ދެހާސް ފަސްވަނަ އަހަރު ފިލްމީ ދާއިރާއަށް ތައާރަފު ވުމުގެ ކުރިން ފާތިމަތު ފަރީލާ (ފަރީ) އަކީ ކުޅަދާނަ ނެށުންތެރިއެކެވެ. ފިލްމީ ދާއިރާއަށް ޝައުގުވެރިކަން އުފެދުނީ ވެސް ނެށުމުގެ ތެރެއިންނެވެ. "ގޮމަ" ގުރޫޕްގައި އެ ދުވަސްވަރު އެންމެ ފާހަގަ ކޮށްލެވުނު ނެށުންތެރިއަކީ ފަރީ އެވެ.
ފަރީގެ ފުރަތަމަ ފެނިލުން އައީ "ނުހިނުހީ" މި ލަވައިންނެވެ. ފަރީގެ ނެށުމުގެ ހުނަރު ފެނިގެންދިޔަ މި ލަވައާއެކު ޑައިރެކްޓަރުންގެ ގިނަ ހުށައެޅުންތަކެއް އޭނާ އަށް ލިބެން ފެށިއެވެ. އެ ލަވައަކީ ބެލުންްތެރިންގެ ބޮޑު ތަރުހީބެއް ވެސް ލިބިގެން ދިޔަ ލަވައަކަށް ވިއެވެ. ޓީވީ ޗާޓްތަކުން ބޮޑު މަގުބޫލު ކަމެއްވެސް ލިބުނު ލަވައެވެ.
އެހާ ހިސާބުން ފީޗާ ފިލްމުތަކާއި ލަވަތަކުން ގިނަ ފުރުސަތުތަކެއް ލިބެން ފެށިއެވެ. ފިލްމީ މަސައްކަތަށް ނިކުތް 2005 ވަނަ އަހަރުވެސް ބޮޑު ފިލްމެއްގެ ލީޑް ރޯލުން ފަރީއަށް ފުރުސަތު ލިބުނެވެ. އަބްދުލްފައްތާހުގެ "ވާލޯބި އެނގޭނަމަ" އެއީ ފަރީގެ ފުރަތަމަ ފިލްމެވެ. އެއީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ފިލްމެކެވެ. ގިނަ ޝޯތަކެއް ދެއްކި ކާމިޔާބު ފިލްމެކެވެ.
އޭގެ ފަހުން އޭނާ ވަނީ ގިނަ ފިލްމުތަކެއް ކުޅެފައެވެ. ބައެއް ޑްރާމާތަކާއި ލަވަތަކުންވެސް ފެނިފައިވެއެވެ.
ނަމަވެސް އެންމެ ފަހުން ފިލްމީ މަސައްކަތެއްގައި ފަރީ ބައިވެރިވީ 2015 ވަނަ އަހަރު އެވެ. އޭގެ ފަހުން މިދިޔަ ފަސް އަހަރުގެ ތެރޭގައި ފިލްމީ އެއްވެސް މަސައްކަތަކުން ފަރީ ފެނިފައެއް ނުވެއެވެ. އަދި ފިލްމީ މަސައްކަތާއި ދުރުވެ ދިރިއުޅުން ލަންކާއަށް ބަދަލުކުރިއެވެ. މިދިޔަ ހަތަރު އަހަރު ފަރީއާ އޭނާގެ އަންހެން ދަރިފުޅު ދިރިއުޅުނީ ލަންކާގައެވެ. މި ދުވަސްވަރު މާލެ އައިސް ހުރީ ލޮކްޑައުންގެ ސަބަބުންނެވެ. ފަރީގެ ދިރިއުޅުން އަދިވެސް އޮތީ ލަންކާގައެވެ. ޖަނަވަރީގައި ލަންކާ ހުޅުވާލުމާއެކު އެނބުރިދާން އޭނާ ހުރީ ތައްޔާރަށެވެ.
