ކޮވިޑް-19 ގެ ބަލިމަޑުކަމުގެ މި ހާލަތުގައި ކުދިން ހިތާން ކުރުމުގެ ހަރަކާތްތައް ބޭއްވުމުގައި އަމަލުކުރާނެ ގޮތުގެ ގައިޑްލައިނެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރެފި އެވެ.
އެޗްޕީއޭއިން ބުނީ ބަލިމަޑުކަމުގެ މި ހާލަތުގައި ދިން ހިތާން ކުރުމުގެ ހަރަކާތްތައް ބޭއްވުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން ވަރަށް މުހިންމު ކަމަށެވެ. އެޗްޕީއޭގެ ގައިޑްލައިންގައިވާ ގޮތުގައި ހިތާނުކުރާ ގިނަ ކުދިން ބޮޑެތި ހޯލްތަކުގައި އެއް ތަނެއްގައި ބައިތިއްބައިގެން ނުވާނެ އެވެ. ކުދިން އަމިއްލަ ގޭގައި ބޭތިއްބޭނެ އިންތިޒާމް ހަމަޖެއްސުމަށްވެސް ވަނީ އެދިފައެވެ.
އަދި ހިތާނުކުރާ ކުދިން ބައިތިއްބާ ތަން ސާފުކުރާ އެ ތަނުގައިވެސް ގައިދުރުކަމަަށް ހާއްސަ އިސްކަމެއް ދިނުމަށް ވަނީ ހިމަނާފައެވެ.
އަދި ކުދިން ކައިރިއަށް ޒިޔާރަތް ކުރާއިރު ގިނަ ބަޔަކު އެކުގައި ޒިޔާރަތް ނުކުރުމާއި ކޮވިޑްގެ އެއްވެސް އަލާމާތެއް ހުރި މީހަކު އެފަދަ ތަނަކަށް ނުދިއުން ގިނަ މީހުން އެއްވާ ގޮތަށް ޝޯތަކާއި އެއްވުންތައް ނުބޭއްވުމަށް ވަނީ އަންގާފައެވެ. އަދި ގޭގެއަށް ޒިޔާރަތް ކުރާ މީހުންވެސް ގިނަ ވަގުތު އެ ގޭގައި ހޭދަ ނުކުރުމަށްވެސް ގައިޑްލައިންގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެ ތަނުގެ ސާފުތާހިރުކަމާއި ގޭގައި އުޅޭ މީހުންގެ ސާފުތާހިރު ކަމަށްޓަކައި ކުރަންޖެހޭ ކަންކަންވެސް ގައިޑްލައިންގައި ހިމަނާފައިވެއެވެ.