ފެ ނުގެ މުހިއްމު ކަމާއި ފެނުގެ ބޭނުން އެންމެނަށް ވެސް ރަނގަޅަށް އެނގޭނެ އެވެ. އެކަމަކު ފެން ބޭނުން ކުރަންވީ ގޮތުގެ އެންމެ ރަނގަޅު މައުލޫމާތު ނޭނގި އޮވެދާނެ އެވެ. ޑައިޓީޝަން އާސިޔާ އަބްދުއްރަހީމް ދެއްވަނީ ފެން ބޭނުން ކުރަންވީ ގޮތުގެ ރަނގަޅު އިރުޝާދު ތަކެކެވެ. ދުނިޔޭގެ ފެނުގެ ދުވަހު މިއީ ރަނގަޅު މައުލޫމާތަކަށް ވާނެ އެވެ. އާސިޔާ ވިދާޅުވާ ގޮތުގައި ފެނަކީ ފައިދާ ހުރި އެއްޗަކަށްވީ ނަމަވެސް ފެން ބުއިމުގައި ވަރަށް ސަމާލުވާން ޖެހެ އެވެ. ކަރުހިއްކުން ފިލުވުމުގެ ކުރިން ކަރު ތެއްމާލުމުގެ އާދަ އަށަގަންނުވަން ޖެހެ އެވެ.
ފެން ބޯންވީ ކިހާ މިންވަރަކަށް؟
ކޮންމެ މީހަކީ އުފެދުމުގައި ތަފާތު މީހެކެވެ. އެހެންކަމުން ފެން ބޯން ޖެހޭ މިންވަރު ވެސް އެކި މީހުންނަށް ތަފާތުވެ އެވެ. ހަށިގަނޑުގެ ބަރުދަން އިތުރު މީހުނާއި، ބުރަކޮށް މަސައްކަތް ކުރުމުން ގިނައިން ދާހިއްލާ މީހުން ފެން ބޯން ޖެހޭ މިންވަރު އިތުރުވެ އެވެ. މިފަދަ މީހުން ފެނާއި ކިރު ހިމެނޭ ގޮތަށް ދުވާލަކު ތިން ލީޓަރު ފެން ބުއިން މުހިއްމެވެ. އެކަމަކު ސިއްހަތު ރަނގަޅު އާންމު އިންސާނަކު ފެނާއި ކިރު ހިމެނޭ ގޮތަށް ދުވާލަކު ދެ ލީޓަރު ބޭނުންކުރުމުން ފުދެ އެވެ.
"ކިރު ރަނގަޅީ ދުވާލަކަށް ދެ ތަށި. އެއީ ގާތްގަނޑަކަށް 500 އެމްއެލް. ބާކީ ދެން މިވާ 1500 އެމްއެލް، ފެނުން ހަމަޖެއްސުން އެންމެ ރަނގަޅީ. ފެން މި މާނަ ކުރަނީ ފެނާއި، ކިރު އަދި ފެން ގިނަ މޭވާއަށް. މީގެ އިތުރުން އާންމުކޮށް މި ބޭނުން ކުރާ ޖޫހުގެ ގިނަ ބާވަތްތަކާއި، އެނާޖީ އަދި ފިޒީ ޑްރިންކްސް ތަކަކީ އިންސާނާގެ ސިއްހަތަށް ރަނގަޅު ބާވަތްތަކެއް ނޫން،" އާސިޔާ ވިދާޅުވި އެވެ.
ކިޑްނީ ބައްޔަށް ފަރުވާ ކުރަމުންދާ މީހުން، ވަކިން ހާއްސަކޮށް ޑައިލިސިސް ހަދަމުންދާ މީހުން ސަމާލުވާން ޖެހޭ ވަރަށް މުހިއްމު ކަމެއް އެބަވެ އެވެ. އެ މީހުން ދުވާލެއްގެ މައްޗަށް އާންމު ގޮތެއްގައި ދިޔާ އެއްޗެތީގެ ގޮތުގައި ބޭނުން ކުރަން ޖެހެނީ 500 އެމްއެލް އެވެ. އެގޮތުން ފެނުގެ އިތުރަށް މިސާލަކަށް ގަރުދިޔަ އާއި ޖޫސް ފަދަ އެއްޗެއް ބޭނުންކުރި ނަމަވެސް 500 އެމްއެލްގެ މިންވަރުގައި ހިފަހައްޓަން ޖެހެ އެވެ.
