ހަބަރު

ރޭޓިން ދަށްކުރުމަކީ މަޖިލީހުގެ ދަރަނީގެ ރިޕޯޓުގެ ނަތީޖާ: ޝަރީފު

ރާއްޖޭގެ ދަރަނީގެ ރޭޓިން ފިޗުން ދަށްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުން ދަރަންޏާ ގުޅޭގޮތުން ފާސްކޮށްފައިވާ ރިޕޯޓުގެ ސަބަބުން ކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ޝަރީފް މިއަދު ތުހުމަތު ކުރައްވައިފި އެވެ.

ބޭރު ފައިސާ ލިބުމުގެ ތާށިކަމާއި މަތިވަމުން ދާ ދަރަންޏަށް ބަލައި ފިޗުގެ ރާއްޖޭގެ ރޭޓިން "ސީސީސީ" އަށް ވަނީ ބަދަލުކޮށްފައެވެ. ރާއްޖޭގެ ސޮވެރިން ކްރެޑިޓް ރޭޓިން 2016 ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ، ހޮންކޮންގްގެ ފިޗް ރޭޓިން އިން ބުރާސްފަތި ދުވަހު ނެރުނު ރާއްޖޭގެ ރޭޓިންގައި ބުނެފައިވާ ގޮތުން، ރާއްޖޭގެ ރޭޓިން "ބީ" ނެގެޓިވް އައުޓްލުކް އިން "ސީސީސީ" އަށް ދަށްކުރި މައިގަނޑު ސަބަބަކީ ބޭރު ފައިސާ ލިބުމަށް ކުރިމަތިވެފައިވާ މަތިތަކުގެ ސަބަބުން އިގްތިސޯދަށް ކުރިމަތިވެފައިވާ ހީނަރުކަމާއި ކޮވިޑް-19 ގެ ސަބަބުން މިހާލަތުގައި ރާއްޖޭގެ ދަރަނި މަތިވަމުން ދިއުން ހިމެނެ އެވެ.

"ސީސީސީ" ރޭޓިން ދެނީ އާއްމު ގޮތެއްގައި ދެނީ ދަރަނި މަތިވަމުން ދާތީ އެވެ.

ރާއްޖޭގެ ރޭޓިންއަށް ބަދަލު ގެނެސް ފިޗުން ބުނެފައިވާ ގޮތުގައި ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުން މާލީ އެހީ ހޯދުމުގައި ކާމިޔާބު ތަކެއް ހޯދާފައިވީ ނަމަވެސް ޑޮލަރު ލިބުމުގައި ރާއްޖެއަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.

ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރުމަކީ މަޖިލީހުން ފާސްކުރި ރިޕޯޓުގެ ނަތީޖާ ކަމަށެވެ.

"އެ ދުވަހުވެސް ތަކުރާރުކޮށް އަޅުގަނޑު ދެންނެވިން، ހެޔޮ ނުވާނެއޭ ތިޔަ ގަރާރު ތި ގޮތަށް ފާސްކުރަން،" މަޖިލީހުގެ ރިޕޯޓާ ދެކޮޅަށް އެކި ފަހަރު މަތިން ކަންބޮޑުވުންފާޅު ކުރައްވާފައިވާ ޝަރީފް އިތުރަށް ވިދާޅުވި އެވެ.

ޝަރީފް އެ އިޝާރާތް ކުރައްވަނީ ކުރިއަށް އޮތް އަހަރުތަކުގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ އާމްދަނީއާ ނުބައްދަލު އަދަދުތަކުން ދަރަނި އަދާކުރަންޖެހިފައިވާއިރު، އެ ދަރަނިތައް ރީސްޓްރަކްޗާ ކުރަން ސަރުކާރަށް ހުށަހަޅާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ރިޕޯޓަށެވެ.

އެ ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ 2012 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ނަގާފައިވާ ލޯނުތަކުގެ ތަފްސީލާއި، ދަރަނި ބެލެހެއްޓިފައިހުރި ގޮތާއި، ދަރަނި ނެގިފައިވަނީ ގާނޫނާ އެއްގޮތަށްތޯ ބެލުމާއި، އެ ދަރަނި އަނބުރާ ދައްކަން ޖެހުނު އިރު ދައުލަތުގެ އާމްދަނީ ހުރި މިންވަރުގެ މައްޗަށެވެ.

އާމްދަނީގެ ނިސްބަތުން ދަރަނި އަނބުރާ ދައްކަންޖެހޭ އަދަދު އިންތިހާއަށް އިތުރުވާއިރު، އެކަމަށް ހައްލު ހޯދަން އެ ރިޕޯޓުގައި ވަނީ ސަރުކާރަށް ގިނަ ހުށަހެޅުންތަކެއް ހުށަހަޅައިފަ އެވެ.

އޭގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކުރެވެނީ ދޭދޭ ގައުމުތަކުންނާއި ބޭރުގެ ޖަމިއްޔާތަކުން ނަގާފައިވާ ލޯނުތައް ފިޔަވައި އެހެން ލޯނުތައް ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް ކުރުމަށް، އެކަމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލުމަށް ސަރުކާރަށް ހުށަހެޅުން ހިމެނެ އެވެ.

އެ ރިޕޯޓު ފާސްކުރުމުގެ ކުރިން މަޖިލީހުން ދަރަނީގެ ކަންކަން ބަލާތީ އެކަމާ ޝަރީފް ވަނީ ކަންބޮޑުވުންފާޅު ކުރައްވައިފަ އެވެ.

މިގޮތުން، ދައުލަތަށް ދަރަނި ދެއްކުމުގެ ގާބިލުކަން ކަނޑައަޅަނީ މަޖިލީހުންތޯ ސުވާލު އުފައްދަވަމުން ޝަރީފް ވިދާޅުވީ ރައީސް އަށާއި މާލީ ވަޒީރަށް ދަރަނީގެ ކަންކަން އެނގިވަޑައިނުގަންނަވާކަމަށް ދޭހަވާ ގޮތަށް މަޖިލީހުން މަސައްކަތް ކުރާ ކަމަށެވެ.

ފިޗުގެ ރޭޓިން ގަބޫލުކުރަން ސަރުކާރުން ދެކޮޅު ހަދާފައިވަނިކޮށް، ބައިނަލްއަގުވާމީ އެ ފަދަ އިންޑިކޭޓަރުތަކުގެ އަޑު އަހަންވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައި އެވެ.