ފިލްމީ މަސައްކަތާއި ދުރުގައި ހޭދަކުރި ފަސް އަހަރުގެ ތެރޭގައި ފަރީ ފުރަތަމަ ފަހަރަށް އިންޓަވިއުއެއް ދެނީ އަވަސްގެ "ސްޓާއެއްގެ ސްޓޯރީ" އަށެވެ. ފަރީ ވަނީ މިހާރު ފިލްމީ މަސައްކަތާ ދުރުގައި ހުރި ސަބަބުތަކާއި ލަންކާއަށް ދިރިއުޅުން ބަދަލުކުރި ސަބަބު އަދި ފިލްމީ ކެރިއަރާ ގުޅޭގޮތުން ބައެއް ވާހަކަތައް ހިއްސާ ކޮށްފައެވެ.
ފިލްމީ ދާއިރާގައި ފަރީ ހޭދަކުރި ދިހަވަަރަކަށް އަހަރު އޭނާއަށް އެންމެ ބޮޑު މަގުބޫލު ކަމެއް ލިބުނު އެއް ސަބަބަކީ ކުޅަދާނަ އެކްޓަރު އަދި ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) އާ ކައިވެނި ކުރުމުންނެވެ. ފިލްމީ ކެރިއަރުގަައި ފަރީ ގިނަ މަސައްކަތް ކުރީވެސް ޔޫއްޕެއާ އެކީގައެވެ. ފޭން ބޭސް ބޮޑުވެ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ފަރީއަށް ލިބުމުގައި އޭނާގެ ކުޅަދާނަ އެކްޓިންގެ އިތުރުން ޔޫއްޕެ އަކީ މުހިންމު ހިއްސާއެކެވެ.
ނަމަވެސް ކައިވެންޏަށް ކުއްޖަކު ލިބިފައިވަނިކޮށް ފަރީގެ ކައިވެނި ރޫޅުނެވެ. އޭގެ ދުވަސްތަކެއް ފަހުން ލަންކާއަށް ދިރިއުޅުން ބަދަލުކުރިއެވެ. ނަމަވެސް ފަރީގެ ދިިރިއުޅުން ލަންކާއަށް ބަދަލު ކުރުމާއި ދިރިއުޅުމާއި އެއްވެސް ގުޅުމެއް ނެތެވެ. ލަންކާއަށް ދިރިއުޅުން ބަދަލުކުރީ އަންހެން ދަރިފުޅަށް ރަނގަޅު ތައުލީމެއް ދިނުމުގެ ބޭނުމުގައެވެ.
ލަންކާގައި އުޅުނު ނަމަަވެސް ފަރީއަށް ގިނަ ފުރުސަތުތަކެއް ލިބެއެވެ. ޑައިރެކްޓަރުންގެ ހުށައެޅުންތައް ލިބެއެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ނުހިފާ ދޫކޮށްލަން ޖެހުނީ އެކަމަށް ވަގުތު ދެެވެން ނެތީމައެވެ. ބައެއް ޑައިރެކްޓަރުން ވަނީ ފަރީ ލައްވާ ފިލްމު ކުޅުވަން ވަރަށް މަސައްކަތް ކޮށްފައެވެ. ލަންކާގައި ޝޫޓް ކޮށްގެންވެސް ފިލްމުތަކުގައި ފަރީ ބައިވެރި ކުރަން ބައެއް ޑައިރެކްޓަރުން ބޭނުންވެއެވެ. އަދި މި ވަގުތު ފަރީ މާލޭގައި ހުރުމުންވެސް ބައެއް ފިލްމުތަކުގައި ބައިވެރިވުމަށްވެސް ހުށައެޅުންތައް ލިބިފައިވެއެވެ.
