ދިވެހި ފިލްމީ އިންޑަސްޓްރީގައި 43 އަހަރު ހޭދަކުރި ހަމައެކަނި ފަންނާނަކީ ހަސަން މަނިކު (ރޯނު ހަސަން) އޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. 1977 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ހަސަން މަނިކު އާންމުންނަށް ފެނިލި ގޮތަށް އަދިވެސް އޭނާ ހުރީ އެ ގޮތުގައެވެ. ބެލުންތެރިން އުފާ ކޮށް ދިނުމުގައެވެ. ފިލްމީ އުފެއްދުންތަކުން މެދުނުކެނޑި ހަސަން މަނިކު ފެންނަތާ 43 އަހަރު ފުރި 44 ވަނަަ އަަހަރު ފެށުނީ މިދިޔަ ނޮވެންބަރު 11 ގައެވެ.
1977 ގައި އެންމެ ފުރަތަަމަ ހަސަން މަނިކު ފެނިލީ ސްޓޭޖް ތަމްސީލަކުންނެވެ. އެ ދުވަސްވަރު އެންމެ ގިނަ ބައެއްގެ ޝައުގުވެރިކަން އޮންނަނީ ސްޓޭޖް ތަމްސީލްތަކަށެވެ. ފިލްމު ބެލުމަށް ސިނަމާތަކަށްދާ އުސޫލުން ތަމްސީލްތައް ބަލަން ދިއުމަކީ އޭރުގެ އާދައެވެ. މުނިފޫހިފިލުވުމަށް އެންމެ ގިނަ ބަޔަކު ޝައުގުވެރިވަނީ އެގޮތަށެވެ. އެއީ ހަމަ ސްކްރީނަކުން ފިލްމެއް ބަލާލުން ފަދަ ކަމެކެވެ.
މީގެ 43 އަަހަރު ކުރިން ހަސަން މަނިކު ފުރަތަމަ ތަމްސީލެއް ތައްޔާރުކުރީ އޭނާ އޭރު ހެޑްމާސްޓަރުކަން ކުރައްވަމުން ގެންދެވި ސެންޓަރުގެ ދަރިވަރުން ބައިވެރިކޮށްގެންނެވެ. "ވަމުންދާ ގޮތް" މި ނަމުގައި ގެނެސްދިން އެ ތަމްސީލަކީ އަތޮޅުތެރޭގެ ކުދިން މާލެ އައިސް އުޅެން ޖެހޭ ދަތި ހާލު ބުނެދޭން ތައްޔާރުކުރި ތަމްސީލެކެވެ. އެ ތަމްސީލު ލިޔެ ކުދިންނަށް އެކްޓް ކުރަން ދަސްކޮށް ދިނީވެސް ހަސަނެވެ. ދޭތެރެ ދޭތެރެއިން އަންނަ ނެށުމުގެ އައިޓަމްތަކަށް ދަރިވަރުން ފައިހަމަ ކުރަން ބުނެދިނީވެސް އޭނާއެވެ.
"ވަމުންދާ ގޮތް" ތަމްސީލަކީ ސުކޫލްގައި އުޅުނު ދުވަސްވަރު އޭނާ ލިޔުނު ތަމްސީލެކެވެ. އޭރު ކްލާހުގައި ތިބޭ އަތޮޅުތެރޭގެ ދަރިވަރުން ކޮންމެ ދުވަހަކު އެ މީހުން އުޅޭ ދަތި ހާލުގެ ވާހަކަ އޭނާގެ ގާތުގައި ކިޔައިދެއެވެ. އެ ހުރިހާ ވާހަކަތަކެއް އެއްކޮށްލާ އެ ކަމަށް ރައްޔިތުން ހޭލުންތެރިކޮށް އަތޮޅުތެރޭގެ ކުދިންނަށް މާލޭގައި ތިބެ ފަސޭހައިން ކިޔެވޭނެ ގޮތްތަކެއްވޭތޯ ތަމްސީލެއް ލިޔެ ތައްޔާރުކޮށްލީއެވެ.
ފިލްމީ މަސައްކަތަކުން ހަސަން މަނިކު ފުރަތަަމަ ފެނިގެން ދިޔައީ 1979 ގައެވެ. އެއީ ރާއްޖޭގައި ފުރަތަމަ ފިލްމު އުފައްދަން ފެށި ދުވަސްވަރެވެ. ފުރަަތަމަ ދިވެހި ފިލްމެއް އުފެއްދެވި ބޮޑުފެންވަޅުގޭ މުސްތަފާ ހުސައިންގެ "ގެއްލުނު ފުރާވަރު" ފިލްމަކީ ހަސަން މަނިކުގެ ފުރަތަމަ ފިލްމެވެ.
