ސްޓާރެއްގެ ސްޓޯރީ

ސިފަ ރީތި ނޫން ކަމަށް ބުނެ ފުރުސަތު ނުދިން އެކްޓަރު

ދެހާސްތިންވަނަ އަހަރު ނިކުތް ފިލްމުތަކުގެ ތެރެއިން ބެލުންތެރިންގެ އެންމެ ބޮޑު ތަރުހީބެއް ލިބުނު އެއް ފިލްމަކީ ކޮޕީ މުހައްމަދު ރަޝީދުގެ "އެދިއެދި ހޯދީމޭ" މި ފިލްމެވެ. ތިއޭޓާ އެކްޓަރެއްގެ ގޮތުގައި އަދި ލިޔުންތެރިއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދި ކޮޕީ މުހައްމަދު ރަޝީދުގެ ފިރިހެން ދަރިފުޅު އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) ބޮޑު ސްކްރީން ފިލްމަކުން ފެނުނު ފުރަތަމަ ފަހަރެވެ. ނަމަވެސް އޭރު އިއްސެ މަސައްކަތް ކުރަމުންދިޔަ އެއާޕޯޓުން ގެނެސްދިން ބައެއް ޓެލެޑްރާމާތަކުން އޭނާ ފެނިފައިވެއެވެ. އެއީ 1996 ވަނަ އަހަރު އެއާޕޯޓުން ގެނެސްދިން ޒިންމާ ޓެލެޑްރާމާއިންނެވެ. އަދި ބައެއް ލަވަތަކުންވެސް ފެނިފައިވެއެވެ.

މިއަދު އިންޑަސްޓްރީގައި ހުރި އެންމެ ކުޅަދާނަ އެކްޓަރުންގެ ތެރޭގައި ކޮޕީ އިއްސެ ހިމެނުނު ނަމަވެސް އޭނާ އެ ހުރި މަގާމަށް އައުމަށް ލައްކަ ހިތްވަރު ކުރިއެވެ. އެހެން އެއްވެސް ފިލްމީ ތަރިއަކަށް ކުރިމަތިނުވާ އެތަށް ހުރަސްތަކެއް ކަނޑައްތު ކުރިއެވެ. ކިތަންމެ ފަހަރަކު ވެއްޓުނެވެ. ވައްޓާލިއެވެ. ނަމަވެސް އެއިން އެންމެ ފަހަރަކުވެސް ފަހަތަށް ނުޖެހި އޭނާ ދިޔައީ ކުރިއަށް ދެވޭނެ މަގެއް ހޯދަމުންނެވެ.

ޑައިރެކްޓަރުންނަށް ކަމުނުދިޔައީ ސިފަ

ފިލްމީ މަސައްކަތަށް އިއްސެ ނިކުތީ އެ މަސައްކަތަށް މާބޮޑު ޝައުގުވެރިކަމެއް ހުރެގެނެއް ނޫނެވެ. ނަމަވެސް ފިލްމީ ދާއިރާއިން އުހަށްދާތަން ފެނުމަކީ އިއްސެގެ ބައްޕަގެ ވަރަށް ބޮޑު އުންމީދެކެވެ. އެކްޓިންގައި އިއްސެ އަކީ ނަންބަރު ވަންއަށް ވާނެ ކަން އޭނާގެ ބައްޕައަށް މާ ކުރިންވެސް އެނގެއެވެ. އެކަން ޔަގީންވީ އެއާޕޯޓްގެ ޑްރާމާއިން އިއްސެ ދައްކާލި ހުނަރެވެ.

ނަމަވެސް އެ ޑްރާމާގެ ޝޫޓިންއަށްވެސް އިއްސެ ގެންދިޔައީ ގަދަކަމުންނެވެ. އޮފީހުން އެދުނީމާވެސް އެކަން ކުރަން އޭނާ ފަސް ޖެހުނެވެ. އެކަން ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ނަަމަވެސް އެހެން ސަބަބުތަކާހެދި ފަސްޖެހެވުނީއެވެ. އެހެން ވިޔަސް އޮފީހުގެ ވެރިން ތިބީ އެ ސަބަބުތައް އަޑުއަހާކަށް ނޫނެވެ. އެހެންވީމަ ޑްރާމާ ކުޅެން މަޖުބޫރުވީއެވެ. މަޖުބޫރުން ކުރި މަސައްކަތް ވަރަށް ކާމިޔާބެވެ. ސްޓޭޖުން އެވޯޑް އުފުލާލުމުގެ ޝަރަފް ފުރަތަމަ ޑްރާމާއިންވެސް ލިބުނެވެ.

