ސްޓާރެއްގެ ސްޓޯރީ

އަމްޖޭއަށްވުރެ ފިޓް މީހެއް ނެތް!

ދިވެހި ފިލްމީ އިންޑަސްޓްރީ ދުށް އެންމެ މަސައްކަތްތެރި ޑައިރެކްޓަރަކީ ކޮބައިތޯ ސުވާލުކޮށްފިނަމަ އެ ސުވާލަށް އޮތީ ވަރަށް ފަސޭހަ ޖަވާބެކެވެ. ޑައިރެކްޓަރު އަމްޖަދު އިބްރާހިމް (އަމްޖޭ) އެވެ. ފިލްމު އުފެއްދުމުގައި އޭނާ ވަނީ ތިރީސް އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކޮށްފައެވެ. މި މުއްދަތުގެ ތެރޭގައި 55 ފިލްމެއް ޑައިރެކްޓްކޮށްފި އެވެ. 54 ފިލްމެއް ވަނީ ބެލުންތެރިންނާއި ހަމަައަށް ގެނެސްދީފައެވެ. އޭގެ ތެރޭގައި ރާއްޖޭގައި އުފެއްދި އެންމެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތައްވެސް ހިމެނެއެވެ. އަދި އެތަށް ކުދިންތަކެއް ފިލްމީ ދާއިރާއަށް ނެރެދިން ޑައިރެކްޓަރަކީވެސް އެއީއެވެ. ޔޫސުފް ޝަފީއު (ޔޫއްޕެ) އަކީ އޭގެ މިސާލެކެވެ.

ފިލްމީ މަސައްކަތަށް ނިކުތުމުގެ ކުރިން އަމްޖޭއަކީ ސިފައިންގެ މީހެކެވެ. ސިފައިންގެ އޭރުގެ ވިޔަފާރި ކޯޕަރޭޓިވް އެސްސީކޭގެ ބޮޑު ސޭޓަކީ އޭނާއެވެ. ސިފައިންގެ އަހަރީ ދުވަހާއި ގުޅިގެން ކޮންމެ އަހަރަކު ބާއްވަމުން އައި "ސިފަ އުފާ" ޝޯ ތަކަކީ އަމްޖޭގެ ހިތް ފިލްމީ މަސައްކަތަށް ލައްބާލި ސަބަބެވެ. އޭނާ ފުރަތަމަ މަސައްކަތް ކުރީ ފިލްމެއް ނުވަތަ ޑްރާމާއެއް ޑައިރެކްޓް ކުރާކަށް ނޫނެވެ. ބޭނުންވީ "'ސިފަ އުފާ" ޝޯއަށް ތަމްސީލެއް ތައްޔާރު ކުރަން ސްކްރިޕްޓެއް ލިޔާށެވެ.

އެ މަަސައްކަތް ކުރުމަށް ހިތު އަޅައިގެން އުޅެނިކޮށް ލަވައެއް ޑައިރެކްޓް ކުރަން ޖެހުނީއެވެ. ސިފައިންނަށް އެއީ މަނާ ކަމެއް ނަމަވެސް ސިފައިންގެ މީހެއްގެ ގޮތުގައި ހުރެ ސިއްރުން އަމްޖޭ އެކަން ކުރީ ފިލްމީ މަސައްކަތަށް އޮތް ލޯތްބެއްގެ ސަބަބުންނެވެ.