ސްޓޭޖް ތަމްސީލްތަކުން ހަސަން މަނިކުގެ ކުޅަދާނަކަން މުސްތަފާއަށް އޮތީ ފެނިވަޑައިގެންފައެވެ. އެހެން ކަމުން ފިލްމެއް އުފެއްދެވުމުގެ ހިޔާލު އައުމާއެކު އެކަން ހަސަން މަނިކަށް ހުށައެޅީއެވެ. އޭރު ފިލްމެއް ކުޅެވިދާނެ ކަމަށް އޭނާއަށްވެސް ގަބޫލެއް ނުކުރެވެއެވެ. ނަަަމަވެސް މުސްތަފާ ދެއްވި ޔަގީންކަމާއެކު އެ މަސައްކަތަށް އާނބަސް ބުނީއެވެ.
"ގެއްލުނު ފުރާވަރު" ފުރާވަރު ފުރަތަމަވެސް ދެއްކީ ޓެލެވިޒަން މޯލްޑިވްސްއިންނެވެ. އެއީ އެ ދުވަސްވަރު ރާއްޖޭގައި އޮތް ހަމައެކަނި ޗެނަލް ކަމުން އެ ފިލްމުން ހަސަން މަނިކު ވިދާލިއެވެ. އެންމެންގެ ފޭވަރިޓަކަށްވިއެވެ.
"ހަގީގަތުގައި އަޅުގަނޑު ފިލްމީ ދާއިރާއަށް ނެރެދިން ބޭފުޅަކީ މުސްތަފާ ހުސައިން. މިފަދަ ކޮންމެ މުނާސަބަތެއްގައި އަޅުގަނޑު ޝުކުރު ދަންނަވަން ބޭނުންވޭ މުސްތަފާއަށް. އެއީ އަޅުގަނޑުގެ އުސްތާޒެއްމެ،"
މީގެ އިތުރުންވެސް އިތުރު ދެ ފިލްމެއްގެ މަސައްކަތް އެ ދުވަސްވަރު ހިނގިއެވެ. އެއީ "ކަރުދާސް ފިނިފެންމާ" އަދި "ޒަހަރު ދިން އުފާ" ގެ ނަމުގައިވެސް އުފައްދަން މަސައްކަތްކުރި ދެ ފިލްމެވެ. ފިލްމުގެ ގިނަ މަންޒަރުތަކެއް ނެގި ނަމަވެސް އެ ދެ ފިލްމު ބެލުންތެރިންނާ ހަމައަށް ގެނެސްދެވިފައެއް ނުވެއެވެ.
އެ މަސައްކަތަށްފަހު އަނެއްކާވެސް ހަސަން މަނިކު ވަގުތު ހުސްކުރީ ސީޑީއެސްއިން ގެނެސްދިން ތަމްސީލްތަކަށެވެ. ސީޑީއެސްގެ ޑްރާމާތަކުންވެސް އެންމެ ފާހަގަކޮށްލެވުނު ތަރިއަކަށްވީ ހަސަން މަނިކެވެ. ނަމަވެސް ފަހުން އޭރު އަދާކުރަމުން އައި ވަޒީފާގެ ގޮތުން ރަށުން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހުމުން ތަމްސީލްތަކަށް ވަގުތު ދިނުމަކީ ދަތި ކަމަކަށްވިއެވެ.
އެހާ ބުރަކޮށް އުޅެމުންވެސް ސީޑީސީން އުފެއްދި "ދޮން ހިޔަލައާ އަލިފުޅު" ހަސަން މަނިކު ބައިވެރިވިއެވެ. އެއީ ސީޑީސީން ވަރަށް ބޮޑަށް އެދިގެންނެވެ.
އެ ފަހުން ދެން ހަސަން މަނިކު ފެނުނީ މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު ޔޫސުފް ރަފީއު (ޔޫސޭ) އުފެއްދި ފިލްމު "ހައްގު"ންނެވެ. އެއީ ކޮމާޝަލް ފިލްމުތަކުން އޭނާ ފެންނުނު ފުރަތަމަ ފަހަރެވެ. ފިލްމީ އިންޑަސްޓްރީންގައި ހަސަންގެ ފައިތިލަ ރަނގަޅަށް ސާބިތުކޮށްދިން ފިލްމަކީ އެއީއެވެ.
އޭގެ ފަހުން 43 އަހަރުވީއިރުވެސް މެދުކެނޑުމެއްނެތި ފިލްމުތަކާއި ޑްރާމާތަކުން އޭނާ ދިޔައީ ފެންނަމުންނެވެ.
