ރާ އްޖޭގެ ވެރިކަމުގެ ހިންގުން ރިޔާސީ ނިޒާމަކަށް ފުރަތަމަ ބަދަލުވެގެން އައީ ޖަނަވަރީ 1، 1953 ގައެވެ. އެ ނިޒާމުގެ ތެރެއިން ފުރަތަމަ ވެރިކަން ކުރެއްވި ބޭފުޅަކީ ރައީސް މުހައްމަދު އަމީނެވެ. ނަމަވެސް އެ ނިޒާމުގެ ވެރިކަން ހިނގައިގަންނަން ގޮތް ނުވެ ހަތް މަސް ދުވަހުގެ ތެރޭގައި އުވި ދިޔައީ އެވެ. ދެން އައީ 14 އަހަރުގެ ދިގު ރަސްކަމެކެވެ. ދެވަނަ ފަހަރަށް ރާއްޖޭގެ ހިންގުން ރިޔާސީ ނިޒާމަކަށް ބަދަލުވެގެން އައީ ނޮވެންބަރު 11، 1968 ގައެވެ. ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގަ އެވެ. އޭގެ ފަހުން މިދިޔަ އަހަރުތަކުގައި ރާއްޖޭގެ ހިންގުން އޮތީ އެ ނިޒާމުގެ ތެރޭގައެވެ.
އެތަށް އަހަރެއް ވަންދެން ރިޔާސީ ނިޒާމަކަށް ރާއްޖޭގެ ހިންގުން އޮތުމަށްފަހު ނިޒާމު ބަދަލު ކުރުމުގެ ބަހުސެއް ފެށި އަޑު ގަދަކޮށްލީ 2007 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭރު ރާއްޖެ އަށް ޑިމޮކްރަސީގެ ވަރުގަދަ ސިފަތައް އައިސް ކުލަޖެހި ނިމެނީ އެވެ. ސިޔާސީ ޕާޓީތައް އުފެދި، ގިނަ ކެންޑިޑޭޓުން ވާދަކުރާ ރިޔާސީ ނިޒާމަކަށް އޮތް ތައްޔާރުވެފަ އެވެ. ހިޔާލުފާޅު ކުރުމާއި މިނިވަންކަން އޮތީ އިންތިހާ އަށް ފުޅާކޮށްފަ އެވެ.
އެހެން ކަމުން ރަށުތެރޭގައި އަޑުގަދަކޮށްލި ނިޒާމު ކަނޑައެޅުމުގެ ބަހުސް ބޮޑުވެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކާ ހަމަަ އަށް ވެސް ދިޔަ އެވެ. ސިޔާސީ ޕާޓީތަކުން އެ ޕާޓީތަކުންް ތާއީދުކުރާ ނިޒާމެއް ނިންމާ ވަރުގަދަ ކެންޕެއިންތައް ކުރިއެވެ. އެމްޑީޕީން ތާއީދުކުރީ ބަރުލަމާނީ ނިޒާމަކަށެވެ. ދެން އޭރު އުފެދިފައި އޮތް ހުރިހާ ސިޔާސީ ޕާޓީތަކުން ދެކުނީ ރާއްޖެ އަށް ފިޓް ނިޒާމަކީ ރިޔާސީ ނިޒާމެއް ކަމެވެ. ގިނަ ރައްޔިތުން ވޯޓް ދިނީ ވެސް އެގޮތަށެވެ. އެހެން ކަމުން އެހިސާބުން ނިޒާމުގެ ބަހުސް ނިމުނީ އެވެ. ރާއްޖޭގައި އޮންނަން ފެންނަ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށް ކަނޑައަޅާ ސިއްކަ ޖެހުނީ އެވެ.
