ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ކަަރަންޓީން މުއްދަތު ކުރުކުރުން ރައްކާތެރިއެއް ނޫން

ކަރަންޓީން މުއްދަތު ކުރުކުރުމަކީ ރައްކާތެރިކަމެއް ނޫން ކަމަށާ 14 ދުވަހުގެ ކަރަންޓީން މުއްދަތަކީ ރައްކާތެރިކަމުގެ ގޮތުން ވަރަށް ފުރިހަމަ މުއްދަތެއް ކަމަށް ޓެގް ޓީމުގެ މެންބަރު ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެއްޖެ އެވެ.

މާލެއިން ރަށްރަށައްދާ މީހުން 14 ދުވަހު ކަރަންޓީންގައި ތިބެން ޖެހެއެވެ. އެއީ މާލެއަކީ ކޮވިޑްގެ ކޮމިއުނިޓީ ޓްރާސްމިޝަނެއް އޮތް ސިޓީއަކަށްވާތީއެވެ. މިއަހަރުގެ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ ސިޓީ އޮތީ ލޮންޑައުން ކޮށްފައެވެ. އެއާއި ގުޅިގެން ރަށްރަށައް ނުދެވި އެތަށް ބަޔަކު މާލޭގައި ތާށިވިއެވެ.

ނަމަވެސް ކުރިން އެޅި ފިޔަވަޅުތަކަށް ބައެއް ލުއިތައް ދީ މިހާރު ޒަރޫރީ ބޭނުންތަކަށް ނޫން ނަމަވެސް ރަށްރަށައް ދެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. ނަމަވެސް 14 ދުވަހުގެ ކަރަންޓީނަށް ލުޔެއް ދީފައެއް ނުވެއެވެ. އެކަމާއި ގުޅިގެން ބޮޑު ޗުއްޓީއަށް ރަށްރަށައް ދާން ބޭނުންވެފައި ތިބި އެތައް ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

މިރޭ އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލްވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ ކޮވިޑްގެ ހާލަތު އަދި ރަނގަޅު ވެފައި ނުވާއިރު 14 ދުވަހުގެ ކަރަންޓީން ވަރަށް މުހިންމު ކަމަށެވެ. ދިރާސާތަކުން ދައްކާ ގޮތުން ކަރަންޓީން މުއްދަތު ފަސް ދުވަހަށް ކުރުކޮށްފިނަމަ ކޮވިޑް ޖެހުމުގެ ފުރުސަތު އޮތް ނުވަތަ އެ ބަލީގެ 45 އިންސައްތަ މީހުން ދެނެނުގަނެވިދާނެ ކަމަށާ ހަތް ދުވަހަށް ކަރަންޓީން ކުރުކޮށްފިނަމަ 20 އިންސައްތަ މީހުން ދޫވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އަދި 11 ދުވަހަށް ކަރަންޓީން މުއްދަތު ކުރުކޮށް ޓެސްޓް ހެދިނަމަވެސް ތިން ޕަސެންޓް މީހުން ދެނެނުގަނެވިދާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ. މިއީ ރަށްރަށައް ބަލި ފެތުރިދާނެ ސަބަބަކަށްވާތީ ކަރަންޓީން މުއްދަތު މިވަގުތު ކުރުކުރުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެން މި ހަދާ ގޮތަށް 14 ދުވަހުގެ ކަރަންޓީނަށްފަހު ޓެސްޓް ހަދައިފިނަމަ 99 ޕަސެންޓް އެބަ ކަވާ ކުރެވޭ. އޭގެ މާނައަކީ އެކަކު ނޭންގި ހިނގައިދާނޭ. އެހެންވީމަ ބަލާ ބެލުމަށް 14 ދުވަހަކީ ވަރަށް ފުރިހަމަ މުއްދަތެއް. އެއީ މިހާތަނަށް އެންމެ ރަނގަޅަށް ކޮންޓްރޯލް ކޮށްފައިވާ ޗައިނާ، ނިއުޒީލެންޑް، އޮސްޓްރޭލިއާ، ކޮރެއާ، ސިންގަޕޯ، މެލޭޝިޔާ މި ހުރިހާ ގައުމުތަކެއްގައިވެސް ބަލަނީ 14 ދުވަހަށް،" ނަޒްލާ މުސްތަފާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ ރަށްރަށުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ހުރީ އެންމެ ރަނގަޅަށް ނޫން ކަމަށާ ރަށްރަށުގައި އެ ފިޔަވަޅުތައް ތަންފީޒު ކުރުމުގައިވެސް ގޮންޖެހުންތައް ހުންނާނެ ކަމަށެވެ. އެހެން ކަމުން ކަރަންޓީން މުއްދަތު ކުރުކޮށްފިނަމަ ރަށްރަށުގައި އައުޓްބްރޭކެއް އައުމުގެ ފުރުސަތު ބޮޑު ކަމަށް ނަޒްލާ ވިދާޅުވިއެވެ.

