ޓޫރިޒަމް

"ހަފްތާއެއްތެރޭ 80 ތަނެއް ހިދުމަތަށް އަންނާނެ"

މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތައް ހުޅުވުމުގެ ހުއްދަ މާދަމާއިން ފެށިގެން ދިނުމަށް ނިންމާފައިވާއިރު ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި 80 ތަނެއް އޮޕަރޭޝަނަށް އަންނާނެ ކަަމަށް ޓޫރިޒަމް މިނިސްޓްރީން ލަފާކޮށްފި އެވެ.

މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކުން އަމަލު ކުރަން ޖެހޭ ގައިޑްލައިން މިރޭ ވަނީ އާންމުކޮށްފައެވެ. މާލެ ސަރަހައްދުގެ ގެސްޓް ހައުސްތައް ހުޅުވުމުގެ ހުއްދަ ދޭނީ އެ ގެސްޓްހައުސްއަކުން އަމަލުކުރާނެ އެސްއޯޕީއެއް ހަދާ ޓޫރިޒަމް މިނިސްޓްރީއަށް ހުށައެޅުމުން އެ އެސްއޯޕީ އެކުލަވާލާފައިވާ ގޮތް ބެލުމަށްފަހު އެޗްޕީއޭގެ މިންގަނޑުތަަކަށް ފެތޭނަމަ އެވެ. ހުއްދަ ދިނުމުގެ ކުރިން ޓޫރިޒަމް މިނިސްޓްރީއާއި އެޗްޕީއޭ ގުޅިގެން ހާއްސަ އިންސްޕެކްޝަނެއް ކުރިއަށް ގެންދާނެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތައް ހުޅުވުމުގެ ހުއްދަ މާދަމާ ދިން ނަމަވެސް މިހާރުވެސް ޓްރާސްޝިޓް އޮޕަރޭޝަނަށް 80 އެއްހާ ހޮޓާ، ގެސްޓްހައުސް ބޭނުން ކުރަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފަތުރުވެރިން ގެނެސް ހިދުމަތްދެވޭ ގޮތަށް އެ ތަންތަން ހުޅުވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މާދަމާ ހުއްދަ ދޭން ނިންމާފައިވާއިރު މިއަދުވެސް ވިހި ތަނަކުން އެސްއޯޕީ ލިބިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި އެސްއޯޕީތަކުގައި އިސްލާހު ކުރަންޖެހޭ ކަމެއްވާނަމަ ވީހާވެސް އަވަހަށް އަންގާ އެކަންކަން އިސްލާހުކޮށް ހުށައެޅުމުން އިންސްޕެކްޝަން ކުރިއަށް ގެންގޮސް ތަންތަން ހުޅުވުމަށް ހުއްދަ ދޭނެ ކަމަށެވެ.

މާދަމާވެސް 10 ތަނެއް ފުލް އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކުން އަމަލު ކުރަން ޖެހޭ ގައިޑްލައިންގައިވާ ގޮތުން ގެސްޓްހައުސްތަކާއި ހޮޓާތަކުގައި ފަތުރުވެރިންގެ އިތުރުން ދިވެހިންނަށްވެސް ތިބެވޭނެ އެވެ. އަދި ގެސްޓްހައުސްތަކާއި ހޮޓާތަކަށް އަންނަ ފަތުރުވެރިންނަށް އެހެން ރިސޯޓްތަކާއި ސަފާރީ އަަދި ގެސްޓްހައުސް ހިންގާ ރަށްރަށައްވެސް ދެވޭނެ އެވެ. ނަމަވެސް މާލޭގައި 48 ގަޑިއިރަށްވުރެ އިތުރަށް މަޑުކޮށްފިނަމަ ރިސޯޓްތަކާއި ސަފާރީ އަަދި ގެސްޓްހައުސް ހިންގާ ރަށްރަށައް ދެވޭނީ ޕީސީއާރު ނެގެޓިވް ޓެސްޓަކާއެކުގައެވެ. އަދި މާލޭގައި މަޑުކުރުމަށްފަހު އެނބުރި ގައުމަށް ދިއުމުގެ ކުރިންވެސް ޕީސީއާރު ޓެސްޓް ހަދަން ޖެހެއެވެ.

ގައިޑްލައިންގައިވާ ގޮތުން މާލެ ސަރަހައްދުގެ ގެސްޓް ހައުސްތަކާއި ހޮޓާތަކުގައި މަސައްކަތް ކުރާ މުވައްޒިފުން މަހަކު އެއް ފަހަރު ކޮވިޑް-19 އަށް ޓެސްޓް ކުރަން ޖެހެއެވެ. އަދި ކޮންމެ ގެސްޓް ހައުސްއެއްގައި އައިސޮލޭޝަން ރޫމާއި އެ ނޫންވެސް ގިނަ ކަންތައްތަކެއް ފުރިހަމަވާން ޖެހެއެވެ. އަދި ސާފުތާހިރު ކަމަށް ހާއްސަ ސަމާލުކަމެއް ދީ ކޮވިޑުން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ.

މާލެ ސަރަހައްދުގެ ގެސްޓް ހައުސްތަކާއި ހޮޓާތަކުގައި 2،500 ބެޑް އެބަހުއްޓެވެ. އޭގެތެރެއިން 1،400 ބެޑް ހުރީ ހުޅުމާލޭގައެވެ. މާލޭގައި ހާހެއްހާ ބެޑް ހުރިއިރު ވިލިމާލޭގައި 100 ބެޑް އެބަހުއްޓެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ ޑިސެންބަރު ނިމޭއިރު 90 ޕަސެންޓް އޮޕަރޭޝަނަށް އަންނާނެ ކަމަށް ބެލެވޭ ކަމަށެވެ.