ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރާއްޖެއަށް މާލީ އެހީތެރިކަން ބޭނުންވޭ: ރައީސް

ކޮވިޑް-19 ގެ ސަބަބުން ކުރިމަތި ވި އިގްތިސާދީ ހާލަތުން އަރައިގަތުމަށް ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް މާލީ ގޮތުންނާއި ފަންނީ ދާއިރާއިން އެހީތެރިކަން ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ތިން ވަނަ ޕެރިސް ޕީސް ފޯރަމް އިފްތިތާހު ކުރުމުގެ ގޮތުން އޮންލައިންކޮށް ބޭއްވި ހާއްސަ ހަފުލާގައި ތަގުރީރު ކުރައްވާ ރައީސް ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގެ ހާލަތާއި އެ ގައުމުތަކުގެ ކުރިމަގަަށް އޮތް ހުރަސްތައް ވަޒަންވެގެން ގޮސްފައިވާ ކަމަށެވެ. ދިވެހި ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ފަތުރުވެރި ކަމަށް ބަރޯސާވެފައިވާ މި ރާއްޖޭގެ ބޯޑަރުތައް ފަތުރުވެރިންނަށް ބަންދު ކުރަން ޖެހުނު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބަލި ފެތުރުން ކޮންޓްރޯލް ކުރެވެމުންދާ މިންވަރަށް ބަލައި ރާއްޖޭގެ ބޯޑަރު މިހާރު ހުޅުވައިލާފައިވާކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު މިހާރު އޮތް ހާލަތާ މެދު ވިސްނާއިރު ބައިނަލްއަގްވާމީ މުޖުތަމައުގެ އެހީތެރިކަމާ ނުލައި ރާއްޖެ ފަދަ ގައުމުތަަކަށް ކުރިމަތިވެފައިވާ އިގްތިސާދީ ހާލަތުން އަރައިގަންނަން ދަތިވާނެ ކަމަށެވެ. ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް މާލީ ގޮތުންނާއި ފަންނީ ދާއިރާއިން އެހީތެރިކަން ބޭނުންވާ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ, މިއީ ކުދި ޖަޒީރާ ގައުމުތަކުގެ ހާލަތާ މެދު ބައިނަލްއަގްވާމީ މުޖުތަމައުން އިތުރަށް ވިސްނަން ޖެހިފައިވާ ދަނޑިވަޅެއް ކަން ފާހަގަކުރެއްވިއެވެ. ކޮވިޑް-19 ގެ ހާލަތުން ކުރިއަށް އޮތް އަހަރެއް ނުވަތަ ދެ އަހަރުގެ ތެރޭގައި މިންޖުވެވުނު ނަމަވެސް މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ސަބަބުން އެ ގައުމުތަކަށް ކުރިމަތިވެފައިވާ ނުރައްކާތެރިކަމުގެ މަތިން ހަނދުމަ ނައްތައިލެވެން ނެތް ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި އެއީ އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ކޮވިޑް-19 އަށްވުރެ ވެސް ނުރައްކާތެރި ބިރުވެރި ކަމެއްގެ ގޮތުގައި ސިފަ ކުރެެއްވި އެވެ.