ހަބަރު

އައްޑޫ ޝަރީފްގެ ނަން އިއްވައި، ތަޅުމުން ނެރެފި

މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ޝަރީފްގެ ނަން އިއްވައި ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ނެރެފި އެވެ.

މަޖިލީހުގެ ޖަލްސާ މިއަދު ފެށުމަށް ތައްޔާރުވަމުން ދިއަ އިރު ވެސް، ޝަރީފް ގެންދެވީ، ކޯފާ އިސް ކުރައްވައި، ތަޅުމުގައި އަޑުގަދަ ކުރައްވަމުންނެވެ.

ނަމަވެސް، އޭނާ ކޯފާ ވެގެން އުޅުއްވަނީ ކޮން ކަމަކާ ކަމެއް ސާފެއް ނުވެ އެވެ. އަދި ރިޔާސަތަށް އިޝާރާތް ކުރައްވައި ވިދާޅުވަމުން ގެންދެވި ވާހަކަތަކެއް ވެސް ސާފެއް ނޫނެވެ.

ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މަޖިލީހުގެ ގަވައިދަށް ހުރުމަތްތެރިކޮށް ހިތުމަށް ތަކުރާރުކޮށް ޝަރީފްގެ އަރިހުން އެދިވަޑައިގެންފައި އެވެ.

ނަމަވެސް، އަދުގަދަ ކުރުން ހުއްޓާނުލެއްވުމުން، ނަޝީދު ވަނީ ޝަރީފްގެ ނަން އިއްވައިފަ އެވެ.

"ސާޖަންޓް އޮފް އާމްސް މީނާ މިތަނުން ނެރޭ. ސާޖަންޓް އޮފް އާމްސް މީނާ މިތަނުން ނެރޭ،" ތަޅުން ދޫކުރައްވަން ދެކޮޅު ހެއްދެވުމުން ނަޝީދު އެދިވަޑައިގެންނެވި އެވެ.

އޭގެ ފަހުން ވެސް ޝަރީފް ވަނީ ތަޅުން ދޫކުރައްވަން ދެކޮޅު ހައްދަވައިފަ އެވެ. ނަމަވެސް، ސާޖަންޓް އޮފް އާމްސް ފަހުން ވަނީ ޝަރީފް ގޮވައިގެން ތަޅުމުން ނުކުންނަވައިފަ އެވެ.

ޖަލްސާ ރަސްމީކޮށް ފެށުމާއެކު، ނަޝީދު ވިދާޅުވީ ތަޅުމުގައި ހިނގައިދިޔަ ކަންކަމާމެދު ރައްޔިތުންގެ މެދުގައި ސުވާލު އުފެދޭނެ ކަމަށެވެ.

ތަފްސީލެއް ނުދެއްވޭނެކަމަށް ވިދާޅުވުމަށްފަހު، ޝަރީފް ކޯފާއިސް ކުރެއްވީ އެހެން މެންބަރަކާއި އުފެދުނު ހިޔާލުތަފާތުވެގެން ކަމަށެވެ.

"ދެ މެންބަރެއްގެ މެދުގައި ހިލާފު އުފެދި. ބަޣާވާތާ ގުޅޭގޮތުން. އެ ހިޔާލުތަފާތުމުގައި ޖޯށުގައި ޖެހި އުފެދިގެން ދިއައީ. އަޅުގަނޑަށް ޖެހުނީ މެންބަރެއްގެ ނަން އިއްވަން،" އެއް ފަހަރާ ދެ މެންބަރުންގެ ނަން އިއްވެން ނޯންނަކަން ހާމަކުރައްވަމުން އެ މަނިކުފާނު ވިދާޅުވި އެވެ.

ނަމަވެސް، މަޖިލީހުގެ ރައީސް އިޝާރާތްކުރެއްވީ ކޮން ބަޣާވާތަކަށް ކަމެއް ނުވަތަ ޝަރީފާ ހިޔާލުތަފާތުވީ ކޮން މެންބަރަކާ ކަމެއް ވިދާޅެއްނުވެ އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި މިފަދަ ހިލާފު އުފެދެނީ ރައްޔިތުންގެ މެދުގައި ހައްސާސް ކަންކަމާމެދު މަޖިލީހުގައި ބަހުސްކުރެވެމުންދާތީ ކަމަށެވެ.

"ބަހުސް ކުރެވޭ ކަންކަމަކީ، އަދި ގޮތްތައް ނިންމެމުންދާ މިކަންކަމަކީ ޖީލުތަކަކަށް ދިވެހި މުޖުތަމައުއަށް އަސަރުކޮށްގެން ދާނެ ކަންކަން. އަދި ވަރަށް ގިނަ ކަންކަމަކީ މާޒީގެ ފަތްފުށުގައި އެތައް ބައެއްގެ ހިތާމަވެރި ހަޔާތާ ގުޅިފައިހުރި ކަންކަން. ކިތަންމެ ބައެއްގެ މުޅި ދިރިއުޅުން ބަރުބާސްތުވެފައިވާ ކަންކަން،" މަޖިލީހުގެ ތަޅުމުން ފެންނަނީ އެ ޖޯޝާއި ރޫހު ކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.

ތަޅުމުން ނެރުމާއެކު ޝަރީފް ވަނީ ކޯފާއިސްކުރައްވަން ޖެހުނު ސާފުކޮށްދެއްވައިފަ އެވެ.

މިގޮތުން، ޝަރީފް އިޝާރާތް ކުރައްވައިފަނީ، މިހާރު މަޖިލީހުގައި މަސައްކަތް ހިނގަމުންދާ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަށް ގެންނަން މަސައްކަތް ކުރަމުންދާ އިސްލާހުތަކަކަށެވެ.

"އަޅުގަނޑުގެ ނަން އިއްވައި، މަޖިލީހުން ބޭރުކުރި ކަމަށް ވިޔަސް، ބަދަލު ހިފުމުގެ ގޮތުން ފުލުހުންގެ މުއައްސަސާ ޕޮލިޓިސައިޒްކޮށް، ކޮމިޝަންޑް އޮފިސަރުން، ގާނޫނަށް ގެންނަ ބަދަލަކުން ވަކިކޮށް، ބޭނުންވާ ބަޔަކަށް އަލުން ވަޒީފާ ދިނުމަށް ގެންނަން ހުށަހަޅާ އިސްލާހަށް އަޅުގަނޑު ތާއީދުނުކުރާނަން،" ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.