ރޯދަ މަހު ދިވެހިރާއްޖޭގެ އަޑުން "ލޯބީގެ ދަރުބާރު" ގެ ނަމުގައި ހާއްސަ ޕްރަގްރާމެއް އޭރު ފޮނުވައެވެ. ކޮންމެ ޕްރަގްރާމެއްގެ ފަހު ބައިގައި އޮންނަނީ އެ ރެއެއްގެ ހާދިސާއާ ގުޅުވާލާ ހާއްސަ ލަވައެއް ފޮނުވައެވެ. ސިފައިންގެ ޑިއުޓީ ނިންމާލުމަށްފަހު އަމްޖޭ އެއްރޭ ގެއަށްދިޔައިރު "ލޯބީގެ ދަރުބާރު" ގެ ލަވަ އަންނަނީއެވެ. އެރޭގެ ލަވަޔަކީ މަޝްހޫރު ލެޖެންޓް ނައިފަރު ދޮހޮއްކޮގެ "މަސްލަހަތު ނެތް އަނބިން" އެވެ. އެއީ އެ ލަވަ ފޮނުވަން ފެށި ފުރަތަމަ ރޭވެސް މެެއެވެ. ގޭތެރޭގައި އެއްވެފައި ތިބި އެންމެނަށްވެސް އެ ލަވަ ވަރަށް ކަމު ހިގާއްޖެއެވެ.

"އެ މީހުން ބުނެފި މިއީ ފައްކާ ލަވައެކޭ ވީޑިއޯ ހަދަން. އިބްރާހިމް މަނިކު ގާތު ބުނެދެން މި ލަވައަށް ވީޑިއޯ ހަދަން ޖެހޭނޭ،"

އެ ހިސާބުން ލަވައިގެ ވީޑިއޯ ހެދުމުގެ ތައްޔާރީތައް ފެށިއްޖެއެވެ. ކެމެރާއެއް އަދި އެ ކަމަށް ބޭނުންވާ އެއްވެސް އެއްޗެއް އަތުގައި ނެތްއިރު ވީޑިއޯ ލަވަ ޑައިރެކްޓް ކުރަން ހަވާލުކުރީ އަމްޖޭއާއެވެ. ލަވައިގައި އެކްޓްކުރާނެ ދަ ތަރިން ހޯދީ ގެ ކައިރިންނެވެ. އަދި ނެށުންތައް ޕްރެކްޓިސް ކުރަން ފެށިއެވެ. ލަވައަށް ރަނގަޅަށް ތައްޔާރުވެވުމުން މާދޫގެ އާދަމް މަނިކު މެދުވެރިކޮށް ސަމަރުބްލޫ އިބްރާހިމް މަނިކުގެ އެހީތެރިކަމަށް އެދުނެވެ. މާދޫގެ އާދަމް މަނިކަކީ އަމްޖޭގެ އާއިލީ ބޭފުޅެކެވެ. ސަމަރޭއަކީ އޭރު އަޑާއި ޓީވީގެ އިސްވެރިޔާއެވެ. ސަރުކާރުގެ ނުފޫޒުގަދަ ބޭފުޅެކެވެ.

"ސަމަރޭ އެއްބަސްވެއްޖެ އެކަން ކޮށްދޭން. އެކަމު އާދަމް މަނިކު އުޅެން ޖެހޭނެ ކަމަށް ޝަރުތުކުރި. އެކަމާ އެއްބަސްވުމުން އަނެއް ދުވަހު ޓީވީ ކްރޫވެސް ފޮނުވައިފި. އެހާ ހިސާބުން އެ ލަވައިގެ ޝޫޓިން ފެށި، ނިމިއްޖެ. އެއީ ފުރަތަމަ މަސައްކަތް،"

އަމްޖޭގެ ފުރަތަމަ މަސައްކަތް ސަމަރޭއަށްވެސް ވަަރަށް ކަމުދިޔައެވެ. އެ ލަވަ ފުރަތަަމަ ޓީވީން ދެއްކީވެސް އަމްޖޭއަށް ވަރަށް ހާއްސަ ދުވަހެއްގައެވެ. އެއީ ސިފައިންގެ އަހަރީ ދުވަހާއި ދިމާކޮށެވެ. އެހާ ހިސާބުން އަމްޖޭގެ އެެއީ އަމްޖޭގެ އުފެއްދުމެއްކަން ސިފައިންގެ ވެރިންނަށް އެނގިވަޑައިގެންފިއެވެ.

