ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑްގެ ވެކްސިނުގެ ރައްކާތެރިކަމާމެދު ޝައްކު އުފެދޭތަ؟

ކޮންމެ ވެކްސިނެއްގެ ރައްކާތެރިކަމާއެކު ވާހަކަ ދައްކާއިރު ވެސް ވިސްނާލަން ޖެހޭ އެއްކަމެއް އެބައޮތެވެ. ހާހަކުން އެކަކަށް ކޮންމެ ވެކްސިނަކުން ވެސް ނުރައްކަލެއް ކުރިމަތިވެދާނެ ކަމެވެ. މިއީ ވެކްސިންގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ބީބީސީގައިވާ ލިޔުމެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލިޔުމެކެވެ.

އިނގިރޭސި ވިލާތަށް އެކަނި ބަލާލި ކަމަށް ވިޔަސް ކޮވިޑް-19 އިގެ ބަލިމަޑުކަން ފެށުނުފަހުން އެ ބަލި ޖެހިގެން މިހާތަނަށް އެ ގައުމުގެ އާބާދީގެ 1000 އަކުން އެކަކު ވަނީ މަރުވެފަ އެވެ. މިއީ މި ބަލީގެ ނުރައްކާހުރި މިންވަރެވެ. ވީމާ ބަލީގެ ނުރައްކަލާއި ވެކްސިން އިން ކުރިމަތިވެދާނެ ނުރައްކަލަކަށް ބަލާފައި ކޮންމެވެސް އެއްގޮތެއް އެ ގައުމަށް ޚިޔާރު ކުރަން ޖެހުނު ސަބަބު ވެސް މެއެވެ.

ހަނދާންކުރަން ޖެހޭ ވަރަށް މުހިއްމު ނުކުތާއެއް މިކަމުގައި އެބައޮތެވެ. ޑޮކްޓަރީ ބޭހުގައި ސޭފް (ރައްކާތެރި) އަދި ހާމްލެސް (ނުރައްކަލެއް ނެތް) މި ދެ ބަހުގައި ވަރަށް ބޮޑު ތަފާތެއް ވެއެވެ. "ރިސްކް" އަދި "ރިސްކީ"ގެ ތަފާތެވެ.

ކޮވިޑް ވެކްސިން އާ މެދު ގިނަ ބަޔެއްގެ ހިތުގައި ބޮޑެތި ޝައްކުތައް އުފެދިފައި ވަނިކޮށް އިނގިރޭސި ވިލާތުން ވަނީ ފައިޒާ-ބައޮއެންޓެކް އިން އުފެއްދި ވެކްސިން އެ ގައުމުގެ އާބާދީއަށް ދޭން ފަށާފަ އެވެ. އެއާއެކު ދެ މީހަކު ވެކްސިން ޖަހައިގެން އެޔަށް އެލާޖިކް ވީ މައްސަލައެއް ފެންމަތިވި ޝައްކުވެފައި ތިބި މީހުންގެ ހިތުގައި އިތުރު ޝައްކާއި ވަހުމް އުފެދޭގޮތް ވަނީ ވެފަ އެވެ. އެހެންކަމުން ކޮވިޑް ވެކްސިން އަކީ ބޭނުންކުރަން "ރައްކާތެރި" އެއްޗެއްތޯ ކުރެވޭ ސުވާލު އިތުރުވި އެވެ.

"ތި ހޯދަނީ އެއްވެސް ކަހަލަ ސައިޑް އިފެކްޓެއް ނެތް އެއްޗެއް ނަމަ އަހަރެން ބުނަނީ އެއްވެސް ވެކްސިނަކީ އަދި އެއްވެސް ބޭހަކީ މުޅިން ރައްކާތެރި އެއްޗެއް ނޫނޭ. އެ ބައްޔަކަށް އެންމެ ރަނގަޅަށް ފަރުވާ ދެވޭ ކޮންމެ ބޭހެއްގައި ވެސް ސައިޑް އިފެކްޓްސް ހުންނާނެ،" ލަންޑަން ސްކޫލް އޮފް ހައިޖީން އެންޑް ޓްރޮޕިކަލް މެޑިސިންގެ ޕްރޮފެސާ ސްޓެފަން އިވާންސް ބީބީސީ އަށް ވިދާޅުވެފައި ވެއެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައްކާތެރިކަން މިނަން ޖެހޭނީ ވެކްސިން ދިނުމުން މީހަކަށް ކުރިމަތިވެދާނެ ސައިޑް އިފެކްޓްސް އަކާއި ބަލި ޖެހުމުގެ ނުރައްކަލާ ދެ ކަންތައް އަޅާ ކިޔައިގެންނެވެ.