"ވަރަށް ގިނަ ކުދިން މިހާރުވެސް ގުޅާ. އެކަމަކު ފިލްމެއް ކުޅެވޭނީ އެކަމަަށް އެކަށީގެންވާ ވަގުތު ލިބިގެން. އެހެން ނަމަވެސް އެ ކަމަށް ހޭދަ ކުރާނެ ދުވަހެއް މި ވަގުތު ނެތް،"
ފިލްމް ކުޅުން ހުއްޓާލީތަ؟
ފިލްމީ މަސައްކަތެއްގައި ފަރީލާ ބައިވެރި ނުވާތާ ފަސް އަހަރު ވީއެވެ. މީގެ ފަސް އަހަރު ކުރީން ޝޫޓްކުރި ލަވައަކަށް ފަހު ފިލްމީ ހުރިހާ މަސައްކަތަކާ އޭނާ ހުރީ ދުރުގައެވެ. އެހެން ކަމުން ދެން ފިލްމަކުން ނުވަތަ ފިލްމީ މަސައްކަތުން ފަރީލާ ފެންނާނެތޯ އެއީ ގިނަ ބައެއްގެ ސުވާލެކެވެ.
ހާއްސަކޮށް ފަރީގެ ފޭނުންނެވެ. ނަމަވެސް އެ ސުވާލަށް ދޭނެ އެންމެ ސާފު ޖަވާބެއް ނެތެވެ. ފިލްމީ މަަސައްކަތާ އޭނާ ހުރީ ވަރަށް ދުރުގައެވެ. އެއީ މުޅީން ކެރިއަރު ދޫކޮށްލުމެއް ނޫނެވެ. އެހެން އެކަން ދިމާވީ މިވަގުތު ދިރިއުޅުން ހަމަޖެހިފައިވާ ގޮތުންނެވެ. ރާއްޖެއިން ބޭރުގައި ދިރިއުޅެމުން ފިލްމީ މަސައްކަތުގައި ބައިވެރިވުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އަދި ލަންކާގައި ޝޫޓިން ރޭވި ނަމަވެސް ޝޫޓިންއަށް ދުވަހުގެ ގިނަ ވަގުތު ހޭދަ ކުރެވެން ނެތީއެވެ. ފިލްމަކުން ނޫނީ ލަވައަކުންވެސް އޭނާ ނުފެންނަ ސަބަބަކީ އެއީއެވެ.
"ސީދާ ހުއްޓާލީއެކޭ ނުބުނާނަން. އަދި ކުރިއަށް އޮތްތާ ކަންވާނެ ގޮތެއް ނޭންގެ،" ހީނލަމުން ފަރީ ބުންޏެވެ.
ފިލްމަކުން ފެންނަނަމަ ތަފާތު ވާނެ
ފިލްމެއް ނުކުޅެ ގިނަ ދުވަހު ހުރި ނަމަވެސް ފިލްމީ ދާއިރާއާ އަދި އެ ދާއިރާގެ ފަންނާނުންނާއި ފަރީލާއާ އޮތީ ހާއްސަ ގުޅުމެކެވެ. އެ ގުޅުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ގިނަ ދިވެހިންގެ ވަރަށް ގާތް މަންޒިލެއްގެ ގޮތުގައި އޮތް ލަންކާއަކީ ދިވެހި ފިލްމީ ތަރިންގެވެސް އެންމެ ފޭވަރިޓެވެ. ހަފްތާ ބަންދަށް އަދި ބައެއް ޝޫޓިންތަކާއި އާއިލީ ދަތުރުތަކުގައިވެސް އެންމެ ގިނަ ތަރިން ދާ އެއް ގައުމަކީ ލަންކާއެވެ.
މީގެ އިތުރުން ދާއިރާގެ ވަރަށް ގިނަ ތަރިން ލަންކާގައި ދިރިއުޅެއެވެ. ފިލްމީ ތަރި ސުޖާ އާއި ނާޒިމާ، މަޝްހޫރު ލަވަ ކިޔުންތެރިޔާ އަބްދުއްހަންނާން އާއި މޭކަޕް އާޓިސްޓް އަދި ޑައިރެކްޓަރު ފީރޯޒް އައިޝްގެ އިތުރުން އެތަށް ބަޔަކު ލަންކާގައި ދިރިއުޅެއެވެ. އެހެން ކަމުން އެ ތަރިންނާއި ލަންކާއަށް އެކި ބޭނުންތަކުގައިދާ ތަރިންނާ ވަރަށް ގިނައިން ބައްދަލުވެއެވެ. ފިލްމީ ވާހަކަތައް ދެކެވެއެވެ.
