ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

110 މީހުން ޕޮޒިޓިވްވެ ކޮވިޑް ނަންބަރު މައްޗަށް

މިދިއަ 24 ގަޑިއިރުގެ ތެރޭ ރާއްޖެއިން ކޮވިޑަށް 110 މީހަކު ޕޮޒިޓިވްވެއްޖެ އެވެ. މިއީ މި ފަހުން އެންމެ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވީ ދުވަހެވެ. މިހާރު ރާއްޖޭގެ ކޮވިޑް ޖެހުނު މީހުންގެ އަދަދަކީ 12,314 އެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 86 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. އަނެއް 24 މީހުން ޕޮޒިޓިވްވީ އަތޮޅުތެރެއިންނެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭ 31 ދިވެހިން ހިމެނެ އެވެ. ދެން ހިމެނެނީ 79 ބިދޭސީންނެވެ. މިއަދު ޓެސްޓް ކުރީ 1،828 ޓެސްޓެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 947 މީހުންނެވެ. މިހާތަނަށް 11،316 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފައެވެ. ކޮވިޑްގައި 44 މީހަކު ވަނީ މަރުވެފަ އެވެ. އެންމެ ފަހުން މީހަކު މަރުވީ ރޭގަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 59 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

އަތޮޅުތަކުން 10 ރަށެއްގައި 14 މީހަކަށް ބަލިޖެހިފައި ވެއެވެ. އެޗްޕީއޭއިން ބުނީ 26 ރިސޯޓެއްގައި 52 ފަތުރުވެރިންނާއި 128 މުވައްޒިފުންނަށް ވެސް ބަލި ޖެހިފައިވާ ކަމަށެވެ.