ވިޔަފާރި

ފުޑް ބޭންކް އަށް 25 އަހަރު ފުރިއްޖެ

Oct 20, 2020

ރާއްޖޭގެ އެންމެ ދުވަސްވީ އެއް ރެސްޓޯރެންޓް ކަމަށްވާ ފުޑް ބޭންކް އުފެދުނުތާ މި އަދަށް 25 އަހަރު ފުރިއްޖެ އެވެ.

ފުޑް ބޭންކުގެ ވެރިޔާ މުހައްމަދު ޝަރީފު (ފުޑް ބޭންކް ޝަރީފު) ވިދާޅުވި ގޮތުގައި މީގެ 25 އަހަރު ކުރިން މި ވިޔަފާރި އޭނާ ފަށައިގަތީ ވަރަށް ކުޑަ ގޮތަކަށެވެ. އަދި މެދުކެނޑުމެއްނެތި 25 އަހަރު ހިދުމަތުގައި ދެމި ހުރުމަކީ ކާމިޔާބީއެއް ކަމަށެވެ.

"ކުރިން ޑައިވިން އިސްޓްރަކްޓެއްގެ ގޮތުގައި އުޅުމަށްފަހު ރައްޓެއްސަކާ ގުޅިގެން ފެށީ އޯކިޑް މަގުގައި ރެސްޓޯރެންޓެއް. އެއަށްފަހު 1995 ވަނަ އަހަރު ފުޑް ބޭންކުގެ ނަމުގައި ފެށީ. އެ ހިސާބުން މިއަދާ ހަމަ އަށް ކުރިއަށް މިދަނީ. މިހާރު މިއީ ރާއްޖޭގައި ހުރި އެންމެ ދުވަސްވީ ތިން ރެސްޓޯރެންޓުގެ ތެރެއިން އެއް ތަން،" ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ވިޔަފާރި ފެށިއިރު، ހިދުމަތް ދެމުން ގޮސްފައިވަނީ އަންހެނުން ހިމެނޭ ގޮތަށް ހަ މުވައްޒަފުންނާއެކުއެވެ. އަދި އޭރު ޑެލިވަރީގެ ހިދުމަތް ދިނީ އަމިއްލަ އަށް ކަމަށް ޝަރީފު ވިދާޅުވި އެވެ. ނަމަވެސް މިހާރު ޑެލިވަރީގައި އެކަނިވެސް 10 މުވައްޒިފުން މަސައްކަތް ކުރެއެވެ.

"ބައިސްކަލުގައި އަމިއްލަ އަށް ކާއެއްޗެހި ހިފައިގެން ދަނީ އަޅުގަނޑު. އެންމެ ފުރަތަމަ ފިޝް އެންޑް ޗިޕްސްއެއް ހަދައި ގެއަށް ގެންގޮސް ދޭން ފެށީ ވެސް އަޅުގަނޑު،" ޝަރީފު ވިދާޅުވި އެވެ.

"ފްރައިސް ހަދަނީ އަލުވި ގަނެގެން އެ ދޮވެގެން އަމިއްލަ އަށް ކޮށައިގެން. ކުޑަކޮށް ތެއްލާފަ ބަހައްޓަނީ. އަދި އޯޑަރު އައީމަ ރަނގަޅަށް ތެއްލައިގެން ގެންދަނީ." ވަރަށް ގިނަ ބައެއްގެ މަގުބޫލްކަން ހޯދާފައިވާ ފުޑް ބޭންކްގެ ވެެރިޔާ ވިދާޅުވިއެވެ.

ފުޑް ބޭންކް އިން ވަނީ 25 އަހަރު ފުރުމާ ދިމާކޮށް ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށާފަ އެވެ. ހޯމް ޑެލިވަރީ ހިމެނޭ ގޮތަށް ކޮންމެ 50ރ. ގެ ވިޔަފާރިއަކަށް ކޫޕަނެއް ދޭނެ އެވެ. އަދި އެއްވަނަ އިނާމަކަށް ހަތަރު މީހުންނަށް ކެއުމެއް އަދި ދެވަނަ އަށް ތިން މީހަކަށް ކެއުން އަދި ތިން ވަނަ އިނާމަކަށް ދެ މީހަކަށް ކެއުމެއް ދޭނެ އެވެ.