މި އަހަރަށް ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ނިންމާލައި މަޖިލިސް ޗުއްޓީއަށް ހިނގައްޖެ އެވެ.
މަޖިލީހުގެ ތިންވަނަ ދައުރުގެ ފަހު ޖަލްސާ މިއަދު ނިންމަވާލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ މި ދައުރުގައި ޖަލްސާގެ ވަގުތުގައި މެންބަރުން ޖުމްލަ 89 ގަޑިއިރު، ކޮމިޓީ ގައި 330 ގަޑިއިރު މެންބަރުން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ވިދާޅުވީ މި ދައުރުގެ ތެރޭގައި ޖުމްލަ 15 ބިލެއްގެ މަސައްކަތް ނިންމައި ފާސްކުރެވިފައިވާ ކަމަށެވެ.
އޭގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ތައުލީމުގެ ބިލާއި އިއްޔެ ފާސްކުރެވިގެން ދިއަ ފުލުހުންގެ ހިދުމަތުގެ ބިލާއި އިންތިގާލީ އިންސާފުގެ ބިލުގެ އިތުރުން ކުޑަކުދިންނަށް މަރުގެ އަދަބު ނުދެވޭ ގޮތަށް މިއަދު ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ގެނެވެނު އިސްލާހެވެ.
މީގެ އިތުރުން، ރިޔާސަތުން ހުށަހެޅުނު އަށް މައްސަލައަކާއި ސަރުކާރުން ހުށަހެޅުނު އަށް މައްސަލައެއްގެ އިތުރުން އެހެނިހެން މައްސަލަތަކުގެ ގޮތުގައި އިތުރު 14 ކަމެއް މަޖިލީހުން ނިންމާފައިވާކަމަށް އީވާ ވިދާޅުވި އެވެ.
ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތުގެ ތެރެއިން މި ދައުރުގައި ސަރުކާރުގެ އެކި ވަޒީރުންނާ ޖުމްލަ 17 ސުވާލެއް ކުރެވިފައިވާކަމަށްވެސް އޭނާ ހާމަކުރެއްވި އެވެ.
އަދި އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ދައުލަތުގެ ބަޖެޓުވެސް ފާސްކޮށްފައިވަނީ މި ދައުރުގެ ތެރޭގައިކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.
އިތުރަށް ވިދާޅުވީ މަޖިލީހުގެ އެކި އެކި ދާއިމީ އަދި ވަގުތީ ކޮމިޓީތަކުން މި ދައުރުގައި ކުރި މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވެނީ، ހިޔާނާތުގެ ތުހުމަތުކުރެވޭ މައްސަލަތައް ބަލައި، އެކަންކަން ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް ބާރު އެޅި އެޅުން ކަމަށެވެ.
މިގޮތުން، ކޮވިޑް-19 އިގެ ހާލަތުގައި ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކޮށްފައިވާ މައްސަލަ މަޖިލީހުގެ ނައިބު ރައީސް ފާހަގަކުރެއްވި އެވެ.
މަޖިލީހުގެ މަސައްކަތްތަކުގައި އިދާރީ މުވައްޒަފުން ދެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވަމުން، އީވާ ވިދާޅުވީ މި ދައުރުގައި މަޖިލީހުން ކުރެވުނު ހުރިހާ މަސައްކަތްތައް ޝާއިއުކުރެވޭނެ ކަމަށެވެ.
އަންނަ އަހަރުގެ ފުރަތަމަ ދައުރު، މަޖިލީހުގެ ގަވައިދުވާ ގޮތުން ފެށޭނީ ފެބްރުއަރީ މަހު އެވެ.