ފެބްރުއަރީ 7، 2012 ގައި ބަޣާވާތަކުން ވެރިކަން ވައްޓާލާފައިވާކަމަށް، މިހާރު ސަރުކާރު ހިންގާ ކޯލިޝަނުގެ މައި ޕަޓީ އެމްޑީޕީން ތުހުމަތު ކުރާއިރު، އެކަމާ ގުޅުވައި، ފުލުހުންތަކެއް ވަކި ކުރަން އުޅޭކަމަށް ތުހުމަތު ކޮށްފި އެވެ.
ފެބްރުއަރީ 7، 2012 ގައި އޭރުގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެރިކަން ނިމުމަކަށް ފުލުހުންނާއި ސިފައިންގެ ބަޔަކު ބައިވެރިވެ ހިނގައިދިޔަ ހަމަނުޖެހުންތަކަށް ފަހު ރައީސްގެ މަގާމުން ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމުންނެވެ.
އޭގެ ފަހުން ފެބްރުއަރީ 8، 2012 ގައި އެމަނިކުފާނު އިސްވެ ހުންނަވާ މާލޭގައި ބޮޑު މުޒާހަރާއެއް ބޭއްވެވިއެވެ. އެމަނިކުފާނު ވިދާޅުވީ ވެރިކަން ބަދަލުކުރީ ބަޣާވާތުން ކަމަށެވެ. އެ ދުވަހު އަތޮޅުތެރޭގައިވެސް މުޒާހަރާ ކުރިއަށް ގެންދިޔައެވެ. އެ މުޒާހަރާގެ ތެރެއިން ދައުލަތުގެ މުދަލަށް 200 މިލިއަން ރުފިޔާގެ ބޮޑު ގެއްލުން ދީފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިއަދު ރަސްމީކޮށް ފެށުމުގެ ކުރިން މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ޝަރީފްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ވަނީ ނެރެފައި އެވެ.
ރިޔާސަތުގައި އިންނެވި ނަޝީދު ވަނީ މަޖިލީހުގެ ގަވައިދަށް ހުރުމަތްތެރިކޮށް ހިތުމަށް ތަކުރާރުކޮށް ޝަރީފްގެ އަރިހުން އެދިވަޑައިގެންފައި އެވެ.
ނަމަވެސް، އަދުގަދަ ކުރުން ހުއްޓާނުލެއްވުމުން، ނަޝީދު ވަނީ ޝަރީފްގެ ނަން އިއްވައިފަ އެވެ.
"ސާޖަންޓް އޮފް އާމްސް މީނާ މިތަނުން ނެރޭ. ސާޖަންޓް އޮފް އާމްސް މީނާ މިތަނުން ނެރޭ،" ތަޅުން ދޫކުރައްވަން ދެކޮޅު ހެއްދެވުމުން ނަޝީދު އެދިވަޑައިގެންނެވި އެވެ.
އޭގެ ފަހުން ވެސް ޝަރީފް ވަނީ ތަޅުން ދޫކުރައްވަން ދެކޮޅު ހައްދަވައިފަ އެވެ. ނަމަވެސް، ސާޖަންޓް އޮފް އާމްސް ފަހުން ވަނީ ޝަރީފް ގޮވައިގެން ތަޅުމުން ނުކުންނަވައިފަ އެވެ.
ޖަލްސާ ރަސްމީކޮށް ފެށުމާއެކު، ނަޝީދު ވިދާޅުވީ ތަޅުމުގައި ހިނގައިދިޔަ ކަންކަމާމެދު ރައްޔިތުންގެ މެދުގައި ސުވާލު އުފެދޭނެ ކަމަށެވެ.
ތަފްސީލެއް ނުދެއްވޭނެކަމަށް ވިދާޅުވުމަށްފަހު، ޝަރީފް ކޯފާއިސް ކުރެއްވީ އެހެން މެންބަރަކާއި އުފެދުނު ހިޔާލުތަފާތުވެގެން ކަމަށެވެ.