އެއީ ޓީވީއެމުން "އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް" ފެށި އަހަރެވެ. ޖެހިގެން އައި އަހަރު އެ މުބާރާތުގައި ފުރަތަމަ ފަހަރަށް ސިފައިން ބައިވެރިވާން ފަށައިފި އެވެ. ހަވާ މުސްތަފާގެ ބެލުމުގެ ދަށުން ސިފައިންގެ ރިކްރިއޭޝަން ކްލަބް އެ މަަސައްކަތް ކުރުމަށް ސިފައިންގެ ވެރިން އެންގެވިއެވެ. މުބާރާތުގައި ބައިވެރިކުރާނެ ޑްރާމާއެއް ހެދުމަށް ސްކްރީން ޕްލޭ ހުށައެޅުމަށް ސިފައިންނަށް ހުޅުވާލި ފުރުސަތުގައި ވެރިންގެ ހޮވުމަށް ވެގެން ދިޔައީ އަމްޖޭ ލިޔުނު "މާބުރުގެ އުސޫލު" ވާހަކައެވެ. އެއީ އަމްޖޭގެވެސް ފުރަތަމަ ވާހަކައެވެ.

މުހައްމަދު މަނިކު އަދި އަހުމަދު ޝާޒް (ތަޖޫ) މުހިންމު ރޯލްތަކުން ފެނުނު އެ ޑްރާމާ ވެގެންދިޔައީ ކާމިޔާބު ޑްރާމާއަކަށެވެ. މުބާރާތުން އެއްވަނަ ނުލިބުނު ނަމަވެސް ދެތިން ހަތަރު އެވޯޑް އެ ޑްރާމާއިން އަމްޖޭ އުފުލާލިއެވެ.

ސިފައިންގޭގައި އުޅެމުން އަމްޖޭ ވަނީ ދެވަނަ ވާހަކައެއްވެސް ލިޔެފައެވެ. އެއީ "ހުރަސް" ކިޔާ ލޯބީގެ ވާހަަކައެވެ. ނަމަވެސް ދެވަނަ އަހަރެއްގެ ޑްރާމާ ތައްޔާރުކުރަން އުޅުމުގެ ތެރެއިން ދިމާވި ކަންތައްތަކާއި ގުޅިގެން ސިފައިންގެ މަތިން ފޫހިވެއްޖެ އެވެ. އެ އަހަރުގެ ޑްރާމާގެ ޝޫޓިން ފެށިއިރު އަމްޖޭ ސިފައިންގެއިން ވަކިވެސް ވެއްޖެ އެވެ. ނަމަވެސް އާންމު މީހެއްގެ ގޮތުގައި ހުރެ އެ ޑްރާމާ އުފެއްދުމުގައި މަސައްކަތް ކުރިއެވެ. ޑައިރެކްޓަރު އަބްދުއްފައްތާހުއާއެކުގައެވެ. އެ އަހަރުގެ އެންމެ ކާމިޔާބު ޑްރާމާއަކަށް ހޮވުނީވެސް ސިފައިންގެ ޑްރާމާއެވެ.

އެ މަަސައްކަތަށްފަހު ސިފައިންގެއާ އަމްޖޭއާ އޮތް ގުޅުން ނިމުނީއެވެ. ރަސްމީކޮށް ފިލްމީ މަސައްކަތް ފަށައިގަތީ އެ ހިސާބުންނެވެ. އަމްޖޭ ފުރަތަމަވެސް މަސައްކަތް ފެށީ އޭނާގެ އަތުން ލިޔުނު ދެވަަނަ ޑްރާމާ "ހުރަސް" އުފެއްދުމުގެ މަަސައްކަތެވެ. އެ ފުރުސަތު ފަހި ކުރަން ރާއްޖޭގެ ތާރީހުދުށް އެންމެ ކާމިޔާބު އެއް ޕްރޮޑިއުސަރު މަހުމާ ހުސައިންގެ ގާތަށް ދިޔައެވެ. އޭނާގެ އެހީތެރިކަމުގައި އެ ވާހަކައަށް ފިލްމެއް އުފެއްދިއެވެ.