އޭގެ ފަހުން އަލުން ނިޒާމު ބަދަލުކުރުމުގެ ބަހުސް ފެށިފައި ވަނީ 2018ގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެވެ. މި ފަހަރު ވެސް ބަހުސް އިސްވެ ފެށީ އެމްޑީޕީންނެވެ. ހާއްސަކޮށް ރައީސް މުހައްމަދު ނަޝީދެވެ. ރާއްޖޭގައި އޮންނަން ޖެހޭނީ ބަރުލަމާނީ ނިޒާމެއް ކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރައްވަނީ ވެސް އެ މަނިކުފާނެވެ. ރިޔާސީ އިންތިހާބުގެ ކެންޕެއިންގެ ތެރޭގައި ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރައްވާނެ ކަމަށް ވިދާޅުވީ ވެސް އެ މަނިކުފާނެވެ. އެމްޑީޕީގެ ސަރުކާރެއްގައި ކުރާނެ ކަންކަމުގެ ލިސްޓެއް ތަރުތީބު ވެގެން އައިއިރު ވެސް އެކަން އޮތީ ހިމަނާފަ އެވެ. އެ މަޝްވަރާތައް ރައީސް ނަޝީދާއި ރައީސް ސޯލިހް ކުރެއްވި ކަމަށްވެސް އަޑުތައް އޮވެ އެވެ. ނަމަވެސް އެވާހަކަ އޭރު ފުޅާކޮށް ދެއްކެން ނެތީއެވެ. އެކުގައި ތިއްބެވީ ބަރުލަމާނީ ނިޒާމާ ދެކޮޅު ސިޔާސީ ލީޑަރުންނަށްވާތީ އެވެ.
ވެރިކަމަށް ވަޑަައިގަތުމަށް ރައީސް މައުމޫނާއި ގާސިމް އިބްރާހިމް އަދި އިމްރާން އަބްދުﷲގެ އެހީތެރިކަން ވަރަށް މުހިންނެވެ. އެ ބޭފުޅުން ނިސްބަތްވާ ސިޔާސީ ޕާޓީތަކުގެ ތާއީދާއި މަދަދު ބޭނުންވެއެވެ. އެހެންވީމަ އިންތިހާބުގެ ކުރިން ނިޒާމުގެ ބަހުސް ބޮޑުވެއްޖެނަމަ އެކުގައި ކުރިއަށް ނުދެވޭނެ ކަމަށް ޔަގީނެވެ. އެހެންވީމަ މަދު ފަހަރެއްގައި ވަރަށް އެކަހެރި ގޮތަކަށް ނޫނީ އެ ވާހަކަ ނުދައްކައެވެ. ނަމަވެސް ރެކޯޑަށްޓަކައި އެ ވާހަކަތައް ރައީސް ނަޝީދު ދެއްކެވިއެވެ. އެއީ ފަހުން އެ މަސަައްކަތް ފައްޓަވާއިރު ފަސޭހައަކަށްޓަކައެވެ.
2019ގެ މަޖިލީސް އިންތިހާބުގެ ބޮޑު ކާމިޔާބީއަށް ފަހު ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ޖެހޭ ކަމަށް ފާޅުގައި ގޮވާލަން ފެށިއްޖެ އެވެ. ރައީސް ނަޝީދާއި އެމަނިކުފާނުގެ ވަފާތެރިން އެ ވާހަކަތައް ވަރަށް ފާޅުގައި ވިދާޅުވެއްޖެ އެވެ. މަޖިލީހުގައި އެތަށް ފަހަރަކު އެ ވާހަކަތައް ދެކެވިއްޖެ އެވެ. ރާއްޖެ އެ ނޫން ގޮތަކަށް ނުހިންގޭނެ ކަމަށްވެސް ވިދާޅުވެއްޖެ އެވެ.
މި ބަހުސް އެ ވަގުތަށް ގަދަކޮށްލަން ކުރި މަަސައްކަތަށް ހުރަސް އެޅުއްވީ ނިޒާމުގެ ބަހުސަށް ވަގުތު ނެތް ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަ ދެއްކެވުމުންނެވެ. އެމަނިކުފާނު ވިދާޅުވީ ހުރިހާ ފޯކަސް އެއް އޮތީ ވައުދުތައް ފުއްދެވުމަށް ކަމަށެވެ. އަދި ނިޒާމު ބަދަލުކުރާނަމަ އެ ބާރު އޮތީ ރައްޔިތުންގެ އަތްމަތީ ކަމަށެވެ. އެ ކަމަކީ އެމަނިކުފާނަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ.