ބޮޑު ފިލްމަކުން އިއްސެ ފެނުމަށް އޭނާގެ ބައްޕަ ދުށް ހުވަފެނުގައި ކުލަ ޖެއްސުމަށް ލިބުނު ފުރުސަތަކީވެސް އެއީއެވެ. އެހެން ކަމުން "އެެދިއެދި ހޯދީމޭ" ހެދުމުގެ މަސައްކަތް ފެށުނެވެ. ނަމަވެސް އެ ހިސާބުން އުފަންވީ ހީވެސް ނުކުރާ ކަހަލަ މައްސަލައެކެވެ. އިއްސެއަށް ލީޑް ދީގެން އެ ފިލްމުގެ މަސައްކަތް ކުރަން ޑައިރެކްޓަރަކު އެއްބަހެއް ނުވިއެވެ. އެއީ "ސިފަ ރީތި އެކްޓަރަކަށް ނުވާ ކަމަށް ބުނެ" އެވެ. އަޖައިބެއް ކަހަލަ ކަމެކެވެ.

މިހާ ނާތަހުޒީބު ވިސްނުމެއް އެއްވެސް އިންސާނަކު ގެންގުޅެދާނެ ކަމަށް ކުރީން އިއްސެއަށް ހީކުރެވިފައެއްވެސް ނުވެއެވެ. ނަމަވެސް އެ ހަގީގަތް ގަބޫލުކުރަން މަޖުބޫރެވެ. "އެދިއެދި ހޯދިމޭ" ގެ ސްކްރީންޕްލޭ ހިފައިގެން ކޮޕީ ރަޝީދު ވަރަށް ގިނަ ޕްރޮޑިއުސަރުންގެ ކައިރިއަށް ހިނގިއެވެ. ނަމަވެސް ހުރިހާ އެންމެންވެސް ދިނީ އެއް ޖަވާބެކެވެ. އިއްސެ ލީޑަށް ކަމުނުދާ ކަމެވެ. ފިލްމު ނުހިނގާނެ ކަމަށެވެ. އެކްޓަރެއްގެ ރީތި ސިފައެއް ނެތް ކަމެވެ. ފިލްމު ކުޅެވޭނީ ނިކަން ރީތި މީހުންނަށް ކަމަށެވެ.

"ރީތި ފިރިހެނެއް ބޭނުންވަނީ. ރީތި އަންހެނެއް ބޭނުންވަނީ. ނަމަވެސް އަޅުގަނޑަކަށް ނޭންގޭ އޭރުގެ ބައެއް ޑައިރެކްޓަރުންގެ ވިސްނުން އެހެން ހުންނަނީ ކީއްވެ ކަމެއް. ދިޔަ ދުވަހެއް ދިޔައީ. އަޅުގަނޑު ކުރިއަށް ދިޔައީ އަމިއްލަ ބިލީފްގައި،"

ފިލްމާ ހަވާލުވާނެ ބަޔަކު ނުވުމުން އެ މަސައްކަތަށް އިސްނެގީ ގޭތެރެއިންނެވެ. ފިލްމު ޑައިރެކްޓް ކުރަން އޭނާގެ ބޭބޭ ހުސައިން ރަޝީދު އިސްނެގިއެވެ. ޕްރޮޑިއުސްކޮށް ހަރަދު ކުރީ އޭނާގެ ބައްޕައެވެ.

"އެއްވެސް ކޮޅަކުން އަސްލު އަޅުގަނޑު ބަލައިނުގަތީމަ ބައްޕަ މި ފިލްމް [އެދިއެދި ހޯދީމޭ] ޕްރޮޑިއުސްކުރީ. އެއީ ބައްޕައަށް އެނގޭ އަޅުގަނޑުގެ އެކްޓިން ރަނގަޅުކަން،" ފުރަަތަމަ ފިލްމާ ގުޅޭގޮތުން ވާހަކަ ދައްކަމުން އިއްސެ ބުންޏެވެ.

އިންޑަސްޓްރީއަށް ނިކުންނަ ކޮންމެ މީހަކަށްވެސް އެކި ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށް އިއްސެވެސް ގަބޫލު ކުރެއެވެ. ނަމަވެސް އެމީހެއްގެ ސިފައާމެދު މި މިންވަރަށް ބަޔަކު ޖަޖުކޮށްފާނެ ކަމަށް ގަބޫލުކުރަން އޭނާއަށް އުނދަގުވީއެވެ. އެކަން އޭނާ ގަބޫލެއް ނުވެސް ކުރެއެވެ.

