ހަނދާން ހުންނަން ފެށީއްސުރެ އަލީ އާޒިމް (ދޮން އައްޔަ) ނަށަ އެވެ. ގުރޭޑް އެކެއްގައި އުޅުނު އިރު ސުކޫލުގެ އެކި އިވެންޓްތަކުގައި ނެށަން ފެށި ގޮތަށް އަދިވެސް ދޮން އައްޔައަކީ މޮޅު ނެށުންތެރިއެކެވެ. ރާއްޖޭގައި ނަށާ ގުރޫޕްތައް ވައިގައި ހިފި ދުވަސްވަރު ދެ ގުރޫޕެއްގައި އޭނާ ނެށި އެވެ. އެއީ ވިލިނގިލީގައި އުފެދުނު "އެކްސެންވައި" އަދި އަންނާރުމާ ރަޝީދުގެ "އެނިމޭޝަން" ގައެވެ. ދިހަ އަހަރު ނެށުމުގެ ކެރިއަރުގައި ހޭދަ ކުރުމަށްފަހު ފިލްމީ ދާއިރާއިން ލިބުނު ފުރުސަތާއެކު މިހާރު ދޮން އައްޔައަކީ އަލި ގަދަ، ކުލަ ގަދަ ތަރިއެކެވެ. މިވަގުތު އިންޑަސްޓްރީގައި ތިބި އެކްޓަރުންގެ ތެރެއިން ވަރަށް ގިނަ ބައެއްގެ ފޭވަރިޓެކެވެ.
ފިލްމު ކުޅުމަކީ ވަރަށް ކުޑައިރުން ފެށިގެން ދޮން އައްޔަގެ ޑްރީމެކެވެ. ނެށުމުގެ ތެރެއަށް ނިކުމެވުމަކީ އެ ހުވަފެން ހަގީގަތަކަށް ވުމަށް ފަހިވި ފުރުސަތެކެވެ. ނަމަވެސް ދޮން އައްޔަ އުންމީދު ކުރިހާ ފަސޭހައިން ފިލްމީ ދުނިޔެއަށް ދެމި ގަނެވޭ ގޮތެއް ނުވިއެވެ. ދިހަ އަހަރު ނެށުމުގައި ހޭދަކުރަން ޖެހުނު ސަބަބަކީ ވެސް އެއީ އެވެ. އެ ދުވަސްތަކުގައި ފިލްމަކުން ނޫނީ ލަވައަކުން ވެސް ފުރުސަތެއް ލިބޭނެ މަގެއް ފަހިވޭތޯ ވަރަށް މަސައްކަތް ކުރިއެވެ. ކާމިޔާބުވާ ގޮތެއް ނުވިއެވެ.
"އަޅުގަނޑު ވަރަށް ކުޑައިރު މަންމަ ކައިރި ކިޔަައިގެން ކުޑަކުޑަ ހޭންޑީ ކެމްއެއް ގަނެގެން ގޭގައި އިނދެ ފިލްމުތައް ބަލައިގެން އެ ފިލްމުގައި އިންނަ އެއްޗާ އެ ކެރެކްޓާ ޖެއްސޭތޯ ބަލަން ފެށީ، އެގޮތަށްވެސް ޓްރައި ކުރިން،" އުމުރުން ވަރަށް ހަގު ދުވަސްވަރު ވެސް ފިލްމީ މަސައްކަތަށް އޮތް ލޯބި އައްޔަ ކިޔައި ދިނެވެ.
