ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް: 42 މީހުން ޕޮޒިޓިވްވި ދުވަހެއް

މިދިއަ 24 ގަޑިއިރުގެ ތެރޭ ރާއްޖެއިން ކޮވިޑަށް 42 މީހަކު ޕޮޒިޓިވްވެއްޖެ އެވެ. މިހާރު ރާއްޖޭގެ ކޮވިޑް ޖެހުނު މީހުންގެ އަދަދަކީ 12,154 އެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 32 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. އަނެއް 10 މީހުން ޕޮޒިޓިވްވީ އަތޮޅުތެރެއިންނެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭ 28 ދިވެހިން ހިމެނެ އެވެ. ދެން ހިމެނެނީ 14 ބިދޭސީންނެވެ. މިއަދު ޓެސްޓް ކުރީ 1،215 ޓެސްޓެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 843 މީހުންނެވެ. މިހާތަނަށް 11،262 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފައެވެ. ކޮވިޑްގައި 42 މީހަކު ވަނީ މަރުވެފަ އެވެ. އެންމެ ފަހުން މީހަކު މަރުވީ މިއަދު ދުވަހު އެވެ. މިއަދު މަރުވީ 57 އަަހަރުގެ ދިވެހި ފިރިހެނެކެވެ. އެއީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހެކެވެ. އެ މީހާއަށް ފަރުވާ ދެމުން ދިޔައީ އެ ތަނުގެ އައިސީޔޫގައެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 49 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

އަތޮޅުތަކުން ހަތް ރަށެއްގައި 11 މީހަކަށް ބަލިޖެހިފައި ވެއެވެ. އެޗްޕީއޭއިން ބުނީ 26 ރިސޯޓެއްގައި 59 ފަތުރުވެރިންނާއި 80 މުވައްޒިފުންނަށް ވެސް ބަލި ޖެހިފައިވާ ކަމަށެވެ.