"އަޅުގަނޑަކަށް ނޭންގެ ކޮބައިކަމެއް އަޅުގަނޑުގެ މައްސަލައަކީ. ހަމަ ޔަގީނުންވެސް އެ ޑައިރެކްޓަރުން އެ ދައްކާ ވާހަކަ އަޅުގަނޑު ގަބޫލެއް ނުކުރަން،"

ބައެއް ޑައިރެކްޓަރުންގެ ފަރާތުން ލިބުނު މާޔޫސްކަން އޭނާ ފިލުވާލި "އެދިއެދި ހޯދީމޭ" އިން ލިބުނު ކާމިޔާބީންނެވެ. އެއީ ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ ފިލްމެކެވެ. އިއްސެގެ އެކްޓިންއަށް ތައުރީފް އޮހުނު ފިލްމެކެވެ. އަދި މާލީ ގޮތުންވެސް ރަނގަޅު އާމްދަނީއެއް ލިބުނު ފިލްމެއްވެސްމެއެވެ.

އެ ހުރިހާ ކާމިޔާބާއެކުވެސް ބަދަލު ނުވި އެއް ކަމެއް އޮތެވެ. އެއީ ކުރިންވެސް އެ ޑައިރެކްޓަރުން ގެންގުޅުނު ވިސްނުމެވެ. އެހެންވީމަ ދެންވެސް އިއްސެއަށް ފިލްމުތަކުން ފުރުސަތު ލިބޭ ގޮތެއް ނުވިއެވެ.

ކުރިއަށް ދިއުމުގެ މަގު ދެއްކީ "ހޭލާ" އިން

މާޔޫސްވެ ފިލްމީ ކެރިއަރު ކުރިއަށް ގެންދެވޭނެ މަގެއް ނުފެނި ހުއްޓާ އިއްސެގެ ނަސީބަކަށްވީ މުއުމިން ފުއާދު ދިން ރަނުގެ ފުރުސަތެކެވެ. އެއީ ރާއްޖޭގެ ފިލްމީ މަސައްކަތް އެހެން ހަރުފަތަކަށް ގެންދިޔަ "ހޭލާ" އިން އިއްސެއަށް ދިން ފުރުސަތެވެ.

"ހޭލާ" ވީ އިއްސެގެ ފިލްމީ ހަޔާތްވެސް އެހެން ހަރުފަތަކަށް ގެންގޮސްދިން ފިލްމަކަށެވެ. އެ ފިލްމާއެކު މަންޒަރު ބަދަލުވިއެވެ. ހުރިހާ ޑައިރެކްޓަރުންގެ ލޯތައް އިއްސެއަށް އަމާޒުވާން ފެށިއެވެ. އަދި ފުލުފުލުގައި ހުށައެޅުންތައް ލިބެން ފެށިއެވެ. އެކި ރޯލްތަކެވެ. ކޮންމެ ރޯލަކަށްވެސް އޭނާ ފިޓްކަންވެސް ގަބޫލު ކުރެވިއްޖެ އެވެ.

"އަޅުގަނޑު އަބަދުވެސް ބުނަން އަޅުގަނޑުގެ ނަސީބަކީ މުއުމިން އޭ،"

މުއުމިންގެ "ހޭލާ" އަކީ މިހާތަނަށް އިއްސެއަށް ކުޅެވުނު ފިލްމުތަކުގެ ތެރެއިން އެންމެ ހިތްހަމަޖެހޭ އެއް މަސައްކަތެވެ. ދެވަނައަށްވެސް އޮތީ މުއުމިންގެ މަސައްކަތެކެވެ. އެއީ މިހާރު ބައިސްކޯފުން ދައްކަމުންދާ "ގަމިނި" ވެބްސީރީޒެވެ. އޭގެ އިތުރުން ލޫދިފާ، ސަޒާ، އިނގިލި މި ފިލްމުތަކަކީވެސް ވަރަށް ފާހަގަކޮށްލެވޭ ފިލްމުތަކެވެ.