"ދެ މެންބަރެއްގެ މެދުގައި ހިލާފު އުފެދި. ބަޣާވާތާ ގުޅޭގޮތުން. އެ ހިޔާލުތަފާތުމުގައި ޖޯށުގައި ޖެހި އުފެދިގެން ދިއައީ. އަޅުގަނޑަށް ޖެހުނީ މެންބަރެއްގެ ނަން އިއްވަން،" އެއް ފަހަރާ ދެ މެންބަރުންގެ ނަން އިއްވެން ނޯންނަކަން ހާމަކުރައްވަމުން އެ މަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި މިފަދަ ހިލާފު އުފެދެނީ ރައްޔިތުންގެ މެދުގައި ހައްސާސް ކަންކަމާމެދު މަޖިލީހުގައި ބަހުސްކުރެވެމުންދާތީ ކަމަށެވެ.
"ބަހުސް ކުރެވޭ ކަންކަމަކީ، އަދި ގޮތްތައް ނިންމެމުންދާ މިކަންކަމަކީ ޖީލުތަކަކަށް ދިވެހި މުޖުތަމައުއަށް އަސަރުކޮށްގެން ދާނެ ކަންކަން. އަދި ވަރަށް ގިނަ ކަންކަމަކީ މާޒީގެ ފަތްފުށުގައި އެތައް ބައެއްގެ ހިތާމަވެރި ހަޔާތާ ގުޅިފައިހުރި ކަންކަން. ކިތަންމެ ބައެއްގެ މުޅި ދިރިއުޅުން ބަރުބާސްތުވެފައިވާ ކަންކަން،" މަޖިލީހުގެ ތަޅުމުން ފެންނަނީ އެ ޖޯޝާއި ރޫހު ކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.
މިއަދު މަޖިލީހުގައި ހިނގާދިއަ ކަންތައްތަކާ ގުޅޭގޮތުން، ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރު މަޖިލީހުގައި މަސައްކަތް ކުރެވުމުންދާ ދިވެހި ފުލުހުންގެ ބިލަށް ފުލުހުންގެ ކޮމިޝަންޑް އޮފިސަރުން، ގާނޫނުގެ ޒަރިއްޔާއިން ވަކި ކުރާ ގޮތަށް ހުށަހަޅަން އުޅޭ އިސްލާހަށް ތާއީދުނުކުރާނެކަމަށް ބުނުމުން، ޒުވާބު ހިނގާފައިވަނީ ބިލެއްދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) އާ ދެމެދު ކަމަށެވެ.
"އަޅުގަނޑުގެ ނަން އިއްވައި، މަޖިލީހުން ބޭރުކުރި ކަމަށް ވިޔަސް، ބަދަލު ހިފުމުގެ ގޮތުން ފުލުހުންގެ މުއައްސަސާ ޕޮލިޓިސައިޒްކޮށް، ކޮމިޝަންޑް އޮފިސަރުން، ގާނޫނަށް ގެންނަ ބަދަލަކުން ވަކިކޮށް، ބޭނުންވާ ބަޔަކަށް އަލުން ވަޒީފާ ދިނުމަށް ގެންނަން ހުށަހަޅާ އިސްލާހަށް އަޅުގަނޑު ތާއީދުނުކުރާނަން،" ޝަރީފް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ބަދަލު ހިފުމަށް ތާއަބަދު މަސައްކަތް ކުރުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށެވެ.
ފުލުހުންގެ ގާނޫނު އިސްލާހު ކުރަން ހުށައަޅާފައިވަނީ ފުލުހުންނަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށެވެ. އެކަމާއި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ކުރިންވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ފުލުހުންގެ މުއައްސަސާއަށް އިތުބާރު ނުކުރައްވާ ކަމަށް އެ މެންބަރުން ވަނީ ވިދާޅުވެފައެވެ.
ނަމަވެސް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ސަރުކާރު ވައްޓާލަން ނުކުތުމަކީ މިހާރު އޮތް ފުލުހުންގެ މުއައްސަސާ އިން ކުރާނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އެކަމުގެ ފުރިހަމަަ ޔަގީންކަން އެބައޮތް ކަމަށާ އެ ޔަގީންކަން ރައްޔިތުންނަށްވެސް ދެއްވާ ކަމަަށް ސީޕީ ވިދާޅުވިއެވެ.
ސީޕީ މިއަދު ވިދާޅުވީ ހަތެއް ފެބްރުއަރީި އަކީ މާޒީއެވެ. އެ ހާދިސާއިން ގިނަ ފިލާވަޅުތަކެއް ފުލުހުން ވަނީ ހޯދާފައި ކަމަށެވެ. އަދި ސަރުކާރާ ދެކޮޅަށް ނިކުމެ ފުލުހުން ބަޣާވާތެއް ނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.