ނަށާ ގުރޫޕާއެކު ރިސޯޓްތަކާއި ރާއްޖޭގެ އެކި ރަށްރަށުގައި އައްޔަ ވަނީ އެތައް ސަތޭކަ ޝޯއެއް ދީފައެވެ. އައްޔަގެ ނެށުމުގެ ހުނަރު ފެނި ލަވަޔަކުން އޭނާއަށް ފުރަތަމަ ފުރުސަތެއް ދިނީ މަޝްހޫރު ނެށުންތެރިޔާ ސުނީތާ އަލީ (ސުނީ) އެވެ. ސުނީ އައްޔައަށް ދިން ފުރުސަތަކީ ސުނީގެ އެކުވެރިޔާ ޝަރީފާ ފަހުރީގެ ބަައިވެރިވުމާއެކު ނެރެމުންދިޔަ "'ހިތްދީވާނާ" ގެ ލަވައެއްގައި އެކްޓް ކުރާށެވެ. އޭގެ ފަހުން އަބްދުލްފައްތާހުގެ "އާދޭސް" އިން ދޮން އައްޔައަށް ދިން ފުރުސަތާއެކު ފިލްމުތަކުން ފުރުސަތު ލިބެން ފެށި އެވެ.
ފިލްމު ކުޅެން ކިތަންމެ ބޭނުންވި ނަމަވެސް މިއަދު ހުރި ހިސާބަށް އައުމަށް އުނދަގޫ ދަތުރެއް ކުރަން ޖެހުނެވެ. ފުރަތަމަ ކޮޅު އެއްވެސް ފުރުސަތެއް ނުލިބުނެވެ. އެތައް މަސައްކަތަކުން ފުރުސަތު ލިބުނު ފަހުން ވެސް ގޮންޖެހުންތަކާ ކުރިމަތިއެވެ.
އެންމެ ބޮޑު މައްސަލައަކަށްވީ އައްޔަގެ ލުކް މާ ޅަކަމަށް ދެއްކުމެވެ. ބަލާލާއިރު މާ ޅަ މީހެއްގެ ގޮތުގައި ފެންނަނީ އެވެ. އެހެންވެ ކުޅެލަން ބޭނުންވާ ރޯލްތައް ލިބެން ހުރަސް އެޅެނީ އެވެ. އަދި ބައެއް ފިލްމުތަކުން ފުރުސަތު ދޭން ބައެއް ޑައިރެކްޓަރުން ދެކޮޅު ހެެދިއެވެ. އެ ހުރިހާ ގޮންޖެހުންތަކާ ކުރިމަތިލާ މިއަދު ހުރި ހިސާބަށް އާދެވުމަކީ އައްޔަގެ ހަޔާތުގައި ލިބުނު ބޮޑު ކާމިޔާބެކެވެ.
"އައްޔަގެ މި ދާއިރާގެ އެންމެ ގާތް އެކުވެރިއަކީ އައްޒަ. އައްޒަގެ ގާތުގައި ވަރަށް ސީރިއަސްކޮށް އެ ވާހަކަ ދައްކާފައި ވެެސް ހުންނާނެ. މިހެން މާ ޅަ މީހެއްގެ ލުކް ހުންނާތީ. އެއީ ވަރަށް ބޮޑު މައްސަލައަކަށްވި ބައެއް ޑައިރެކްޓަރުންނަށް،"
ދޮން އައްޔަގެ އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި ޔޫސުފް ޝަފީއު ޑައިރެކްޓްކުރި "ދެވަންސޫރަ" އާއި އަބްދުލްފައްތާހުގެ "ހައްދު" އަދި ފާތުމަތު ނަހުލާގެ "ބޮސް" ހިމެނެ އެވެ. މީގެ އިތުރުން އިސްމާއީލް ޝަފީގު ޕްރޮޑިއުސްކުރި "ނޯޓީ ފޯޓީ" އާއި "ފޯޓީ ޕްލަސް" އެއީވެސް އައްޔަގެ ފާހަގަ ކޮށްލެވޭ ފިލްމުތަކެެވެ.
ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އެތައް ކަމެއް ހުއްޓިފައިވީ ނަމަވެސް އައްޔަގެ ޝެޑިއުލް ވަރަށް ބިޒީ އެވެ. ބައިސްކޯފުން ގެނެސްދޭ ސިޓްކޮމް "ކަރުހަކުރު" އަދި ޔޫއްޕެގެ ވެބް ސީރީޒް "ހުވާ ކޮށްފާ ބުނަން" ގެ އިތުރުން ޑާކްރެއިންގެ "ބަޅިނދު" ގައިވެސް ދޮން އައްޔައަކީ މުހިންމު ތަރިއެކެވެ. އެ މަސައްކަތުގައި މި ދުވަސްކޮޅު އޭނާ ވަރަށް ބިޒީ އެވެ. ބައެއް ދުވަސް ދުވަހު ފިލްމާއި ބެވްސީރީޒް އަދި ސިޓްކޮމްގެ ޝޫޓިންއަށް ވެސް ވަގުތު ދޭން ޖެހެއެވެ.