ފިލްމީ މަސައްކަތުގައި ހޭދަކުރި މުއްދަތުގައި ޝަރަފްވެރި އެތައް އެވޯޑެއް އޭނާ ވަނީ އުފުލާލާފައެވެ. ޓެލެޑްރާމާތަކުން ކިތަންމެ އެވޯޑެއް އުފުލާލައިފި އެވެ. ދެ ފަހަރެއްގެ މަތިން އެންމެ މޮޅު ކޮމޭޑިއަންގެ އެވޯޑާއި އެންމެ މޮޅު އެކްޓަރުގެ އެވޯޑް ހާސިލުކޮށްފައިވެ އެވެ. އެންމެ މޮޅު ޑައިރެކްޓްރުގެ އެވޯޑްވެސް އުފުލާލައިފިއެވެ. ޝަރަފްވެރި ގައުމީ އެވޯޑްސް ހިމެނެއެވެ. ގައުމީ ދެ އެވޯޑްސް އެބައޮތެވެ. އެއީ ފިލްމު "ހޭލާ" އިން ހާސިލުކުރި ސަޕޯޓިން އެކްޓަރުގެ އެވޯޑާއި ހަމަ އެ ފިލްމުގެ އެއް ޑައިރެކްޓަރު ކަމުގައިވާ މޫމިން ފުއާދު ޑައިރެކްޓްކުރި "ލޫދިފާ" އިން ލިބުނު އެންމެ މޮޅު އެކްޓަރުގެ އެވޯޑެވެ.

އޭނާގެ އަތުގައި ގައުމީ އިނާމްގެ އިތުރުން ސާކް ފެސްޓިވަލްގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑް ވެސް އެބައޮތެވެ.

އެންމެ ބޭނުމީ ބައްޕައާއެކު މަސައްކަތް ކޮށްލަން

އިއްސެގެ އާއިލީ ފިލްމީ ކުންފުންޏެއް އޮވެއެވެ. މިހާތަނަށް ފީޗާ ފިލްމް، ޑްރާމާ ސިލްސިލާ އަދި ކުރު ފިލްމުތަކެއްވެސް އެ ކުންފުނިން ގެނެސްދީފައިވެއެވެ. ކޭއެމްއާރު ޕްރޮޑަކްޝަނުން ބެލުންތެރިންނަށް އެންމެ ފަހުން ގެނެސްދީފައިވަނީ "ބީރުބޮލު ވަޒީރު" ގެ ނަމުގައި ގެނެސްދިން ހެއްވާ މަޖާ ކުރު ފިލްމެކެވެ. އެއީ އިއްސެގެ ދެބަފައިން އެކުގައި ފެނިގެންދިޔަ ފިލްމެކެވެ.

ސްޓްރޯކެއް ޖެހި އިއްސެގެ ބައްޕަ ގެންދަނީ އެކަމަށް ފަރުވާ ކުރަމުންނެވެ. މިހާރުވެސް ރާއްޖެއިން ބޭރުގައި ދަނީ ފަރުވާ ހޯދަމުންނެވެ. ނަމަވެސް ހާލަތު ރަނގަޅުވަމުން އަންނަ މިންވަރަކުން އެކި މަަސައްކަތްތަކުގައި ކޮޕީ މުހައްމަދު ރަޝީދު ދަނީ ބައިވެރިވަމުންނެވެ. ހާއްސަކޮށް ޅެން ހެއްދެވުމެވެ. އާންމުންގެ މަގުބޫލްކަން ލިބުނު ވަރަށް ގިނަ ލަވަތަކެއްގެ ޅެން އޭނާ ހައްދަވާފައިވެއެވެ. މިހާރުވެސް އެ މަަސައްކަތް ކުރައްވައެވެ.

"އަޅުގަނޑު އުންމީދަކީ ބައްޕަ އެނބުރި އައިސް 'ބީރުބޮލު ވަޒީރު' ގެ އިތުރު އެޕިސޯޑެއްވެސް ކުޅެވި ނެރެވުން،"

މީގެ އިތުރުން އާއިލާގެ ބައިވެރިވުމާއެކު ފިލްމީ އިތުރު އުފެއްދުންތަކެއް ބެލުންތެރިންނަށް ގެނެސް ދިނުމަކީވެސް އޭނާގެ އުންމީދެކެވެ. ބޮޑު ފިލްމެއް އަމިއްލައަށް ޑައިރެކްޓް ކުރުމުގެ ވިސްނުމެއް އަދި ނެތް ނަމަވެސް އެންމެ ފަހުން ބޭއްވި އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުން އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް އުފުލާލެވުމަކީ ޑައިރެކްޓަރުގެ ގޮޑީގައި އިށީންނަން އޭނާއަށް ލިބުނު އިތުރު ހިތްވަރެކެވެ.

