ވޮލީގައި ރާއްޖެއިން ފާހަގަ ކޮށްލެވޭ އެއް ނަމަކީ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަދި ކެޕްޓަން އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އެވެ. އޭނާ ވަނީ ގައުމީ ވޮލީން ރިޓަޔާވެފަ އެވެ. ސިފައިންގެ ސާޖަންޓް ފަސްޓް ކްލާސް މިހާރު ހުންނަވަނީ ދިވެހި ސިފައިންގެ ކްލަބް ހިންގެވުމުގަ އެވެ. މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ކްލަބް އޮޕަރޭޝަން އިންޗާޖަކީ އެއީ އެވެ. އަދި ވެސް ކްލަބް ލެވެލްގައި ކުޅެއެވެ. އެކަމަކު މިއީ ލޯންގޭގެ ތަފާތު ވާހަކައެކެވެ. އެއީ އޭނާ ޖަވާޒީ ހަޔާތެއް ފެށި ވާހަކަ އެވެ. އެ ހަޔާތް ފެށީ މި މަހުގެ 22 ގައެވެ.
ލޯންގޭ ކައިވެނި ކުރެއްވީ އައިޖީއެމްއެޗްުގެ ޖެނެރަލް ސާޖަންއެއް ކަމަށްވާ ޑރ. އައިޝަތު އަޒްނާ އަލީއާ އެވެ. ކައިވެންޏަކާ ހިސާބަށް ދިއުމުގެ ކުރިން މި ލަވް ސްޓޯރީ ފެށުނު ގޮތް ބަލައިލަން ހިނގާށެވެ.
ލޯންގޭގެ ވާހަކަ ވަރަށް ކުރެވެ. އޭނާ ވިދާޅުވި ގޮތުގައި އަޒްނާއާ ބައްދަލުވީ ހޮސްޕިޓަލުގެ ތެރެއިންނެވެ. އިތުރަށް ދެމެދުގައި ގުޅުމެއް ބަދަހިވީ އޮންލައިން ކޮށެވެ. އެހިސާބުން މާ ބޮޑު އިތުރު ތަފްސީލަކަށް ވަޑައެއް ނުގަންނަވަ އެވެ.
އަޒްނާއަކީ ހޮސްޕިޓަލްގައި ވަރަށް ބިޒީ ޑޮކްޓަރެކެވެ. އެ ދެ ބޭފުޅުންގެ ގުޅުން ހޮސްޕިޓަލުން ފެށި މާ ގިނަ ދުވަސް ނުކުރައްވާ ކައިވެންޏަކާ ހަމައަށް ވަޑައިގަތީ އެވެ.
"ވެން ޔޫ މީޓް ދަ ރައިޓް ޕާސަން ޔޫ ޖަސްޓް ނޯ [ކަމުދާ ރަނގަޅު މީހާއާ ބަދަލުވުމުން އެކަން އެމީހަކަށް އެނގޭނެ]" އަޒްނާ ވިދާޅު އެވެ.
ކުޅިވަރު ދާއިރާއިން މަޝްހޫރު ވެފައި ލޯންގޭ އަކީ އާއްމުން ދަންނަ ދެކެ ފަރިތަ އަދި ސިފައިންގެ ހިދުމަތުގައި ހުންނެވި ބޭފުޅެކެވެ. އަޒްނާ އަކީ ވެސް އޭނާ ކުރައްވާ މަސައްކަތުގެ ގޮތުން ގިނަ ބަޔަކާ ބައްދަލުވެ ހިދުމަތް ކުރައްވާ އެންމެހެން ދަންނަ ބޭފުޅެކެވެ. އެއާއެކު ލޯންގޭ އާއި އަޒްނާގެ ކައިވެނި ފޮޓޯތައްވީ އާއްމުންގެ ގިނަ ބަޔަކު ސަމާލުކަން ހުއްޓުން ފޮޓޯތަކަކަށެވެ.
އެ ދެ ބޭފުޅުންގެ ކައިވެނި ފޮޓޯތައް އާންމު ސަމާލުކަން އަތުލީ އެ ފޮޓޯތަކުގެ ކޮންސެޕްޓް ތަފާތު ވެގެނެވެ. ދެމަފިރިންމެ ވަނީ ފަހުރުވެރި ކަމާއެކު އެ ދެ ބޭފުޅުން، ދިރިއުޅުމުގެ ބޮޑު ބައި އަދި އެ ދެ ބޭފުޅުންގެ "ޕެޝަން" ކަމުގައި ދެކެ ވަޑައިގެން އަދާކުރައްވާ ވަޒީފާގެ ޔުނީފޯމްގައި "ބްރައިޑް އެންޑް ގުރޫމް" ފޮޓޯތައް ނަންގަވާފަ އެވެ.