"ލޮކްޑައުންގައި ވެސް މި ދިޔައީ ވަރަށް ބުރަކޮށް. މަސައްކަތް ކުރަމުންދަނީ ބެލުންތެރިންނަށް ކޮންމެވެސް އެއްޗެއް ގެނެސް ދިނުމަށް،"
ފިލްމީ މަސައްކަތުގައި ދެމި ހުުރުމަކީ އައްޔަގެ އުންމީދެކެވެ. މިހާތަނަށް ގިނަ ފިލްމުތަކެއްގައި ތަފާތު ރޯލްތަކެއް ކުޅެވިފައިވީ ނަމަވެސް އޭނާ އެންމެ ކުޅެލަން ބޭނުންވަނީ ވަރަށް ރޮމޭންޓިކް ރޯލެކެވެ. މިހާތަނަށް އެފަދަ ރޯލެއް އަދި ކުޅެވިފައި ނެތުމުން އެފަދަ ރޯލަކުން ފެނުމަކީ އުންމީދެކެވެ.
އެކްޓްކުރުމުގެ އިތުރުން ބައެއް އެކްޓަރުން ގެންދަނީ ފިލްމުތައް ޑައިރެކްޓްވެސް ކުރަމުންނެވެ. ނަަމަވެސް އެކަމުގައި އައްޔަގެ ވިސްނުން ތަފާތެވެ. ޑައިރެކްޓަރެއްގެ ގޮޑީގައި އިށީންނަަން ޖެހޭނީ އެކަމަށް ފްލީ ތައްޔާރުވެގެން ކަމަށް އޭނާ ދެކެއެވެ. އެކްޓް ކުރުމުން ދުރަށް ޖެހި ނުލިނަމަވެސް ކޮންމެވެސް ދުވަހަކުން ފިލްމެއް ޑައިރެކްޓް ކުރުމަކީ އައްޔަގެވެސް އުންމީދެކެވެ. ނަމަވެސް އެކަން އޭނާ ކުރާ ރަނގަޅު ވަގުތުގައެވެ.
"އެއް ފިލްމު ކުޅެފައި ޑައިރެކްޓަރަކަށްވުމަކީ އައްޔަ ގަބޫލުކުރާ ގޮތެއް ނޫން. އެކްޓިގައި ދެވޭނެ އެންމެ ކުރިއަށް ގޮސް ދެން ޑައިރެކްޝަންގެ ތެރެއަށް ނިކުންނަންޏާ ނިކުންނާނީ. އަބަދުވެސް ބަލަނީ ސްޓެޕްބައި ސްޓެޕް ކުރިއަށް ދެވޭތޯ. އިރާދަ ކުރެއްވިއްޔާ މިހާރު މި ހުރިހާ އަޅުގަނޑު ބޭނުންވި ގޮތުގައި،"
ފިލްމީ މަސައްކަތަށް ނިކުތުމުގެ ކުރިން އެތަށް ދުވަހެއް ވަންދެން ނެށުމުގެ ތެރޭގައި އުޅެވިފައިވާތީ ދޮއް އައްޔަގެ ހިތުގައި އަދިވެސް ނެށުމަށް ހާއްސަ ލޯތްބެއް އެބައޮތެވެ. އޭނާ ކުޅެފައިވާ ގިނަ ލަވަތަކުގައި ނެށުުމުގެ ހުނަރު ބޭނުންކޮށްފައިވެއެވެ.
