ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ޖެހުނު 88 އަހަރުގެ ދިވެއްސެއް މަރުވެއްޖެ

ކޮވިޑް ޖެހުނު 88 އަހަރުގެ ދިވެއްސެއް މަރުވެއްޖެ އެވެ. މިއީ ރާއްޖެއިން ކޮވިޑްގައި މަރުވި 39 ވަނަ މީހާއެވެ.

އެޗްޕީއޭއިން މިއަދު ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ އުމުރުން 88 އަހަރުގެ ދިވެއްސަކު މަރުވެފައިވާ ކަމަށެވެ. އެއީ ދިވެހި ފިރިހެނެކެވެ.

ކޮވިޑްގައި ރާއްޖެއިން މަރުވީ 32 ދިވެހިންނާއި 8 ބިދޭސީންނެވެ.

ކޮވިޑްގެ ބަލިމަޑުކަމުގައި ދިވެހިން 243 ދުވަސް ހޭދަ ކޮށްފައިވާއިރު މިހާތަނަށް 11,893 މީހަކަށް ވަނީ ކޮވިޑް ޖެހިފަ އެވެ. އޭގެ ތެރެއިން 11،000 މީހަކު ވަނީ ކޮވިޑުން ރަނގަޅު ވެފަ އެވެ. އެއީ ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 93 ޕަސެންޓް މީހުންނެވެ. ކޮވިޑުން ރަނގަޅު ނުވެ ތިބީ 838 މީހުންނެވެ. އޭގެ ތެރެއިން 54 މީހަކަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑްގައި ރާއްޖެ ހޭދަކުރި އެންމެ އުނދަގޫ ދުވަސްތަކަކީ އޮގަސްޓް މަހުގެ ދުވަސްތަކެވެ. އެ މަހު އެކަނިވެސް 3،900 މީހަކަށް ބަލި ޖެހުނެވެ. 12 މީހަކު މަރުވިއެވެ. ނަމަވެސް ސެޕްޓެންބަރުން ފެށިގެން އެ ނަންބަރު ވަނީ ދަށްވާން ފަށާފައެވެ. މިއަދު ޕޮޒިޓިވްވީ 24 މީހެކެވެ. އެއީ 20 ދިވެހިިންނާއި ހަތަރު ބިދޭސީންނެވެ. މިއީ މި ފަހުން އެންމެ މަދުން މީހުން ޕޮޒިޓިވްވީ ދުވަހެވެ. މި ދިޔަ ސާޅީސް ފަސް ދުވަހުގެ ތެރޭގައި 100 އިން މައްޗަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު އެރީ އެންމެ ދުވަހަކުއެވެ. ކޮވިޑް ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތައް އެޅި ނަމަވެސް ކޮވިޑް ފެތުރޭ މިންވަރު ދަށަށްދާން ފެށުމުން ބައެއް ފިޔަވަޅުތަކަށް ވަނީ ލުއި ދީފައެވެ.