"އަޅުގަނޑު ކޮންމެހެން ބޭނުމެއް ނުވޭ އެންމެ ގިނަ ފިލްމު ކުޅުނު މީހަކަށްވާކަށް. އަޅުގަނޑު ބޭނުންވީ އެއް ސްޕީޑެއްގައި ކުރިއަށް ދިއުން. ބެލުންތެރިންނަށް ނުގެއްލި މި ދާއިރާގައި ދެމި ހުރުން. އެކަން ކުރެވިއްޖެ،"
މި މުއްދަތުގައި ކުޅެވުނު ފިލްމުތަކުން ހަސަން މަނިކު އެންމެ ހިތްހަމަޖެހޭ ފިލްމަކީ "މިހަށިން ފުރާނަ ދަންދެން" އެވެ. ހަސަން ވިދާޅުވި ގޮތުގައި އެއީ މޮޅު ސްކްރީންޕްލޭއަކަށް އުފެއްދި ފިލްމެކެވެ. ފިލްމު އެހާ ބޮޑަށް ފާހަގަކުރެވެނީ އެ ސަބަބާއި ގުޅިގެންނެވެ. ޑްރާމާ ސިލްސިލާތަކުން އެންމެ ފާހަގަކުރެވެނީ މިހާރުވެސް ބައިސްކޯފުން ދައްކަމުންދާ "ހުވާ" އެވެ. "ހުވާ" ގައި ހަސަންގެ ފަރާތުން ވަރަށް މޮޅު އެކްޓިންއެއް ފެނިގެން ގޮސްފައިވެއެވެ.
އެންމެ މޮޅީ އާރިފާ، ރީކޯ މޫސަ އަދި ޔޫއްޕެ
ފިލްމީ މަސައްކަތުގައި ހަސަން މަނިކު ހޭދަކުރި 43 އަހަރުގެ ތެރޭގައި ވަރަށް ގިނަ އެކްޓަރުންނާއެކު މަަސައްކަތް ކުރެވިއްޖެ އެވެ. ހަސަންއާ އެންމެ ގުޅޭ ކަމަށް އޭނާ ފާހަގަ ކުރަނީ ކުޅަދާނަ އެކްޓަރު އަދި ޑައިރެކްޓަރު އާރިފާ އިބްރާހިމެވެ. ހަސަން ވިދާޅުވި ގޮތުގައި ފިލްމެއްގައި އޭނާގެ ހަޔާތުގެ ބައިވެރިއަކަށް އެކްޓަރަކު އިހްތިޔާރު ކުރަން ފުރުސަތު ދީފިނަމަ އާރިފާ ނޫން މީހަކު ނުނަގާނެ އެވެ.
"އަޅުގަނޑަށް އެންމެ މޮޅީ އާރިފާ،"
އެންމެ މޮޅު އެކްޓަރުންގެ ގޮތުގައި އޭނާ ފާހަގަ ކުރައްވަނީ ރީކޯ މޫސާ މަނިކު އަދި ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ. އެ ދެ ތަރިންނާއެކު ހަސަން މަސައްކަތްކޮށްފައިވެއެވެ. ހަސަންގެ ނަޒަރުގައި މޫސަ އާއި ޔޫއްޕެ އަކީ ވަަރަށް މޮޅު ދެ އެކްޓަރުންނެވެ.
ފިލްމީ ދާއިރާއަށް އަލަށް ނިކުންނަ ކުދިންނާއި ކުރިންވެސް މި ދާއިރާގައި ހަރަކާތްތެރިވި ކޮންމެ ސްޓާރަކީވެސް އެ ސްޓާރެއްގެ ގޮތުގައި މޮޅު ސްޓާރެއް ކަމަށް ހަސަން ދެކެއެވެ.
ހަސަންގެ ތަމްސީލް ފޮތް ނެރެނީ
މިހާތަނަށް ހަސަން މަނިކު ޑައިރެކްޓް ކޮށްފައިވަނީ ކުރު ފިލްމެއް އެކަންޏެވެ. ޑައިރެކްޓަރުގެ ގޮޑީގައި އިށީންނަން ހަސަންގެ ޝައުގުވެރިކަމެއް ނެތެވެ. ކުރިއަށް އޮތްތާވެސް ފިލްމެއް ޑައިރެކްޓް ކުރުމުގެ ވިސްނުމެއް ނެެތެވެ.
ހަސަން މަނިކަކީ ހަމައެކަނި އެކްޓަރެއް ނޫނެވެ. އެއީ ކުޅަދާނަ ލިޔުންތެރިއެކެވެ. ހާއްސަކޮށް ތަމްސީލު ލިޔުމުގައި ފާހަގަކޮށްލެވެއެވެ. އަދި ޅެންވެސް ހަދައެވެ. ލަވަވެސް ކިޔައެވެ. ނަމަވެސް ފިލްމީ މަސައްކަތާ އެކަންކަން އޮންނަނީ ތަންކޮޅެއް ދުރުގައެވެ. ފިލްމަކަށް ލަވައެއް ކިޔާކަށް ބޭނުމެއް ނުވެއެވެ.
