ސްޓާރެއްގެ ސްޓޯރީ

ބެލުންތެރިންނަށް އައްޒަގެ ސަޕްރައިޒެއް

މަރިޔަމް އައްޒަ ފުރަތަމަ ފިލްމަކުން ފެނުނީ އުމުރުން އެންމެ ނުވަ އަހަރުގައެވެ. ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ހޯދި "މާޒީ" ގައި ކުޑަކުއްޖެއްގެ ރޯލް އޭނާ ކުޅެލީ މަންމަގެ އެދުމަކަށެވެ. އޭރުވެސް އައްޒަގެ މަންމަ އައިމިނަތު ރަޝީދާ (އައިންތު) އަކީ ފިލްމީ ދާއިރާގައި ވަރުގަދަ ނަމެކެވެ. ނަމަވެސް އޭގެ ފަހުން ފިލްމީ އުފެއްދުމަކުން ދެން އޭނާ ފެނުނީ 2005 ވަނަ އަހަރު އެވެ.

"ލޯބިވިއްޔާ" ގެ ނަމުގައި ގެނެސްދިން އެ ލަވަޔަކީވެސް އާއިލާގެ އެދުމަކަށް އައްޒަ ކުޅުނު ލަވައެވެ. އެ ލަވާގައި އައްޒައާއެކު އޭނާގެ ކުޑައްތަ އައިޝަތު ރިޝްމީވެސް ފެނިގެންދެއެވެ. އެ ލަވައިން ލިބުނު މަގުބޫލުކަމާއެކު އައްޒަ ފިލްމީ މަސައްކަތް ފެށިއެވެ.

މިހާރު އޭނާއަކީ މި ދާއިރާގައި ހުރި އެންމެ ވަރުގަދަ އެއް ނަމެވެ. ގިނަ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންގެ އެއް ނަންބަރެވެ. މިދިޔަ ދެތިން އަހަރަށް އެކަނި ބަލާލުމުންވެސް އެކަން ޔަގީންވެއެވެ. އައްޒައަށްވުރެ ގިނަ ފިލްމުތަކުން ފެނުނު ދެވަނަ ތަރިއެއް ނެތެވެ. އެކި ސްޓޫޑިއޯތަކުން އުފެއްދި ގިނަ ފިލްމުތަކެއްގައި ލީޑް ތަރިއަކީ އެއީއެވެ. ތަފާތު ރޯލްތަކުން އޭނާ ފެނިގެންދިޔައިރު އެއިން ކޮންމެ ރޯލަކަށްވެސް ވަރަށް ފިޓެވެ. އެހާމެ ކުޅަދާނައެވެ.

އެހެން ކަމުން މިދިޔަ ދެ އަހަރެއްހާ ދުވަހު އައްޒަ ވަރަށް ބިޒީއެވެ. އަދިވެސް ރިލީޒް ނުވާ އޭނާގެ ދެ ފިލްމެއް އެބައޮތެވެ. ކުރިއަށް ރޭވިފައިވެސް ގިނަ މަސައްކަތްތަކެއް އެބަހުއްޓެވެ.

ސްކްރީންއަށް އަންނަ އޮތީ އަލީ ސީޒަންގެ "ލޯބިވެވިއްޖެ" އާއި ޔޫސުފް ޝަފީއުގެ "ކޮސްގިނަ މިސްޓޭކް" އެވެ. އެ ދެ ފިލްމަކީވެސް މި އަހަރު ސްކްރީން ކުރަން އަމާޒު ހިފި ދެ ފިލްމެވެ. ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އޮލިންޕަސް ބަންދު ކުރުމުން ފިލްމު ގެނެސްދެވޭ ގޮތް ނުވީއެވެ. ޔަގީނުންވެސް އެ ދެ ފިލްމު 2021 ގައި ފެންނާނެއެވެ.