އޭގެ ފަހުން މިއަދާ ހަމައަށް 55 ފިލްމު އޭނާ ޑައިރެކްޓްކޮށްފިއެވެ. އޭގެ ތެރޭގައި ބެލުންތެރިންގެ ބޮޑު ސަމާލު ކަމެއް ލިބުނު އީއެމްއޭގެ "ދޮން ކަމަނަ" އާއި ޑޭޝްގެ "ސަނދުރަވީރޭ" އަދި "އުދަބާނީ" ހިމެނެއެވެ.

"އުދަބާނީ އެއީ ވަރަށް ބުރަ މަސައްކަތެއް. އަނެއްކާ ވަރަށް ގިނަ އައު ކުދިން ގޮވައިގެން ކުރި މަސައްކަތެއް އެއީ. މުޅިން އަލަށް ފިލްމެއް ނަގާ ކެމެރާމަނެއް އެ ފަހަރު ގެންދިޔައީ. އަދި މޭކަޕް ކުރަންވެސް އައު ކުއްޖެއް. އަނެއްކާ މިއީ އާމިރާވެސް މިވަރުގެ ބޮޑު ފިލްމެއްގައި އޭނާ މަސައްކަތް ކުރި ފުރަތަމަ ފަހަރު. ނަމަވެސް އެއީ ވަރަށް ކާމިޔާބު މަސައްކަތެއް. ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ ފިލްމެއް،"

ތަފާތު ފިލްމީ މަސައްކަތެއް

ފިލްމީ ދާއިރާގައި ހޭދަކުރެވުނު ދިގު މުއްދަތުގައި އަމްޖޭ ވަނީ ތަފާތު ޖޯންރާ ތަކުގެ ފިލްމުތައް އުފައްދާފައެވެ. ހެއްވާ މަޖާ ފިލްމުތަކާއި ބިރުވެރި ފިލްމުތަކެވެ. ލޯބީގެ ފިލްމުތަކާއި ހިތާމަވެރި ފިލްމުތަކެވެ. ވެބް ސީރީޒްތަކާއި ޑްރާމާ ސިލްސިލާތަކެވެ. ވީޑިއޯ ލަވަތަކާއި ޑޮކިއުމަންޓަރީތަކެވެ.

މިވަގުތު ފިލްމީ މަސައްކަތުގައި ދެމި ތިބި ޑައިރެކްޓަރުންގެ ތެރެއިން އަމްޖޭއަކީ އެންމެ ތަޖުރިބާކާރު ޑައިރެކްޓަރެވެ. ތަޖުރިބާގެ ގޮތުން އަމްޖޭއާ ވާދަކުރެވޭނެ ދެވަނަ ޑައިރެކްޓަރަކު ނެތެވެ. އެ ދާއިރާއިން އެއީ ލެޖެންޓެކެވެ.

އެހެން ކަމުން މިހާރު އަމްޖޭގެ ވިސްނުން ހުރީ ތަފާތު މަސައްކަތެއް ބެލުންތެރިންނަށް ގެނެސް ދިނުމެވެ.

"މިހާރު މަސައްކަތް ތަފާތު ގޮތަކަށް މަސައްކަތެއް ކޮށްލަން. އައު ގޮތަކަށް ސީރީޒްއެއް ހެދޭތޯ. ފިލްމީ މަސައްކަތަށް ކޮންމެވެސް ބަދަލެއް ގެނެވޭތޯ. އެކަމަކު މިއީ އަޅުގަނޑުގެ ސިކުޑީގައި އިން ކަމެއް. އެހެންވީމަ އެ ސީރީޒް ގެނެސް ދިނުމުގެ ކުރިން އެ ވާހަކަތައް ބުނެދޭނެ ގޮތެއް އަދި ނޭންގޭ،"

ޑްރީމް ޕްރޮޖެކްޓް ސްކްރީން ނުކުރެވި

މިހާތަނަށް އަމްޖޭ ޑައިރެކްޓްކުރި ގިނަ ފިލްމުތަކަކީ އެކި ސްޑޫޓިއޯތަކުގެ ފިލްމުތަކެވެ. ނޫނީ ޕްރޮޑިއުސަރުން އެދިގެން އޭނާ ޑައިރެކްޓްކޮށްދިން ފިލްމުތަކެކެވެ. އަމްޖޭގެ އަމިއްލަ އުފެއްދުމެއް ބެލުންތެރިންނާ ހަމައަށް ގެނެސް ދިނުމަކީ އަބަދުވެސް އޭނާ ކުރަމުން އައި އުންމީދެކެވެ.