ނަމަވެސް ފިލްމީ މަސައްކަތުގައި ބުރަކޮށް އުޅެން ޖެހޭތީ ގުރޫޕަކާއެކު ނެށުމަށް މިހާރު ވަގުތު ނެތީއެވެ. އެހެން ނޫންނަމަ ނެށުމުގެ މަަސައްކަތްވެސް އޭނާ ދޫކޮށް ނުލީހެވެ.
"އަސްލު މިހާރުވެސް ވަރަށް ނަށާ ހިތްވޭ. އެހެން ނަމަވެސް މިހާރު ވަގުތު ނެތީ،"
ކައިވެނި ވަރަށް އުފާވެރި
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަވަނަ ދުވަހު އައްޔަ ވަނީ ކައިވެންޏެއް ކޮށްފައެވެ. ހައްވާ ޖީނާއާ އައްޔަގެ ކައިވެންޏަށް އަހަރެއްވީއެވެ. އައްޔަ ބުނި ގޮތުގައި ކައިވެނި ވަރަށްވެސް އުފާވެރި އެވެ. ދެ މީހުންގެ މެދުގައި އޮތީ ވަރުގަދަ ގުޅުމެކެބެ.
ހާއްސަކޮށް ފިލްމީ މަަސައްކަތުގައި ކުރިއަށް ދިއުމުގައި އަންހެނުން އެހީތެރިކަން ވަރަށް ބޮޑެވެ. އެއީ ފިލްމީ ދާއިރާގެ މަސައްކަތްތައް އަންޑަސްޓޭންޑްވާ އަތްބެކެވެ. ބައެއް ދުވަސް ދުވަހު ފިލްމީ މަަސައްކަތުގައި މުޅި ދުވަސް ހޭދަ ކުރަން ޖެެހެއެވެ. ނަަމަވެސް ޝަކުވާއެއް ނެތެވެ. އޭގެ ބަދަލުގައި ގަދަ ހިތްވަރާއެކު އުހަށް އެރުމަށް ދެނީ ހިތްވަރެވެ.
"ވައިފް މިހާރު އައްޔަގެ ޝެޑިއުލްތައް ބަލަހައްޓާނީވެސް. ފިލްމުގެ ޝޫޓިންތަކަށް ދާން ވާންޖެހޭ ތައްޔާރީިތައް ކޮށްދޭނީވެސް. ވަރަށް ކައިންޑް މީހެއް އެއީ. މިހާރު އެހެންވީމަ ހުރިހާ ގޮތަކުންވެސް ވަރަށް އުފާވެރި،"
ކައިވެނީގެ އެ އުފާވެރިކަން ދެމެހެއްޓުމުގައި އައްޔަގެ ޒިންމާ ވަރަށް ބޮޑެވެ. އެކަން އޭނާ ދަނެއެވެ. ފިލްމީ މަަސައްކަތުގައި ކިތަންމެ ބުރަ ނަމަވެސް އަންހެނުންނަށް ވަގުތު ހުސްކުރެއެވެ. އަދި އޭނާގެ ފަރާތުން ޖީނާއަށް ދެރައެއް ހިތާމައެއް ލިބޭނެ އެއްވެސް ކަމެއް ނުކުރުމަށް ހުރީ އަޒުމް ކަނޑައަޅައިގެންނެވެ.
"އެއްވެސް ޝަކުވާއެއް ނުކުރާނެ ޝޫޓިންތަކުގައި މިހާ ބިޒީކޮށް އަދި ގިނަ ވަގުތު އުޅެން ޖެހުނަސް. އަސްލު އައްޔަ ހީކުރިވަރަށްވެސް ޖީނާ ރަނގަޅު. އެކަން ވަރަށް ފާހަގަަކޮށްލަން ބޭނުންވޭ. އަދި ވަރަށް ބޮޑަށް ޝުކުރުވެރިވަން ވައިފަށް،"
އެންމެ އިސްކަން ދެނީ ޑިސިޕްލިންއަށް
ފިލްމީ ފަންނާނުންނާ ބެހޭ ގޮތުން ތަފާތު އަޑުތައް ގަދައެވެ. އެކި ފަންނާނުންނަށް ތަފާތު ތުހުމަތުތައްވެސް ކުރެވެއެވެ. ނަމަވެސް ދާއިރާއެއްގެ އެކަކަށް ނުވަތަ ދެ ތިން މީހަކަށް ކަމެއް ނިސްބަތް ވުމަކީ މުޅި ދާއިރާއަށް އެކަމުގެ ހުތުރު ނަން ލިބެން ޖެހޭ ސަބަބެއް ނޫނެވެ.