ދެން އޮތީ ކުރިއަށް ހުރި ޕްރޮޖެކްޓްތަކެވެ. މިހާރުވެސް އޭނާ ވަނީ އައު ދެ ފިލްމަކަށް ސޮއިކޮށްފައެވެ. އަންނަ އަހަރު ދެ ފިލްމުގެ މަސައްކަތްވެސް ފެށޭނެއެވެ. އަދި 13 އެޕްސޯޑްގެ ދެ ވެބް ސީރީޒެއްގެ މަސައްކަތް ފެށުމަށް އޮތީ ތައްޔާރަށެވެ. އެ ދެ ޕްރޮޖެކްޓަށްވެސް އައްޒަ އާނބަސް ވަނީ ބުނެފައެވެ. ފާތިމަތު ނަހުލާގެ ވެބް ސީރީޒް "ހުވާ" ގައިވެސް އައްޒަ އަކީ މުހިންމު ތަރިއެކެވެ. "ހުވާ" ގެ ދެވަނަ ސީޒަންގެ އެޕިސޯޑްތައް ދައްކަމުން އަންނައިރު އައު ސީޒަންގެ މަސައްކަތް އޮތީ ކުރިއަށެވެ.

މީގެ އިތުުރުން އައްޒަ ހުށައަަޅައިދިން ކާމިޔާބު ޓީވީ ޝޯ "އަޒޯނާ" ގެ އައު ސީޒަންއެއް ގެނެސްދިނުމަށްވެސް އޭނާ ދަނީ ތައްޔާރުވަމުންނެވެ. އެކްޓް ކުރުމުގެ އިތުރުން އައްޒައަކީ ކުޅަދާނަ ހުށައެޅުންތެރިއެއް ކަން އޭނާ ވަނީ ނިމިދިޔަ ދެ ސީޒަންއިން ސާބިތުކޮށްދީފައެވެ. "'އަޒޯނާ" ގެ ނަމުގައި ގެެސްދޭ ޝޯގެ ދެ ސީޒަނަށްވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނެވެ.

ސަޕްރައިޒް ޕްރޮޖެކްޓެއް

ދެހާސް އެކާވީހަކީ އައްޒައަށް ވަރަށް ހާއްސަ އަހަރެވެ. ބެލުންތެރިންނާއި ދުވަސްކޮޅަކު ދުރުގައި ހުރުމަށްފަހު އައްޒަ އަންނަނީ ބެލުންތެރިންނަށް ވަރަށް ހާއްސަ ސަޕްރައިޒެއް ދިނުމަށް ތައްޔާރުވަމުންނެވެ. ސަޕްރައިޒެއް އޮތްކަން އައްޒަ ފުރަތަމަ ހާމަ މި ކުރަނީ އަވަސްއަށް ދިން މި އިންޓަވިއުގައެވެ. ނަމަވެސް އިތުރު ތަފްސީލަކަށް ދާން އަދި އައްޒަ ބޭނުމެއް ނުވެއެވެ.

"އެބައިން ވަރަށް ސަޕްރައިޒް ޕްރޮޖެކްޓެއްވެސް،" ބެލުންތެރިންނަށް އުފާވެރި ހަބަރެއް ދެމުން އައްޒަ ބުންޏެވެ.

އައްޒަ ބުނީ އެއީ އޭނާ ނިސްބަތްވާ އާއިލީ ފިލްމު ސްޓޫޑިއޯ "ޔާރާ ޕްރޮޑަކްޝަން" އިން ގެނެސްދޭނެ ޕްރޮޖެކްޓެއް ކަމަަށެވެ. މީގެ ކުރިން ވަރަށް ހަރަކާތްތެރިކޮށް ފެނުނު ޔާރާގެ އުފެއްދުމެއް ބެލުންތެރިންނަށް ނުފެންނަތާ ދުވަސްތަކެއް ވެއްޖެ އެވެ. ނަމަވެސް އައްޒަ ބުނީ ސަޕްރައިޒް ޕްރޮޖެކްޓާއެކު އަލުން އާއިލީ ސްޓޫޑިއޯ ހިނގައިގަންނާނެ ކަމަށެވެ. އަދި ބެލުންތެރިންނަށް އިތުރު ޕްރޮޖެކްޓްތައްވެސް ގެނެސްދޭނެ ކަމަށެވެ. "ހުކުރުވިލޭރޭ" އާއި "ފަނާ"' ފަދަ ރީތި އަދި ތަފާތު ފިލްމުތައް ގެެނެސްދިން "ޔާރާ ޕްރޮޑަކްޝަން" އަލުން ހަމަ އިސްކޮޅަށް ތެދުވާނެ ކަމަށެވެ.