ބަރުލަމާނީ... ރިޔާސީ ނިޒާމެއްގެ ކަންކަން އޮތީ މީގެ ކުރިން ނިމިފައި. [އެކަމަށް] ކުރިން އޮތީ ރައްޔިތުން ގޮތެއް ނިންމާފައި. އެއްވެސް ޒަމާނެއްގައި އެކަން [ބަދަލު] ކުރަން ބޭނުން ނަމަ ދެން ވެސް ހަމަ ދާން ޖެހޭނީ ރައްޔިތުންގެ ކައިރިއަށްރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް | މެއި 23، 2020
އޭގެ ފަހުން ރައީސް ނަޝީދުގެ ރާގު ބަދަލު ކުރެއްވިއެވެ. އެމަނިކުފާނުވެސް ދެން ވިދާޅުވީ މިއީ ނިޒާމު ބަދަލުކުރަން ބަހުސް ކުރަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ. ނަމަވެސް ވެރިކަން ހިންގަން އޮތް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ކަމަަށެވެ. ދިވެހިން ބޭނުން ވަނީވެސް އެ ގޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 2007ގެ ނިޒާމު ވޯޓަކީ އޮޅުވާލާފައި އޮތް ވޯޓެއް ކަމަށްވެސް ތުހުމަތު ކުރެއްވިއެވެ. އަދި އައު މައްސަލަތަކެއް ފެންމަތި ކުރެއްވިއެވެ.
މިދިޔަ ދެ އަހަރުވެސް މަޖިލީހުގެ މަސައްކަތާއި ގުޅޭގޮތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާ ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ފުރުސަތު ދޭން "އާސްކް ސްޕީކާ" ގެ ނަމުގައި ހާއްސަ ޕްރަގްރާމެއް ކުރިއަށް ގެންދެއެވެ. އެ ސިލްސިލާ ދެ ޕްރަގްރާމް މިދިޔަ ދެ އަހަރު ގެނެސްދީފައެވެ. 2019 އަދި 2020 ގެވެސް ޑިސެންބަރު މަހުގެ ހަތްވަނަ ދުވަހުއެވެ.
އެ ދެ ޕްރަގްރާމްގައިވެސް އެމަނިކުފާނު އެންމެ ޝައުގުވެރިކަމާއެކު އެންމެ ތަފްސީލުކޮށް ޖަވާބު ދެއްވަނީ ނިޒާމާއި ގުޅޭ ސުވާލުތަކަށެވެ. މިދިޔަ އަހަރާއި މި އަހަރުވެސް އެންމެ ތަފްސީލްކޮށް ވާހަކަ ދެއްކެވީ އެ މައުލޫމާއި ގުޅުންހުރި ސުވާލުތަކަށެވެ. އާދިއްތަ ދުވަހު އޮތް މި އަހަރުގެ ޕްރަގްރާމްގައި ރައީސް ނަޝީދު ވަނީ ބަރުލަމާނީ ނިޒާމުގެ ވާހަކަ އިތުރަށް ފުޅާކޮށް ދައްކަވާފައެވެ. މިފަހަރު ވިދާޅުވީ "ވެރިކަން ކުރަން އޮތް ހަމައެކަނި ނިޒާމަކީ ބަރުލަމާނީ" ކަމަށެވެ. އަދި ރާއްޖެ ގިނަ ދުވަހު ހިންގީވެސް އެ ނިޒާމުން ކަމަށެވެ. ރިޔާސީ ނިޒާމަކީ މިދިޔަ ވިއްސަކަށް އަހަރު ކަމެއް ކަމަށެވެ. އަދި މިދިޔަ ދުވަސްތަކުންވެސް ޔަގީންވީ ރިޔާސީ ނިޒާމު ރަނގަޅު ނޫން ކަމެވެ. އަވަހަށް ބަރުލަމާނީއަށް ބަދަލުވާންވީ ކަމެވެ.
