮޑަށް ކޮލިޓީއަށް އިސްކަންދީފައިވާނެ. އަޅުގަނޑަށް ހިޔެއް ނުވޭ މިހާތަނަށް އެއްވެސް ރަށެއްގެ މަގު ހެދުނުއިރު އެމްއެލްއެސްއޭ އެޕްރޫވް ބެންޗުމާކާއެކު މަސައްކަތްތަކެއް ފެށުނު ހެންނެއް. ނަމަވެސް އަޅުގަނޑުމެން މަސައްކަތް މި ފަށަނީ މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީގެ އެޕްރޫވް ލިބިގެން މި މަސައްކަތް ފަށަނީ. އަޅުގަނޑުމެން 'ކޮލިޓީ ކޮންޕްރޮމައިސް' ނުކުރާނަން،
އާރުޑީސީގެ ޕްރޮޖެކްޓް މެނޭޖަރު

ބައެއް ރަށްރަށުގެ މަގުތައް ހެދުމުގެ މަސައްކަތް ފެށުމަށްފަހު މަސައްކަތް ހުއްޓި އެތަށް ދުވަހަކު އޮވެއެވެ. އެކަމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާން ޖެހެއެވެ. މަގުތައް ކުރިން އޮތް ހާލަތަށްވުރެ ގޯސްވެ، އެއް ގޮތަކަށްވެސް އެ މަގުތައް ބޭނުން ނުކުރެވެއެވެ.

މިގޮތަށް ބައެއް ފަހަރު މަސައްކަތް ހުއްޓެނީ މަސައްކަތް ކުރާ ފަރާތަށް ލިބެންޖެހޭ ފައިސާ ނުލިބިގެންނެވެ. ނުވަތަ ސާމާނު ނުލިބިގެންނެވެ. ނޫނީ އެ ނޫން ބައެއް މައްސަލަތައް ދިމާވެގެންނެވެ. އާރުޑީސީގެ ވިސްނުން ހުރީ އެ ކުންފުނިން މަސައްކަތް ކުރާ އެއްވެސް ރަށެއްގައި އެފަދަ މައްސަލައެއް ދިމާނުވާނެ ގޮތަށް ކަންކަން އިންތިޒާމް ކުރުމެވެ. އެ ކުންފުނިން ނިކުމެ އޮތީ ރައްޔިތުންނަށް އޮތް ތަކުލީފު ނައްތާލުމަށެވެ.

ކުންފުނީގެ އެމްޑީ ވިދާޅުވި ގޮތުގައި އާރުޑީސީން އެއްވެސް ރަށެއްގެ މަސައްކަތަކާއި ހަވާލުވުމަށްފަހު އެ މަސައްކަތެއް އެއްވެސް ސަބަބަކާއި ގުޅިގެން ނުހުއްޓި ކުރިއަށް ގެންދެވޭނެ ކޮންމެވެސް މަގެއް ހޯދާނެއެވެ. ހާއްސަކޮށް ފައިސާއާ ތަކެތީގެ ދަތިކަން ދިމާވެ މަގުތައް ނުހެދި ލަސްވުމުގެ މައްސަލަ ދިމާވިއަ ނުދެއްވާނެ އެވެ.

"އަޅުގަނޑުމެންގެ ޒުވާން ޓީމުގައި އޮތީ ވަރަށް ޒުވާން ސްޕީޑެއް. އާރުޑީސީގެ ކޮންމެ މުވައްޒިފެއްގެ ހިތާއި އަތް މަސައްކަތް ކުރާނީ އެ ކަނޑައަޅާ މުއްދަތަކަށް އެ މަސައްކަތް ނިންމުމަށް. ހަމަ އެހެންމެ އަޅުގަނޑުމެން ބޭނުންވަނީ އަވަހަށް ނިންމާ މެޑަލް ޖަހާކަންވެސް ނޫން. އަޅުގަނޑުމެން ބޭނުންވަނީ ކޮލެޓީ މަސައްކަތެއް ކުރުމަށް. އެއާއެކު ކަނޑައަޅާފައިވާ މުއްދަތަށް މަސައްކަތްވެއް ނިންމުން،" އެމްޑީ ވިދާޅުވިއެވެ.