މުއާ އަދި އައްޒަގެ ހާއްސަ ފިލްމެއް

ފިލްމީ ތަރިން އަބްދުﷲ މުއާޒު (މުއާ) އާއި އައްޒަގެ ކައިވެނި އޮތީ މި އަހަރުގެ އެންމެ ރީތި ތާރީހުގައެވެ. އެއީ 2020-02-20 ގައެވެ. ކައިވެންޏަށްފަހު ދިރިއުޅުން ވަރަށް އުފާވެރި ކަމަށް އައްޒަ ބުންޏެވެ. އަދި ފިލްމީ މަސައްކަތުގައިވެސް އެންމެ ސަޕޯޓިވް މީހަކީ މިއަދު މުއާއެވެ. ހާއްސަކޮށް އައްޒަގެ ހުރިހާ ކަމެއް މުއާ އަށް އަންޑަސްޓޭންޑް ވުމަކީ އައްޒައަށް އޮތް ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ.

ކައިވެނީގެ ކުރިން އަދި ދެ މީހުންގެ މެދުގައި ލޯބީގެ ގުޅުމެއް އުފެދުމުގެ ކުރިންވެސް އެކުގައި ފިިލްމުތަކުގައި މަސައްކަތް ކުރެވިފައި ވުމުން ވަކިން ޝޫޓިންތަކަށް ފޮނުވަންވެސް މުއާގެ ކަންބޮޑުވުމެއް ނެތެވެ. ޝޫޓިންގައި އައްޒަގެ ޑިސިޕްލިން މާކުރިންވެސް މުއާއަށް އޮތީ ފެނިފައެވެ. އެހެންވީމަ ކައިވެނީގެ ކުރިންވެސް އައްޒައާމެދު އޮތީ ވަރުގަދަ އިތުބާރެއް އުފެދިފައެވެ.

"ލައިފް ސިފަކޮށްދެންޏާ ބުނެވޭނީ ވަރަށް ހެޕީއޭ. އަލްހަމްދުﷲ، އައި އެމް ދި ހެޕިއަސްޓް ގާލްސް އޭ، އެހެން ފީލްވެފަައި މި ހުންނަނީ،" ނުވަ މަސް ވީ ކައިވެނި ސިފަކޮށް ދެމުން އައްޒަ ބުންޏެވެ.

އެންމެ ފަހުން މުއާ އަދި އައްޒަ އެކުގައި ފެނިގެން ގޮސްފައިވަނީ މުއާގެ "ލީނާ" އިންނެވެ. އަދި އޭގެ ފަހުން ނަހުލާގެ "ހުވާ" ވެބްސީރީޒް އިންނެވެ. ނަމަވެސް "ލީނާ" އެއީ ކައިވެނީގެ ކުރިން ކުޅެ އަދި ޕްރިމިއާ ކުރި ފިލްމެކެވެ.

މިހާރުވެސް މުއާ ހުރީ އަންހެނުންނަށް ހާއްސަ ޕްރޮޖެކްޓެއް ފެށުމަށް ތައްޔާރުވެގެންނެވެ. އެ މަސަައްކަތް ނުފެށި ލަސްވަނީ އަައްޒަގެ ބިޒީ ޝެޑިއުލްގެ ސަބަބުންނެވެ. ގިނަ ފިލްމުތަކެއްގެ މަސައްކަތް ކުރިއަށް އޮތީމައެވެ. އައްޒަ ބުނީ މިހާރު ސޮއިކޮށްފައިވާ ޕްރޮޖެކްޓްތަކަށް ފަހު މުއާގެ ފިލްމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

"މުއާ މިހާރުވެސް ހުރީ އައްޒައަށް ޕްރޮޖެކްޓެއް ހިފައިގެން ރެޑީގަައި."