"އެ އެވޯޑަށްފަހު ތަފާތު ބޮޑު މަސައްކަތެއް ކުރުމަށް ހިތްވަރު ލިބުނު. ނަމަވެސް އެފަދަ ދެވަނައެއް ބޮޑު ޕްރޮޖެކްޓެއް ބޭނުންވަނީ. އަދި މިވަގުތު އެފަދަ ކަމެއް ކުރުމުގެ ވިސްނުމެއް ނެތް. ޑައިރެކްޓަރެއްގެ ގޮތުގައި ފެނިދާނެ. އެކަމަކު އަދި މިއީ އެ ވަގުތެއް ނޫން. ފެންނާނީ އަޅުގަނޑުގެ އޮރިޖިނަލް އެއްޗެއް. ކޮޕީ އިއްސެ ކިޔަސް އެނގޭތޯ،"

މިހާތަނަށް އިއްސެ ކުޅުނު ފިލްމުތަކުގެ ތެރެއިން ގިނަ ބަޔަކަށް އެންމެ ކަމުދިޔަ ފިލްމުތަކުގެ ތެރޭގައި އޭނާ ކުޅެފައިވާ ކޮމެޑީ ފިލްމުތައްވެސް ހިމެނެއެވެ. މުހައްމަދު އަބްދުﷲ (މުހަންމާ) އާއި އަހުމަދު ޝަމީލްއާއެކު އޭނާ ކުޅެފައިވާ ކޮންމެ ކޮމެޑީއަކީވެސް ހިޓެކެވެ.

މާގިނައިން ކޮމެޑީ ކުޅެން ބޭނުން ނުވި ނަމަވެސް ދޭތެރެ ދޭތެރެއިން ކޮމެޑީ ފިލްމެއް ކުޅެން އިއްސެ ބޭނުން ވެއެވެ. އެއީ ބެލުންތެރިންނާ ހާއްސަ ގުޅުމެއް އުފައްދައިދޭ ފިލްމުތަކެއް ކަމަށް އޭނާ ދެކެއެވެ.

ސިޔާސީ ދާއިރާއިން ފެންނާނެ

ފިލްމީ ދާއިރާގެ ފަންނާނުންވެސް ސިޔާސީ މަސައްކަތުގައި ބައިވެރިވާތަން ފެނެއެވެ. ބައެއް ފަންނާނުން މީގެ ކުރިން ވަނީ މަޖިލިސް މެންބަރުކަމާއި ސަރުކާރުގެ މުހިންމު ބައެއް މަގާމުތައްވެސް ފުރާފައެވެ. ފަންނާނުން އެންމެ ބިޒީވާ ދުވަސްކޮޅަކީވެސް ރިޔާސީ އިންތިހާބުގެ ދުވަސްވަރެވެ. އެކި ފަންނާނުން އެކި ކެންޑިޑޭޓުންނަށް ބައިއަތު ހިފާ އެ ކެންޑިޑޭޓުންގެ ކެންޕެއިންގައި ބައިވެރިވެއެވެ.

އިއްސެވެސް ވަނީ މިދިޔަ އަހަރު ޖުމްހޫރީ ޕާޓީއާ ގުޅިފައެވެ. އޭނާ ބުނީ އެ ނިންމުމަކީ ގާސިމްއާއެކު ސިޔާސީ ގޮތުން ކުރިއަށްދާން ބޭނުންވާތީ ނިންމި ނިންމުމެއް ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީއާއެކު ކުރިއަށްދާން އޭނާ ހުރީ ތައްޔާރަށް ކަމަށެވެ.

ސިޔާސީ ގޮތުން ކުރިއަށްދާން އޭނާ ގެންގުޅޭ ވިސްނުންތަކެއްވެސް އެބަހުއްޓެވެ. ނަމަވެސް އެ ވާހަކަތައް މިވަގުތަށް ދައްކަން އަދި ބޭނުމެއް ނުވެއެވެ. ޔަގީންކަން ދެނީ ސިޔާސީ ދާއިރާއިން ފެންނާނެ ކަމެވެ. ޖޭޕީއާ ގުޅުނީ ސިޔާސީ ގޮތުން ކުރިއަށްދާން ކަމެވެ.

"ސިޔާސީ މަސައްކަތުގައި އަޅުގަނޑު ކުރިއަށް ދިއުމުގެ ވިސްނުންތަކެއް އެބަހުރި، ޕްލޭންތަކެއް އެބަހުރި. އެ ކަންކަން އެނގޭނެ އެ ދުވަސް ޖެހުނީމަ،"