ސްޓާރެއްގެ ސްޓޯރީ

ނިމާލަކީ ކޮމްޕްލީޓް ސްޓާރެއް!

އަހުމަދު ނިމާލް ފިލްމީ ދާއިރާގައި ހަރަކާތްތެރިވާތާ 36 އަހަރުވީ އެވެ. އެހާ ދިގު މުއްދަތެއްގައި އެއް ލެވެލްއެއްގައި ހިފަހައްޓާލި ހަމައެކަނި އެކްޓަރަކީ ނިމާލޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. އޭނާއަކީ މޮޅު އެކްޓަރެކެވެ. ކުޅަދާނަ ޑައިރެކްޓަރެކެވެ. ވާހަކަ ލިޔުންތެރި އެކެވެ.

ފިލްމީ މަސައްކަތަށް ނިކުތުމުގެ ކުރިން ނިމާލް މަސައްކަތް ކުރީ މޫސުމާބެހޭ ގައުމީ އިދާރާގަ އެވެ. ފިލްމީ މަސައްކަތަށް ޝައުގުވެރިކަން އުފެދުނީ އެކުގައި މަސައްކަތް ކުރި ބައެއް މީހުންގެ ސަަބަބުންނެވެ. ކުޅަދާނަ ޑައިރެކްޓަރު އީޝާ ޝަރީފު ވެސް އޭރު މަސައްކަތް ކުރީ މެޓް އޮފީހުގަ އެވެ. އެ ނޫންވެސް ސްޓޭޖް ޑްރާމާތަކުން ވިދާލި ބައެއް ތަރިން އޭރު ނިމާލާއެކު މެޓް އޮފީހުގައި މަސައްކަތް ކުރިއެވެ.

ނިމާލްގެ ފުރަތަމަ ފެނިލުން އައީ 1984 ގައެވެ. ފިލްމް "ނުފޫޒު"ން ނެވެ. އެއީ މެޓްގައި މަސައްކަތްކުރި ޓީމުގެ އުފެއްދުމެކެވެ. އީސަގެ އިސްނެގުމަށް ކުރި މަސައްކަތެކެވެ. އެ ފިލްމުގައި ފުރަތަަމަ ނިމާލްގެ ދައުރަކީ ޓެކްނިކަލް މީހެއްގެ ދައުރެވެ. ނަމަވެސް ފިލްމަށް ނެގި އެކްޓަރަކަށް ވަގުތު ނުދެވި ބިޒީވީ އެވެ. ފިލްމުން ފުރުސަތު ލިބުނީ އެހެން ވެގެންނެވެ. ނަމަވެސް އެއީ ނިމާލް އިނީޝިއޭޓިވްއެއް ނޫނެވެ. އީސަގެ އެދުމުގެ މަތިން ފިލްމު ކުޅެން އެއްބަސްވީ އެވެ.

އޭގެ ފަހުން ފިލްމީ މަސައްކަތުގައި ނިމާލްގެ ހުރިހާ ވަގުތެއް ބިޒީ ކޮށްލި އެވެ. އީސައާ އެކުވެރިން ވެގެން "ދިވެހި ހަރަކާތް ޖަމިއްޔާ" ގެ ނަމުގައި ޖަމިއްޔާއެއް އުފެއްދީއެވެ. އެ ޖަމިއްޔާއިން ފިލްމީ މަސައްކަތްތަކެއް ކޮށްފައިވެއެވެ.

މިދިޔަ އަަހަރުތަކުގައި އޭނާ ވަނީ 25 ވުރެ ގިނަ ފީޗާ ފިލްމު ކުޅެފައެވެ. ކުރު ފިލްމުތަކާއި ޑްރާމާ ސިލްސިލާތަކުގައިވެސް މަަސައްކަތް ކޮށްފައިވެއެވެ. އަދި 22 ފިލްމެއް ޑައިރެކްޓްކޮށްފައިވެއެވެ. ވަރަށް ގިނަ ފިލްމުތަކުގައި ޓެކްނިކަލް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރިއެވެ.

