ލައިފްސްޓައިލް

ދޫނިތަކުގެ ފުރިހަމަ ޑޮކިއުމެންޓޭޝަން އެއް!

މި ދުވަސްވަރަކީ ވަރަށް ގިނަ ތަފާތު އެކި ކަހަލަ ދޫނި ފެންނަ ދުވަސްވަރެކެވެ. ފުރަތަމަ ކަމަކަށް އެއީ ހިޖުރަ ކުރާ ދޫނިތައް އެ ސޮރުމެންގެ ދިގު ރާސްތާގައި މަންޒިލަށް ދިއުމުގެ ކުރިން ސްޓޮޕްއޯވާ އަކީ އަހަރުމެންގެ މި ދިވެހި ރާއްޖެ ކަމުންނެވެ. އަނެއްކަމީ ވަރަށް ގިނަ ބަޔަކު ފިނޮޅުތަކަށް ގޮސް ދަތުރު ދާ އިރު އެންމެ އަޅައިގަންނަ އެކައްޗަކަށްވަނީ މިނިވަން ކަމާއި އެކު އުދުހިލާ ދިވެހިވަންތަ ޖަޒީރާ ދޫނިތަކެވެ.

ރަށްފުށު ދިރިއުޅުމުގައި ދޫނި އާއްމުކޮށް ފެނުނަސް އެއީ ގިނަ ދިވެހީންގެ މިހާރު ދުރު ހަނދާނެކެވެ. ގިނަ މީހުންގެ ދިރިއުޅުން މިއޮތީ ކޮންކްރީޓް ޖަންގައްޔެއްގައި ކަމުން އަދި ދޫނިތަކަށް އަހަރުމެންގެ ހޭލުންތެރިކަން ވަކިން މިއޮތީ ކުޑަވެފައެވެ. ދަތުރެއް ފިނޮޅަކަށް ދެވޭ ފަހަރަކުން މި ފެންނަ ދޫނިތަކުގެ ހިތްގައިމު ކަމުން އާޝޯހުކޮށްލައެވެ. މި ކޮންކްރީޓް ޖަންގަލިން ފެންނަ ދޫންޔާއި ބަލާ ތަފާތީއެވެ. މިނިވަން ކަމާއި އެކީ އެ ސޮރުމެން އުދުހިލާ ތަން ބަލަން އެތަށް އިރެއްގައި އިނދެވިދާނެއެވެ. އެކަމަކު މި ދޫނިތަކުގެ ނަންތަކާއި މެދު ކުޑަކޮށް ވިސްނާލިންހެއްޔެވެ؟

ދިވެހިރާއްޖޭއިން އާއްމުކޮށް ފެންނަ މަސްމަހާ މެއްސަށް ފަރިތަގޮތަށް ރާއްޖޭގައި އުޅޭ ދޫނިތަކަށް ފަހަރުގައި ގިނަ މީހުން އެހާ ފަރިތަ ނުވެދާނެއެވެ. ތަންކޮޅެއް ދިރޭ އެއްޗެއްސާއި ގާތްމީހެއް ނަމަ ފިނޮޅުން ފެންނަނީ ކޮންކަހަލަ ދޫންޏެއްކަން އިނގިދާނެއެވެ. އަނެއްބަޔަަކަށް އެއީ އިންސްޓަގްރާމް ޝޮޓެކެވެ. ހޯދާކަށް ބޭނުމެއް ނޫނެވެ. އަނެއްބަޔަކު ހޯދަން ބޭނުމަސް ފަށަންވީ ހިސާބެއް ނޭގެއެވެ.

ރާއްޖެއިން އާއްމުކޮށް ފެންނަ ދޫނިތަކާއި ގުޅޭގޮތުން 1995 ތާރިހު ލިޔުންތެރިޔާ ޝަފީގުގޭ އަހުމަދު ޝަފީގު ތާރީހަށް އެކި ކަހަލަ ދޫނިތަކުގެ ފޮޓޯ އެއްކުރެއްވިއެވެ. މި ފޮޓޯތައް ދަރިކަލުން އަލީ ޝަފީގު އާއި ޖޭ.އެސް އޭޝް އެކުލަވާފައިވާ "ބާޑްސް އޮފް ދަ މޯލްޑިވްސް، އިންޑިއަން އޯޝަން" ނަމުގައި އެކުލަވާފަައިވާ ޑޮކިއުމެންޓޭޝަނެއް ގައި ހިމަނިއެވެ.



މިފަހުން މިއަހަރު މި މަސައްކަތް މިހާ ފުޅާކޮށް އަލުން ކުރައްވާފައި އެކުލަވާލީ ޑރ. ޗާލްސް އެންޑަރސަން އާއި މުހައްމަދު ޝިމާލްއެވެ. އިނގިރޭސި ރައްޔިތެއް ކަމުގައިވާ ޑރ. ޗާލްސްް އެންޑަރސަން އަކީ މެރީން ބައޮލިޖިސްޓެކެވެ. 1983 ފެށިގެން ރާއްޖޭގައި މަސައްކަތް ކުރައްވާތާ ގިނަ ދުވަސްވެފައިވާ އިރު ކަނޑުމަތީގައި ގިނަ ދުވަސް ހޭދަ ކުރެއްވުމުން ދިވެހިރާއްޖެއިން އެކި ހިސާބުތަކުން ފެންނަ ދޫންޏަށް ފަރިތަ މީހެކެވެ.