ޔޫކޭގެ މެޑިސިން ރެގިއުލޭޓްކުރާ އިދާރާއިން ފައިޒާ/ބައޯންޓެކް ވެކްސިން ބޭނުންކުރަން ހުއްދަ ދިނީ ސައިޑް އިފެކްޓްސް އަށް ވުރެ ވެކްސިންގެ ފައިދާ ބޮޑުވީމަ އެވެ. ވެކްސިން ނޫނަސް ބޮޑެތި ބަލިތަކަށް ބޭނުންކުރާ ވަރަށް ގިނަ ބާވަތުގެ ބޭހުން ވެސް ހަށިގަނޑަށް ހީނުކުރާ ވަރުގެ ބޮޑެތި ގެއްލުންތައް ލިބެ އެވެ. ނަމަވެސް އެފަދަ ބޭސްތައް އުފައްދާ ބޭނުންކުރުމުގެ ހުއްދަ ދީފައި ވެއެވެ.

މިސާލަކަށް ކީމޯތެރަޕީ ނުވަތަ ކެންސަރު ބައްޔަށް ފަރުވާކުރާ ބޭހަށް ވިސްނާލާށެވެ. މި ބޭހުން ހަށިގަނޑަށް އިންތިހާއަށް ގެއްލުން ލިބެ އެވެ. އިސްތަށިފޭބުން، ލޭ މަދުވުމުން، ދަރިން ލިބުމުގެ ގާބިލްކަން ނެތުން، ހަނދާން ބަލިވުން، ނުނިދުން ފަދަ ގިނަ މައްސަލަތައް މި ބޭހުން ދިމާވެ އެވެ. ނަމަވެސް ކެންސަރު ބަލި ޖެހި މަރާ ހަނގުރާމަ ކުރަމުންދާ މީހަކަށް މި ބޭސް ދޭން އެއްވެސް މީހަކު ސުވާލެއް ވެސް ނުއުފައްދާނެ އެވެ. ކިތަންމެ ހާލު ދެރަވިޔަސް ކެންސަރު ބަލީގެ މީހުންނަށް މި ބޭސް ނުދީއެއް ނުހުންނާނެ އެވެ.

އެނޫންވެސް ބައެއް ބޭސްތަކަކުން ވަރަށް ވަރުގަދަ ސައިޑް އިފެކްޓްސް ބައެއް މީހުންނަށް ތަހައްމަލު ކުރަން ޖެހެ އެވެ. މިސާލަކަށް ތަދުކަނޑުވާ ބޭހެއްގެ ގޮތުގައި ބޭނުންކުރާ އިބުޕްރޮފެން އަށް ބަލާލާށެވެ. މިއީ ބޭހަކީ ވަރަށް އާންމުކޮށް އެކި ތަދުތަދަށް މީހުން ބޭނުންކުރާ ބޭހެކެވެ. ކޮންމެ ގެއެއްގައި ކަހަލަ ގޮތަކަށް މި ބޭސް ހުންނާނެ އެވެ. އަދި މި ބޭސް ކާ މީހުން ބޭސް ކާއިރަކު ބޭހުން ކުރިމަތިވެދާނެ ނުރައްކަލަކާ މެދު ކުޑަކޮށް ވެސް ވިސްނައެއް ނުލާނެ އެވެ. މި ބޭހުގެ ސައިޑް އިފެކްޓްސްގެ ތެރޭގައި ގޮހޮރާއި ބަނޑުން ލޭ އައުމާއި ލޯ ވަޅު އެޅުން، ނޭވާ ލާން ދަތިވުން އަދި ކިޑްނީ އަށް ގެއްލުން ވުން ހިމެނެ އެވެ. ބޭހުން ލިބޭ ގެއްލުމަށް ވުރެ ފައިދާ ބޮޑުވީމަ ބޭސް ބޭނުންކުރަނީ އެވެ.

ބޭހާއި ވެކްސިންގެ އެންމެ ބޮޑު ތަފާތަކީ ވެކްސިން ދެނީ ސިއްހަތު ސަލާމަތުން ތިބޭ މީހުންނަށެވެ. ވީމާ ކުޑަކުޑަ ސައިޑް އިފެކްޓެއް ދިމާވިޔަސް ބޮޑު ކަމަކަށް ވަނީ އެވެ. ހަގީގަތުގައި ވެކްސިން އިން ކުރިމަތިވާ ގެއްލުން މާ ކުޑަ އެވެ.