އަތޮޅުތެރޭގެ ސިއްހީ ނިޒާމަކީވެސް ރަނގަޅު ހާލަތެއްގައި އޮތް ނިޒާމެއް ނޫން ކަމަށް ވިދާޅުވެ ގިނަ ބަޔަކަށް ބަލި ޖެހިއްޖެނަމަ އެކަމުގެ ސަބަބުން ވަރަށް ގޯސް ހާލަތަށް ހިނގައިދާނެ ކަމަށް ވިދާޅުވިއެވެ. މާލެއިން ރަށްރަށައްދާން ބަޔަކު ބޭނުންވި ނަމަވެސް ރަށްރަށުގައި ތިބި ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަކީވެސް ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މާލޭގައި އުޅޭ ބަޔަކު ބޭނުންވެދާނެ ފަސޭހައިން ރަށައްދާން. އެކަމު އަތޮޅުތެރޭ މީހުންގެ ހައްގުތަކެއްވެސް އެބައޮތް ދެއްތޯ. އެ މީހުންނަށް ރައްކާތެރިކަން ލިއްބައިދޭ ގޮތަށް އަޅުގަނޑުމެން ޖެހޭނެ ކަންކަން ކުރަން. އެއީ އެ ތާންގައި މާލެއާ އެއްގޮތަށް ހެލްތް ކެޕޭޝިޓީ ރަނގަޅެއް ނޫން. މިހާރުވެސް ނޮން-ކޮވިޑް ކެއާވެސް ހަމަ ކިރިއާ ދެވެނީ. އެއީ މާލެ ބަންދުވީމަ އަތޮޅު ހޮސްޕިޓަލްތަކަށް ވަނީ ބާރުވެފައި،"

މިރޭގެ ނޫސްވެރިންގެ ބައްދަލްވުމުގައިވެސް ކަރަންޓީންވުމާއި ނުލައި ސަރުކާރުގެ އިސްވެރިން ރަށްރަށައް ދަތުރުކުރަމުން ދަނީ ކޮން އުސޫލަކުންތޯ ވަނީ ސުވާލުކޮށްފައެވެ. އަދި އެ ގޮތަށް ދަތުރުކޮށް އާންމުންނާއި ބައްދަލްކޮށް ޖަލްސާތައް ބާއްވާ ހެދުމަކީ ރައްކާތެރި ކަމެއް ނޫންތޯވެސް ސުވާލުކޮށްފައިވެއެވެ.

އެ ސުވާލަށް ސީދާ ޖަވާބެއް ނުދީ ކޮންމެހެން ބާއްވަން ޖެހޭ ހަރަކާތެއް ނޫނީ ރަށްރަށުގައި ނުބޭއްވުމަކީ އެޗްޕީއޭގެ ވަރަށް ބޮޑު އިލްތިމާސްއެއް ކަމަށް ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވިއެވެ. އަދި އެފަދަ ހަރަކާތަކަށް މާލެއިން ބަޔަކު ދިޔަނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިސްކަންދީ ގިނަ ބަޔަކާ ބައްދަލު ނުކުރުމަށް ވަނީ އެދިފައެވެ.