އަޅުގަނޑު އަބަދުވެސް ގަބޫލުކުރަނީ ދިވެހިރާއްޖެއަށް އަދި ކޮންމެ ގައުމަކަށްވިޔަސް ވެރިކަން ކުރަން އެންމެ ރަނގަޅު، އޮތް ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމެއް. އަޅުގަނޑު މިހެން ދަންނަވާއިރު އަޅުގަނޑު މިއީ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައި ހުރި މީހެއް، އަދި އެކަމު ބޮޑުވަޒީރުކަން ކޮށްފައި ހުރި މީހެއް ނޫން. ދިވެހިރާއްޖޭގައި ގިނައިން ވެރިކަން ކޮށްފައި އޮތީ ބަރުލަމާނީ ނިޒާމަކަށް. މިފަހުން އައި ވިއްސަކަށް އަހަރު ރިޔާސީ ކަންތައްގަނޑެއް ޖެހިގެން މި އުޅެނީ. އެއީ ވަރަށް ފަހުން އައި ކަމެއްރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު | ޑިސެންބަރު 7، 2020
ޕްރަގްރާމްގައި އެމަނިކުފާނު ދެއްކެވި ވާހަކަތަކުން ނިޒާމުގެ ބަހުސް ދޫކޮށް ނުލައްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި އެ ބަހުސް ކޮޅެއްގައިވެސް ޖައްސަވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. ވިދާޅުވީ އެ ބަހުސް ރައީސް ސޯލިހާ ހަމައަށް ގެންދަވާނެ ކަމަށެވެ. އަދި މަޝްވަރާ ކޮށްގެން "ރަނގަޅު" ގޮތެއް ހޯދޭނެ ކަމަށެވެ.
"އަޅުގަނޑުމެން އެ ވާހަކަ ދައްކާނަން. ދައްކާފައި އަޅުގަނޑުމެންނަށް ރަނގަޅު ގޮތެއް ހޯދޭނެ،" ރައީސް ނަޝީދު ވަރަށް އިތުބާރާ ޔަގީންކަމާއެކު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ސިޔާސީ ކަންކަމުގައި އަބަދުވެސް މަޝްވަރާ ކުރައްވާ ބޭފުޅަކީ ރައީސް ސޯލިހެވެ. އެހެންވީމަ މަޝްވަރާއިން ދެ ރައީސުންނަށް ނުހޯދޭނެ ހައްލެއް ނެތެވެ. ދެން އޮތީ އެކަން ކުރައްވާނީ ކޮން އިރަކުންތޯ އުފެދޭ ސުވާލެވެ. މި ސުވާލަށްވެސް ފުރަތަމަ ފަހަރަށް ނަޝީދު ވާހަކަ ދެއްކެވީ އާދިއްތަ ދުވަހުއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ނިޒާމު ބަދަލު ކުރުމުގެ މަސައްކަތް ކުރާނީ 2023ގައިތޯ ނުވަތަ އޭގެ ކުޑަ ދުވަސްކޮޅެއްގެ ކުރިންތޯ އެއީ މަޝްވަރާ ކުރަން އޮތް ކަންމެކެވެ. އެހެންވީމަ ބަރުލަމާނީއަކަށް ރާއްޖެ ފުރޮޅާލުމުގެ މަސައްކަތް އަދި ފެށޭނީ ދެ އަހަރު ދުވަސް ފަހުންނެވެ. އޭގެ ކުރިން އެކަމުގެ މަޝްވަރާތައް ކުރެވޭނެ އެވެ.
ރައީސް ނަޝީދުގެ ނަޒަރުގައި ރައީސް ސޯލިހަށް ދެވަނަ ދައުރެއް އެންމެ ކަށަވަރު މަގަކީވެސް ބަރުލަމާނީ ނިޒާމެކެވެ. ރައީސް ސޯލިހަށް ރިޔާސީ ނިޒާމެއްގައި ދެވަނަ ފުރުސަތެއް ދެއްވަން ރައީސް ނަޝީދު ބޭނުންފުޅެއް ނުވާނެ އެވެ. މާނައަކީ 2023ގެ އިންތިހާބު ރައީސް ސޯލިހަށް ދޫކޮށްލައްވައިގެން އެމަނިކުފާނު ނުހުންނަވާއެވެ. ދެވަނަ ދައުރެއް ރައީސް ސޯލިހަށް ލިބިވަޑައިގަންނަވާނީ ބޮޑުވަޒީރެއްގެ ގޮތުގައި ރައީސް ނަޝީދަށް ފުރުސަތު އޮތް ނަމައެވެ. އެކަން އެމަގުން ކުރައްވަން ރައީސް އެއްބަސްވެވަޑައިގެންފިނަމަ ބާރުތައް މަދު، ރަމްޒީ ބޭފުޅެއްގެ ގޮތުގައި ރައީސްގެ މަގާމުގައި ރައީސް ސޯލިހް ދެ ދައުރު ނުވަތަ އެއަށްވުރެ އިތުރަށްވެސް ބަހައްޓަވަން ރައީސް ނަޝީދު ހުންނަވާތީ ތައްޔާރަށެވެ.