މިހާތަނަށް އައްޒަ ވަރަށް ތަފާތު ރޯލްތަކުން ފެނިގެން ގޮސްފި އެވެ. ނަހުލާގެ "4426" ގައި އައްޒަގެ ފަރާތުން ފެނުނީ އާދަޔާ ހިލާފު މޮޅު އެކްޓިން އެކެވެ. ޔޫއްޕެގެ "ދައުވަތު" ގައިވެސް އައްޒަގެ އެކްޓިންއަށް ބެލުންތެރިން ދިނީ ސަތޭކައެވެ. މި ނޫންވެސް ފާހަގަކޮށްލެވޭ ކިތަންމެ ކިތަންމެ މަސައްކަތެއް އޭނާ ކޮށްފި އެވެ.

ކައިވެންޏަށް ފަހުވެސް އައްޒަ ހުރީ ފިލްމީ މަަސައްކަތައިގެން ކުރިިއަށްދާން ތައްޔާރަށެވެ. ނަމަވެސް އެންމެ ކުރިން ފެށިގެންވެސް އޭނާ ހިފަހައްޓަމުން އައި އުސޫލުތަކުގައި ގަދައަށް ހިފަހައްޓައިގެންނެވެ. އޭނާއަށް ކުޅެވޭނެ ކެރެކްޓާތައް އަދި ކެރެކްޓާއެއްގައި ހިފެހެއްޓޭނެ ލިމިޓްސް އަދި ބޭނުން ކުރެވޭނެ ކޮސްޓިއުމް އޭނާ އޮންނަނީ ކަނޑައަޅާފައެވެ.

"އައްޒަ ހުންނާނެ އަމިއްލައަށް ލިމިޓްތަކެއް ކުރިންސުރެވެސް ކަނޑައަޅާފައި. އެހެން ވީމަ މިހާރު [ކައިވެނި ކުރިޔަސް] ވަކި ޗޭންޖެއް ނެތް،"

ރިޝްމީއާ އައްޒަގެ ގުޅުން

އައްޒައާ އޭނާގެ ކުޑައްތަ އައިޝަތު ރިޝްމީގެ ގުޅުމާއި ގުޅޭގޮތުން ދޭތެރެ ދޭތެރެއިން ތަފާތު ވާހަކަތައް ދެކެވެއެވެ. އެ ދެ މީހުންގެ ގުޅުން ގޯސް ކަމުގެ ވާހަކައެވެ. ދެ މީހުން ވާހަކަ ނުދައްކާ ވާހަކައެވެ. ފިލްމީ ދާއިރާގައި ރިޝްމީ ވައްޓާލުމަށްފަހު އައްޒަ ކުރިއަރައިގެން ދިއުމުން ރިޝްމީ ހަސަދަވެރިވާ ވާހަކައެވެ. މިހެން ގޮސް ކިތަންމެ ވާހަކައެވެ.

ނަމަވެސް އެ ކަހަލަ ވާހަކަތަކެއް ދެކެވެން ޖެހޭ ނުވަތަ ބަޔަކު ދައްކަން ޖެހޭ ސަބަބެއް އައްޒަކަަށް ނޭންގެއެވެ. އައްޒަ ގަބޫލުކުރާ ގޮތުގައި ރިޝްމީއާ އޮތީ ވަރުގަދަ ކުޅުމެވެ. ކޮއްކޮއަކާއި ދައްތައަކާ އޮންނަން ޖެހޭ އެންމެ ސާފު ގުޅުން އެ ދެމެދުގައި އެބައޮތެވެ.

