މިނިސްޓްރީ އޮފް ހެލްތު

"ތެލެސީމިއާ ކުދިންގެ ޝަކުވާތަކަށް ހައްލު ހޯދައިދޭނަން"

Nov 29, 2020
6

ތެލެސީމިއާ ސެންޓަރަކީ ތެލެސީމިއާ ކުދިންނާއި ގާތް އަމިއްލަވަންތަކަމުގެ އިހްސާސް ލިބިދޭ ތަނަކަށް ބަދަލު ކުރުމުގެ އަމާޒެއް ހިފާނެކަމުގެ ޔަގީންކަން ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ދެއްވައިފި އެވެ.

ތެލެސީމިއާ ކުދިންނަށް ލޭ އަޅައިދޭ ވަގުތު ކުޑަ ކުރުމުން ތެލެސީމިއާ ކުދިންނާއި އެ ކުދިންގެ އާއިލާތަކުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. ތެލެސީމިއާ ސެންޓަރުގެ ހިންގުން ދޯދިޔާވެ އެ ތަނުންދޭ ހިދުމަތްތަކާއިމެދު ކުދިންނާއި ބެލެނިވެރިން އަބަދުވެސް ޝަކުވާ ކުރެއެވެ. އެ މައްސަލަތައް ސަރުކާރުގެ އެންމެ އިސްވެރިންގެ ސަމާލު ކަމަށް ގެނައި ނަމަވެސް މައްސަލަތައް ހައްލުނުވެ އިތުރު މައްސަލަތައް ދަނީ ކުރިމަތިވަމުންނެވެ.

އެކަމާއި ގުޅިގެން މިދިޔަ ހަފްތާއެއްހާ ދުވަހު ތެލެސީމިއާ ކުދިން ވަނީ ސޯޝަލް މީޑިއާގައި އެ ކަންބޮޑުވުންތައް ވަރަށް ބޮޑަށް ހިއްސާކޮށްފައެވެ. އަދި އާންމުންގެ ސަމާލުކަމަށް އެކަން ގެނައުމުން ގިނަ ބަޔަކު ވަނީ އެ ސެންޓަރު ހިންގަން ތިއްބެވި ވެރިންނަށް ފާޑުކިޔާފައެވެ.

މައްސަލަ ހޫނުވެފައިވަނިކޮށް ހެލްތް މިނިސްޓްރީން މިއަދު ބުނީ ތެލެސީމިއާ ކުދިންނާއި ބެލެނިވެރިންނާ މިނިސްޓަރު ނަސީމް މިއަދު ބައްދަލު ކުރައްވާފައިވާ ކަމަށެވެ. އަދި އެ ކުދިންގެ ހުށަހެޅުމަށް ރިއާޔަތްކޮށް ހިދުމަތް އިސްލާހު ކުރުމުގައި ތެލެސީމިއާ ސެންޓަރަކީ އެ ކުދިންނާ ގާތް އަމިއްލަވަންތަކަމުގެ އިހްސާސް ލިބިދޭ ތަނަކަށް ބަދަލު ކުރުމުގެ އަމާޒު ހިފާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި ކަމަށެވެ.

މީގެ ކުރިން ތެލެސީމިއާ ކުދިންނަށް ހެނދުނު އަށަކުން ފެށިގެން މެންދުރު 1:30 އަށް ލޭ އަޅައިދެއެވެ. ނަަމަވެސް މި ފަހުން ލޭ އަޅަން ކުދިންނަށް އެ ސެންޓަރުން ފުރުސަތު ދެނީ ހެނދުނު އަށަކުން ނުވަޔަކަށް އަދި މެންދުރު 12 އިން އެކަކަށެވެ.

އަވަސްއާ ވާހަކަ ދެއްކި ބައެއް ކުދިން ބުނީ އެ ވަގުތަށްވުރެ ކިތަންމެ ކުޑަ ވަގުތުކޮޅެއް ލަސްވި ނަމަވެސް އެ ދުވަހު ލޭ އަޅައިނުދީ ފޮނުވާލާ ކަމަށެވެ. ތެލެސީމިއާ ބައެއް ކުދިންނަކީ ވަޒީފާގައިވެސް އުޅޭ ކުދިންނަށްވާތީ ލޭ އަޅައިދޭ ވަގުތު ކުޑަކުރުމުން އެ ކުދިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ލޭ އަޅަން ޖެހޭ ދުވަހެއް ނަަމަ އޮފީހަށް ސަލާމް ބުނެފައި ނޫނީ އެކަން ނުކުރޭ ކަމަށް އެ ކުދިން ބުނެއެވެ.

ބައެއް ކުދިންނަކީ މަހަކު ދެ ފަހަރު ނޫނީ ތިން ފަަހަރުވެސް ލޭ އަޅަން ޖެހޭ ކުދިންނެވެ. މަހަކު ތިން ދުވަހު ވަޒީފާއަށް ސަލާމް ބުނަން ޖެހޭ ގޮތަށް ގަވާއިދު ހަދާފައިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ކުދިން ބުންޏެވެ.

މާލޭގައި ލޭ އަޅާ 300 އެއްހާ ކުދިން ތިބިއިރު މިހާރު ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދާ ދިނުމަށް ނާއިބް ރައީސް ފައިސަލް ނަސީމާއި ހެލްތް މިނިސްޓަރު އަހުމަދު ނަސީމް އަރިހު އެ ކުދިން ވަނީ އެދިފައެވެ