ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް: އިތުރު 150 މީހުން ޕޮޒިޓިވްވެއްޖެ

ރާއްޖެއިން އިތުރު 150 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. މިއީ މި ފަހުން އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި ދުވަހެވެ. މިއަދު ޕޮޒިޓިވްވި 150 މީހުންނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 12,758 އަށް އަރާފައެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 62 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. އަނެއް 88 މީހުން ޕޮޒިޓިވްވީ އަތޮޅުތެރެއިންނެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭ 58 ދިވެހިން ހިމެނެ އެވެ. ދެން ހިމެނެނީ 92 ބިދޭސީންނެވެ. މިއަދު ޓެސްޓް ކުރީ 1،717 ޓެސްޓެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1090 މީހުންނެވެ. މިހާތަނަށް 11،615 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފައެވެ. ކޮވިޑްގައި 46 މީހަކު ވަނީ މަރުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 92 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

އަތޮޅުތަކުން 12 ރަށެއްގައި 17 މީހަކަށް ބަލިޖެހިފައި ވެއެވެ. އެޗްޕީއޭއިން ބުނީ 30 ރިސޯޓެއްގައި 52 ފަތުރުވެރިންނާއި 155 މުވައްޒިފުންނަށް ވެސް ބަލި ޖެހިފައިވާ ކަމަށެވެ.