ގިނަ މީހުންނަކީ ދުވެ، ކަސްރަތު ކުރުމަށް ލޯބި ކުރާ މީހުނެވެ. އެކަމަކު ދުވެ، ކަސްރަތުކޮށް ނިންމުމަށް ފަހު ފެނުގެ ބަދަލުގައި އެންމެ ރަނގަޅީ އިލެކްޓްރޮލައިޓް ބުއިމެއް ބޭނުން ކުރުމެވެ. އެއީ ދުވެ، ކަސްރަތުކުރުމުން ހަށިގަނޑުން މަދުވާ ފެނާއި، ލޮނުގެ ބާވަތްތައް އަނބުރާ ހޯދައިދިނުމަށް އިލެކްޓްރޮލައިޓް ބުއިންތައް ރަނގަޅު ދައުރެއް އަދާކުރާތީ އެވެ.
އަދަދު އިތުރުވެ މަދުވުމުން ވާނީ ކިހިނެއް؟
ފެނަކީ މީހާ ރަނގަޅު ސިއްހަތެއްގައި ހުރުމަށް އެންމެ މުހިއްމު ދައުރެއް އަދާކުރާ މާއްދާ އެވެ. އެކަމަކު މާ ގިނައިން ފެން ބުއިމުންނާއި މާ މަދުން ފެން ބުއިމުން ވެސް ދިމާވާ މައްސަލަތަކެއް އެބަހުއްޓެވެ. ފެން ބޮވޭ މިންވަރު މަދު ނަމަ ގޮހޮރުގެ ތަފާތު މައްސަލަތައް ކުރިމަތިވުމާއި، ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އަށަގަތުމަކީ އާންމުކޮށް ދިމާވާ ދެ މައްސަލައެކެވެ.
"ރޯދަ މަހާ ދިމާކޮށް ވަރަށް ގިނަ މީހުންގެ ފަރާތުން ފާހަގަވާ ކަމެއް ބޮލުގައި ރިއްސުން. އެއީ ހަށިގަނޑަށް ބޭނުންވާ ފެން މަދުވުމުން ދިމާވާ މައްސަލައެއް. ފެން މަދުވުމުން އަހަރެމެންގެ ގުރުދާ އިން ކުޑަކަމުދާ ތަކެތި އުފައްދާ، ސާފު ކުރާއިރު އެތަކެތި ހުންނާނީ ތަންކޮޅެއް އޮލަކޮށް. އެކަމުގެ ސަބަބުން ގުރުދާއަށް އަސަރުކުރުން އެކަށީގެންވޭ." އާސިއާ ވިދާޅުވި އެވެ.
މާގިނައިން ފެން ބޮވޭނަމަހަށިގަނޑުން ލޮނުގެ ބާވަތްތައް މަދުވެ، ހޭނެތުމާއި، ވަރުދެރަ ކޮށްލުމުގެ މައްސަލަ ދިމާވެ އެވެ. އޭގެ ސަބަބުން ކާބޯތަކެތީގެ ބާވަތްތަކުން ހަށިގަނޑަށް ނަގައިދޭން ޖެހޭ ކެވެނިތައް ހަށިގަނޑަށް ނަގައިދިނުމުގައި ދަތިތަކެއް ކުރިމަތިވެ އެވެ. ހިއްސުތައް މަސައްކަތް ކުރުމަށް ބޭނުންވާ ނާރުތައް މަސައްކަތް ކުރަންޖެހޭ ގޮތަށް ނުކުރާ ކަންވެސް ފާހަގަ ކުރެވެ އެވެ. އަދި ގުރުދާ ނުވަތަ ކިޑްނީ އަކީ ހަށިގަނޑަށް އެތެރެވާ ފެން ފުރާނައިދޭ ގުނަވަން ކަމަށްވާއިރު މާގިނަ އިން ފެން ބޯނަމަ ކިޑްނީގެ މަސައްކަތްތަކަށް ބާރު ބޮޑުވެ ކިޑްނީ އަށް ގެއްލުންވުމުގެ ފުރުސަތު ބޮޑެވެ. ހަށިގަނޑަށް ބޭނުންވާ މިންވަރަށް ވުރެ މަދުން ފެން ބޯނަމަ ވެސް ކިޑްނީއަށް ގެއްލުންވެ އެވެ.