ލޯންގޭ، އަނބިކަނބަލުންނާއެކު ހުއްޓި ވަޑައިގެން ހުންނަވަނީ އެމްއެންޑީއެފް ޔުނީފޯމްގަ އެވެ. އަނބިކަނބަލުން އަޒްނާ ވެސް ހުންނަނީ އޮޕަރޭޝަން ތިއޭޓަރަށް ހާއްސަަ ސްކްރަބްސް ގައެވެ. ކޮވިޑާ އެއްކޮށް ވެސް އިމަޖެންސީކޮށް ކުރާ އޮޕަރޭޝަންތައް ފުލުފުލުން ހޮސްޕިޓަލްގައި އޮވެ އެވެ. އަޒްނާ އުޅުއްވަނީ ބިޒީ ޝެޑިއުލެއްގަ އެވެ.
"ރީތި ވެޑިންޑް ޑްރެސްއެއް ފަހަން ވަގުތެއް ނުލިބުނު ބުރަކޮށް މަސައްކަތް ކުރަމުން ގޮސް، މި މަހުގެ 22 ގައި ކައިވެނި އޮތީ ޗުއްޓީއަށް ދެވުނީ 21 ގައި. ދެން ހިތަށް އެރީ ތަފާތު ކޮންސެޕްޓެއް ހަދާލަން. އޯޓީ ސްކްރަބްސް ލާފައި ލޯންގޭ ވެސް އެމްއެންޑީއެފް ޔުނީފޯމް ލާނީއޭ... އެކަމަކު ކަން ދިމާކުރި ގޮތުން އެދުވަހަށް ރީތި ވެޑިން ޑްރެސް އެއް ވެސް ލިބުން. އެހެންވިޔަސް މިގޮތަށް ފޮޓޯ ނަގާލީ އެއީ އެ ދެ ދާއިރާއަކީ ދެމީހުންގެ ޕެޝަން ކަމުން. ލޯންގޭ ވެސް ވަރަށް ހެޕީ ޖޮބެއްގައި އެހެރީ. ފަހުން ބަލައިލަން ރީތި ވާނެޔޭ ހިތަށް އެރީ. ދަރިންނާއި ދަރިންގެ ދަރިންނަށް ދާންދެން ވެސް މި ފޮޓޯތައް ކަމު ހިނގައިދާނެއޭ ހީވޭ،" ޑޮކްޓަރު ވިދާޅުވި އެވެ. -- އެ ދެ ބޭފުޅުން ވަނީ އާންމު ވެޑިންގް ޑްރެސްއާއެކު ވެސް ފޮޓޯ ނަގާފަ އެވެ.
މި ދެ މަފިރިންގެ ކައިވެނި ފޮޓޯ ޝޫޓާއި އެއްގޮތަށް ކައިވެނި ރަން ވެސް ހަދިޔާ ކުރައްވާފައި ވަނީ ތަފާތު ގޮތަކަށެވެ. އިންސާނެއްގެ ހިތެއް ސިފަ ކުރެވޭ ގޮތަކަށް ހަދާފައިވާ ކުޑަ މޮޑެލްއަކާއެކު ކައިވެނި ރަން ލޯންގޭ ވަނީ އަނބިކަނބަލުން އަޒުނާއަށް ދެއްވާފަ އެވެ.
އެއް ފޮޓޯއިން ފެންނަ ގޮތުން ލޯންގޭ، އަނބިކަނބަލުން އަޒުނާގެ ބޮލުގައި ޔުނީފޯމާއެކު އަޅާ ތޮފި، މިލިޓަރީ ބެރޭ އަޅުވާލައިދޭއިރު ވެޑިންގް ބޮކޭ ހިފަހައްޓާލައިގެން ހުރެއެވެ. އެ ފޮޓޯގައިވާ ހިނިތުންވުމާއެކު އެކަކު އަނެކަކަށް އޮތް ލޯބި ބުނެލައި ދެއެވެ.
މިއީ ފަހުރުވެރި ދެ ހިދުމަތްތެރިންނެވެ. ފޮޓޯއިން އެއް ޔުނީފޯމް އަނެއް ޔުނީފޯމަށް ކުރާ އިހްތިރާމާއި ގަދަރު ފެންނަ ކަހަލަ އެވެ. ދެބޭފުޅުން އެކުގައި ހަޔާތެއް ފެއްޓެވި އިރު އަދާ ކުރައްވާ ވަޒީފާއަށް އޮތް ލޯބީގެ އިތުރުން ގައުމަށް އޮތް ލޯބި ވެސް ފެނިގެން ދެއެވެ. އެދެނީ އުފާވެރި ބާއްޖަވެރި ހަޔާތަކަށް!