ފުލުހުންގެ ގާނޫނު އިސްލާހު ކުރަން އުޅެނީ އެއްވެސް ފުލުހަކާމެދު ބަދަލު ހިފުމުގެ ނިޔަތެއްގައި ނޫން ކަމުގެ ޔަގީންކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ދެއްވައިފި އެވެ.
ފެބްރުއަރީ 7، 2012 ގައި ބަޣާވާތަކުން ވެރިކަން ވައްޓާލާފައިވާކަމަށް، މިހާރު ސަރުކާރު ހިންގާ ކޯލިޝަނުގެ މައި ޕަޓީ އެމްޑީޕީން ތުހުމަތު ކުރާއިރު، އެކަމާ ގުޅުވައި، ފުލުހުންތަކެއް ވަކި ކުރަން އުޅޭކަމަށް ތުހުމަތުތަކެއް ކުރެވިފައިވަނިކޮށް، މިއަދުގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން ނަޝީދު ވިދާޅުވީ މިހާރު އެ ބިލު ފަރުމާކުރެވިފައިވާ ގޮތް ހުރިހާ ފުލުހުންވެސް ބެލުން މުހިއްމު ކަމަށާއި، އެ ބިލާއެކު ފުލުހުންގެ މުއައްސަސާ މިއިން ޒަމާނެއްގައި ވެސް ކުރިއަރައިގެން ނުދާނެ މިންވަރަށް ކުރިއަރައިގެންދާނެ މިންވަރަށް ޖާގަ ލިބޭ ކަމަށެވެ.
މިގޮތުން، މި ބިލުގެ ޒަރިއްޔާއިން ފުލުހުންގެ ޕްރޮމޯޝަންގެ ކަންކަން އިންސާފުވެރިކަމާއެކު ކުރިއަށް ގެންގޮސްދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މިއަދު ހުރިހާ ފުލުހުންނަށްވެސް މި ބިލާއެކުގައި އެ ބޭފުޅުންނަށް އޮތީ ކޯޗެއްތޯ ނެތީ ކޯޗެއްތޯ. ގޯހަކީ ކޮބައިތޯ. ރަނގަޅަކީ ކޮބައިތޯ. މަގާމުގެ ކުރިއަރައިގެން ދެވޭނީ ކޮން ގޮތަކަށް މަސައްކަތް ކުރީމަތޯ،" ނަޝީދު ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ މީގެ ކުރިން އެންމެ އަދާއިގެ ފުލުހުންނަށް ލިބިދީފައިވާ އިނާޔަތްތަކާއި އެހީތައް ސާފުވެފައިނުވި ނަމަވެސް، މި ބިލާއެކު މަގާމުގެ ކުރިއެރުން ލިބޭނެ ގޮތްތަކާއި ހައްގުވާ އިނާޔަތްތަކާއި އެހީތައް ވަރަށް ސާފުކޮށް ބަޔާންކުރެވިފައިވާނެ ކަމަށެވެ.
"އެއްވެސް ހާލެއްގައި މިއީކީ އެއްވެސް ފުލުސް އޮފިސަރަކަށްވެސް ފުލުހުންގެ އާދައިގެ ބޭފުޅަކަށްވެސް ހާއްސަކޮށް އަމާޒުވެ، ދެކޮޅު ހެދުން. ބަދަލު ހިފުން. ޖަދަލު ކުރުން. މީގެން އެއްވެސް ނިޔަތެއްގައި އެކުލަވާލެވިފައިވާ ބިލެއް ނޫން،" ނަޝީދު ޔަގީންކަންދެއްވި އެވެ.
ފެބްރުއަރީ 7، 2012 ގައި އޭރުގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެރިކަން ނިމުމަކަށް ފުލުހުންނާއި ސިފައިންގެ ބަޔަކު ބައިވެރިވެ ހިނގައިދިޔަ ހަމަނުޖެހުންތަކަށް ފަހު ރައީސްގެ މަގާމުން ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމުންނެވެ.