ކޮވިޑްގެ ބަލިމަޑުކަމުގައި ނަމޫނާ

އާރުޑީސީގެ މަސައްކަތް ކޮވިޑްގެ ޕެންޑަމިކްގައިވެސް ބާރަށް ހިނގިއެވެ. އެކަމުގެ އެންމެ ބޮޑު ހެއްކަކީ ވެސްޓްޕާކް ސަރަހައްދަށް ގެނައި ބަދަލެވެ. އެއީ ރެއާ ދުވާލުގެ ސައުވީސް ގަޑިއިރު އެ ކުންްފުނީގެ މުވައްޒިފުން މަސައްކަތް ކޮށްގެން ގެނައި ބަދަލެކެވެ. ކޮވިޑްގެ ބަލިމަޑުކަމުގައި އާރުޑީސީގެ ކިތަންމެ މުވައްޒިފެއްވެސް ބަލީގެ ޝިކާރައަކަށްވިއެވެ. ބައެއް ލޭބާ ކުއާޓަރުތައް އެތަށް ދުވަހެއް ވަންދެން ކަރަންޓީންގައި ބަހައްޓަން ޖެހުނެވެ.

ނަމަވެސް މަސައްކަތް ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތްތަކެއް އެ ކުންފުނިން ހަމަޖެއްސިއެވެ. އަދި އަތޮޅުތެރޭގެ ރަށްރަށުގައި އަމަލީ މަސައްކަތް ނުފެށުނު ނަމަވެސް އިދާރީ ގޮތުން ކުރަން ޖެހުނު ހުރިހާ މަސައްކަތެއް ނިންމާލިއެވެ. އަދި މި ހަފްތާއާއި ކުރިއަށް އޮތް ހަފްތާތަކުގައި ރަށްރަށުގައި އަމަލީ މަސައްކަތް ފެށުމަށް މިހާރު ވަނީ ނިންމާފައެވެ.

އާރުޑީސީގެ މެންޑޭޓްގެ އިތުރުން ކޮވިޑްގެ ބަލިމަޑުކަމުގައި އެ ކުންފުނިން ވަނީ ނަމޫނާ ދައްކާފައެވެ. ރާއްޖޭގައި އޮތް އެންމެ ޒުވާން ކުންފުނި އޮތީ ތަޖުރިބާކާރު ވަރުގަދަ ކުންފުނިތަކާ އެއް ސަފެއްގައި ގައުމީ ހިދުމަތުގައެވެ. ނޫންނަމަ އެހެން ކުންފުނިތަކަށްވުރެވެސް މާ ކުރީގައެވެ.

އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ރަށްރަށުން ކާބޯތަކެތި ހުސްނުވެ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް އާރުޑީސީން އެސްޓީއޯއަށް ވެދިން އެހީތެރިކަމެވެ. އެސްޓީއޯގެ ބައެއް މުވައްޒިފުން ކޮވިޑަށް ޕޮޒިޓިވްވެ ކާޑް ފޯރުކޮށް ދިިނުުމުގެ މަސައްކަތަށް ބުރޫއެރުމުން އެ މަސައްކަތަށް ނިކުތީ އާރުޑީސީގެ މުވައްޒިފުންނެވެ.

މީގެ އިތުރުން ހުޅުމާލޭގައި ގާއިމްކުރި މެޑިކަލް ފެސިލިޓީ އެޅުމުގައިވެސް އާރުޑީސީ މުވައްޒިފުންގެ މުހިންމު ދައުރެއް އޮތެވެ. ދަރުބާރުގޭގައި ހިނގި ބޮޑު އޮޕަރޭޝަންގައިވެސް އެ ކުންފުނީގެ މުވައްޒިފުން ފުރިހަމައަށް ބައިވެރިވެއެވެ. އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމަށް މި ބަލިމަޑުކަމުގެ ތެރޭގައި ފެށި މަސައްކަތުގައިވެސް އާރުޑީސީގެ ދައުރު ވަރަށް ބޮޑެވެ. އެފަދަ ބިދޭސީން ރާއްޖެއިން ފޮނުވާލެވެންދެން ތިބޭ ފެސިލިޓީ ބެލެހެއްޓުމުގައި ފުރަތަމަ ދުވަހުން ފެށިގެން އަދާ ހަމައަށްވެސް މަސައްކަތް އެ ކުރަނީ އާރުޑީސީގެ މުވައްޒިފުންނެވެ.