"އަސްލުގައި ރިލޭޝަންއަށް ބަލާއިރު ކުޑައްތަ [ރިޝްމީ] އާ ގުޅުން ވަރަށް ރަނގަޅު. އައްޒަ މި އުޅެނީ ވިލިގިލީގައި، ރިޝްމީ އުޅެނީ ހުޅުމާލޭގައި. ވީ ބޯތް ސްޓާޓް އަ ނިއު ލައިފް ރީސެންޓްލީ ދޯ. އެހެންވީމަ އެއާ ގުޅިގެންވެސް އަންނަ ބަދަލުތައް ހުންނާނެ. ރިސްޕޮންސިބިލިޓީ ދެ މީހުންނަށްވެސް ހަމަ ވަރަށް ގިނަ ވެގެންދާނެ. އިތުރު ކުދިންތަކެއް ރިސްމީ ފެމިލީއަށްވެސް އައްޒަމެން ފެމިލީއަށްވެސް އެޑްވެއްޖެ. އަދި އައްޒަމެންގެ ޕްރޮފެޝަަނަލް ލައިފްވެސް މި ދަނީ ވަރަށް ބިޒީކޮށް. ފާސަނަލް ލައިފްވެސް މިހާރު ވަރަށް ބިޒީވީ މި. ސޯ އެހެންވީމަ ކުރިން ކަމާ ކަންފަށާފައި ކުރާހެން މިހާރު ކޮފީތަކަށް ގޮސް އެހެން ނޫޅެވޭ،"

މީގެ އިތުރުން ދެ މީހުންނަށް އެކުގައި މި ފަހުން އެއްވެސް ފިލްމެއްގައި މަސައްކަތް ކޮށްލަން ލިބިފައި ނެތުމަކީވެސް އެކުގައި ފެނުން މަދު ސަބަބެކެވެ. ނަމަވެސް ރިޝްމީގެ ކޮންމެ ޕްރޮޖެކްޓެއްގެ ރިލީޒިންގައި އައްޒަ އަދި އައްޒަގެ ޕްރޮޖެކްޓެއްގެ ރިލީޒިންއިން ރިޝްމީ ފެނި އެ އުފަލުގައި ބައިވެރިވެއެވެ.

"ބުނެލަން އޮތީ ވަރަށް އަވަހަށް އެ ސުވާލުގެ ޖަވާބު ލިބޭނެއޭ. ކުޑަކޮށް ކެތްތެރިވެލާށޭ. ވަރަށް ލޯބި ގޮތަކަށް އެ ސުވާލުތަކަށް ޖަވާބު ލިބޭނެ،" އައްޒައާ ރިޝްމީ އެކުގައި ފެންނާނެ އުފެއްދުމެއް ބެލުންތެރިންނާ ހަމައަށް ގެނެސްދޭނެ ކަމުގެ އިޝާރާތެއް ދެމުން އައްޒަ ބުންޏެވެ.

އައްޒައަކީ މިހާރު ދާއިރާގައި ހުރި އެންމެ ވަރުގަދަ އެކްޓްރެސްއެވެ. އެކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. އައްޒަ ހުރީ ކޮންމެ ސްޓާރަކާއެކުވެސް ޕްރޮފެޝަލީ މަސައްކަތް ކުރުމަށް ތައްޔާރަަށެވެ. އެންމެނާވެސް ގުޅާ ވަރަށް ސަކަ މިޖާޒެއްގެ އައްޒައާ ގުޅުންގޯސް އެއްވެސް ތަރިއެއް ނެތެވެ. ހަމަ ޔަގީނުންވެސް އައްޒަގެ ހިތް އެންމެނަށްވެސް ސާފެވެ.

"ޕްރޮފެޝަނަލީ މިވެނި މީހަކާއެކު ފިލްމެއް ނުކުޅޭނަމެކޭ ނުބުނާނަން. އައްޒައަށް ބުނަން ކެރޭނެ ދާއިރާގައި އައްޒަ ޖައްސާލައިގެން އުޅޭ މީހެއް ނުވަތަ މައްސަލައެއް ޖެހިފައި ހުރި މީހެއް ނުވަތަ ވާހަކަ ނުދައްކާ ވަކި މީހެއް ނުހުންނާނެ،" އެންމެ ބޮޑު ފޭންބޭސްއެއް އޮތް ފިލްމީ ތަރި ބުންޏެވެ.