މިހާރު އޮތް ސުވާލަކީ ނިޒާމު ވޯޓަކަށްދާން ރައީސް ސޯލިހް ތާއީދު ކުރައްވާނެތޯ ކުރެވޭ ސުވާލެވެ. އެމަނިކުފާނު އެކަމާއި އާނބަސް ވިދާޅުވެއްޖެނަމަ ފަސޭހަވާނެއެވެ. އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވި ގޮތުގައި ރައީސް ސޯލިހް އެކަމާ ދެކޮޅު ހައްދަވައިފިނަމަ މަޖިލީސްތެރެއިން އެމަގު ކޮށްޓަވަންވެސް ރައީސް ނަޝީދު ހުންނެވީ ތައްޔާރަށެވެ. އެ މަަސައްކަތް އެމަނިކުފާނު ކުރައްވާނެ ކަަމަށްވެސް އެއް މެންބަރަކު ވިދާޅުވިއެވެ. ދެން އިންތިޒާރު ކުރަން ޖެހޭނީ ރައްޔިތުން ނިންމާ ގޮތަކަށެވެ. ނަމަވެސް އެ މަންޒަރުވެސް ނުފެންނަ ބައެއް މެންބަރުން އެމްޑީޕީގައި އެބަ ތިއްބެވިއެވެ. އެ މެންބަރުންގެ ނަޒަރުގައި ދެ ރައީސުން (ރައީސް ނަޝީދާއި ރައީސް ސޯލިހް) އެއްބަސްވެވަޑައިގެންފިނަމަ އެކަން ނިމުނީއެވެ.
އެ ކަމަށް ކުރީގެ ރައީސް އަދި މިސަރުކާރު ކޯލިޝަންގެ އެއް ލީޑަރު ރައީސް މައުމޫން ވަނީ ރައްދު ދެއްވާފައެވެ. އެމަނިކުފާނުގެ ނަޒަރުގައި ނިޒާމުގެ ބަހުސަކީ ނިމިފައި އޮތް ބަހުސެކެވެ. އެ ބަހުސް ދެން ފައްޓަންޖެހޭ ސަބަބެއްވެސް ނެތެވެ. އެކަމަށް ރައްޔިތުން ގޮތް ނިންމައިފި އެވެ. އަދި މިއީ ދެ ބޭފުޅަކު ކުރައްވާ މަޝްވަރާއަކުން ނިމެން އޮތް ކަމެއްވެސް ނޫނެވެ. ދިވެހިރާއްޖޭގެ ސިޔާސީ، އިޖްތިމާއީ އަދި އިގްތިސާދީ ހާލަތަށް ބަލާއިރު ރާއްޖެއަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމުކަން ކަށަވަރު ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގައި މި އޮތް ވެރިކަމުގެ ނިޒާމަކީ ދިވެހި ރައްޔިތުންގެ ވޯޓަކުން ނިންމާފައިވާ ނިޒާމެއް. ވީމާ ދެ ފަރާތަކުން މަޝްވަރާ ކޮށްލައިގެން މި ނިޒާމު ބަދަލެއް ނުކުރެވޭނެމައުމޫން އަބްދުއްގައްޔޫމް | ކުރީގެ ރައީސް
ނިޒާމުގެ ބަހުސް ފެށުމާއި އަދި ބަރުލަމާނީ ނިޒާމާވެސް އެންމެ ދެކޮޅު އެއް ބޭފުޅަކީވެސް މި ސަރުކާރު ހިންގާ ކޯލިޝަންގެ ލީޑަރެކެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ. އެމަނިކުފާނުގެ ނަޒަރުގައި ބަރުލަމާނީ ގެންނަން ރައްޔިތުން ދެކޮޅެވެ. އެކަން 2007 ގެ ވޯޓުން އެ އޮތީ ސާފުކޮށް އެނގޭށެވެ. އަދި އެ ނިޒާމު ގެންނަން އުޅެނީ ވަކި ބޭފުޅަކު ވެރިކަމުގެ ބާރުތައް ހޯއްދަވަން ކަމަށްވެސް ގާސިމް ތުހުމަތު ކުރައްވައެވެ.