އޭގެ ފަހުން ފެބްރުއަރީ 8، 2012 ގައި އެމަނިކުފާނު އިސްވެ ހުންނަވާ މާލޭގައި ބޮޑު މުޒާހަރާއެއް ބޭއްވެވިއެވެ. އެމަނިކުފާނު ވިދާޅުވީ ވެރިކަން ބަދަލުކުރީ ބަޣާވާތުން ކަމަށެވެ. އެ ދުވަހު އަތޮޅުތެރޭގައިވެސް މުޒާހަރާ ކުރިއަށް ގެންދިޔައެވެ. އެ މުޒާހަރާގެ ތެރެއިން ދައުލަތުގެ މުދަލަށް 200 މިލިއަން ރުފިޔާގެ ބޮޑު ގެއްލުން ދީފައިވެއެވެ.
މަޖިލީހުގެ ޖަލްސާ މިއަދު ރަސްމީކޮށް ފެށުމުގެ ކުރިން މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ޝަރީފްގެ ނަން އިއްވައި މަޖިލީހުގެ ނެރެފައިވަނީ، އޭނާ ވިދާޅުވި ގޮތުގައި، މިހާރު މަޖިލީހުގައި މަސައްކަތް ކުރެވުމުންދާ ދިވެހި ފުލުހުންގެ ބިލަށް ފުލުހުންގެ ކޮމިޝަންޑް އޮފިސަރުން، ގާނޫނުގެ ޒަރިއްޔާއިން ވަކި ކުރާ ގޮތަށް ހުށަހަޅަން އުޅޭ އިސްލާހަށް ތާއީދުނުކުރާނެކަމަށް ބުނުމުން، ބިލެއްދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) އާ ދެމެދު ހިނގި ޒުވާބަކާ ގުޅިގެން ކަމަށެވެ.
"އަޅުގަނޑުގެ ނަން އިއްވައި، މަޖިލީހުން ބޭރުކުރި ކަމަށް ވިޔަސް، ބަދަލު ހިފުމުގެ ގޮތުން ފުލުހުންގެ މުއައްސަސާ ޕޮލިޓިސައިޒްކޮށް، ކޮމިޝަންޑް އޮފިސަރުން، ގާނޫނަށް ގެންނަ ބަދަލަކުން ވަކިކޮށް، ބޭނުންވާ ބަޔަކަށް އަލުން ވަޒީފާ ދިނުމަށް ގެންނަން ހުށަހަޅާ އިސްލާހަށް އަޅުގަނޑު ތާއީދުނުކުރާނަން،" ޝަރީފް ވިދާޅުވި އެވެ.
ފުލުހުންގެ ގާނޫނު އިސްލާހު ކުރަން ހުށައަޅާފައިވަނީ ފުލުހުންނަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށެވެ. އެކަމާއި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ކުރިންވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ފުލުހުންގެ މުއައްސަސާއަށް އިތުބާރު ނުކުރައްވާ ކަމަށް އެ މެންބަރުން ވަނީ ވިދާޅުވެފައެވެ.
ނަމަވެސް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ސަރުކާރު ވައްޓާލަން ނުކުތުމަކީ މިހާރު އޮތް ފުލުހުންގެ މުއައްސަސާ އިން ކުރާނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އެކަމުގެ ފުރިހަމަަ ޔަގީންކަން އެބައޮތް ކަމަށާ އެ ޔަގީންކަން ރައްޔިތުންނަށްވެސް ދެއްވާ ކަމަަށް ސީޕީ ވިދާޅުވިއެވެ.
ސީޕީ މިއަދު ވިދާޅުވީ ހަތެއް ފެބްރުއަރީި އަކީ މާޒީއެވެ. އެ ހާދިސާއިން ގިނަ ފިލާވަޅުތަކެއް ފުލުހުން ވަނީ ހޯދާފައި ކަމަށެވެ. އަދި ސަރުކާރާ ދެކޮޅަށް ނިކުމެ ފުލުހުން ބަޣާވާތެއް ނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.