ދުނިޔެ

އެމެރިކާ އޮތީ އަފްގާނިސްތާނުން ސިފައިން ބާލާ ގޮތަކަށް ނޫން!

ވޮޝިންޓަން (ބީބީސީ) - އަފްގާނިސްތާނުގައި އެމެރިކާ ސިފައިން ތިބޭ މުއްދަތު އިތުރުކޮށްފިއެވެ.

ކުރިން އޮތީ އަންނަ އަހަރުގެ ނިޔަލަށް އެމެރިކާ ސިފައިން އަފްގާނިސްތާނުގައި ތިބޭ ގޮތަށެވެ. އެކެމަކު މިހާރު އެމެރިކާއިން ބުނަނީ 2017 ވަނަ އަހަރުވެސް އެގައުމުގެ ސިފައިން އަފްގާނުގައި ތިބޭނެ ކަމަށެވެ.

އޮބާމާގެ ދައުރު ނިމޭއިރު ވެސް އަފްގާނިސްތާނުގައި އެމެރިކާގެ 5500 ސިފައިން ތިބޭނެއެވެ. ކުރިން އޮބާމާ ވިދާޅުވެފައިވަނީ ދައުރު ނިމޭއިރު އަފްގާނިސްތާނުގައި ތިބޭ ސިފައިންގެ އަދަދު ހާހަކަށް ތިރިކުރާނެ ކަމަށެވެ. އެމެރިކާގެ ފައުޖުތައް އެނބުރި ގައުމަށް ގެނައުމަކީ ވެރިކަމަށް ކުރިމަތިލި ދުވަސްވަރުން ފަށައިގެން ވެސް އޮބާމާ ދެއްކެވި ވާހަކައެކެވެ.

އެމެރިކާ އަސްކަރިއްޔާއިން ބުނީ ތޯލިބާނުންގެ ނުރައްކާ އިތުރުވަމުން ދާއިރު އެމެރިކާ ސިފައިންގެ އެހީ އަފްގާނިސްތާނަށް މުހިންމު ކަމަށެވެ. ދާދި ފަހުން ތޯލިބާނުން ކުންދުސް ހިފި ހިފުމާއި އަލްގައިދާއާއި އައިއެސްގެ ހަރަކާތްތައް މިފަހަކަށް އައިސް އިތުރުވެފައި ވުމަކީ އެމެރިކާގެ މި ވާހަކައަށް ބާރުލިބިދޭ ކަންކަމެވެ.

މިހާރު އަފްގާނިސްތާނުގައި ތިބި އެމެރިކާ ސިފައިންގެ އަދަދަކީ 9800 އެވެ. އެމެރިކާ ސިފައިން އަފްގާނިސްތާނުގައި ތިބޭ ހިސާބުތަކަކީ ކާބުލް އާއި ބަގްރާމްގެ އިތުރުން ޖަލާލްއާބާދާއި ކަންދަހާރެވެ.