ދެން މި މަސައްކަތުގައި ބައިވެރިވީ ދިވެހި ޒުވާނާ އަކީ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓްގައި މަސައްކަތް ކުރާ ރިސާޗް އޮފިސަރެކެވެ. ތިމާވެށި ދާއިރާއިން ޑިގްރީ ފުރިހަމަކޮށް މާސްޓާސް އޮފް ސައިންސް އިން މެރިން ބައޮލޮޖީ ފުރިހަމަކޮށްފައިވާ ޝިމާލް ދޫނިތަކާއި މެދު ޝައުގުވެރިކަން އުފެދުނީ އޮސްޓްރޭލިއާ ގައި ކިޔަވަން އުޅުނު އިރު އެ ގައުމުގައި އުޅޭ އެކި ކަހަަލަ ދޫނިތަށް ފެނި އެ ދޫނިތަކުގެ ފޮޓޯ ނެގުމުގުގެ މަސައްކަތުގައި އުޅުމުންނެވެ.

މިއާއި އެކު ޑރ. ޗާލްސް ދެއްވި ފުރުސަތާއި އެކު އިންޑިއަން ބާޑްސް، ޖާނަލް އޮފް ސައުތް އޭޝިއަން އޯނިތޮލޮޖީގައި އަ ޗެކްލިސްޓް އޮފް ބާޑްސް އޮފް މޯލްޑިވްސް ގެ ނަމުގައި ދިވެހިރާއްޖެއިން ފެންނަ ދޫނިތަކުގެ އެންމެފަހުގެ ލިސްޓެއްކާއި އެކު ކަރުދާހެއް ލިޔެ ޝާއިއުކޮށްފައެވެ. މިއީ މިީގެ ކުރިން ކޮށްފައިވާ މަސައްކަތް ފުރާނާލާ އެއަށް އިތުރު ފުރިހަމަކަމެއްގެނެސް ޕަބްލިޝްކޮށްފައިވާ ރިސާޗް އާޓިކަލެކެވެ. މި މަސައްކަތް ފުރިހަމަ ކުރުމަށް ދިވެހިރާއްޖޭގެ ދޫންޔާއި ގުޅުންހުރި ކުރީގެ ރިސާރޗްތަކާއި ތާރީހީ ލިޔެކިއުންތަށް އަދި ފޮޓޯއާއިއެކުހުރި ފަހުގެ ދޫނީގެ މައުލޫމާތު ވަނީ ބޭނުންކުރެވިފައެވެ.

މި ލިޔުމުގައި ރާއްޖެއިން ފެނިފައިވާ 203 ބާވަތުގެ ދޫންޏެއް ރެކޯޑްކޮށްފައިވާ އިރު 194 ބާވަތަކީ ކޮން އެއްޗެއްތޯ އޮޅުންފިލުވާފައިވެއެވެ. އަދި 4 ބާވަތަކީ ކޮންކަހަލަ ދޫންޏެއްކަން އޮޅުން ފިލާފައި ނުވާއިރު 5 ބާވަތަކީ އޮޅުކޮށްގެން ކޮއްޓަށްލައިގެން ގެންގުޅެ މިހާރު އަލުން މިނިވަން ކަމާއި ރާއްޖޭގައި އުޅެން ފަށާފައިވާ ދޫނިގޭ ދަރިކޮޅުތައްކަމަށް ލިއުއްވާފައިވެއެވެ.

ދޫނިތަކަށް ކިޔާ ބައެއް އާންމު ދިވެހި ނަންތަކާއި އިނގިރޭސި ނަމުގެ އިތުރުން ސައިންޓިފިކް ނަން ހިމަނާ އަދި އެސޮރުމެން ރާއްޖެއިން ފެނިފައިވާ ސަރަހައްދާއި ފެނުނުކަމަށް ރެކޯޑްކޮށްފައިވާ ތާރީހާއި ބައެއް ފޮޓޯތައް ހިމަނާފައިވާ މި ކަރުދާހުގައި އެންމަ އާއްމުކޮށް ފެންނަ ދޫންޏާއި މަދު މަދުން ފެންނަ ދޫނިތަކަކީ ކޮބައި ކަން ބުނެދެއެވެ.