ވެކްސިން ބޭނުންކުރުމުގެ ހުއްދަ ޔޫކޭ އިން ދިނީ ވަރަށް ވިސްނާ ދިރާސާތައް ކޮށްފަ އެވެ. ޕްރޮފެސާ އިވާންސް ވިދާޅުވި ގޮތުގައި ވެކްސިން އާ ގުޅޭ 10،000 ސަފުހާގެ މައުލޫމާތު ކިޔައި ދިރާސާކޮށްފައި ވެއެވެ. އަދި ޖަނަވާރުންނާއި އިންސާނުންނަށް ދިން ޓެސްޓް ޑޯޒްތަކާއި އެ ޓްރަޔަލްތަކުގެ ކަންތައްތައް ދިޔަ ގޮތް ވަރަށް ރަނގަޅަށް ބަލާފައި ވެއެވެ.

ފައިޒާ ވެކްސިނުން ބަލި ޖެހުމުގެ ނުރައްކާ 95 ޕަސެންޓް ކުޑަވާއިރު ސައިޑް އިފެކްޓްސްގެ ގޮތުގައި ދިމާވަނީ ވަރަށް އާދައިގެ ކުދިކުދި މައްސަލަތަކެވެ. މީގެ ތެރޭގައި ހިމެނެނީ އިންޖެކްޝަން ޖެހީމަ ވާ ތަދާއި، ބޮލުގައި ރިއްސުން، ހީކެރުވުން އަދި ގައިގައި ރިއްސުން ފަދަ ކަންކަމެވެ. އަދި މިފަދަ މައްސަލަތައް ދިމާވަނީ ވެސް ކޮންމެ 10 މީހަކުން އެކަކަށެވެ.

މިއީ ވެކްސިން ދޭ މީހާގެ ދިފާއީ ނިޒާމު އެ ބައްޔަށް ހޭލާއިރު ދިމާވެދާނެ މައްސަލަތަކެވެ. އަދި ޕެރެސެޓެމޯލް ފަދަ އާދައިގެ ތަދުކަނޑުވާ ބޭހަކުން ހައްލު ކުރެވޭނެ ވެސް މައްސަލަތައް ކަމަށް ޕްރޮފެސާ އިވާންސް ދެކެވަޑައިގަންނަވަ އެވެ.

ދެން އޮތީ ވެކްސިން ދޭތާ ގިނަ ދުވަސް ތަކެއް ފަހުން ކުރިމަތިވެދާނެ ސިއްހީ މައްސަލަ އެކެވެ. ވެކްސިން އުފެއްދި އެއްވެސް ކުންފުންޏަކަށް އަދި މިކަން ދިރާސާ ކުރެވިފައެއް ނެތެވެ. ފައިޒާ ޓްރަޔަލްގައި ވެކްސިންދިން 20،000 މީހެއްގެ މައުލޫމާތު އެ ކުންފުނީގެ އަތުގައި އެބަހުއްޓެވެ. އަދި މޮޑާނާ ވެކްސިން ދިން 15،000 މީހެއްގެ ޑޭޓާ އެ ފަރާތުގައި އެބައޮތެވެ. އޮކްސްފޯޑް/އެސްޓްރާޒެނެކާ އަދި އުޅެނީ ތަރައްގީކުރުމުގެ މަރުހަލާގައި އެވެ. މި ވެކްސިން ދިން 10،000 މީހެއްގެ މައުލޫމާތު އެ ކުންފުނިން ރައްކާކޮށްފައި ވެއެވެ.
މިއީ ވެކްސިން ރަނގަޅަށް މަސައްކަތްކުރާ ކަމާއި އޭގެން ދިމާވާ ސައިޑް އިފެކްޓްސްތައް ދެނެގަންނަން ފުދޭ ވަރެއްގެ މައުލޫމާތެވެ.
މިހާރު ދުނިޔޭގައި ބޭނުންކުރަމުންދާ ކޮންމެ ވެކްސިން އަކާ ވެސް ނުގުޅޭ މީހުން މަދުން ނަމަވެސް ތިބޭނެ އެވެ. އެގޮތުން އާއްމުކޮށް ޖަހަމުންދާ ފްލޫ ވެކްސިން އާ ވެސް ނުގުޅޭ މީހުން ތިބެ އެވެ. އަދި މި ވެކްސިން ޖަހާ ކޮންމެ މިލިއަނަކުން އެކަކަށް ނާރުތަކުގެ ބައްޔެއް ޖެހުމުގެ ފުރުސަތު އޮވެ އެވެ. އަދި ކޮންމެ ނުވަ ލައްކަ އަކުން އެކަކަށް ވަރުގަދަ އެލާޖިކް ރިއެކްޝަނެއް ކުރިމަތިވުމުގެ ފުރުސަތު އޮވެ އެވެ.