ނިމާލްގެ ފިލްމުތަކުގެ ތެރެއިން ބެލުންތެރިންގެ އެންމެ ބޮޑު މަގުބޫލު ކަމެއް ލިބުނު އެއް ފިލްމަކީ އޭނާގެ އަންހެނުން ފާތިމަތު ރަމީޒާ އާއެކު ކުޅުނު "ސިޓީ" އެވެ. އެއީ ނިމާލްގެ ފުރަތަމަ ޑައިރެކްޝަނެވެ. އެ ފިލްމުގެ ސްޓޯރީ ލިޔެފައިވަނީވެސް ނިމާލެވެ. މީގެ އިތުރުން ފާތިމަތު ނަހުލާގެ "ޔޫސުފް" އަދި މުހައްމަދު އަބްދުﷲގެ "ނިއުމާ" އަކީވެސް ނިމާލްގެ ފާހަގަ ކޮށްލެވޭ ފިލްމުތަކެވެ. އެއީ އޭނާގެ ހުނަރުވެރިކަން ވަރަށް ބޮޑަށް ފެނިގެންދިޔަ ފިލްމުތަކެއްވެސް މެއެވެ.

"އެކްޓްކުރެވުނު އެންމެ ރަނގަޅު ފިލްމުތަކުގެ ތެރޭގައި 'ޔޫސުފް' އަދި 'ނިއުމާ'ވެސް ހިމެނޭ. އެއީ ވަރަށް ތަފާތު ދެ ރޯލް،"

2021 ގައިވެސް ނިމާލްގެ ޑައިރެކްޝަންތައް އާންމުންނަށް ފެންނާއެވެ. އެއީ ޔޫސުފް ޝަފީއުގެ "ހެހެސް" އަދި އަލީ ސީޒަންގެ "ލޯބިވެވިއްޖެ" އެވެ.

ނިމާލް ފާހަގަކުރެވިފައިވަނީ ފިލްމު އުފައްދާ ހުރިހާ ސްޓޫޑިއޯތަކާއެކު ވަރަށް ގާތުން މަސައްކަތް ކުރި ފަންނާނެކެވެ. ސްޓޫޑިއޯތަކުގެ ވެރިންގެ އިތުބާރު ވަރަށް ބޮޑަށް ލިބިފައިވާ މީހެކެވެ. އީ-އެމްއޭއިން އުފެއްދި ފުރަަތަމަ ފިލްމުގެ ޓެކްނިކަލް ޑައިރެކްޓަރަކީވެސް އެއީއެވެ. މޯޝަން ފިކްޗާސްގެ ބައެއް ފިލްމުތަކާއި ސްލޭމް ސްޓޫޑިއޯ އަދި ކޮރޯނާއިން އުފެއްދި ބައެއް ފިލްމުތައްވެސް އޭނާ ޑައިރެކްޓްކޮށް ދިނެވެ. ފައްތާހުގެ ރެޑް ޕްރޮޓަކްޝަން އަދި މުހަންމާ ދެކެދެކެވެސް ބައެއް އުފެއްދުންތަކުގެ ޑައިރެކްޓަރަކީވެސް އޭނާއެވެ.

ޕްރޮޑިއުސަރުންގެ އިތުބާރު ނިމާލަށް އޮންނަނީ މަަސައްކަތަށް އޭނާ ބަހައްޓާ ޝައުގުވެރި ކަމުގެ ސަބަބުންނެވެ. ވަގުތަށް ޑެލިވަރީ ކޮށްދޭތީއެވެ. މަސައްކަތުގެ ކޮލެޓީ ހުންނާތީއެވެ. އެކްޓަރުން ގެންގުޅެން އެނގޭ ޑައިރެކްޓަރަކަށްވާތީއެވެ.