ރަނގަޅަށް ފެން ބޯން ގެންނަންވީ ކޮން ބަދަލެއް؟
ބައެއް މީހުން އާންމުކޮށް ފިނިފެން ބޯއިރު އެހެން ބައެއް މީހުނަކީ އާންމުކޮށް ހޫނު ފެން ބޯ ބައެކެވެ. ނަމަވެސް މިއީ އާންމުކޮށް ކުރުން ރަނގަޅު ކަމެއް ނޫނެވެ. އެންމެ ރަނގަޅީ ތާފަނާ ފެން ބޭނުން ކުރުމެވެ.
"ދިރާސާތަކުން ދައްކާ ގޮތުގައި މާ ހޫނުކޮށް ފެން ބުއިމުގެ ސަބަބުން ފެން ދިރުވާ ހޮޅިއަށް ކެންސަރު ޖެހުމުގެ ފުރުސަތު އިތުރުވޭ. ކަރު ރަނގަޅު ކުރުމަށް ކަމަށް ބުނެ ބައެއް މީހުން އާންމުކޮށް ހޫނު ފެން ބޮއޭ. އެކަމަކު އެއީ ކުރުން ރަނގަޅު ކަމެއް ނޫން،"
ރާއްޖެއަކީ ހޫނު ގަދަ ގައުމަކަށްވާތީ ދުވާލުގެ އެކި ވަގުތުތަކަށް ބަހާލައިގެން ފެން ބޯން އާދަކުރަން ޖެހެ އެވެ. މިގޮތަށް އަމަލު ކުރާނަމަ ފެން ބޮވޭ މިންވަރު މަދުވެގެން ނުވަތަ ގިނަ ވެގެން ސިއްހީ މައްސަލަތައް ދިމާވުމަކީ ދުރު ކަމެކެވެ. ކަރުހިއްކައިގަންނަ ކޮންމެ ފަހަރަކު އެއްފަހަރާ ގިނަ އަދަދަކަށް ފެން ބުއިމަކީ ހުއްޓާލަން ޖެހޭ އާދައެކެވެ. ކަރުހިއްކަން ދެން ފެން ނުބޮއި ހުރުމުން އަވަހަށް ކަރުހިއްކުން ފިލުވުމަށްޓަކައި ގިނަ އަދަދަކަށް ހަކުރު ހިމެނޭ އެނާޖީ އަދި ފިޒީ ޑްރިންކްތައް ބުއިމަށް ލޯބިކުރެވެ އެވެ.
"ޕްލާސްޓިކް ފުޅީގެ ބަދަލުގައި ބިއްލޫރި ފުޅީގައި ފެން ގެންގުޅުމަށް ސަރުކާރުން ބާރު އަޅާތީވެ، އެފަދަ ފެން ފުޅިއެއް އަބަދު ވެސް ގެންގުޅެ، ފެން ބުއިމަށް އާދަ ކުރެވިއްޖެނަމަ އެއީ ރަނގަޅު އާދައެއް. އަމިއްލަ ސިއްހަތަށް މަސައްކަތް ކުރުމަކީ ހަނޑި ކަމެއް ނޫން. މިފަދަ އާދައަކުން ވެސް ފެނާ ގުޅޭ މައްސަލަތަކަށް ރަނގަޅު ހައްލުތަކެއް ލިބޭނެ،" އާސިޔާ ވިދާޅުވި އެވެ.