"ގައުމީ ހިދުމަތް އެންމެ މުހިންމުވީ ވަގުތު އަޅުގަނޑުމެންގެ މުވައްޒިފުން ތިބީ ގައުމީ މަސައްކަތުގައި. އެއީ ވަރަށް ބޮޑު އުފަލެއް،" އާރުޑީސީގެ އެމްޑީ ވިދާޅުވިއެވެ.

އަޅުގަނޑުމެންނަކީ މަގު ހަދާ ކުންފުނި. އަޅުގަނޑުމެންނަކީ މަގުތައް ބަލަހައްޓާ ކުންފުނި. އަޅުގަނޑުމެންނަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް މަގުތަކުގެ ތުރާ ފިލުވަދޭނެ ކުންފުނި. އަޅުގަނޑުމެންނަކީ އަޅުގަނޑުމެންވާ ވައުދު ފުއްދާނެ ކުންފުންޏެއް. އަޅުގަނޑުމެން ހަވާލުވާ މަސައްކަތް ބަރާބަރަށް ނިންމާނެ ކުންފުންޏެއް. އަޅުގަނޑުމެންނަކީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަަރޭޝަން
މޫސާ އަލި މަނިކު | އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު

އާރުޑީސީގެ އަމާޒަކީ ބޮޑެތި ކުންފުނިތަކާ ވާދަކޮށް އެންމެ ހަރަކާތްތެރި އަދި މަސައްކަތުގެ ނަތީޖާ އެންމެ ބަރާބަރު ކުންފުންޏަށްވުމެވެ. ކޮރަޕްޝަންގެ އިނގިލި އެއްވެސް ރައްޔިތަކު ދިއްނުކުރާ ނަޒާހަތްތެރި ކުންފުންޏަކަށް ހެދުމަށެވެ.

"އަޅުގަނޑުމެންގެ އަމާޒު ވަރަށް ބޮޑު. އެއީ ބޮޑެތި ކުންފުނިތަކާ ވާދަކޮށް އެންމެ ހަރަކާތްތެރި އެންމެ މަސައްކަތްތެރި ނަތީޖާ ނެރޭ ކުންފުންޏަކަށް އާރުޑީސީ ހެދުމުގެ އަމާޒު. އަދި ޗަކަ މަގުތަކުގެ ތުރާލާ، ފެންބޮޑުވުމުގެ ގެއްލުމުން ދިވެހި ރައްޔިތުން ސަލާމަތް ކުރުން،"

މީގެ އިތުރުން ރައީސް ސޯލިހުގެ ވެރިކަމުގެ ފަސް އަހަރު ނިމުމުގެ ކުރިން ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމެވެ. ރާއްޖޭގެ ގިނަ ރަށްރަށުގެ މަގުތައް ހަދާ މުޅީން ނިންމާލުމެވެ. ކައުންސިލްތަކާއި ގުޅިގެން މަގުތައް ބެލެހެއްޓުމެވެ. ރައްޔިތުންގެ ތަކުލީފުތަކަށް މުޅީން ނިމުން ގެނެސްދީ މަގުތަކަކީ ހިތްފަސޭހަ ޒަމާނީ މަގުތަކަކަށް ބަދަލުކޮށްލުމެވެ.

"އަޅުގަނޑުމެންނަކީ މަގު ހަދާ ކުންފުނި. އަޅުގަނޑުމެންނަކީ މަގުތައް ބަލަހައްޓާ ކުންފުނި. އަޅުގަނޑުމެންނަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް މަގުތަކުގެ ތުރާ ފިލުވަދޭނެ ކުންފުނި. އަޅުގަނޑުމެންނަކީ އަޅުގަނޑުމެންވާ ވައުދު ފުއްދާނެ ކުންފުންޏެއް. އަޅުގަނޑުމެން ހަވާލުވާ މަސައްކަތް ބަރާބަރަށް ނިންމާނެ ކުންފުންޏެއް. އަޅުގަނޑުމެންނަކީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަަރޭޝަން،" އެމްޑީ ވިދާޅުވިއެވެ.