ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

އެޗްޕީއޭގެ ހުއްދަ ނެތި ރަށްރަށަށް ނުދެވޭނެކަން ހަނދާންކޮށްދީފި

ޒަރޫރީ ބޭނުންތަކަށް ނޫން ނަމަވެސް މާލެއިން ރަށްރަށަށް ދެވޭ ގޮތަށް ޑައިޑްލައިން ބަދަލުކުރި ނަމަވެސް އަދިވެސް ރަށްރަށަށް ދެވޭނީ އެޗްޕީއޭގެ ހުއްދަ ހޯދައިގެން ކަމަށް އެ އެޖެންސީން ހަނދާންކޮށްދީފި އެވެ.

ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް މި ފަހުން ވަނީ ބަދަލު ގެނެސްފައެވެ. އެ ގޮތުން ޒަރޫރީ ބޭނުންތަކަށް ނޫނީ މާލެ އިން އެހެން ރަށްރަށަށް ނުދެވޭ ގޮތަށް އޮތް އޮތުން ވަނީ ބަދަލުކޮށްފައެވެ. ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުއްވާފައިވާ އެންގުމުގައި ބުނެފައިވަނީ ޒަރޫރީ ބޭނުންތަކަށް ނޫނީ މާލެ އިން އެހެން ރަށްރަށަށް ނުދެވޭ ގޮތަށް އޮތް އޮތުން ބަދަލުކޮށްފައިވާ ކަމަށެވެ. އަދި މިހާރު ވަކި ޒަރޫރީ ބޭނުމެއް ނެތް ނަމަވެސް ރަށްރަށަށް ދެވޭނެ ކަމަށެވެ.

އެޗްޕީއޭއިން މިއަދު ބުނީ ވަކި ޒަރޫރީ ބޭނުމެއް ނެތް ނަމަވެސް ރަށްރަށަށް ދެވޭ ގޮތަށް އުސޫލު ބަދަލުކުރި ނަމަވެސް "ހާލު ބެލުން ޕޯޓަލް" މެދުވެރިކޮށް ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ. އަދި މާލެއިން ރަށްރަށަށްދާ މީހުން އަދިވެސް 14 ދުވަހުގެ ކަރަންޓީން ފުރިހަަމަ ކުރަން ޖެހޭނެ އެވެ. ރަށަށް ދިއުމަށް ޕޯޓަލް މެދުވެރިކޮށް އެދުމުން އެކަމުގެ ހުއްދަ އެޗްޕީއޭއިން ދޭނީ އެ މީހަކު ނުވަތަ ބަޔަކު ކަރަންޓީންގައި ތިބޭ ތަނެއް ކައުންސިލާއި އެ ރަށުގެ އާރުޓީޓީ ޓީމުން ބެލުމަށްފަހު އެއީ އެޗްޕީއޭގެ ގައިޑްލައިންތަކަށް ފެތޭ ތަނަކަށްވާނަމައެވެ. އެޗްޕީއޭއިން ބުނީ ކަރަންޓީނުގައި ހުންނަ ގެ ނުވަތަ ތަން ކައުންސިލުން ބަލާ ޗެކް ކުރުމުން، އެޗްޕީއޭގެ ގާނޫނީ ލިއުން ޕޯޓަލް މެދުވެރިކޮށް ލިބޭނެ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް 12,009 މީހަކަށް ކޮވިޑް ޖެހިފައިވެއެވެ. އެ ބަލީގައި 40 މީހަކު މަރުވެފައިވެއެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 52 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އަތޮޅުތަކުން 14 ރަށެއްގައި 69 މީހަކަށް ބަލިޖެހިފައި ވެއެވެ. އެޗްޕީއޭއިން ބުނީ 25 ރިސޯޓެއްގައި 53 ފަތުރުވެރިންނާއި 138 މުވައްޒިފުންނަށް ވެސް ބަލި ޖެހިފައިވާ ކަމަށެވެ.