އަންހެނުން ރަމީޒާއާ ދިމާވުން

ފިލްމީ ދާއިރާއިން ނިމާލްގެ ނަން ވިދާލުމުގައި އޭނާގެ އަންހެނުން ފާތިމަތު ރަމީޒާ (ރަމީ) ގެ ދައުރު ވަރަށް ބޮޑެވެ. އައްޑިހައިގެ ފަހުކޮޅު އަދި ނުވަދިހައިގެ ތެރޭގައި އެންމެ ފާހަގަކޮށްލެވުނު އެކްޓްރެސްއަކީ ރަމީޒާއެވެ.

ފިލްމީ މަސައްކަތަށް ނިމާލް ނިކުތްއިރު ރަމީޒާއާ އެއްވެސް ގުޅުމެއް ނެތެވެ. ދެ މީހުންގެ ފުރަަތަމަ ބައްދަލްވުމަކީ ފިލްމް "މަގްސަދު" ގެ ޝޫޓިންގެ ތެރެއިން ބައްދަލްވި ބައްދަލްވުމެވެ. އެއީ އަސްލަމް ޕްރޮޑިއުސްކުރި ފިލްމެކެވެ. ޑައިރެކްޓަރަކީ ހުސައިން ރަމީޒު (ރަމީޒުބެ) އެވެ.

އޭރުވެސް ރަމީޒާއަކީ މަޝްހޫރު ތަރިއެކެވެ. ސީޑީސީގެ ޑްރާމާތަކުން އެންމެ ވިދާލި ތަރިއަކީ އޭނާއެވެ. އޭނާގެ ހުނަރުވެރިކަމާއި މޮޅު އެކްޓިންގެ ސަބަބުން ފިލްމުތަކުން ގިނަ ފުުރުސަތުތަކެއް ލިބުނެވެ. އެ ފިލްމުގެ ލީޑް ތަރިންގެ ގޮތުގައި ރަމީޒާ އަދި ނިމާލް ހޮވީ ރަމީޒެވެ.

"މަގްސަދު" ގެ ޝޫޓިން ނިމި ފިލްމު ޕްރިމިއާ ކުރެވުނުއިރުވެސް ނިމާލްއާ ރަމީޒާއަކީ ދެ އެކުވެރިންނެވެ. އެ ނޫން އެއްވެސް ގުޅުމެއް ދެ މީހުންގެ މެދުގައެއް ނެތެވެ. ނަަމަވެސް "ޝައްކު" ގެ ނަމުގައި އުފައްދަން ފެށި ފިލްމު ވެގެން ދިޔައީ ދެ މީހުންގެ ގުޅުން އެެހެން ހަރުފަތަކަށް ގެންދިޔަ ސަބަބަކަށެވެ.

އޭގެ ފަހުން ދެ މީހުން ކައިވެނީގެ ގޮތުން ގުޅުނެވެ. އެ ދުވަހުން ފެށިގެންވެސް ދެ މީހުންގެ ގުޅުން އެ ގޮތުގައި ދެމި އެބައޮތެވެ. ފިލްމީ މަސައްކަތްތަކާއި ދުރުގައި ހުރި ނަަމަވެސް ނިމާލްގެ ފިލްމީ ކެރިއަރުގައި އަދިވެސް ރަމީޒާއަކީ އެންމެ މުހިންމު ހިއްސާދާރެވެ. ނިމާލުގެ އެކްޓިންއާއި ޑައިރެކްޝަނަށް ކުރިއެރުން ގެނެސްދިނުުމުގައި އަންހެނުންގެ ދައުރު ބޮޑެވެ. ހާއްސަކޮށް ނިމާލްގެ ސްކްރީންޕްލޭތަކުގައި ރަމީޒާގެ ބައިވެރިވުން އޮވެއެވެ.