ބަރުލަމާނީގައި ހުރި ގެއްލުންތައްވެސް އެންމެ ބޮޑަށް ފާހަގަ ކުރައްވާ އެއް ބޭފުޅަކީ ގާސިމެވެ. ގާސިމް ވިދާޅުވި ގޮތުގައި ބަރުލަމާނީއެއްގައި އެ ފެންނަނީ ރައްޔިތުންގެ ހަގީގީ ވެރިކަމެއް ނޫނެވެ. އެހެންވީމަ ރާއްޖޭގެ ހިންގުން ބަރުލަމާނީއަކަށް ފުރޮޅާލަން ފުރުސަތު ނުދެއްވާނެ އެވެ.
ސިޔާސީ އެދުމެއްނެތި އެއްޗެއް ވިދާޅުވާ ބޭފުޅަކު ވިއްޔާ ވިދާޅުވާނީ ރައްޔިތުންނަށް ފައިދާ ހުރި ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށް. ހަގީގީ ރައްޔިތުންގެ ވެރިކަމެއް ކުރަން ވެރިއަކު އަންނާނީ ރިޔާސީ ނިޒާމެއްގައިގާސިމް އިބްރާހިމް | ޖުމްހޫރީ ޕާޓީގެ ލީޑަރު
ނިޒާމު ބަދަލު ކުރުމުގެ މަސައްކަތް ފެށިއްޖެނަމަ ސަރުކާރު ކޯލިޝަންގައި ވަރުގަދަ ބައިބައިވުމެއް އުފެދޭނެކަން ޔަގީނެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ތަޖުރިބާ ކުރައްވަން ޖެހުނު ކަންކަމާއި ގުޅިގެން މި ސަރުކާރު ދެމެހެއްޓުމުގައި ގާސިމް އާއި މައުމޫން އަދި އިމްރާން ހުންނެވި ނަމަވެސް ބަރުލަމާނީއެއް ގެންނަން އެ ބޭފުޅުން ފުރުސަތު ދޭނެ ކަމަކަށް ނުބެލެއެވެ. ކޯލިޝަންގެ މަސްހަލަތު ހިފަހައްޓަން ސިޔާސީ އެތަށް ބަހުސެއްގައި ބައިވެރިނުވެ ހަނުތިއްބަވާ އެ ލީޑަރުން ނިޒާމުގެ ބަހުސް ފެށުމާއެކު ވާހަކަ ދައްކަވާ ދެއްކުމަކީ އެކަމުގެ ހެއްކެކެވެ.
ރައްޔިތުންނަށް އޮތީ ކަން ހިނގާ ގޮތް ބަލަން އަދި ކެތްތެރިވެ ތިބުމެވެ. ނިޒާމުގެ ބަހުސްގެ އަޑު ޔަގީނުންވެސް ގަދަކޮށްލާނެއެވެ. އެ އަޑުގަދަ ކޮށްލައިފިނަމަ ސިޔާސީ ލީޑަރުންގެ ވިސްނުން އެ ލީޑަރުން ޖެހިލުމެއް ނެތި ހާމަވެސް ކުރާނެ އެވެ. ނަމަވެސް ނިޒާމު ބަދަލު ކުރެވޭނީ ރައްޔިތުންނަށެވެ. އެ ނިންމުން ނިންމަން ތިބި ބަޔަކީ ރައްޔިތުންނެވެ.