މި މަސައްކަތާއި ގުޅޭގޮތުން ޑރ. ޗާލްސް އާއި ޝިމާލް ބުނަނީ މިއީ " ދިވެހިރާއްޖެއިން ފެންނަ ދޫނީގެ ފަހުގެ ލިސްޓެއްކަމުން ރާއްޖެއިން ފެންނަ ދޫނީގެ މައުލޫމާތު އެއްކޮށް ފުޅާކުރުމަށް މުހިއްމު ފެށުމެއް ކަމަށް. އަދި މި މައުލޫމާތު ބޭނުންކޮށް އީ-ބާރޑް ޕްލެޓްފޯމްގައި ރާއްޖެއަށް ހާއްސަ ލިސްޓެއް ހިމެނުމުގެ މަސައްކަތް ކުރިއަށް ދާތީ ރާއްޖެއިން ދޫނީގެ ފޮޓޯނަގައި މައުލޫމާތު އީ-ބާރޑް ޕްލެޓްފޯމް އަށް އެޅުމަށް ފަސޭހަވާނެ ކަމުގައި. އެފަދަ މައުލޫމާތަކީ ހިޖްރަކުރާ ދޫނީގެ ގައުމީ، ސަރަހައްދީ އަދި ދުނިޔޭގެ ފެންވަރުގެ ދިރާސާތަކުގައި ރާއްޖޭގެ މައުލޫމާތު އަދި އެދޫނި ތަކަށް ރާއްޖެ މުހިންމު މިންވަރު ދައްކައިދިނުމަށް ވަރަށް މުހިއްމުކަމެއް ކަމުގައި. އެހެންކަމުން ރާއްޖޭގައި ދޫނިގެ ފޮޓޯނަގައި އުޅޭ ފަރާތްތަކަށް މިއީ ދޫނީގެ ދިރާސާތަކުގަ އާއި ދޫނީގެ އާބާދީ ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވުމަށް ލިބޭ ރަނގަޅު ފުރުސަތެއް."

ދިވެހިރާއްޖޭގައި ވިހައި އާބާދުވާ ދަނޑިފުޅު ދޫނި، ދިވެހި ހޯގުޅާ އަދި ކިރުދޫނި ފަދަ ދޫނިތަކުގެ އާބާދީއާއި ގުޅުންހުރި މައުލޫމާތު އެއްކުރުމުގައި ދޫންޔަށް ޝައުގުވެރިވާ ނުވަތަ ދޫނީގެ ފޮޓޯނަގައި އުޅޭ ފަރާތްތަކުގެ ބައިވެރިވުން މުހިއްމުކަމަށް ޑރ. ޗާލްސްއާއި ޝިމާލް ދެކެވެ.

މި ފަދަ ދޫނީ ވިހައި އާބާދުވުމަށް ބޭނުންކުރާ ރަށްތަކަށް ހިމާޔަތް ހޯދައިދީ އެ ތަންތަނުގެ މުހިއްމުކަން އާންމުންނަށް ތިލަކޮށްދިނުމަކީ ކުރެވިދާނެކަމެވެ. މީގެ އިތުރުން ދިވެހިރާއްޖެއަށް ހިޖުރަކުރާ ތަފާތު ދޫނީގެ ފޮޓޯ ނަގާ ފަރާތްތަކުން ފޮޓޯ ނެގިތަނަކާއި ތާރީހް އަދި ފޮޓޯނެގި ފަރާތެއްގެ މައުލޫމާތު ފާހަގަ ކޮށްފައި ބެހެއްޓުމަކީ މުސްތަގްބަލްގައި ރާއްޖެއިން ފެންނަ ދޫނިތަކުގެ ލިސްޓް އައު ކުރުމަށް ލިބޭނެ ވަރަށް މުހިއްމު މައުލޫމާތެއް ކަމުގައި ބުންޏެވެ.

ދޫންޏަށް ޝައުގުވެރިވާ މީހުން ނުވަތަ ބާޑްވޮޗިން އަށް ޝައުގުވެރިވާ މީހުންނަށް މިއީ ނުހަނު ބޭނުންތެރި ކަރުދާހެއް ކަމުގައިވާނެއެވެ. މިފަހުން ރާއްޖޭގެ އެކި ސަރަހައްދުގައި އޮންނަ ކުޅިތަކާއި، ހުސްބިން ފަދަ ތަންތަނުގައި ބާޑްވޮޗިން އާއި ފޮޓޯގްރަފީ ޒުވާނުންގެ މެދުގައި އަންނަނީ މަގުބޫލު ވަމުންނެވެ. މިކަން ސަޅިއެވެ. އެއީ އަހަރުމެން ދިވެހިންނަށް ދިވެހިރާއްޖެއަށް ހިޖުރަކުރާ އަދި ވަޒަންވެރިވެ އުޅޭ ދޫނިތަކުގެ މައުލޫމާތު ނޭގެންވީ ސަބަބެއްވެސް ނެތެވެ. އަދި ދިވެހި ކަނޑުގައިވާ މަސްތަކެކޭ އެއްގޮތަށް މި ސޮރުމެންވެސް އަހަރެމެންގެ ދިވެހިވަންތަކަމާއި ނުގުޅެންވީ ސަބަބެއްނެތެވެ.