ކޮންމެ ދާއިރާއެއްގައިވެސް ތަފާތު މީހުން އުޅޭއެވެ. ބައެއް މީހުންގެ ފަރާތުން ވަރަށް ނޭދެވޭ ކަންކަން ފެނެއެވެ. އެއީ ވަކި ދާއިރާއަށް ނުވަތަ ވަކި މަސައްކަތަކަށް ހާއްސަ ކަމެއް ނޫނެވެ. އެހެން ނަމަވެސް ފިލްމީ ފަންނާނެއްގެ ވާހަކައެއްނަމަ އެ ވާހަކައެއް ތެދުވެ ހިނގައިގަންނަނީ ވަރަށްވެސް ބާރަށެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. އެއީ މުޅި މުޖްތަމައު ދަންނަ މީހުންނެވެ. އާންމުންގެ މުނިފޫހިފިލުވައިދިނުމާއި ހޭލުންތެރިކަމަށް މަސައްކަތް ކުރާ މީހުންނެވެ. ތަފާތު އުފެއްދުންތަކުން މީހުންގެ ލޯބި ހޯދާފައިވާ މީހުންނެވެ. އެހެންވީމަ ފަންނާނުންގެ ވާހަކައެއް ހިންގައިގަންނާނީވެސް ބާރަށެވެ.
ފިލްމީ މަސައްކަތުގައި ހޭދަކުރެވުނު ދުވަސްތަކުގައި ދޮން އައްޔަގެ އެންމެ އިސްކަމެއް އޮތީ އަހުލާގަށެވެ. ސުކޫލް ނިންމުމަށްފަހު ރަށުތެރޭގައި އުޅުނު ގޮތް ދޫކޮށް އޭނާ މިހާރު ހުރީ އަހުލާގީ އެއްވެސް މައްސަލައެއް ނެތި ނަމޫނާ އެކްޓަރެއްގެ ގޮތުގައި ކުރިއަށް ދިއުމަށް ވަރުގަދަ އަޒުމެއް ގައެވެ. ކޮންމެ ދާއިރާއަކުން ކުރިއަށް ދެވިދާނެ ކަން ސާބިތުކޮށްދޭށެވެ.
"ކޮންމެ ކަމަކީވެސް ރަނގަޅަށް ކުރިއަށްދާން ބޭނުންނަމަ ކުރިއަށް ގެންދެވޭނެ. އެންމެ މުހިންމީ ޑިސިޕްލިން،"
ފިލްމީ ދާއިރާގައި ދޮންޔަ އަކީ ވިދުން ގަދަ ތަރިއެކެވެ. ގޮންޖެހުންތަކާއެކު މިހާ ހިސާބަށް އައުމުގައި އޭނާއަށް އެހީތެރިވެދިން ހުރިހާ އެންމެންނަށް އޮތީ ހާއްސަ ޝުކުރެކެވެ.
"އަޅުގަނޑަށް މިހާ ހިސާބަށް އާދެވުނީ ވަރަށް ގިނަ ބައެއްގެ މަސައްކަތުން. އެ އެންމެންނަށް ޝުކުރު އަދާކުރަން ބޭނުން. ހާއްސަކޮށް ޔޫއްޔެ، ޝަފީގް، ނަހޫ، ފައްތާހު އަދި އިންޑަސްޓްރީގެ އެންމެ ސީނާ ބޭފުޅުން މަނިކު، ސައީދު އަދި އެހީތެރިވެދިން ހުރިހާ އެންމެން. އަދި ވައިފްއަށް ވަރަށް ހާއްސަ ޝުކުރެއް،"