އެ މަސައްކަތުގެ 99 ޕަސެންޓް މަސައްކަތްވެސް އޮތީ ނިމިފައެވެ. ނަމަވެސް މުޅިން މަސައްކަތް ނިންމާލާ ސްކްރީން ނުކުރެވި އޮންނަތާ ފަސް އަހަރެއްހާ ދުވަސްވީއެވެ. އަމްޖޭގެ ޑްރީމް ޕްރޮޖެކްޓަކީ "ގިލަން" މި ނަމުގައި އޭނާ އުފައްދަން ފެށި ފިލްމެވެ.

"ގިލަން މިއީ އަޅުގަނޑުގެ އަމިއްލަ ފިލްމެއް. އަޅުގަނޑަކީ ކުޑަކުޑަ އާމްދަނީއެއް ލިބޭ މީހެއް. އެހެންވީމަ ފައިނޭންޝިއަލް މައްސަލަތަކެއް އަސްލު މި އުޅެނީ. ފިލްމު ސްކްރީން ނުކުރެވި ލަސްވުމުގެ ސަބަބަކީ އެއީ،"

މަސައްކަތް ނިންމާނެ ފައިސާކޮޅެއް ލިބުނުހާ އަވަހަށް އެ މަސައްކަތްކޮށް 2021 ގައި "ގިލަން" ސްކްރީން ކުރުމަކީ އަމްޖޭގެ އުންމީދެކެވެ. އޭނާ ބޭނުންވަނީ އެ ފިލްމް މޮޅަށް ނިންމާށެވެ. އަދި ޕްރިމިއާވެސް ތަފާތު ކޮށްލާށެވެ. ފުޅާކޮށް އިޝްތިހާރުވެސް ކުރާށެވެ. އެއީ އޭނާގެ 50 ވަނަ ފިލްމަށް "ގިލަން" ވާތީއެވެ.

"އަޅުގަނޑުގެ ޑްރީމްތައް ވަރަށް ގިނަ. ގިލަން އެއީ ޑްރީމް ޕްރޮޖެކްޓް. އެހެންވީމަ އެ ފިލްމުގެ ކޮންމެ ކަމެއް ތަފާތުކޮށްލަން ބޭނުން. އަނެއްކޮޅުން އަޅުގަނޑަށް 55 ފިލްމު މި ހެދުނީ އެތަށް ބައެއްގެ މަސައްކަތުން. އެތަށް ބަޔަކު ދިން ފުރުސަތު މިއީ. އަޅުގަނޑު ބޭނުން އެ ހުރިހާ ބޭފުޅުންގެ އަގު ވަޒަން ކުރަންވެސް. އެހެންވީމަ ފައިނޭންޝިއަލް ހަމަޖެހިގެން މި ފިލްމު ރިލީޒް ކުރަން ބޭނުންވަނީ،"

ހަށިގަނޑަށްވެސް ބަދަލެއް

ފިލްމީ މަސައްކަތުގައި ބުރަކޮށް އުޅުނު ނަަމަވެސް އެކަމަށް އޮތް އެންމެ ބޮޑު ހުރަހަކީ އޭނާގެ ބޮޑު ހަށިގަނޑެެވެ. މީގެ ކުރިން އަމްޖޭ ވަނީ އޭނާގެ ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސް އާންމުންނަށް ބޮޑު ސަޕްރައިޒެއް ދީފައެވެ. އެ ފަހަރު އޭނާ ވައުދުވީ ގޮތަށް 43 އިންޗީގެ ޖީންސް ލައިގެން މަޖީދީމަގުގައި ފަރިކޮށް ހިނގާލިއެވެ. އެ ވާހަކަތައް އޭރު ނޫސްތަކުގައި ވަރަށް ގަދައަށް ލިޔެ ތާރީހުގެ ތެރެއަށް ދޫކޮށްފައިވާނެ އެވެ.