އެހެންވީމަ ކައިރި މުސްތަގްބަލެއްގައި ފިލްމަކުން ނުފެނުނު ނަމަވެސް އަދި ފިލްމަކުން ނުވަތަ ފިލްމުތަކަކުން ފަރީ ފެނުމުގެ ފުރުސަތު އެބައޮތެވެ. ފިލްމަކުން ފެންނަ ނަމަ ފެންނާނީ ވަރުގަދަ އަދި ރަނގަޅު ރޯލަކުން ކަމަށް ފަރީ ބުންޏެވެ.
"ނިކުންނަންޏާ ނިކުންނާނީ ރަނގަޅު ކެރެކްޓާއަކުން،"
ފިލްމީ މަސައްކަތުގައި ހޭދަކުރެވުނު މުއްދަތުގައި ފަރީގެ ފޭވަރިޓަކީ ޔޫއްޕެއެވެ. ފިލްމުތަކުގައި ހަރަކާތްތެރިވާން އެންމެ ފަސޭހައީ އޭނާއާއެކުގައެވެ.
"ޔޫއްޕެ އެންމެ ފަސޭހައީ. އެންމެ ގިނައިން އެކުގައި ފެނިފައި ހުންނާނީވެސް ޔޫއްޕެއާއެކު،"
ފިލްމީ މަސައްކަތެއްގައި ބައިވެރި ނުވި ނަމަަވެސް ދިވެހި ފިލްމީ އުފެއްދުންތައް ބަލާ ކަމަށް ފަރީ ބުންޏެވެ. އަދި އަލަށް ނިކުންނަ ކުދިންގެ ތެރޭގައި ހުނަރުވެރި ގިނަ ކުދިންތަކެއް ތިބުމަކީ އޭނާއަށްވެސް ލިބޭ އުފަލެކެވެ. އެއީ ދިވެހި ފިލްމީ އިންޑަސްޓްރީ ކުރިއަށްދާނެ ކަމުގެ ހެއްކެކެވެ.
"ފަރީއަށް ވަރަށް ފާހަގަކޮށްލެވޭ އާޝާ އާއި ސަރާއާ ދެ ކުދިން،" އަލަށް ނިކުންނަ ތަރިންނާ ގުޅޭގޮތުން ވާހަކަ ދައްކަމުން ފަރީ ބުންޏެވެ.
ފިލްމީ މަަސައްކަތަށްވުރެ ފަރީލާގެ ޝައުގުވެރިކަން އޭރުވެސް މިހާރުވެސް އޮތީ ނެށުމަށެވެ. މިހާރު ނުނެށި ނަމަވެސް ނެށުމުގެ ރަން ދުވަސްވަރު ސްޓޭޖްތަކުގައި ދިން ޝޯތަކަކީ އުފާވެރި ހަނދާންތަކެކެވެ. ބެލުންތެރިންނަށް ނުފެނި ދުވަސްތަކެއް ވީނަމަވެސް ފިލްމީ ދާއިރާއިން އޭނާއަށް ލިބުނު ކޮންމެ ކާމިޔާބެއްގެ ފަހަތުގައި ތިބީ ސަޕޯޓަރުން ކަމަށްވާތީ އެކަން އޭނާ ޝުކުރުވެރިކަމާއެކު ފާހަގަކުރެއެވެ.
"ހަގީގަތުގައި ސަޕޯޓަރުންގެ ސަބަބުން ކުރިއަށް މި ދެވުނީ. އެހެންވީމަ އެކަމަށް ޝުކުރުވެރިވަން،"