ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ބަލި މީހުން ތިބީ ނުވަ ރަށެއްގައި

ކޮވިޑް-19 ގެ ބަލި މީހުން މިހާރު ތިބީ ނުވަ ރަށެއްގައި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެ ސެންޓަރުން މިރޭ ބުނީ ނުވަ ރަށެއްގައި ކޮވިޑް-19 ގެ ބަލި 13 މީހަކު އެބަތިބި ކަމަށެވެ. އެއީ ދެ ދިވެހިންނާއި 11 ބިދޭސީންނެވެ. ކޮވިޑްގެ ބަލި މީހުން މި ވަގުތު ތިބީ ހދ. ހަނިމާދޫ އާއި ހދ. ނޭކުރެންދޫ އާއި ށ. ފޯކައިދޫ އާއި ބ. ފުޅަދޫ އާއި ކ. ހުރާ އާއި ކ. މާފުށި އަދި ގދ. ނަޑެއްލާ އާއި ގދ. ހޯނޑެއްދޫ އާއި ސ. ފޭދޫ އެވެ.

އެންމެ ގިނައިން ބަލި މީހުން ތިބީ މާފުށީގައެވެ. އެއީ ހަތަރު މީހުންނެވެ. ދެން ބ. ފުޅަދޫގައެވެ. އެ ރަށުގައި ކޮވިޑްގެ ބަލި ޖެހިފައި ތިބި ދެ މީހުން އެބަތިއްބެވެ.

ކޮވިޑްގެ ހާލުބޮޑު ބަލި މީހުންނަށް ފަރުވާ ދިނުމަށް އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ ހަތް ފެސިލިޓީގެ ތެރެއިން މިވަގުތު ބަލި މީހުން ތިބީ ލ. ގަން ކޮވިޑް ފެސިލިޓީގައި އެކަންޏެވެ. އެ ފެސިލިޓީގައި ހަތް މީހަކަށް އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ.

މީގެ އިތުރުން 25 ރިސޯޓެއްގައި ކޮވިޑްގެ 188 ބަލި މީހުން އެބަ ތިއްބެވެ. އެއީ 55 ފަތުރުވެރިންނާއި 133 މުވައްޒިފުންނެވެ.

ރާއްޖެއިން މިހާތަނަށް 12,112 މީހަަކަށް ކޮވިޑް ޖެހިފައިވާއިރު 11،244 މީހުން އެ ބަލިން ވަނީ ރަނގަޅުވެފައެވެ. އަދި 41 މީހަކު ވަނީ އެ ބަލީގައި މަރުވެފައެވެ. ކޮވިޑްގައި ނުރައްކާތެރި ދުވަސްތަކެއް ރާއްޖެއިން ހޭދަކުރި ނަމަވެސް މިދިޔަ ދެ ތިން މަސް ދުވަހު ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް ވަނީ ބޮޑު ތަނުން މަދުވެފައެވެ. މިއަދު ޕޮޒިިޓިވްވީ 27 މީހުންނެވެ. އިއްޔެ 26 މީހުންނެވެ.