އޭރު ހަށިގަނޑަށް ގެނެވުނު ބަދަލަކީ މޫދު ކަސްރަތުގެ އިސްޓްރަކްޓަރެއް ކަމަށްވާ އަލީ އިބްރާހިމްގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން ގެނެވުނު ބަދަލެކެވެ.

"ހަގީގަތުގައި އެއީ މީހަކު ކޮށްދިން ކަމެއް. އަލީ އިބްރާހިމަށް އެ ހުރިހާ ޝުކުރެއް އޮތީ. އޭނާ އަޅުގަނޑު ގޮވައިގެން ދުވާލަކު ދެ ފަހަރަށް މޫދަށް ގެންގޮސް ފާޑުފާޑުގެ ކަސްރަތުތައް ކުރުވަން ފެށީ. ދެން އެކަމުން ނަތީޖާ ފެނި ހިތް ޖެހުމުން ފަހުން ހީވަނީ އެކަން ނުކޮށްފިނަމަ ކަމެއް އުނިހެން. އެހެންވީމަ ވަރަށް ޝައުގުވެރިކޮށް އޭރު އެކަން ކުރެވުނީވެސް،" ހަށިގަނޑު ލުއިކޮށްލި ގޮތް ކިޔައިދެމުން އަމްޖޭ ބުންޏެވެ.

ނަމަވެސް މަދު އަހަރުތަކެއްގެ ތެރޭގައި އިހުހުރި ވަރަށް އަމްޖޭގެ ހަށިގަނޑު ބޮޑުވިއެވެ. ކުރިއަށްވުރެވެސް ބޮޑުވީއެވެ. ފަރުވާ ކުޑަކޮށްލެވުނީމައެވެ. ނަމަވެސް އަމްޖޭ ވަނީ އަލުން ހަށިގަނޑަށް ބަދަލު ގެނައުމުގެ މަސައްކަތްތަކެއް އޭނާ ފަށައިފިއެެވެ. އުންމީދަކީ ހަށިގަނޑަށް ބޮޑު ބަދަލެއް ގެނައުމެވެ.

"މިހާރުވެސް އަޅުގަނޑު މި އުޅެނީ ފަށައިގެން. އަދި މަހެއް މިވީ. އެކަަމަކު މިހާރު ފޯސް ކުރާނެ މީހެއް ނެތް. ނަމަވެސް އިރާދަ ކުރެއްވިއްޔާ އެކަން ކުރާނަން،"

އެ މަސައްކަތް ކުރި ނަމަވެސް އަމްޖޭގެ ވަގުތުތައް ފިލްމީ މަސައްކަތަށް އޮތީ ހުސްކޮށްފައެވެ. މިދިޔަ ތިރީހަކަށް އަހަރު ބެލުންތެރިން ދިން ސަޕޯޓާއެކު އޭނާގެ އުންމީދަކީ ބެލުންތެރިންނަށް ފިލްމީ ގިނަ މަސައްކަތްތަކެއް ގެެނެސް ދިނުމެވެ.

"ސަޕޯޓަރުންނަށްގެ އަތުން ހަރަދުކޮށްގެން އަމްޖޭގެ ފިލްމުތައް ބަލަން ނުވަތްނަމަ ދެވަނަ ފިލްމެއް ނުހެދޭނެ ދެއްތޯ. އެހެންވީމަ ސަޕޯޓަރުންނަށް ހާސްފަށުން ޝުކުރު. އިރާދަކުރެއްވިއްޔާ ދުނިޔޭގައި ހުރިހާ ދުވަހަކު އަޅުގަނޑު ބަލާނަން ފިލްމު ހެދޭތޯ،"