"ނިމާލް ލިޔާ ކޮންމެ ވާހަކައެއްގައިވެސް ރަމީ [އަންހެނުން] ގެ އެހީތެރިކަން ވަރަށް ބޮޑު. ހަގީގަތުގައި ރަމީ، ނިމާލަށްވުރެ ހުރިހާ ގޮތަކުންވެސް މޮޅުވާނެ. އެއީ އެކްޓިންއަށް ބެލިޔަސް އަދި ބަހަށް ބެލި ނަަމަވެސް،"

ނިމާލްގެ ޑްރީމް ޕްރޮޖެކްޓްތަކެއް

ފިލްމީ މަސައްކަތާ ކިތަންމެ ދުވަަހަކު ދުރުގައި ހުރި ނަމަވެސް އަދި އެއް ފިލްމުން ނަމަވެސް ރަމީޒާ ފެނުމަކީ ނިމާލްގެ އުންމީދެކެވެ. އެކަން ކުރާނެ ކަމުގެ ޔަގީންކަން ރަމީޒާވެސް ވަނީ ނިމާލަށް ދީފައެވެ.

ރަމީޒާ ހިމަނައިގެން ފިލްމެއް އުފެއްދުމުގެ މަސައްކަތް ފެށުމަށް ކިތަންމެ ބޭނުންވި ނަމަވެސް އެކަމަށް އޮތް ހުރަހަކީ ރަމީޒާގެ ބިޒީ ދިރިއުޅުމެވެ. ކުޑަކުދިންގެ ޓީޗަރެއްގެ ގޮތުގައި ރަމީޒާ މަސައްކަތް ކުރާތާ އެތަށް އަހަރެއް ވެއްޖެއެވެ. އެ ކުދިންގެ ތައުލީމަށް ރަމީގެ ވަރަށް ގިނަ ވަގުތުތައް އޮންނަނީ ހުސްކޮށްފައެވެ. ދެން އާއިލީ ޒިންމާތައް އުފުލުމަށްފަހު ފިލްމެއްގެ ޝޫޓިންއަށް ވަގުތު ނެތީއެވެ.

"އެހެން ނަމަވެސް ކޮންމެވެސް ދުވަހަކުން ރަމީ ފިލްމަކުން ފެންނާނެ. ރަމީވެސް އޮތީ އެ ޔަގީންކަންދީފައި. ވަރުގަދަ ރޯލަކުން ފެނިދާނެ،" ނިމާލް ބުންޏެވެ.

އެހެންވީމަ ރަމީޒާގެ އެ ފެނިލުމަކީ ނިމާލްގެ ޑްރީމް ޕްރޮޖެކްޓެވެ. ދެން އޮތީ ނިމާލްގެ ދެބަފައިިންގެ ޕްރޮޖެކްޓެވެ. ޒުވާން އެކްޓަރު ޖުމައިލްއާ ނިމާލް ހިމަނައިގެން ފިލްމެއް ހަދަން ވަރަށް ގިނަ ޑައިރެކްޓަރުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. ނަމަވެސް އެ ހުށައެޅުންތަކަށް މިހާތަނަށް އާނބަސް ބުނެވިފައި ނެތީ ދެބައިން އެކުގައި ފެންނާނެ ފިލްމެއް ހެދުމުގެ ވިސްނުން މާކުރިން ފެށިގެން ނިމާލް ގެންގުޅޭތީއެވެ.

"އެކަމު އަޅުގަނޑުވެސް އަދި ދަރިފުޅުވެސް ބޭނުންވަނީ އެ ފިލްމަށްފަހު އެކުގައި އެހެން ފިލްމެއްގައި މަސައްކަތް ކުރަން،"

ނިމާލް އުންމީދު ކޮށްގެން ހުރީ ވަރަށް އަވަހަށް އެ ދެ ޕްރޮޖެކްޓްގެ މަސައްކަތްވެސް ފެށުމަށެވެ. ނަމަވެސް އެއީ ވަރަށް ބޮޑަށް ތައްޔާރުވެގެން އަދި ބެލުންތެރިންނަށް ވަރަށް ކަމުދާނެ ދެ ފިލްމަށް ހަދަން އޭނާ ބޭނުންވެއެވެ.