ދުއްވާ އެއްޗަކަށް އަރައިގެން ތަނަކަށް ދާން ދަތުރު ފަށާއިރު އެއްވެސް މީހަކު ދެ ވަނަ ވިސްނުމަކަށް ނުދާނެ އެވެ. އެ ދަތުރުގައި އެކްސިޑެންޓެއް ކުރިމަތިވެދާނެ ކަމަށް ހިތާ ބިރުންނެއް ނޫޅޭނެ އެވެ. ނަމަވެސް ދުއްވާ އެއްޗެއްގައި ކުރާ ދަތުރެއްގައި އެކްސިޑެންޓެއްވެ ފުރާނައަށް ގެއްލުމެއް ވުމުގެ ފުރުސަތު ވެކްސިން އަކުން ހަށިގަނޑަށް ލިބިދާނެ ގެއްލުމަކަށް ވުރެ އެތައް ގުނައެއް އިތުރެވެ. ވީމާ ވެކްސިން ނުޖަހަން ނިންމުމުގެ ކުރިން މި ކަންކަމަށް ވިސްނާލުމަށް ޕްރޮފެސަރު އެދިވަޑައިގަތެވެ.

އަނެއް ކަމަކީ ވެކްސިން އާ ބެހޭ ގޮތުން ދެކެވޭ ދޮގު ވާހަކަތައް ގަބޫލުކުރެވުމެވެ. ކޮންމެ ކޮންމެ ޚަބަރެއްގައިވާ ވާހަކަތައް ގަބޫލުކުރަން ވެއްޖެނަމަ އެއްވެސް އެއްޗަކަށް އިތުބާރު ކުރުމަކީ ވާނެ ކަމެއް ނޫނެވެ. ވެކްސިން އާއްމުކޮށް ޖަހަން ފެށުމާއެކު މީގެ ސައިޑް އިފެކްޓްސް އާއި ވެކްސިން ޖެހީމަ ވާ ގޮތްގޮތާ ބެހޭ ތަފާތު ބިރުވެރި ވާހަކަތައް އިވޭ މިންވަރު އެތައް ގުނަޔަކަށް އިތުރު ވެގެން ދާނެ ކަމަށް ގަބޫލު ކުރާށެވެ.

ވެކްސިންގެ އަގު ވައްޓާލަން މީހުންނަށް ކަން އޮތްގޮތް އޮޅުވާލަން މަސައްކަތްކުރާ މީހުން ވަރަށް ގިނަ ވާނެ އެވެ. މި މީހުންގެ ދޮގުތަކުގެ ޝިކާރައަކަށްވެ ގޮތެއް ނިންމުމުގެ ބަދަލުގައި ކަން ހިނގާ މަގު ބަލައި ރަނގަޅު ނިންމުމެއް ނިންމަން ވިސްނުމަށް ޕްރޮފެސަރު އެދިވަޑައިގަތެވެ.

ފަހަރެއްގައި ވެކްސިން ޖަހާފަހުން މީހަކަށް ހާޓް އެޓޭކެއް ޖެހިއްޖެ ނަމަ އެއީ ވެކްސިންގެ ސަބަބުން ހާޓް އެޓޭކް ޖެހެނީ ކަމަށް ހީވާ މޭރުމުން ލިޔުންތައް ލިޔުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ހަގީގަތަކީ ހާޓް އެޓޭކަކީ އަބަދާ އަބަދު މީހުންނަށް ޖެހެމުންދާ އެއްޗެއް ކަމެވެ. ވެކްސިން ޖެހިޔަސް ނުޖެހިޔަސް ވަރަށް ގަދަފަދަކޮށް ތިބޭ މީހުންނަށް ވެސް ހަމަ ކުއްލިއަކަށް ހާޓް އެޓޭކެއް ޖެހި މަރުވެދާނެ ކަން ގަބޫލުކުރަން ޖެހޭނެ އެވެ.

އިނގިރޭސި ވިލާތުގައި އެކަނިވެސް ކޮންމެ ފަސް މިނިޓަކުން މީހަކަށް ހާޓް އެޓޭކް ޖެހެ އެވެ. އަދި ހަމަ މި މިންވަރަށް މީހުންނަށް ސްޓްރޯކް ވެސް ޖެހެ އެވެ. އަދި ހާޓް އެޓޭކް ޖެހިގެން ކޮންމެ އަހަރަކު 600،000 މީހުން މަރުވެ އެވެ.
ފަހަރެއްގައި ވެކްސިން ޖަހާ ދުވަހު ވެސް މީހަކަށް މިފަދަ ގޮތަކަށް ހާޓް އެޓޭކެއް އަތުވެދާނެ އެވެ. ނަމަވެސް މި މީހާއަށް ހާޓް އެޓޭކް ޖެހުމުން ކުށްވެރިކުރާނީ ވެކްސިން އެވެ. މިއީ ވެސް ވެކްސިން ދޭން ފަށާއިރު ދިމާވާނެކަމަށް ސައިންސްވެރިން މާކުރިންވެސް ލަފާ ކޮށްފައި ހުރި ކަންތައް ތަކެވެ.