އޭނާގެ އެންމެ ބޮޑު އުންމީދަކީ ތަމްސީލް ފޮތެއް ނެރުމެވެ. މީގެ ކުރިން ލިޔުނު ވަރަށް ގިނަ ތަމްސީލްތައް އެބަ ހުއްޓެވެ. ހުރިހާ ތަމްސީލްތައް އެއްކޮށް ފޮތެއް ނެރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އުންމީދު ކުރަނީ އަންނަ އަހަރުގެ ފުރަތަމަ ހަ މަސް ނިމުމުގެ ކުރިން އެ ފޮތް ނެރުމެވެ.
"އަޅުގަނޑަށް ވަރަށް ބޮޑު އުފަލެއް ލިބޭ ދުވަހަކަށްވާނީ އެ ފޮތް [ތަމްސީލް ފޮތް] ނެރެވޭ ދުވަސް،
އެންމެ ބޭނުމީ ސީރިއަސް ކޮމެޑީއެއް ކުޅެލަން
ފިލްމީ ދާއިރާގައި ހޭދަކުރެވުނު ދިގު މުއްދަތުގައި އޭނާ އެންމެ ކުޅެލަން ބޭނުންވި ރޯލް އަދި އޮތީ ނުކުޅެވިއެވެ. ނަމަވެސް އެ އުންމީދު ހާސިލްވުމަށް ދެން އޮތީ ކުޑަ ދުވަސް ކޮޅެކެވެ.
ޑާކްރެއިން އެންޓަޓެއިމަންޓްގެ ވެބް ސީރީޒް "ރޫމީ އާ ޖަންނަތު" ގައި ހަސަން ފެނިގެންދާނީ އެކަހަލަ ރޯލަކުންނެވެ. ސީރިއަސް ކޮމެޑީ ރޯލެއް އެ ނޫން ފިލްމަކުން ނުވަތަ ވެބް ސީރީޒަކުންވެސް ކުޅެލަން ލިބޭނެ ކަމަށް އޭނާ އުންމީދު ކުރެއެވެ.
"ޑާކްރެއިންގެ 'ރޫމީ އާ ޖަންނަތު' ވާނެ ވަރަށް ތަފާތު ވެބްސީރީޒްއަކަށް. އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ ރޯލެއް ލިިބިފައި ވަނީ،"
މިދިޔަ މުއްދަތުގައި ހަސަން މަނިކަށް ވަނީ އޭނާގެ ހިދުމަތް ފާހަގަކޮށް ގިނަ އެވޯޑްތަކެއް ލިބިފައެވެ. ގައުމީ އިނާމްގެ އިތުުރުން ފިލްމު އެސޯސިއޭޝަނުން ދޭ "ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް" ވެސް ވަނީ ހަސަންއަށް ދީފައެވެ. އަދި ފިލްމު ސްޓޫޑިއޯތަކުން ދޭ ޝަރަފްވެރި ކަމުގެ އެތަށް އެވޯޑެއް ލިބިފައިވެއެވެ. އަދި ކުރިން ބޭއްވި މިއަދު ފިލްމީ އެވޯޑްސް އާއި އާފަތިސް އެވޯޑްސްގައިވެސް އެކި ދާއިރާތަކުން އެވޯޑްތައް އުފުލާފައިވެއެވެ.
ނަމަވެސް ހަސަން ގަބޫލުކުރާ ގޮތުގައި އޭނާއަށް ލިބުނު އެންމެ ބޮޑު އެވޯޑަކީ އާންމުންގެ ފަރާތުން މެދުކެނޑުމެއްނެތި ލިބޭ ސަޕޯޓެވެ. އާންމުންގެ ފަރާތުން ލިބޭ އެކި ހިޔާލުތަކެވެ. އަދި މިހާ ދުވަހު މި މަސައްކަތުގައި ދެމި ހުރުމަށް އަންހެނުންނާއި އާއިލާގެ ފަރާތުން ލިބުނު އެއްބާރުލުމެވެ.
އަންހެނުންގެ ފަރާތުން އެ ލިބޭ ސަޕޯޓް، ތަރުހީބު އެއީ ވަރަށް ފާހަގަކޮށްލަން ޖެހޭ ކަމެއް،" އަމިއްލަ ދިރިއުޅުމުގެ ބައެއް ވާހަކަތައް ހިއްސާކުރަމުން ހަސަން ވިދާޅުވިއެވެ.